الْحَمْدُ لِلَّهِ رَبِّ العَالَمِينَ. وَالصَّلاَةُ وَالسَّلاَمُ عَلَى نَبِيِّنَا مَحَمَّدٍ وَعَلَى آلِهِ وَأَصْحَابِهِ. أَمَّا بَعْد.
ރޯދައަކީ ދީނުގައި މުސްލިމެއްގެ މައްޗަށް ފަރުޟުކުރެވުނު އެންމެވަރުގަދަ އަޅުކަންކަމުގައިވާ ނަމާދަށްފަހު، ފަރުޟުކުރެއްވި އެންމެ މާތް އަޅުކަމެވެ. ނަވާވީސް ނުވަތަ ތިރީސް ދުވަހު އެތަކެއް ގަޑިއިރުތަކެއް ވަންދެން އެއްވެސް އެއްޗެއް ނުބޮއި އަދި ނުކައި މުއުމިނު މީހާ ހޭދާކުރަނީ، އެއީ އެކަންކުރަން މާތް ﷲ އޭނާގެ މައްޗަށް އަމުރުކުރައްވާ އެންގެވީތީވެ، ބޯލަބާ ކިޔަމަން ގަތުމަށެވެ. އެވަރުގަދަ އީމާންކަމުގައި ރޯދަހިފަން ފަށާ މުއުމިނުމީހާ، ރޯދައިގެ ހުރިހައި ވަގުތެއްގައިވެސް އެކަންކުރަން އެންގެވި އިލާހަށް ކިޔަމަންތެރި ވާންޖެހޭނެއެވެ.
ރޯދައިގެ ފެށިގެން ނިމުމަށް ބަލާއިރުވެސް މުޅި ރޯދައިގެ ތެރެއަށް ކެތްތެރިކަމުގެ އަޅުކަންވެސް ވަދެގެންދެއެވެ. ކެތްތެރިކަމަކީވެސް ވަރަށް މަތިވެރި އަޅުކަމެކެވެ. އެއީ މީސްތަކުންނަށް އެއަޅުކަމެއްގައި ހިފަހައްޓާލަން އުނދަގޫ ކަމެކެވެ. "ކެތްތެރިކަން ކޮޅުންލައިފިއޭ" މިހެންބުނެ ގިނަބައެއްގެ ދުލުން ބޭރުވާބަސްތައް އެއީ އެކަމުގެ ހެއްކަކަށް ފުދެއެވެ.
އެއްވެސް އެއްޗެއް ނުބޮއި އަދި ނުކައި އެހާ ގިނައިރު ހޭދަކުރުމަކީ ނުހަނު ބޮޑު ކެތްތެރިކަމަކުން ވާނޭ ކަމެކެވެ. ނަމަވެސް އެކެތްތެރިކަމުގެ އަޅުކަން އޭނާގެ ރޯދައާއެކު ހިނގާކަން އެނގެނީ އެބަނޑުހައި ހޫނުކަމުގެ ސަބަބުން ނުބައި އަޚްލާޤާއި އެރޯދަ ފަރުޟު ކުރެއްވި ކަލާނގެ މަނާކުރެއްވި އެހެނިހެން ކަންކަމަށް އަރައިނުގަންނަ ނަމައެވެ. އެއެންމެހައި ކަމެއް ކޮންޓްރޯލު ކުރާމީހަކީ ކެތްތެރިވާމީހެކެވެ. ވީމާ ބަނޑުހައިހޫނު ކަމުގައި ހުއްޓާ، ރުޅިއަންނަ ކަމެއް ދިމާވިޔަސް ތިމާ އެހެންމީހުންދެކެ ރުޅިނައުމެވެ. ކިރިއާ ކަމެއްވާއިރަށް އެހެންމީހުންނާ މުޚާޠަބުކޮށް ހަޑިހުތުރު އެއްޗެތި ދުލުން ނުކިޔުމެވެ. އަތުންފައިން ގޯސްހަދާ، ބޭނުންތެރި ތަކެތި ހަލާކުކޮށް، އެހެންމީހުންނަށް އަތުންފައިން ޙަމަލާދީ ނެހެދުމެވެ. އޭރުން ހަވާނަފްސާ ދެކޮޅުވުމުގައި އޭނާއެވަނީ ވަރަށްބޮޑު ކާމިޔާބެއް ހޯދާފައެވެ. މިފަދައިން ކަންތައް ނުކޮށް، ރޯދަވެރިޔާ ހިތުހުރިހައި ގޮތަކަށް އޭނާގެ ދުލާއި އެހެނިހެން ގުނަވަންތައް ބޭނުންކުރާނަމަ، ބަނޑުހައި ހޫނުކަން ނޫން އެހެންކަމެއް އޭނާގެ ރޯދައިގައި ނުވެއެވެ. އެރޯދައިގައި ނުވަތަ އެބަނޑުހައި ހޫނުކަމުގައި ހުރުމަކަށް ﷲ سبحانه وتعالى އޭނާގެ ކިބައިން އެދިވޮޑިގެން ނުވެއެވެ.
ﷲ سبحانه وتعالى ރޯދަވެރިޔާގެ ކިބައިން އެދިވޮޑިގަންނަވަނީ ރޯދައިގެ ތެރޭގައި ދިމާވާ އެންމެހައި އުނދަގޫތަކަށް ކެތްތެރިކަން އިސްކުރުމެވެ. އެހެންމީހަކު އޭނާއަށް އެއްޗެތި ގޮވިޔަސް، އަޑުހަރުކޮށް އޭނާއަށް އަޑުއިވޭނޭ ފަދައިން ތިމަންނާއީ ރޯދަވެރިއެއްކަން އޭނާއަށް އެންގުމެވެ. ބަދަލުގައި ތިމާގެ ދުލުން ހަޑިހުތުރު އެއްޗެތި ނުގޮވުމެވެ. ބުޚާރީއާއި މުސްލިމުންގައި ރިވާކުރެއްވި ޙަދީޘެއްގައި ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ: ((وَإِذَا كَانَ يَوْمُ صَوْمِ أَحَدِكُمْ فَلَا يَرْفُثْ، وَلَا يَصْخَبْ، فَإِنْ سَابَّهُ أَحَدٌ، أَوْ قَاتَلَهُ؛ فَلْيَقُلْ: إِنِّي امْرُؤٌ صَائِمٌ)) މާނައީ: [ތިޔަބައިމީހުންގެ ތެރެއިން މީހަކު ރޯދައަށްހުރި ދުވަހެއް ކަމުގައި ވާނަމަ ފަހެ އޭނާ ހަޑިހުތުރު އެއްޗެތި ނުކިޔާހުށިކަމެވެ. އަދި އަޑުގަދަކޮށް ޖަދަލުކޮށް ޒުވާބު ނުކުރާހުށިކަމެވެ. ފަހެ، އެހެންމީހަކު އޭނާއަށް އެއްޗެތި ގޮވައިފިނަމަ ނުވަތަ އޭނާއާ ތަޅާފޮޅައިގެންފި ނަމަ، ފަހެ ތިމަންނާއީ ރޯދައަށްހުރި މީހެކޭ، މިފަދައިން އޭނާ ބުނާހުށިކަމެވެ.] ވީމާ އެހެންމީހަކު ކުރިކަމެއްގެ ސަބަބުން ތިމަންނާ އެކަމާ ހިތްދަތިވެ، ރުޅިއައިސް، ހިތްނުތަނަވަސްވެ، ހިތަށް ކިތަންމެ އަނިޔާވިޔަސް ކެތްތެރިކަން އިސްކޮށް، ދުލުން ހަމައެކަނި ބުނެލަންވީ ބަހަކީ ތިމަންނާ މިހުރީ ރޯދައަށޭއެވެ. ކެއުންބުއިމަކީ ދީނުގައި ހުއްދަ ކަންކަމަށްވީއިރުވެސް، ތިމަންނާ މިހުރީ މާތް ﷲ އަށްޓަކައި އެހުއްދަ ކަންކަމުންވެސް މަނާވެގެންނެވެ. ވީމާ އަދި އަމުދުން ރޯދަވެރިޔާއަށާއި ރޯދަވެރިޔާނޫން މީހާއަށްވެސް ޙަރާމްވެފައިވާ ކަމެއް އަހުރެން ކުރާނޭހެއްޔެވެ؟ ހަމަހިލާ ނުކުރާނަމެވެ. އަދި އެޙަރާމް ކަންކަމުންވެސް އަހުރެން މިވަނީ މަނާވެގެންނެވެ. އަހަރެންގެ އަޑުވެސް ތިބާއާ ދެކޮޅަށް ގަދަނުކުރާނަމެވެ. އެއީ މަށަކީ ރޯދަވެރިއެކެވެ. އޭގެ އިތުރުން ހަށިގަނޑުގެ އެތަންމިތަނަށް ކިތަންމެ ވޭނެއް އަޅާ ބޮޑެތި އަނިޔާތަކެއް އެހެންމީހަކު ދިންނަމަވެސް، ތިބާގެ ދުލުން ހަމައެކަނި އޭނާއަށް ބުނެލަން އޮތީ ތިމަންނާމިހުރީ ރޯދައަށެވެ. މިނޫން ބަހެއް ނުވަތަ ޢަމަލެއް ތިމަންނާގެ ފަރާތަކުން ނުވެއެވެ.
ކޮންފަދަ މާތް ކެތްތެރިކަމެއް ހެއްޔެވެ؟ އެއީ ޙަޤީޤީ ރޯދަވެރިޔާއެވެ. އޭނާގެ ރޯދައިގެ މަތިވެރި ދަރުމައާއި ޘަވާބުގެ އިތުރުން އެތަކެއްގުނަ އިތުރު ޘަވާބުތަކެއް އެހެން އަޅުކަމަކުން އޭނާއަށް ތައްޔާރުވެފައިވެއެވެ. އެއަޅުކަމުގެ ޘަވާބަކީ އޭގެ ގިނަގުނަކަމުން އޭގެ އެއްވެސް ހިސާބެއް ނެތް ދަރުމައެކެވެ. މާތް ﷲ ވަޙީކުރެއްވިއެވެ: ﴿قُلْ يَٰعِبَادِ ٱلَّذِينَ ءَامَنُواْ ٱتَّقُواْ رَبَّكُمْ ۚ لِلَّذِينَ أَحْسَنُواْ فِى هَٰذِهِ ٱلدُّنْيَا حَسَنَةٌ ۗ وَأَرْضُ ٱللَّهِ وَٰسِعَةٌ ۗ إِنَّمَا يُوَفَّى ٱلصَّٰبِرُونَ أَجْرَهُم بِغَيْرِ حِسَابٍۢ﴾ سورة الزمر:10 މާނައީ: [ކަލޭގެފާނު ވިދާޅުވާށެވެ! އޭ އީމާންވެގެންތިބި ތިމަންއިލާހުގެ އަޅުތަކުންނޭވެ! ތިޔަބައިމީހުންގެ ވެރިއިލާހަށް ތިޔަބައިމީހުން ތަޤްވާވެރިވާށެވެ. ހެޔޮދަރުމަ ލިބުންވަނީ މިދުނިޔޭގައި އިޙްސާންތެރިވީ މީހުންނަށެވެ. އަދި ﷲ ގެ ދުނިޔެވަނީ ތަނަވަސް ތަނެއްގެ ގޮތުގައެވެ. ހަމަކަށަވަރުން ކެތްތެރީންނަށް އެބައިމީހުންގެ އަޖުރު ދެއްވުންވަނީ ހިސާބެއް ނެތިއެވެ.]
ކެތްތެރިޔާގެ ޘަވާބަކީ ނުހަނުގިނަ ހިސާބުނުކުރެވޭ ދަރުމައެކެވެ. އެއީ އޭމީހެއްގެ އަޅުކަމުގައި އިޙްސާންތެރިވިމީހާއެވެ. މާތްﷲ އަށް ކިޔަމަންތެރިވުމުގައި ހެޔޮކޮށް ކަންތައްކުރި މީހާއެވެ. އެހެނިހެން މުޢާމަލާތްތަކުގައިވެސް އިޙްސާންތެރިވި ތަޤްވާވެރިޔާއެވެ. އެމީހަކީ ތިމާއަށް މީހަކު ނުބައިކަމެއް ހިންގުމުން އެފާފައިން ސަލާމަތްވާނެ ތަނެއް ދުނިޔޭގައި ނެތިގެން އުޅޭމީހެއް ނޫނެވެ. އޭނާއަށް އެފާފައިން ދުރުހެލިވެގެން ދާނެ ތަންތަން ދުނިޔޭގައިވެއެވެ. އޭނާއަށް ދުނިޔެއަކީ ތަނަވަސްތަނެކެވެ. އެފަދައިން އޭނާ ކެތްތެރިވެ، ދުނިޔޭގައި ތަނަވަސް ކޮށްދެއްވި ބިންމަތީގައި ފާފަތަކުން ދުރުވެ، ސަލާމަތުގެ ބިމަކަށް ދެއެވެ. އޭނާ ހުރިތަން ބަދަލުކޮށް ފާފައިން ސަލާމަތްވެއެވެ. ތިމަންނާއީ ރޯދަވެރިއެކޭ ބުނަމުންނެވެ. އެކަން އޭނާއަށް ޙާޞިލުކުރެވުނީ ވަރަށްވަރުގަދަ ބާރަކުންނެވެ. އެއީ އޭނާގެ ތަޤްވާވެރިކަމުގެ ސަބަބުންނެވެ. މާތް ﷲ ވަޙީކުރެއްވިބަސްފުޅެއްގެ މާނައިގައިވެއެވެ: [ތިޔަބައިމީހުންގެ ކުރީގެ މީސްތަކުންނަށް ރޯދަފަރުޟު ކުރެވުނު ފަދަޔަކުން ތިޔަބައިމީހުންގެ މައްޗަށް ރޯދަ ފަރުޟުކުރެވިއްޖެއެވެ. އެއީ ތިޔަބައިމީހުން ތަޤްވާވެރި ވުމަށްޓަކައެވެ.]
އެތަޤްވާވެރި ކެތްތެރިޔާގެ ޘަވާބަކީ މިނެކިރައިގެން ދެވޭ އެއްޗެއް ނޫނެވެ. ނަމަވެސް އެއިން އުނިނުވެ އޭގެ ފުރިހަމަ ޘަވާބު އޭނާއަށް ލިބިގެންވާ ގިނަގުނަ ޘަވާބެކެވެ.
އަޅަމެންނީ ރޯދަހިފުމުގައި ނުހަނު ކެތްތެރިވާ، ރޯދައިގެ އެންމެފުރިހަމަ ޘަވާބު ހޯދުމުގެ ނިޔަތުގައި ރޯދަހިފާ ތަޤްވާވެރި ބަޔަކު ކަމުގައި ލައްވާށިއެވެ! އާމީން!
وصلى الله وسلم على نبينا محمد وعلى آله وأصحابه أجمعين.