الْحَمْدُ لِلَّهِ رَبِّ العَالَمِينَ. وَالصَّلاَةُ وَالسَّلاَمُ عَلَى نَبِيِّنَا مَحَمَّدٍ وَعَلَى آلِهِ وَأَصْحَابِهِ. أَمَّا بَعْد.
ރަމަޟާން މަހުގެ ފަރުޟު ރޯދައިގެ އިތުރުން، އިތުރު ދަރުމަޔާއި ޘަވާބު ހޯދުމަށާއި މާތް ﷲ އަށް ކުއްތަންވުމަށް އޮތް އެންމެމުހިންމު އެއް ވަޞީލަތަކީ ސުންނަތް ރޯދަ ހިފުމެވެ. އެގޮތުން މީހަކު ސުވާލު އުފެދިދާނެއެވެ. ރަމަޟާން މަހަށްފަހު، ދެން ސުންނަތް ރޯދަ ހިފުން އެންމެ މަތިވެރިވެގެންވާ މަހަކީ ކޮބައިހެއްޔެވެ؟ ސުންނަތް ރޯދަ ހިފުން މަތިވެރިވެގެންވާ ވަހިދުވަހަކަށް ބަލައިފިނަމަ، އެއީ ޙައްޖުމަހުގައި ހިފޭ ޢަރަފާތުދުވަހުގެ ރޯދައެވެ. ނަމަވެސް ވަކިމަހަކަށް ނިސްބަތްކުރެވޭނަމަ، އެއީ ރަމަޟާން މަހުގެ ކުރިއަށް އަންނަ ޝަޢުބާން މަހެވެ. އެމަހަކީ ރަސޫލާ صلى الله عليه وسلم، ރަމަޟާން މަސް ފިޔަވައި އެމަހެއްގައި އެންމެ ގިނައިން ރޯދަ ހިއްޕެވި މަހެވެ.
އެމަހުގައި ހިފުން އެންމެ މުހިންމު ރޯދަތަކަކީ، ކުރީއަހަރުގެ ރަމަޟާން މަހުގެ ރޯދައިގެ ތެރެއިން އެމީހަކަށް ގެއްލިފައިވާ ފަރުޟު ރޯދަތައް މިޝަޢުބާން މަހުގައި އަވަހަށް އިތުރަށް ލަސްނުކޮށް ޤަޟާ ކުރުމެވެ. މިއަހަރުގެ ރޯދަމަސް ޖެހެންދެކަށް އެރޯދަތައް ޤަޟާނުކޮށް ލަސްކުރުމަކީ ހުއްދަވެގެންވާނެ ކަމެއް ނޫނެވެ. ފަރުޟު ރޯދަ ޤަޟާކުރުމުގައި ވަކިއުޞޫލެއް ނުވެއެވެ. ހަމަވީހާވެސް އަވަހަކަށް ކުޅަދާނަވީ ވަރަކުން އެރޯދަތައް ހިފައި ނިންމާލުން ވާޖިބުވެގެންވެއެވެ.
ނަބިއްޔާ صلى الله عليه وسلم ޝަޢުބާންމަހުގެ ރޯދަ ހިފާލެއް ގިނަކަން އެނގޭ އެއްޙަދީޘަކީ، އިމާމް އަޙްމަދު އަދި އަބޫދާވޫދު ރިވާކުރެއްވި، އުންމުސަލަމާ رضي الله عنها ގެ ޙަދީޘެވެ. އެޙަދީޘްގައި އެކަމަނާ ވިދާޅުވިއެވެ: (مَا رَأَيْتُ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ صَامَ شَهْرَيْنِ مُتَتَابِعَيْنِ إِلا أَنَّهُ كَانَ يَصِلُ شَعْبَانَ بِرَمَضَانَ) މާނައީ: "ﷲ ގެ ރަސޫލާ صلى الله عليه وسلم އެއްވެސް ދެމަހެއް ޖެހިޖެހިގެން ރޯދަތައް ހިފިތަން ދެކެވަޑައިނުގަންނަވަމެވެ. (އެހެނަސް ދެމަހެއް ފިޔަވައެވެ.) އެކަލޭގެފާނު ޝަޢުބާން މަސް ރަމަޟާން މަހާއި ގުޅުވައިގެން ރޯދަހިއްޕަވައެވެ." މިޙަދީޘްގެ ބައެއް ރިވާޔަތްތަކުން އެނގޭ ގޮތުގައި ޝަޢުބާން މަހުގެ ރޯދަވެސް އެކަލޭގެފާނު ހިއްޕެވި ވާހަކަ އެބުނެވެނީ އެމަހުގެ ހުރިހާ ރޯދަތަކެއްގެ ވާހަކައެވެ. އެގޮތުން ޙަދީޘްގެ އެހެން ރިވާޔަތެއްގައިވެއެވެ: (لَمْ يَكُنْ يَصُومُ مِنْ السَّنَةِ شَهْرًا تَامًّا إِلا شَعْبَانَ يَصِلُهُ بِرَمَضَانَ) މާނައީ: "އެކަލޭގެފާނު އަހަރުގެ ތެރޭގައި، ޝަޢުބާން މަސްނޫން މަހެއްގައި މުޅިމަސްއެއްކޮށް ރޯދަ ހިއްޕަވާކަމުގައި ނުވެއެވެ. އެމަސް ރަމަޟާން މަހާއި އެއްކޮށްލައިގެން ރޯދަ ހިއްޕަވައެވެ."
