ވާހަކަދެއްކުމުގެ ޤައުމީ މުބާރާތުން 1 ވަނަ އަޙްމަދިއްޔާ އަށް

އަލްއުސްތާޛު އިބްރާހީމް ޝިހާބުގެ ހަނދާނީ ވާދައިގެ ތަށްޓަށް ދިވެހި ބަހުގެ އެކެޑަމީ އިން ބޭއްވި ވާހަކަދެއްކުމުގެ 36 ވަނަ ގައުމީ މުބާރާތުގެ ސާނަވީ ގިންތިން އަހްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލް 1 ވަނަ ހޯދައިފިއެވެ. މިއަހަރުގެ މާދަރީ ބަހުގެ ދުވަސް ފާހަގަކުރުމާއި ވާހަކަދެއްކުމުގެ މުބާރާތުގެ ނަތީޖާ ފާޅުކުރުމަށް ރޭ ސަލްމާން މިސްކިތުގައި ބޭއްވި ޚާއްޞަ ޖަލްސާގައި  އަހްމަދިއްޔާއަށް ތަށި ހަވާލުކޮށްދެއްވީ ޖަލްސާގެ ޝަރަފްވެރި މެހްމާން މިނިސްޓްރީ އޮފް ފޮރިންއެފެއާޒގެ ޖޮއިންޓް ސެކްރެޓަރީ މިދުފާ ނަޢީމެވެ.

އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ ޕްރިންސިޕަލް މުޙައްމަދު ރަޝީދު ވިދާޅުވީ، މިއީ އަޙްމަދިއްޔާއަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް ކަމެވެ. ވަށާޖެހޭ ތަޢުލީމެއްގެ ތެރެއިން އަޙްމަދިއްޔާއަކީ ހަމައެކަނި ކިޔެވުމަށް އިސްކަންދޭ ސްކޫލެއް ނޫންކަމާއި ކުޅިވަރާއި އަދަބީ ހަރަކާތްތަކުގައިވެސް އަޙްމަދިއްޔާއަކީ ކުލަގަދަ ކާމިޔާބީ ތަކެއް ހޯދާ ސްކޫލެއްކަމުގައިވެސް ވިދާޅުވިއެވެ. ވާހަކަ ދެއްކުމުގެ ޤައުމީ މުބާރާތުން ސާނަވީ އިން 1 ވަނަ އަދި މަތީ ސާނަވީއިން 2 ވަނަ ލިބުނުކަމީ އަޙްމަދިއްޔާގެ ތާރީޚްގައިވެސް ވާހަކަ ދެއްކުމުގެ މުބާރާތުން ލިބުނު އެންމެ ފުރިހަމަ ކާމިޔާބީ ކަމުގައިވެސް ޕްރިންސިޕަލް ވިދާޅުވިއެވެ. އަދި މިކަމުގެ ޝާމިލުވެ ވަޑައިގެންނެވި ހުރިހާ މުދައްރިސުންނަށް ޕްރިންސިޕަލް ޝުކުރު އަދާކުރެއްވިއެވެ.

ޕްރިންސިޕަލް ވިދާޅުވީ، ކުރިއަށް އޮތްތާގައިވެސް މި މުބާރާތުން ކާމިޔާބީހޯދުމަށްޓަކައި ސްކޫލުން މަސައްކަތް ކުރާނެކަމުގައެވެ. އަދި މިކާމިޔާބީ ދެމެހެއްޓުމަށް ހުރިހާ މުދައްރިސުން މަސައްކަތްކޮށްދެއްވުމަށް ޕްރިންސިޕަލް އެދިވަޑައިގަތެވެ.

މި މުބާރާތުގައި އަޙްމަދިއްޔާއިން ވާދަކުރި މަތީ ސާނަވީ ގިންތިން އަޙްމަދިއްޔާ އަށް ލިބުނީ 2 ވަނަ އެވެ. މި ޢުމުރު ފުރައިން 1 ވަނަ ހޯދީ، ސެންޓަރ ފޮރ ހަޔަރ ސެކެންޑަރީ އެޑިޔުކޭޝަން އެވެ.

ދަށު ސާނަވީ ބައިން 1 ވަނަ ހޯދީ ޖަމާލުއްދީން ސްކޫލްގެ ފާޠިމަތު ސާރާ ނަޒީރެވެ. 2 ވަނަ ހޯދީ ޢަރަބިއްޔާ ސްކޫލްގެ މުޙައްމަދު ޔަޝާޢު މުޞްޠަފާއެވެ. 3 ވަނަ އިސްކަންދަރު ސްކޫލްގެ އަޝާ އަޙްމަދެވެ.

މުޅި މުބާރާތުން ސާނަވީ ގިންތިން 2 ވަނަ ޢަލާ ޢަބްދުއްސައްތާރު

މުޅި މުބާރާތުން ސާނަވީ ބައިން 2 ވަނަ ޙާޞިލް ކުރީ އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ ޢަލާ ޢަބްދުއްސައްތާރެވެ.  މި އުމުރުފުރައިން 1 ވަނައަށް ދިޔައީ، ރެހެންދި ސްކޫލްގެ ރާއިފު އަޙްމަދު ރާޒީއެވެ. 3 ވަނަ ހޯދީ ކަލާފާނު ސްކޫލްގެ ޢައިޝަތު އަލާ ޢަލީ އެވެ.

މުޅި މުބާރާތުން މަތީ ސާނަވީ ގިންތިން 2 ވަނަ އިޔާން ޢަލީ މޫސާ

މަތީ ސާނަވީ ބައިން 1 ވަނަ ލިބުނީ ސީއެޗް އެސްސީ ގެ އަޙްމަދު އަލާއު އިސްމާޢީލަށެވެ.  2 ވަނަ އަށް ދިޔައީ، އަހްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލް ގެ  އިޔާން ޢަލީ މޫސާ އެވެ. 3 ވަނަ އަށް ދިޔައީ ހަމަދު ބިން ޚަލީފާ އައްޘާނީ ގެ ޢާއިޝަތު ބިން ޢަބްދުއްރައޫފެވެ.

ވާހަކަދެއްކުމުގެ ޤައުމީ މުބާރާތުގެ ދަށު ސާނަވީ ބައިން އަޙްމަދިއްޔާގެ ދަރިވަރަކު ގަދަ 10 އަށް ހޮވުނެވެ. އެއީ މުޙައްމަދު ޔާނިޝް އަހްމަދެވެ. ސާނަވީ ބައިން 2 ދަރިވަރަކު ގަދަ 10 އަށް ވާދަކުރިއެވެ. އެއީ، މުޙައްމަދު ރައްޔާން އާއި ޢަލާ ޢަބްދުއްސައްތާރެވެ. މަތީ ސާނަވީ ބައިން 3 ދަރިވަރު ގަދަ 10 އަށް ހޮވުނެވެ. އެއީ، އާމިނަތު ފާޠިނާ އަޙްމަދާއި، އަނާ ޢަބްދުއްސައްތާރާއި އިޔާން ޢަލީ މޫސާ އެވެ.

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *