އާރޓިކަލް 112 : ރޯދަމަހުގެ ރޯދައަކީ ހަމައެކަނި ހައިބަނޑާހުރުން ކަމުގައި ނަހަދަމާ!

الْحَمْدُ لِلَّهِ رَبِّ العَالَمِينَ. وَالصَّلاَةُ وَالسَّلاَمُ عَلَى نَبِيِّنَا مَحَمَّدٍ وَعَلَى آلِهِ وَأَصْحَابِهِ. أَمَّا بَعْد.

އަހަރެއްގެ ތެރޭގައި މުސްލިމުންނާ ކުރިމަތިވެގެން އަންނާނެ އެންމެ މާތް މައްސަރާ މިއަހަރު މިވަނީ ކުރިމަތިލެވިފައެވެ. އެދުވަސްތަކުގެ މާތްކަމާއި މަތިވެރިކަން ހިތަށް އެންމެބޮޑަށް ގެނެވޭނީ އެކަމުގެ އުޚުރަވީ ފައިދާތައް އަބަދު ހިތަށް ގެނެސްގަންނަ މީހަކަށެވެ. ނަމަވެސް އެއީ މުސްލިމުންގެ ތެރެއިން އެންމެންގެ ވިސްނުން މިޒަމާނުގައިވެސް އަދި ކުރީގެ ޒަމާންތަކުގައިވެސް ހުރިގޮތެއް ނޫނެވެ. ބައެއްމީހުން އަބަދުވެސް ދުނިޔެވީ ނަޒަރިއްޔާތަކުން ވިސްނުން ބައްޓަންކުރެއެވެ. އެގޮތުން އެބައިމީހުންގެ ހިތްތަކުގައި ރޯދަޔާމެދުވެސް، ރޯދަހިފުމުގައިވެސް ވިސްނުންތައް ތަރުތީބުކޮށްފައި ހުންނަނީ އެކަމުގައި ހުރި ދުނިޔެވީ ފައިދާތަކަށެވެ. ރަނގަޅެވެ! ޝައްކެއްވެސް ނެތެވެ! މާތް ﷲ ކަނޑައެޅުއްވި ކޮންމެ ޙުކުމެއްގައި ދުނިޔެވީގޮތުން އިންސާނުންނަށް ވަނީ ހުސް ފައިދާއެވެ. ނަމަވެސް މިއަޅުކަންތަކުގެ މައިގަނޑު މަޤްޞަދަކީ އާޚިރަތުގައި ލިބެންއޮތް މަންފާތަކާއި ނިޢުމަތްތަކެވެ. އެގޮތަށް ރޯދައިގެ ކަންކަން ތަރުތީބުކޮށްފި ނަމަ އެރޯދަވެރިޔާގެ ރޯދަވީ ޙަޔާތް ވަރަށްވެސް ތަފާތުވާހުއްޓެވެ. އެއީ ﷲ سبحانه وتعالى މުސްލިމް މީހާގެ ފަރާތުން އެދިވޮޑިގަންނަވާ ރޯދަ އެއިލާހުގެ ޙަޟްރަތަށް އުފުލިގެންދާފަދަ، އެކަލާނގެ ފުރިހަމަ ޤަބޫލުކުރެއްވުމަކުން ޤަބޫލުކުރައްވާނެ، އަދި އެކަމުގެ ބޮޑުވެގެން އަޖުރާއި ޘަވާބު ދެވިގެންދާނެއެވެ.

ބުޚާރީ އާއި މުސްލިމް ރިވާކުރެއްވި ޤުދުސީ ޙަދީޘެއްގައި މާތް ﷲ ވަޙީކުރެއްވި ކަމުގައި ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ: ((كُلُّ عَمَلِ ابْنِ آدَمَ لَهُ إِلَّا الصِّيَامَ فَهُوَ لِي وَأَنَا أَجْزِي بِهِ إِنَّمَا يَتْرُكُ طَعَامَهَ وَشَرَابَهُ مِنْ أَجْلِي فَصِيَامُهُ لَهُ وَأَنَا أَجْزِي بِهِ كُلُّ حَسَنةٍ بِعَشْرِ أَمْثَالِهَا إِلَى سَبْعَمِائَةِ ضَعْفٍ إِلَّا الصِّيَامَ فَهُوَ لِي وَأَنَا أَجْزِي بِهِ)) މާނައީ: [އާދަމުގެދަރިޔާގެ ކޮންމެ ޢަމަލެއްވަނީ އޭނާއަށެވެ. ރޯދަ ފިޔަވައެވެ. އެއީ ތިމަންއިލާހުގެ އެއްޗެކެވެ. އެއަށް ޖަޒާ ދެއްވާނީ ތިމަންއިލާހެވެ. އެހެނީ ހަމަކަށަވަރުންވެސް އޭނާގެ ކެއުމާއި އޭނާގެ ބުއިން އޭނާ ދޫކޮށްލީ ތިމަންއިލާހަށްޓަކައެވެ. ފަހެ އޭނާގެ ރޯދައިގެ (އަޖުރު) އޭނާއަށް ލިބިގެންވެއެވެ. އޭގެ ޘަވާބު ދެއްވާހުށީ ތިމަންއިލާހެވެ. ކޮންމެ ހެޔޮކަމެއްގެ ޘަވާބު އޭގެ ދިހަގުނައިން ހަތްސަތޭކަ ގުނައަށް ލިބޭހުއްޓެވެ. ރޯދަ ފިޔަވައެވެ. ފަހެ އެއީ ތިމަންއިލާހުގެ އެއްޗެކެވެ. އެއަށް ޖަޒާ ދެއްވާހުށީ ތިމަންއިލާހެވެ.] އެމާތް އަޅުކަމުގެ ބޮޑުވެގެންވާ ދަރުމައާއި ޘަވާބު އެކަލާނގެ ވަނީ އަންގަވައި ނުދެއްވާ އެކަލާނގެ ޙަޟްރަތުގައި ރައްކާކުރައްވާފައެވެ. ނަމަވެސް ފާހަގަކޮށްލަންޖެހޭ ސުވާލަކީ، އެއީ ކާކުގެ ކޮންކަހަލަ ރޯދައެއްހެއްޔެވެ؟ އެއީ ﷲ سبحانه وتعالى އަށްޓަކައި ނުކައި ނުބޮއި ހުރި ރޯދަވެރިޔާއެވެ. އަދި ބައެއް އެހެންރިވާޔަތްތަކުގައި އައިސްފައިވެއެވެ: ((يَدَعُ شَهْوَتَهُ وَطَعَامَهُ مِن أَجْلِي)) މާނައީ: [އޭނާގެ ޝަހްވަތާއި އޭނާގެ ކެއުން އޭނާ ދޫކޮށްލީ ތިމަންއިލާހުއަށްޓަކައެވެ.] ރަނގަޅު ނިޔަތުގައި ކެއުމާއި ބުއިން ދޫކޮށްލި ރޯދަވެރިޔާއެވެ. އެއީ އެކަލާނގެ ޙަޟްރަތުން ދަރުމަޔާއި ޘަވާބަށް އެދިއެވެ. އޭގެ މާނައަކީ އޭނާ އެއެދޭ ކަންތައް އޭނާގެ ހިތުގައި ކަނޑައެޅިފައިވެއެވެ. އަދި އެކަންތައް ރަމަޟާންމަހުގެ ދުވަސްތައް ފާއިތުވަމުން ދާއިރު އޭނާގެ ހިތުގައި ކޮންމެ ރޯދައެއްގެ ކުރިން އެކަން ހިތަށް އާދެއެވެ. އެކަލާނގެ ޙަޟްރަތުން ޘަވާބަށް އެދިގެން ރޯދަހިފާކަން އޭނާގެ ހިތުގައި ހިނގައެވެ. އެއަށް އޭނާ އެދެއެވެ. ރޯދަ ނިންމާފައި އެހިފި ރޯދައިގެ ފުރިހަމަ އަޖުރު ދެއްވުން އެދި ދުޢާކޮށް ދަންނަވައެވެ. އެއިން ކޮންމެ ރޯދައެއް އެމަތިވެރި ކަލާނގެ ޤަބޫލުކުރައްވާތޯ އެދި ދަންނަވައެވެ. އެކަމަށް ނުހަނުބޮޑަށް ހިތުގައި އެދެއެވެ.

