الْحَمْدُ لِلَّهِ رَبِّ العَالَمِينَ. وَالصَّلاَةُ وَالسَّلاَمُ عَلَى نَبِيِّنَا مَحَمَّدٍ وَعَلَى آلِهِ وَأَصْحَابِهِ. أَمَّا بَعْد.
ހުރިހާ އިންސާނުންނަކީ އެބައިމީހުން ވިސްނާ ވިސްނުތަކުގައި އެއްހަމައެއްގައިވާ ބައެއް ނޫނެވެ. އެކިމީހުން ވިސްނާގޮތް ތަފާތުއިރު، ތަފާތުމީހުންނަށް ލިބިފައިވާ ޢިލްމާމެދު ޔަޤީންކުރުމުގައިވެސް ތަފާތެވެ. ވަރަށްގިނަ ފަހަރު އޭނާއަށް އެނގިފައި ހުންނަ އެއްޗެއްގައި ޝައްކު އުފެދިގެންދެއެވެ. އޭގެ ސަބަބުން ނަފްސާނީގޮތުން ވެސް އުނދަގޫވާ ޙާލަތަކަށް އޭނާ ބަދަލުވެއެވެ. ސަބަބަކީ ޔަޤީނުގައިވާ ޢިލްމަކީ މީހާއަށް ހަމަޖެހުމާއި ހިތްހަމަޖެހުން ގެނުވާކަމަކަށް ވާއިރު، ކަންކަމުގައި ޝައްކުވުމަކީ ނަފްސާނީ ބަލިމަޑުކަމަކަށް މީހާ ގެންދަން މަސައްކަތްކުރާ އެއްޗެކެވެ. އެއުފެދޭ ޝައްކުތަކުގެ ސަބަބުން އޭނާގެ ނަފްސުގައި ކަންކަމާއިމެދު ސީދާގޮތެއްގައި ވިސްނަން އުނދަގޫވާން ފަށައެވެ. އަދި އެޝައްކުގެ މަތީގައި ދެމިހުރެ، އެޝައްކު ދޫކޮށްނުލާން މަސައްކަތް ކުރާވަރަކަށް ނަފްސަށް އިތުރު އުނދަގޫތައް ކުރިމަތިވެ، ޝައިޠާނާއަށް އޭނާއަށް ވަސްވާސްދޭންވެސް ފަސޭހަވެގެންދެއެވެ. އެފަދަ މީހަކާއި މެދު ޝައިޠާނާއަށް ނުހަނު އުފާވެރިކަން ލިބެއެވެ. އެއީ އޭތީގެ ކޮންމެ ވަސްވާހެއް ޤަބޫލުކޮށްގެން ކުރިއަށްދާނެ އިންސާނަކު އޭނާގެ މަގުފުރެއްދުމުގެ ލިސްޓަށް އިތުރުކޮށްލެވުނީމައެވެ.
މިވަސްވާސްތަކަށް ނުހެއްލުމަށް އެދި މާތް ﷲ ގެ ރައްކާތެރިކަމަށް އެދި ދެންނެވުމަށް ޤުރުއާނުގައި އަންގަވާފައިވެއެވެ: ﴿مِن شَرِّ الْوَسْوَاسِ الْخَنَّاسِ. ٱلَّذِى يُوَسْوِسُ فِى صُدُورِ ٱلنَّاسِ﴾ سورة الناس:4-5 މާނައީ: [ފިލައިދުރުހެލިވުމަށް އަވަސްވެގަންނަ (ޝައިޠާނާގެ) ވަސްވާސްތަކުގެ ނުބައިކަމުންނެވެ. އޭނާއަކީ މީސްތަކުންގެ ހިތްތަކަށް ވަސްވާސްދޭ ޝައިޠާނެކެވެ.] އެއީ މީސްތަކުންގެ ހިތްތަކަށް ވެރިގަތުން އަވަސް އެއްޗެކެވެ. އަދި އެހާމެ އަވަހަށް އޭތި ފިލައިދެއެވެ. އެއީ ﷲ سبحانه وتعالى ގެ ނަންފުޅު ގަނެވުމާއެކު ދުރުހެލިވެ ފިލައި ރައްކާވެއެވެ. ނަމަވެސް އިންސާނާ ޣާފިލުވެ، ކުއްލިއަކަށް ލިބޭ އުފަލެއްގެ ސަބަބުން ނުވަތަ ދެރަކަމާއި ހިތާމައެއްގެ ސަބަބުން ނަފްސަށް ވެރިވެގަންނަ ކުއްލި ޣާފިލުކަމެއްގެ ތެރެއަށް ޝައިޠާނާ ވަރަށް އަވަހަށް ވެރިވެގަނެ، ވަސްވާސްދީ އިންސާނާ ލައްވާ ކޮންމެވެސް ނުބައެއް ހައްދުވައެވެ. ނަމަވެސް އެއިންސާނާއަށް ﷲ سبحانه وتعالى ގެ މަތިން ހަނދުމަވެ އެކަލާނގެއަށް ޛިކުރެއް ކޮށްފިނަމަ އެއެތި އަވަސްއަވަހަށް ފިލައިގެންދެއެވެ.
