އަހުމަދިއްޔާގެ 38 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން އެސްކޫލުގެ ހުރިހައި މުވައްޒަފުން ހިމެނޭނެހެން ޚާއްޞަ ޙަފްލާއެއް ބާއްވައިފި އެވެ. މި ޙަފްލާ ބާއްވާފައިވަނީ އަހްމަދިއްޔާ ސްކޫލްގެ ގޯތިތެރޭގައެވެ.
މުނިފޫހި ފިލުވުމުގެ ބައެއް އައިޓަމްތަކާއެކު ކުރިއަށް ދިޔަ މި ޙަފްލާގައި ސްކޫލަށް ގިނަދުވަހު ޚިދުމަތްކޮށްދެއްވާފައިވާ މުވައްޒަފުންގެ އަގުވަޒަންކުރުމުގެ ގޮތުން ހަނދާނީ ފިލައެއް ވަނީ އެމުވައްޒަފުންނަށް ދެއްވާފައެވެ. އެގޮތުން ޖުމްލަ 47 ބޭފުޅަކަށް ހަނދާނީ ފިލާދެއްވާފައިވާއިރު އޭގެތެރޭގައި ޕްރީސްކޫލްގައި މަސައްކަތްކުރައްވާ ބޭފުޅުންނާއި އިދާރީ މުވައްޒަފުންނާއި ސަޕޯޓް ސްޓާފުންގެ އިތުރުން ގިނަ އަދަދެއްގެ ބިދޭސީ ޓީޗަރުން ހިމެނޭކަންވެސް ފަހަގަކޮށްލެވެއެވެ. މި ބޭފުޅުންނަށް ހަނދާނީ ފިލާ ދެއްވީ ސްކޫލުގެ ޕްރިންސިޕަލް މުޙައްމަދު ރަޝީދެވެ.
ޙަފްލާގެ ބައިވެރިންނާ މުޚާތަބުކޮށް ދެއްކެވި ވާހަކަފުޅުގައި، ޕްރިންސިޕަލް މުޙައްމަދު ރަޝީދު ވިދާޅުވީ، މާލޭގެ ހަތަރު އަވަށުގައި ހުޅުވުނު ހަތަރު ސްކޫލުގެ ތެރެއިން މިއަދު ދިރިހުރި ހަމައެކަނި ސްކޫލަކީ އަޙްމަދިއްޔާ ކަމުގައެވެ. އަދި މިއަދު "އަޙްމަދިއްޔާ"އަކީ ބްރޭންޑެއްކަން ފާހަގަކުރައްވައި ޕްރިންސިޕަލް ރަޝީދު ވިދާޅުވީ ހުރިހައި ޝުކުރެއް ހައްގުވަނީ ސްކޫލްގެ ޓީޗަރުންނާއި އިދާރީ މުވައްޒަފުންނަށް ކަމަށެވެ. އެގޮތުން މި ސްކޫލް ހޯދަމުން އަންނަ މޮޅު ނަތީޖާތަކަކީ "ޓީމް އަޙްމަދިއްޔާ"ގެ ގުޅުން ބަދަހިކަމުން ހޯދޭ ނަތީޖާއެއްކަން ވަނީ ފާހަގަކުރައްވާފައެވެ. އަދި ކުރިއަށް އޮތްތަނުގައި ވެސް އެރޫހުގައި ހުރިހައި ބޭފުޅުން މަސައްކަތް ކުރައްވަމުން ގެންދިޔުމަށް ޕްރިންސިޕަލް ވަނީ އެދިވަޑައިގެންފައެވެ.
މި ޙަފްލާގައި އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ ނާސަރީ، ޕްރީސްކޫލް، ޕްރައިމަރީ އަދި ސެކަންޑަރީ އާއި އިދާރީ މުވައްޒަފުންގެ ވަރަށް ތަފާތު ހުށަހެޅުންތަކެއް ފެނިގެން ގޮސްފައިވެއެވެ.