މިފަދައިން ކެއުންބުއިން ދޫކޮށްލައިފި މީހާގެ އެންމެހައި ކުދިފާފަތަކެއް އެކަމަށް ތައުބާ ނުވިޔަސް ކައްފާރާގެ ގޮތުގައި ފުހެވިގެންދެއެވެ. ބުޚާރީއާއި މުސްލިމް ރިވާކުރެއްވި ޙަދީޘެއްގައިވެއެވެ: ((مَن صامَ رَمَضانَ إيمانًا واحْتِسابًا غُفِرَ له ما تَقَدَّمَ مِن ذَنْبِهِ)) މާނައީ: [އީމާންކަމާއެކު ޘަވާބަށްއެދި ރަމަޟާންމަހުގެ ރޯދަ ހިފައިފިމީހާގެ އިސްވެދިޔަ ފާފަތައް ފުހެވިގެން ދެއެވެ.] ވީމާ ރޯދައިގެ މިއެންމެހައި މަތިވެރިކަން ލިބުމަށްޓަކައިވެސް ރޯދަޔަކީ ހުސްއެކަނި ހައިބަނޑާހުރުން ކަމުގައި ވެގެންނުވާނެއެވެ. އެކަމުގައި ހިތުގައި ވަރަށްފުރިހަމަ ނިޔަތެއް އޮންނަންޖެހެއެވެ. އެއީ މާތް ﷲ އަށްޓަކައި ހިފާ ރޯދަޔަކަށް ހެދުމެވެ. އެކަލާނގެ ޙަޟްރަތުން ދަރުމައަށް އެދޭ ބޮޑުއެދުމެވެ.

މާތް ﷲ އަށްޓަކައި ރޯދަހިފާ ރޯދަވެރިޔާ އެކަލާނގެއަށް ފުރިހަމައަށް ކިޔަމަން ގަނެއެވެ. އެކަލާނގެ އެންގެވީތީ ނަމާދުތައް ފުރިހަމަކުރެއެވެ. އެކަލާނގެ އެންގެވީތީ ޒަކާތްދެއެވެ. އެކަލާނގެ އެންގެވީތީ ގިނަގިނައިން ޞަދަޤާތް ދެއެވެ. އެކަލާނގެ އެންގެވީތީ ނަބިއްޔާއަށް ފުރިހަމައަށް ތަބާވެ ރޭއަޅުކަންތަކުގައި ދެމިހުރެއެވެ. ދުވަހުންދުވަހަށް ޤުރުއާން ކިޔެވުމުގައި ދެމިހުރެއެވެ. އެކަލާނގެ އެންގެވީތީ މައިންބަފައިންނަށް އިޙްސާންތެރިވެއެވެ. އެކަލާނގެ އެންގެވީތީ އަވަށްޓެރީންނަށް ހެޔޮކޮށް ހިތައެވެ. ބޮޑާކަމެއްނެތި މީސްތަކުންނަށް ހިތްހެޔޮކަން އަދާކުރެއެވެ. އެންމެހައި ޝަހްވަތްތަކުން ދުރުހެލިވެއެވެ. އެންމެހައި ނުބައިބަސްތަކުން ދޫރައްކާތެރިކުރެއެވެ. އެންމެހައި ނުބައިޢަމަލުތަކުން ހަށިގަނޑުގެ ގުނަވަންތައް ރައްކާތެރިކޮށް ސަލާމަތްކުރެއެވެ. ބުޚާރީގައި ރިވާވެގެންވާ ޙަދީޘެއްގައިވެއެވެ: ((مَنْ لَمْ يَدَعْ قَوْلَ الزُّورِ وَالْعَمَلَ بِهِ ، فَلَيسَ لِلَّهِ حَاجَةٌ بِأَنْ يَدَعَ طَعَامَهُ وَشَرَابَهُ)) މާނައީ: [ދޮގުވާހަކަތަކާއި އެއާއެއްގޮތަށް ޢަމަލުކުރުން ދޫކޮށްނުލާމީހާ ދަންނާށެވެ. ފަހެ އޭނާގެ ކެއުމާއި ބުއިން ދޫކޮށްލުމުގައި، ﷲ އަށް އެއްވެސް ބޭނުންވެވޮޑިގަތުމެއް އެކަމުގައި ނުވެއެވެ.]

އަޅަމެންނީ ރޯދަހިފުމުގައި ހިތްނިޔަތް ޚާލިޞްކުރާ ޙާލުގައި ރޯދަތައް ފުރިހަމަކުރާ ބަޔަކުކަމުގައި ލައްވަވާ، އަޅަމެންގެ ރޯދަ ޤަބޫލުވެވިގެންވާ ރޯދަތަކެއްކަމުގައި ލައްވާށިއެވެ! އާމީން!

وصلى الله وسلم على نبينا محمد وعلى آله وأصحابه أجمعين.

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *