އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ އިންޓަރ ކްލާސް ޑްރާމާ މުބާރާތް އިއްޔެވަނީ ފަށާފައެވެ. އެގޮތުން މި ޑްރާމާ މުބާރާތަކީ ޕްރީ އަދި ޕްރައިމަރީގައި ކިޔަވަމުންދާ ދަރިވަރުންނަށް ޚާއްޞަ ކުރެވިގެން ކުރިއަށް ގެންދާ މުބާރާތެކެވެ.
މި މުބާރާތް އިއްޔެ ފައްޓަވައިދެއްވީ ސްކޫލްގެ ޕްރިންސިޕަލް އަލްފާޟިލް މުޙައްމަދު ރަޝީދެވެ.
މި މުބާރާތުގެ ފުރަތަމަ ޑްރާމާތައް ހުށަހަޅައިދީފައިވަނީ ގްރޭޑް 1، 2 އަދި 3 ގައި ކިޔަވާ ދަރިވަރުންނެވެ.
މި މުބާރާތުގެ އެންމެ ބޮޑު މަޤްޞަދަކީ ދަރިވަރުންގެ ހުނަރުތައް ތަރައްޤީކޮށް ކުރިއެރުވުމެވެ. އެހެންކަމުން އިއްޔެ ފެނިގެން ދިޔަ ޑްރާމާތަކުގައި ދެވައްތަރުގެ ޑްރާމާ ހުށަހެޅުން އޮތެވެ. އެގޮތުން އިނގިރޭސި އަދި ދިވެހި ޑްރާމާތައް ފެނިގެން ދިޔައެވެ. މި ޑްރާމާ މުބާރާތުގައި ފަނޑިޔާރުންގެ ގޮތުގައި ބައިވެރިވެ ވަޑައިގަތީ އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގެ ސާނަވީ އަދި މަތީސާނަވީގެ ޓީޗަރުންނެވެ.
ދަރިވަރުންގެ މިފަދަހުނަރުތައް އެއްތަނަކުން ފެނިގެން ދިޔުމަކީ ދަރިވަރުންނަށާއި މައިންބަފައިންގެ އިތުރުން ޓީޗަރުން ވެސް ނުހަނު ބޭނުންވާ ކަމެކެވެ. ހަމައެއާއި އެކު މިފަދަ ޑްރާމާތައް ކުރިއަށް ގެންދިއުމަށްޓަކައި ބެލެނިވެރިންގެ އެއްބާރުން ލިބޭކަމީ މިފަދަކަންކަން އިތުރަށް ސްކޫލްގައި ކުރިއަށް ގެންދިއުމަށް ލިބޭ ހިތްވަރެކެވެ.
މީގެ އިތުރުންވެސް ދަރިވަރުންގެ އެފަދަ ހުނަރުތައް ތަރައްޤީ ކުރުމަށް ސްކޫލުން ދަރިވަރުންނަށް ދެއްވާ ފުރުސަތުތައް ވެސް މި ދަނޑިވަޅުގައި ފާހަގަކޮށްލަމެވެ. އެހެންކަމުން ކުރިއަށް އޮތް ދުވަސްތަކުގައި މިފަދަ އިތުރު އެހެން ހުނަރުތައް ވެސް ދަރިވަރުންގެ ފަރާތުން ފެނުމަކީ ކުޑަވެސް ޝައްކެއްއޮތް ކަމެއް ނޫނެވެ.