މިފަދައިން އިންސާނާގެ ހުރިހައި ދާއިރާއެއްގައިވެސް އެއެތި އިންސާނާއާ ދިމާކޮށްލައެވެ. އަޅުކަމުގެ ދާއިރާއާއި މުޢާމަލާތުގެ ދާއިރާއިންނެވެ. ކައިވެންޏާއި ވަރީގެ ކަންކަމުގައެވެ. އަދި ދީނީ ހުރިހައި ބާބެއްގައިވެސް މެއެވެ. އަޅުކަމުގެ ދާއިރާގެ މިސާލަކަށް ބަލާއިރު، މިސާލަކަށް މީހަކު ވުޟޫކުރިފަހުން ވުޟޫ ގެއްލިފައި ހުއްޓާ، އޭނާ ނަމާދުކުރިއެވެ. ނަމަވެސް އެއަށްފަހު ވުޟޫ ގެއްލުނުފަހުން އޭނާއަށް ވުޟޫކުރެވުނުކަމާމެދު ޝައްކު އުފެދެއެވެ. ތިމަންނާގެ ވުޟޫ ގެއްލުނުފަހުން ވުޟޫ ކުރެވުނު ހެއްޔެވެ؟ ނުވަތަ އޭގެފަހުން ވުޟޫ ނުކުރެވޭ ހެއްޔެވެ؟ އެކަމުގައި ޝައްކެއްގެ ތެރެއަށް މީހާ ވެއްޓިގެން ދެއެވެ. އެފަދަ އުނދަގޫތަކެއްވެ، އެއުނދަގޫ އިންތިހާއަށް ބޮޑުވެގެންދާ ސަބަބަކީ، އޭނާކުރި ނަމާދު ޞައްޙަކަން ނުވަތަ ނޫންކަން ބިނާވަނީ އޭނާގެ ވުޟޫހުރިކަން ނުވަތަ ނެތްކަމުގެ މައްޗަށް ކަމުގައިވާތީއެވެ. ވުޟޫ ނުކުރެވުނުނަމަ އޭނާގެ ނަމާދުވާނީ ބާޠިލެވެ. އެހިސާބުން އެކަމާމެދު ވިސްނަވިސްނާ، ވަގުތުތައް ނަގާލާ ވަރަކަށް އޭނާގެ ނަފްސުތެރޭގެ އުދާސްކަން ވާނީ އިތުރެވެ. ޝައްކުވެގެން މިއުޅެނީ ނަމާދުގެ ޞައްޙަކަމާ މެދުގައެވެ. ވީމާ އެކަމުގެ ޙައްލަކަށްވާނީ އޭނާ ވުޟޫކުރިކަން ޔަޤީން ނުވާތީވެ، އެޝައްކު ފިލުވާލުމަށް އަލުން ވުޟޫކޮށްގެން ނަމާދު ކުރުމުންނެވެ. އޭގެ އިދިކޮޅު މިސާލަކަށް ބަލާއިރު، މީހަކު ވުޟޫކުރިކަން އޭނާއަށް ޔަޤީނެވެ. ނަމަވެސް އެވުޟޫ ގެއްލުނުކަމާމެދު ޝައްކުވެ، އެކުރި ވުޟޫމަތީގައި ނަމާދުކުރާނީތޯ ނުވަތަ އަލުން ވުޟޫކުރާނީތޯ ޔަޤީންނުކުރެވެއެވެ. މިޙާލަތުގައިވެސް އުފެދިފައިވާ ޝައްކު ދޫކޮށްލާނީއެވެ. ޝައްކުވަނީ ވުޟޫ ގެއްލުނުކަމާ މެދުގައެވެ. އެޝައްކު ދޫކޮށްލުމުން ނިންމޭނީ އޭނާގެ ވުޟޫ އެބަހުރިކަމަށެވެ. އެގޮތުން އެވުޟޫގެ މަތީގައިހުރެ ނަމާދުކުރުމުން އެނަމާދު ޞައްޙަވާނެއެވެ. މިގޮތަށް ކަންކަން ކުރުމުން ނަފްސަށް ނުހަނު ފަސޭހަވެ ހިތްހަމަޖެހުން ލިބިގެން ދެއެވެ. އޭގެ ބަދަލު މިފަދަ ކޮންމެ ޝައްކަކަށް ޢަމަލުކުރަން ފަށައިފިނަމަ، މިސާލަކަށް ދެވަނަ މިސާލުގައި އެވާޙާލަތުގައި އޭނާ ޝައްކުގެ ކޮޅު ގަދަކޮށްފިނަމަ އެތަކެއް ފަހަރަކު ވުޟޫކުރަން ޖެހިދާނެއެވެ. ނަތީޖާއަކީ އެޝައްކުތައް އުފެއްދުމަށް ފޫގަޅައިގެން