ކޮވިޑްގެ ނުރައްކާތެރިކަން އޮވެގެން މިއަހަރުގެ މާޗް މަހު ސްކޫލްތައް ބަންދުކުރުމަށް ފަހު ޖުލައި 1ގައި ސްކޫލްތަކުގެ ކިޔެވުންވަނީ އަލުން ފަށައިފަ އެވެ. މިނިސްޓްރީގެ އެންގުމާ އެއްގޮތަށް އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުގެ ކިޔެވުން ފަށާފައިވާއިރު މިވަގުތު ކިޔެވުން ފަށާފައިވަނީ ގްރޭޑް ނުވައެއް، ދިހައެއް، އެގާރަ އަދި ބާރައިގެ ދަރިވަރުންނަށެވެ.
ސްކޫލްތައް އަލުން ހުޅުވާލަން އެޑިއުކޭޝަން މިނިސްޓްރީއިން ނިންމެވުމާއެކު އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލަކީ ދަރިވަރުންނާއި މުދައްރިސުންނަށް ރައްކާތެރި މާހައުލަކަށް ހެދުމަށް ހޯދަން ޖެހޭ ތަކެތި ހޯދުމާއި ވާންޖެހޭ އެންމެހައި ތައްޔާރީތައް ފެށުނެވެ. އެގޮތުން ސްކޫލް މާހައުލުގައި ޖިސްމާނީ ގައިދުރުކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި ސްކޫލަށް ވަދެ ނިކުންނަ ގޭޓްތައް ކައިރީ އަދި ކޮރިޑޯ ތަކުގައި ގައިދުރުކުރަން ފާހަގަތައް ލާފައިވާއިރު، ކްލާސްރޫމްތަކުގައި ދަރިވަރުން ތިބޭއިރު ޑެސްކުތަކުގެ ދެމެދުގައި ތިން ފޫޓުގެ ދުރުމިނެއް ހުންނާނެއެވެ. ދަރިވަރުންގެ އާބާދީއަށް ބެލުމަށްފަހު ކުލާސްތައްވެސް ދެބައިކޮށްފައިވާކަމަށް ސްކޫލުން މައުލޫމާތު ދެއްވައެވެ.
ސްކޫލަށް ދަރިވަރުން ހާޒިރުވާން ޖެހެނީ ހަފްތާއަކު ހަތަރު ދުވަހުއެވެ. ސްކޫލަށް އަންނަ ހުރިހައި ދަރިވަރުން މާސްކު ބޭނުން ކުރަންޖެހޭނެއެވެ. އަދި ކޮންމެ ކުއްޖެއްގެ އަތުގައި ކުޑަ ސެނިޓައިޒަރ ފުޅިއެއް އޮންނަންވާނެއެވެ.
ސްކޫލްގެ ކިޔެވުން ފެށުނު ނަމަވެސް އޮންލައިން ކުލާސްތައް މެދުކަނޑާނުލައި ކުރިއަށް ގެންދާގޮތަށް އަހްމަދިއްޔާއިން ވަނީ ނިންމާފައެވެ. އެގޮތުން ކުރިއެކޭވެސް އެއްގޮތަށް ހަފްތާގެ 05 ދުވަހު، ގްރޭޑް 9ން ދަށުގެ ދަރިވަރުންނަށް އޮންލައިން ކުލާސްތައް ކުރިއަށްދާނެއެވެ. އަދި 9ން މަތީގެ ދަރިވަރުންނަށް ހަފްތާއަކު 3 ދުވަހު އޮންލައިން ކުލާސްތައް ކުރިއަށްގެންދާގޮތަށް ވަނީ ނިންމާފައެވެ.