އަހްމަދިއްޔާގެ 38ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ތަފާތު ގިނަ ހަރަކާތްތަކެއްފަށައިފިއެވެ. އެގޮތުން މިއަހަރު ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ހަރަކާތްތަކުގެ ތެރެއިން ސްކޫލުގެ މުވައްޒަފުންގެ މެދުގައި ކުޅިވަރު މުބާރާތްތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. މި ހަރަކާތް ކުރިއަށް ގެންދިޔައީ ފެބްރުއަރީ 14ވަނަ ދުވަހުގެ ހަވީރު، ހެންވޭރު ފުޓްބޯޅަ ދަނޑުގައެވެ. ޕްރީ ސްކޫލާއި، ޕްރައިމަރީ، ސެކަންޑަރީ އާއި ހަޔަރ ސެކަންޑަރީގެ އިތުރުން އިދާރީ މުވައްޒަފުންނާއި ސަޕޯޓް ސްޓާފުންވެސް މި މުބާރާތްތަކުގައި ބައިވެރިވެފައިވެއެވެ.
ސްކޫލްގެ އެކި ޑިވިޝަންތައް ވާދަ ކުރާ ގޮތަށް ކުރިއަށް ގެންދެވުނު މި މުބާރާތް ޝަރަފްވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައި ސްކޫލުގެ ޕްރިންސިޕަލް އަލްފާޟިލް މުޙައްމަދު ރަޝީދު ވިދާޅުވީ މިފަދަ މުބާރާތްތަކުން މުވައްޒަފުންގެ މެދުގައި އެކުވެރިކަމާއި އެކުގައި މަސައްކަތްކުރުމުގެ ރޫހު އުފެދި ސްކޫލްގެ މުވައްޒަފުންގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިވެެގެންދާނެކަމަށް އުއްމީދު ކުރައްވާކަމަށެވެ. ކުޅިވަރުތަކުގައި އަމަލީގޮތުން ބައިވެރިވެލެއްވި ސްކޫލްގެ އެސިސްޓެންޓް ޕްރިންސިޕަލް އަލީ އާސިމްވެސް ވިދާޅުވީ މިފަދަ މުބާރާތްތައް ކުރިއަށް އޮތްތަކުގައިވެސް ފެނިގެންދިޔުމަށް އުއްމީދު ކުރައްވާކަމަށެވެ. "ހަގީގަތުގައި މި ކުޅިވަރުތަކުން މުވައްޒަފުންގެ މެދުގައި އޮންނަ ގުޅުން ބަދަހިވެ، ޓީމްވޯކް ވަރުގަދަ ކޮށްދޭ. މި މުބާރާތަކީ ވާދަވެރި މާހައުލެއްގައި ހުރިހައި މުވައްޒަފުންވެސް ވަރަށް ގުޅިގެން ކުރިއަށް ގެންދެވުނު މުބާރާތެއް". އާސިމް ވިދާޅުވިއެވެ.
ބެޓަން ރޭސް، ގޯނި ރޭސް، ޓަނަލް ރޭސްފަދަ ކުޅިވަރުތަކެއް ކުރިއަށް ގެންގޮސްފައިވާއިރު މިކުޅިވަރުތަކުގައި ބައިވެރިވި ޓީޗަރުން ހާމަކުރައްވާ ގޮތުގައި އެއީ ވަރަށް މަޖާ ކުޅިވަރުތަކެކެވެ. "އަަސްލު ހީ އެއް ނުކުރަން ރަނގަޅަށް ކުޅެވިދާނެކަމަކަށްވެސް. އެކަމަކު ވަރަށް މަޖާ ކުޅިވަރުތަކެއް". ކުޅިވަރުތަކުގައި ބައިވެރިވި ޓީޗަރަކު ހާމަކުރެއްވިއެވެ. މުބާރާތްތައް ނިމިގެންދިޔައީ ވަނަވަނައަށް އައި ފަރާތްތައް ވަގުތުން އިޢުލާނުކުރުމާވެސް އެކީގައެވެ. އެގޮތުން މުޅި މުބާރާތުން އެއްވަނަ ޓީމަކަށް 'ސެކަންޑަރީ ޓީމް" ވަނީ ހޮވިފައެވެ.
38ވަނަ އަހރީ ދުވަހާ ގުޅިގެން މިއަހަރު ތަފާތު ގިނަ ކަންކަން ރާވަމުން ދާކަމަށް ސްކޫލުން ހާމަކުރައްވައެވެ. އަދި ކުރިއަށް އޮތް ހަރަކާތްތަކުގައި ސްކޫލުގެ ކުދިންނާއި ބެލެނިވެރިންގެ ބައިވެރިވުންވެސް އޮންނާނެކަމަށް އަޙްމަދިއްޔާ ސްކޫލުން ހާމަކުރައްވައެވެ.