ހުރި ޝައިޠާނާއަށް ފަހިވި ފަހި ފުރުޞަތަކަށް ހަދާ މަތިމައްޗަށް ޝައްކުތައް އުފައްދަމުން ދިއުމެވެ. އޭގެ ސަބަބުން ތަކުރާރުކޮށް އޭނާ ވުޟޫކުރަންޖެހި، ތަކުރާރުކޮށް އެއް ނަމާދެއްކުރަންޖެހި، ތަކުރާރުކޮށް އެއްރަކްޢަތެއްގައި ފާތިޙާ ސޫރަތް އެތަކެއް ފަހަރަކު ކިޔަންޖެހި، މިހެންގޮސް އަޅުކަމުގެ ހުރިހައި ދާއިރާއެއްގައިވެސް އުނދަގުލާ ވޭން ތަޙައްމަލް ކުރަންޖެހި، ވަހުމްތައް ގިނަވެ ނަފްސާނީ އުނދަގުލަކަށް އެކަން ވެގެންދެއެވެ. އަދި އެތަކެއް ފަހަރަކު ތަކުރާރުކުރި އެއަޅުކަންވެސް ޤަބޫލު ނުވާނެކަމުގައި އިޙްސާސްތަކުގައި މުޅި ޢުމުރު ހޭދަކުރަންޖެހި، މާޔޫސްކަން ބޮޑު ދިރިއުޅުމަކަށް އޭނާގެ ދިރިއުޅުން ބަދަލުވެގެންދެއެވެ.
ވީމާ މިކަންކަމުގައި އެންމެ ޙައްލުވެރި ގޮތަކީ އެހެނިހެން ކަންކަމުގައިވެސް ޙައްލު ހޯދާ ފަދައިން ކީރިތި ރަސޫލާ صلى الله عليه وسلم ގެ އިރުޝާދުތަކަށް ބޯލަނބާ ކިޔަމަންގަނެ އެކަލޭގެފާނުގެ ސުންނަތުގައި ހިފުމެވެ. އައްތިރްމިޛީ ޞައްޙަކޮށް ޖާމިޢުއްތިރްމިޛީގައި ގެނެސްފައިވާ ޙަދީޘެއްގައިވެއެވެ: ((دَعْ مَا يُريبُكَ إِلَى مَا لَا يُريبُكَ فَإِنَّ الصِّدْقَ طُمَأْنِينَةٌ وَإِنَّ الْكَذِبَ رِيبَةٌ)) މާނައީ: [ތިބާއަށް ޝައްކުވާ ކަންކަން ދޫކޮށް، ޝައްކުނުވާ ކަންކަމުގައި ހިފާށެވެ. އެހެނީ ހަމަކަށަވަރުންވެސް ތެދުވެރިކަމަކީ ހިތްހަމަޖެހުމެކެވެ. އަދި ހަމަކަށަވަރުން ދޮގަކީ ހިތުގެ ނުތަނަވަސްކަން ގެނުވާ އެއްޗެކެވެ.]
ވީމާ ޙައްޤުތެދު ގޮތަކީ ޝައްކު ދޫކޮށްލުމެވެ. އަދި ދޮގުވެރިގޮތަކީ ޝައްކުތަކުގައި ހިފައިގެން އެއިން ނުނެއްޓިގެން އުޅުމެވެ. ރަސޫލާ صلى الله عليه وسلم ގެ މިއިރުޝާދާ އެއްގޮތަށް ކަންތައް ނުކޮށްފިނަމަ، އޭނާއަކީ ތަކުރާރުކޮށް އަޅުކަމުގައި ދެމިހުއްޓަސް ޙަޤީޤީ އަޅުވެރިއަކަށް ނުވާނެއެވެ. ނަމަވެސް އެމީހަކު ވެގެންދާނީ ރަސޫލާ صلى الله عليه وسلم ގެ ސުންނަތަށް ބޯނުލަނބާ ދީނާދުރު، ޝައިޠާނާގެ ހެއްލުމުގެ ތެރޭގައި އަޅުކަންތަކާއި އެހެނިހެން ކަންކަންވެސް ކުރުމުގައި ހޭދަކުރާ އަބާއްޖަވެރިއަކަށެވެ.
އަޅަމެންނީ ޝައްކުތަކަށް ނުހެއްލޭ، ޝައިޠާނާގެ ވަސްވާސްތަކުން ދުރުހެލިވެގެންވާ ބައެއްގެ ގޮތުގައި ލައްވާށިއެވެ! އާމީން!
وصلى الله وسلم على نبينا محمد وعلى آله وأصحابه أجمعين.