الْحَمْدُ لِلَّهِ رَبِّ العَالَمِينَ. وَالصَّلاَةُ وَالسَّلاَمُ عَلَى نَبِيِّنَا مَحَمَّدٍ وَعَلَى آلِهِ وَأَصْحَابِهِ. أَمَّا بَعْد.
ޝަޢުބާން މަހަކީ އެހެނިހެން މަސްތަކެކޭ އެއްފަދައިން އެހެނިހެން އަޅުކަންތަކުގައިވެސް، ފުރިހަމަ ޢިލްމުގެ މަތީގައި ހުރެގެން އަޅުވެރިވުމާ ޚިލާފަށް، އަމިއްލައަށް ފެންނަގޮތަކަށް ﷲ سبحانه وتعالى އަށް އަޅުވެރިވާ މީސްތަކުން، ދީނުގައި އޭގެ އަޞްލެއްނެތް ތަފާތު އާ ކަންކަން ކުރާ މަހެކެވެ. ކިތަންމެބޮޑަކަށް މާތް ﷲ އަށް އަޅުވެތިވެ އަޅުވެރިވެ އަޅުކަންތަކުގައި ކުރިއަރާދާން ބޭނުންވިޔަސް ޢިލްމެއް ނެތި، އެކަމުގައި ކުރިއަށް ދާންއުޅެފިނަމަ ގިނަފަހަރު ވެއްޓިގެންދާނީ ގިނަ ބިދުޢަތަކެއްގެ ތެރެއަށެވެ. ދީނީގޮތުން އަޅުކަމުގެ ގޮތުގައި ދީނުގެ ތެރެއަށް ގެނެވޭ ކޮންމެ އާކަމަކީ ބިދުޢައެކެވެ. އެއީ ދީނުގައި ޙަރާމްކަމެކެވެ. އިމާމް ބުޚާރީ ރިވާކުރެއްވި ޙަދީޘެއްގައި ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ: ((مَن أَحْدَثَ في أَمْرِنَا هذا ما ليسَ فِيهِ، فَهو رَدٌّ)) މާނައީ: [ތިމަންމެންގެ މިކަމުގައި، އޭގައި ނުވާކަމެއް އަލަށް ގެނެސްގަނެފި މީހާ ދަންނާށެވެ. ފަހެ އެކަމެއް ވަނީ ރައްދުވެގެންނެވެ.] ތިމަންމެންގެ މިކަމުގައި ނުވާކަމެކޭ ބުނެވޭ ބަހުގެ މުރާދަކީ އިސްލާމްދީނުގެ ޢަމަލުތަކުގެ ގޮތުގައި ކުރެވޭ އެންމެހައި ޢަމަލުތަކެވެ. އެއީ ރަސޫލާ صلى الله عليه وسلم ވަޑައިގެންނެވީ ދީނުގެ ކަންކަން ބުނެދެއްވުމަށެވެ. ދުނިޔެވީ ގޮތުން ކުރިއަރާދާ ޢިލްމު ދަސްކޮށްދެއްވާކަށެއް ނޫނެވެ. ވީމާ ދީނުގެ ކަމަކަށް އަލަށް ކަމެއް ގެނެސްފިނަމަ އެކަމެއް ﷲ سبحانه وتعالى ޤަބޫލު ނުކުރައްވާނެކަން މިޙަދީޘުން ވަރަށް ޞަރީޙަކޮށް ދޭހަވެއެވެ. އަލަށް ކަމެއް ގެނައުމުގެ މާނައަކީ އެކަމެއް ރަސޫލާ صلى الله عليه وسلم ނުކުރައްވާ އަދި އެކަލޭގެފާނުގެ އަޞްޙާބު ބޭކަލުންގެ ފަރާތުންވެސް ކުރިކަމަށް އެނގިފައިނުވާ އެންމެހައި ކަންކަމެވެ. މާނައަކީ އޭގެ ފަހުގެ ޒަމާންތަކުގެ މީހުންގެ ފަރާތުން ފެށުނުކަން އެނގޭ ކޮންމެ ކަމަކީ ދީނުގެ ތެރެއަށް ވަދެފައިވާ ބިދުޢައެކެވެ. އެއީ ޞައްޙަނޫން ޟަޢީފު ޙަދީޘަކުން ނުވަތަ ދޮގު ޙަދީޘަކުން ސާބިތުވީ ކަމެއްވިޔަސް އެކަން ވާނީ ބިދުޢައަކަށެވެ. އެއީ ދީނުގެ އެއްވެސް