މިޙަދީޘަށް ބަލާއިރު ދެގޮތަކަށް މާނަކުރެވިދާނެއެވެ. އެއްގޮތަކީ ޙަދީޘްގައި ބޭރުފުށަށް ފެންނަން އޮތް ފަދައިން ނަބިއްޔާ صلى الله عليه وسلم ޝަޢުބާން މަހުގެ އެއްވެސް ދުވަހެއް ދޫކޮށްނުލައްވާ މުޅި މަސް ރޯދަހިއްޕަވާ، އެމަހާއި ރަމަޟާންމަހާއި އެއްކޮށް ވިދިވިދިގެން ދެމަސްދުވަހު ރޯދަ ހިއްޕަވާކަމެވެ. ނަމަވެސް މިގޮތަށް މާނަކުރިޔަސް އެއީ އެކަލޭގެފާނުގެ މުޅި ޢުމުރުގައި ކޮންމެއަހަރަކު ކަންތައް ކުރައްވާ ގޮތް ކަމުގައި ނުނިންމޭނެއެވެ. ސަބަބަކީ އެހެން ޙަދީޘްތަކަށް ބަލައިލުމުން، މާނަކުރެވެނީ އެއީ ބައެއް އަހަރުތަކުގައި ކަންކުރައްވާގޮތެވެ. މިފަދައިން ބައެއް ބޮޑެތި ދަންނަބޭކަލުން މިމައްސަލައިގައި ގޮތް ނިންމަވައެވެ. ބައެއް އަހަރުތަކުގައި ޝަޢުބާންމަސް އެއްކޮށް ހިފުން ހުއްދަކަމުގައެވެ.
މިޙަދީޘްގެ މާނަކުރެވޭނެ ދެވަނަގޮތަކީ އެއީ މުޅި މަހުގެ ރޯދަ ހިއްޕެވިވާހަކައެއް ނޫނެވެ. ބަހުގެ ގޮތުން މުޅިމަސް ހިފިކަމާއި ގާތްކުރާވަރަށް ގިނައިން ރޯދަ ހިފުމުން މަޖާޒީގޮތުން މިފަދައިން މީހުން ބުނެއުޅެއެވެ. އެގޮތުން އޭގެ މާނަކުރެވޭނީ، ޝަޢުބާން މަހުގައި އެނަބިއްޔާ صلى الله عليه وسلم ވަރަށްވެސް ގިނައިން ރޯދަ ހިއްޕަވާކަމުގައެވެ. މިގޮތަށް މާނަކުރެވެނީ ޢާއިޝާ رضي الله عنها ގެ އަރިހުން އިމާމް މުސްލިމް ރިވާކުރެއްވި ޙަދީޘްގައި އެކަމަނާ ވިދާޅުވި ބަސްފުޅަށް ބަލައިގެންނެވެ: (وَلا أَعْلَمُ نَبِيَّ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَرَأَ الْقُرْآنَ كُلَّهُ فِي لَيْلَةٍ ، وَلا صَلَّى لَيْلَةً إِلَى الصُّبْحِ ، وَلا صَامَ شَهْرًا كَامِلا غَيْرَ رَمَضَانَ) މާނައީ: "އަދި ﷲ ގެ ނަބިއްޔާ صلى الله عليه وسلم އެންމެ ރެއަކުން ޤުރުއާން ކިޔެވިކަމާއި، ފަތިސްވަންދެން މުޅި ރޭ ރޭއަޅުކަމުގައި ހުންނެވިކަމާއި، ރަމަޟާން މަސް ފިޔަވައި މަހެއްގައި އެއްކޮށް ރޯދަ ހިއްޕެވިކަން، ތިމަންކަމަނާއަށް އެނގިވަޑައިގެންފައި ނުވެއެވެ." އަދިވެސް ބުޚާރީއާއި މުސްލިމް އިބްނު ޢައްބާސް رضي الله عنه ގެ އަރިހުން ރިވާކުރެއްވި ޙަދީޘެއްގެ މާނައިގައިވެއެވެ: "ދުވަހަކުވެސް ނަބިއްޔާ صلى الله عليه وسلم ރަމަޟާން މަސް ނޫން މަހެއްގައި، އެމަސް އެއްކޮށް ރޯދަ ނުހިއްޕަވައެވެ."
