ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިންތިޒާމްކޮށްގެން ބޭއްވި އިންޓަރ ސްކޫލް ބެޑްމިންޓަން ޗެންޕިއަންސް ލީގްގެ ގްރޭޑް 11، 12 އިގެ އަންހެން ޗެންޕިއަންކަން އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލް ހޯދައިފިއެވެ.
ފުރަތަމަ ލިޓަސް އިންޓަރ ސްކޫލް ބެޑްމިންޓަން މުބާރާތުގެ ނަމުގައި 27 ފެބުރުވަރީ 2023 ން 3 މާރިޗު 2023 އަށް އެކުވެނި ބެޑްމިންޓަން ކޯޓުގައި ކުރިޔަށް ދިޔަ މި މުބާރާތުގެ ޗެންޕިއަންކަން އަޙްމަދިއްޔާ ހޯދީ ސީއެޗްއެސްސީއާ ވާދަކޮށް ކުޅުނު ދެ މެޗުން ވެސް މޮޅުވެގެންނެވެ.
އަޙްމަދިއްޔާއިން ގްރޭޑް 11، 12 އިގެ ޗެންޕިއަންކަން ހޯދިއިރު، މިމުބާރާތުގެ ގްރޭޑް 7، 8 ގެ އަންހެން ކުދިންގެ ބައިން ރަނަރަޕްކަން ހޯދީ ވެސް އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލެވެ. އެ އުމުރުފުރައިގެ ޗެންޕިއަންކަން ހޯދީ މަދަރަސަތުލް އިފްތިތާޙެވެ.
މުޅިން އަލަށް ބޭއްވި މި މުބާރާތުގައި ވާދަކުރީ އެންމެ ފަހުން ބޭއްވި އިންޓަރސްކޫލް ބެޑްމިންޓަން މުބާރާތުގެ އުމުރުފުރާތަކުގެ ޗެންޕިއަންކަން ހޯދި ސްކޫލްތަކެވެ. މިދިޔަ އަހަރު ބޭއްވި އެ މުބާރާތުގެ 19 އަހަރުންދަށުގެ އަންހެން ޗެންޕިއަންކަމާއި، 15 އަހަރުންދަށުގެ އަންހެން ޗެންޕިއަންކަން އަޙްމަދިއްޔާއިން ވަނީ ހޯދާފައެވެ. މީގެ އިތުރުން، 19 އަހަރުން ދަށުގެ ފިރިހެން ރަނަރަޕް ކަމާއި، 15 އަހަރުން ދަށުގެ ފިރިހެން ކުދިންގެ ބައިން އަޙްމަދިއްޔާ ވަނީ ތިންވަނަ ހޯދާފައެވެ.