ކަމެއް ޝަރުޢުކުރެއްވުމުގެ ޙައްޤަކީ ﷲ سبحانه وتعالى ގެ ޙައްޤެކެވެ. އެކަލާނގެ ވަޙީކުރެއްވިއެވެ: ﴿أَمْ لَهُمْ شُرَكَٰٓؤُاْ شَرَعُواْ لَهُم مِّنَ ٱلدِّينِ مَا لَمْ يَأْذَنۢ بِهِ ٱللَّهُ ۚ﴾ سورة الشورى:21 މާނައީ: [ނުވަތަ ﷲ ހުއްދަ ނުދެއްވާ ކަމެއް ދީނުގެތެރެއަށް ޝަރުޢުކުރި ޝަރީކުންތަކެއް އެބައިމީހުންނަށް ލިބިގެންވަނީހެއްޔެވެ؟] މިއާޔަތުގައި އެވަނީ އެފަދަ ކަންކަން ޝަރީކުކުރުން ފަދަ ކަމެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. އެހެންނަމަވެސް މިފަދަ ކަންކަމުގެ ތަފްޞީލަށް ދާއިރު، އޭގައި ޝިރުކު ހިމެނޭކަންކަމާއި، ޝިރުކަށް ވާޞިލުކޮށްދޭ ކަންކަމާއި ޝިރުކަށް ނުދާ ހަމައެކަނި ފާފައަކަށް ދާ ކަންކަންވެސް ހިމެނެއެވެ. ނަމަވެސް ބިދުޢައިގެ ތެރޭގައި ރަނގަޅު އެއްވެސް ކަމެއް އޭގައި ނުވެއެވެ.
މިގޮތުން ޞައްޙަވެގެން ނުވާ ގިނަޙަދީޘްތަކެއްގެ މައްޗަށް ބިނާކޮށް މުސްލިމުންގެ ބައެއް މީހުން ޝައުބާންމަހުގެ މެދުދުވަސްކަމުގައިވާ، ފަނަރަވަނަ ދުވަހު ރޯދަހިފުން ސުންނަތްވެގެންވާކަމަށް ދެކިގެން އެދުވަހަށް ޚާއްޞަކޮށްގެން ރޯދަ ހިފައެވެ. ނަމަވެސް އެކަމަކީ އެކަމަށް އެއްވެސް އަޞްލެއް ނެތް ކަމެކެވެ. ޝައުބާން މަހަކީ ރަމަޟާން މަހަށްފަހު ރޯދަހިފުން އެންމެމާތް މަސްކަމުގައި ދެކިގެން އެމަހުގެ ކޮންމެ ދުވަހެއްގައިވެސް ރޯދަ ހިފިދާނެއެވެ. އޭނާގެ ނިޔަތުގައި އެވަނީ ރަސޫލާ صلى الله عليه وسلم އެމަހުގައި އެއްކޮށް ނުވަތަ ބޮޑުބައި ރޯދަ ހިއްޕެވުމުންނާއި އެމަހާއި މެދު އެކަލޭގެފާނު ވިދާޅުވި ބަސްފުޅުތަކަށް ބިނާކޮށް އުފެދިފައިވާ ނިޔަތެކެވެ. އެއީ އެމަހުގައި ރޯދަ ހިފުން މާތްވެގެންވާ ކަމެވެ. އެނިޔަތަކުން އޭނާ އެމަހުގެ ވަކިދުވަހެއް ޚާއްޞައެއް ނުކުރާނެއެވެ. ނުވަތަ ޢާންމުކޮށް ތޭރަ ސާދަ ފަނަރައިގެ ދުވަސްތަކުގައި ރޯދަ ހިފާމީހާ، އެހެނިހެން މަސްތަކަކޭ އެއްފަދައިން ޝަޢުބާން މަހުގައިވެސް އެތިން ދުވަހުގައި ރޯދައަށް ހުރެދާނެއެވެ. ނަމަވެސް އޭނާގެވެސް ނިޔަތް ހެދިފައި އެވަނީ ރަސޫލާ صلى الله عليه وسلم ގެ ޞައްޙަ ޙަދީޘެއްގެ މައްޗަށް ބިނާކޮށެވެ. އެނިޔަތަކީ އޭނާ އަލަށް އުފެއްދި ނިޔަތެއް ނޫނެވެ. އެއީ ކޮންމެ މަހަކު ތޭރަ ސާދަ އަދި ފަނަރައިގައި ރޯދައަށް ހުރުމުގެ ނިޔަތުގައި ފަނަރަވަނަ ދުވަހު ރޯދައަށް ހުރުމެވެ.
ސުންނަތް ރޯދައަށް އޭގެޒާތުގައި ހުރުމަކީ ކޮންމެ ދުވަހެއްގައި، ރޯދައަށް ހުއްޓަސް ހުއްދަ އަދި ސުންނަތްވެގެންވާ ޘަވާބާއި ދަރުމަ ލިބޭނެ ކަމެކެވެ. ނަމަވެސް ރަސޫލާ صلى الله عليه وسلم ގެނެސްދެއްވި ގޮތެއް ނޫން އެހެން ސިފައެއް އެސާބިތުވެގެންވާ ކަމެއްގައިވެސް ޖައްސައިފިނަމަ، އެކަން ބިދުޢައަކަށް ވެގެންދެއެވެ. ދީނުގައި އެއްގޮތަކަށްވެސް ނެތް ކަންކަމަށް ކިޔަނީ ޙަޤީޤީ ބިދުޢައެވެ. ނަމަވެސް ދީނުގައި އައިސްފައިވާ ކަމަކަށް ބަދަލު ގެނެސްފިނަމަ އެއަށް ކިޔަނީ އިޟާފީ ބިދުޢައެވެ. އެގޮތުން ދީނުގައި އައިސްފައިވާ ކަމެއްގެ ތެރެއަށް ކަމެއް އިތުރުކޮށްފިނަމަ، ނުވަތަ ދީނުގައި އައިސްފައިވާ ކަމަކުން ބައެއް މަދުކޮށް އުނިކޮށްފިނަމަ، ނުވަތަ ދީނުގައި އައިސްފައިވާ ކަމެއް ކުރުމުގައި އެކަމެއް ރަސޫލާ صلى الله عليه وسلم ގެ އަރިހުން އައިސްފައިވާ ގޮތުގެ ސިފައަށް ބަދަލު ގެނެސްގެން ކުރިނަމަވެސް، ނުވަތަ ދީނުގައި ވަކިވަގުތެއް ސާބިތުނުވެ އޮތްކަމެއް، ބަޔަކު އެކަމަށް ވަކި ވަގުތެއް ޚާއްޞަކޮށްފިނަމަވެސް، މިއެންމެހައި ގޮތްތަކެއްވެސް ވަންނާނީ އިޟާފީ ބިދުޢައިގެ ތެރެއަށެވެ.
ޝަޢުބާން މަހުގެ ފަނަރަވަނަ ދުވަހު ޚާއްޞަކޮށްގެން ހިފާ ރޯދައާމެދު ވިސްނައިފިނަމަ، އެދުވަހަކީ ދީނުގައި އައިސްފައިވާ ގޮތަށް އެނޫންދުވަސްތަކުގައިވެސް ރޯދައަށް ހުރުން އެދެވިގެންވާ ފަދައިން ޢާންމު ޙުކުމަކުން ރޯދައަށް ހުރުން ހަމަ އެންމެ ރަނގަޅު ދުވަހެކެވެ. އަދި ދޫވެފައިވާ ފަރުޟު ރޯދަވެސް ދެޢީދު ދެދުވަހާއި އައްޔާމުއްތަޝްރީޤު ގެ ތިން ދުވަސް ނޫން ހަމަކޮންމެ ދުވަހެއްގައިވެސް ހިފުން ހުއްދަވާތީ ޝަޢުބާން މަހުގެ ފަނަރަވަނަ ދުވަހުވެސް އެރޯދަ ޤަޟާކުރެވިދާނެއެވެ. ނަމަވެސް ސުންނަތުގައި ނެތް ޚާއްޞަ ވަގުތެއްގެ ގޮތުގައި ހަމަޖެއްސުމުން އެނިޔަތުގެ މައްޗަށް ބިނާކޮށް އެކަން ބިދުޢައަކަށް ވަނީއެވެ. އެއީ ޝަޢުބާން މަހުގެ ފަނަރަވަނަ ދުވަހު އެއްވެސް ރޯދައެއް، ޚާއްޞަކުރުމަކީ ދީނުގައި ޞައްޙަޙަދީޘުން ސާބިތުކަމެއް ނޫނެވެ.
އަޅަމެންނީ ސުންނަތް ރޯދަތައް ހިފުމުގައިވެސް ފުރިހަމައަށް ރަސޫލާ صلى الله عليه وسلم ގެ ސުންނަތުގައި ވާފަދައިން ރޯދަހިފާ ބަޔަކު ކަމުގައި ލައްވާށިއެވެ! އާމީން!
وصلى الله وسلم على نبينا محمد وعلى آله وأصحابه أجمعين.