ވީމާ މިއިން މާނަކުރެވެނީ އެނަބިއްޔާ صلى الله عليه وسلم އެއްވެސް އަހަރެއްގެ ތެރޭގައި ރަމަޟާންމަސް ނޫން މަހެއްގައި މުޅިމަސް އެއްކޮށް ރޯދަ ނުހިއްޕަވާކަމެވެ. މުޅި ޝަޢުބާން މަސް ރޯދަ ހިއްޕެވިކަމަށް އޮތުމަކީ ގާތްގަނޑަކަށް އެމަސް އެއްކޮށް ހިފިޔޭ ބުނާހައި ގިނައިން ރޯދަ ހިއްޕަވާކަމެވެ. އަދި މިގޮތަށް މާންކުރި ނަމަވެސް، އޭގެ މާނައަކީ ކޮންމެ އަހަރަކު އެފަދައިން ކަންތައް ކުރައްވާ ވާހަކައެއްވެސް ނޫނެވެ. އެގޮތަށް ކަންތައް ކުރެއްވިޔަސް ބައެއް އަހަރުތަކުގައި އެނަބިއްޔާ صلى الله عليه وسلم ބައެއް އަހަރުތަކުގައި، ޝަޢުބާން މަހުގައި މަދުންވެސް ރޯދަ ހިއްޕަވައެވެ. އެކަން އެނގެނީ މުސްލިމް ރިވާކުރެއްވި ޙަދީޘެއްގައި ނަބިއްޔާ صلى الله عليه وسلم ގެ ރޯދަޔާއި ބެހޭގޮތުން އުންމު ސަލަމާ رضي الله عنها، ޢާއިޝާ رضي الله عنها އާ ސުވާލު ކުރެއްވުމުން، ޢާއިޝާ ވިދާޅުވި ބަސްކޮޅުންނެވެ: (كَانَ يَصُومُ حَتَّى نَقُولَ قَدْ صَامَ ، وَيُفْطِرُ حَتَّى نَقُولَ قَدْ أَفْطَرَ ، وَلَمْ أَرَهُ صَائِمًا مِنْ شَهْرٍ قَطُّ أَكْثَرَ مِنْ صِيَامِهِ مِنْ شَعْبَانَ ، كَانَ يَصُومُ شَعْبَانَ كُلَّهُ ، كَانَ يَصُومُ شَعْبَانَ إِلا قَلِيلاً) މާނައީ: "މުޅިމަސް ރޯދަހިފައިފިއޭ އަހަރެމެން ބުނާވަރަށް އެކަލޭގެފާނު ރޯދަ ހިއްޕަވާކަމުގައި ވިއެވެ. އަދި ރޯދަ ނުހިއްޕަވައޭ އަހަރެމެން ބުނާވަރަށް އެކަލޭގެފާނު ރޯދަ ނުހިއްޕަވާވެސް ހުންނަވައެވެ. އަދި ޝައުބާން މަހަށްވުރެ ގިނައިން އެކަލޭގެފާނު ރޯދަ ހިއްޕަވާ އެހެންމަހެއް ތިމަންކަމަނާ އެކަލޭގެފާނުގެ ފަރާތުން ދެކެވަޑައިނުގަންނަވަމެވެ. މުޅި ޝަޢިބާން މަސްވެސް ރޯދަ ހިއްޕަވާ ކަމުގައިވިއެވެ. އަދި ޝަޢުބާން މަހުގައި ވަރަށް މަދުންވެސް ރޯދަ ހިއްޕަވާ ކަމުގައިވިއެވެ."
އަޅަމެންނީ ރަމަޟާންމަހުގެ ރޯދަތަކަށް ފަރުވާތެރިވާ އަދި ސުންނަތް ރޯދަތަކަށްވެސް އަހައްމިއްޔަތުކަން ދޭ ބަޔަކު ކަމުގައި ލައްވާށިއެވެ! އާމީން!
وصلى الله وسلم على نبينا محمد وعلى آله وأصحابه أجمعين.