الْحَمْدُ لِلَّهِ رَبِّ العَالَمِينَ. وَالصَّلاَةُ وَالسَّلاَمُ عَلَى نَبِيِّنَا مَحَمَّدٍ وَعَلَى آلِهِ وَأَصْحَابِهِ. أَمَّا بَعْد.
ރޯދަހިފަމުން ދާމީހަކު އޭނާ ފަޖުރުގެ އަލިކަން ފައުޅުވީއްސުރެ އިރުއޮއްސުމާއި ހަމައަށް އެމަތިވެރި އަޅުކަމުގައި ދެމިގެންދާއިރު އެރޯދައެއް ހިފެން އޮތް އެންމެފުރިހަމަ ގޮތުގައި ހިފުމަށް ބޭނުންވާނެކަން ކަށަވަރެވެ. ނަމާދާއި އެހެނިހެން އަޅުކަންތައް އެންމެފުރިހަމަ އަދި އެންމެފުރިހަމަ ނުވިޔަސް ވެވެން އޮތް އެންމެފުރިހަމަ ކަމެއް އެއަޅުކަމެއްގައި ގެނެސްގަންނަން ބޭނުންވާ ފަދައިން، ރޯދަވެސް އެފަދަ މާތްކަމާއި ދަރުމައާއި ޘަވާބު ޙާޞިލުވާ ފަދައިން ރޯދަ ހިފިގެންދާން ބޭނުންވާނެއެވެ. އެގޮތުން ރޯދަ ހިފަން ފަށާ ގޮތާއި އެކަން ނިންމާގޮތްވެސް އެރޯދައިގެ ފުރިހަމަކަމާއި ޒީނަތްތެރިކަމުގެ ތެރެއަށް ވަދެގެންދާނެއެވެ. އެގޮތުން ރޯދަ ވީއްލުމުގައިވެސް ހަމަ އެންމެފުރިހަމަ ގޮތުގައި އެކަން ކުރެއްވީ އަހަރެމެންގެ މާތް ނަބިއްޔަ މުހައްމަދު صلى الله عليه وسلم އެވެ. އަދި އެއަށްފަހު މާތް ﷲ ގެ ރުއްސެވުން ލިބިގެންވީ، އެނަބިއްޔާގެ މާތް ޞަޙާބީންނެވެ.
އެނަބިއްޔާގެ އިރުޝާދުފުޅަށް ބަލާއިރު އެންމެމުހިންމު އަދަބަކަށް ފާހަގަކުރެވެނީ ރޯދަވީއްލުން ލަސްނުކޮށް، އަބަދުވެސް އެކަން އަވަސްކުރުމަށް މަސައްކަތްކުރުމެވެ. އެއީ މިއަޅުކަމުގެ ނުހަނު މުހިންމު ކަމެއްގެ ގޮތުގައި ފާހަގަކުރައްވާ ބުޚާރީ އާއި މުސްލިމް ރިވާކުރެއްވި ޙަދީޘެއްގައި އެނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ: ((لاَ يَزَالُ النَّاسُ بِخَيْرٍ مَا عَجَّلُوا الفِطْرَ)) މާނައީ: [މީސްތަކުން ރޯދަވީއްލުން އަވަސްކުރާހާ ހިނދަކު އެބައިމީހުންވަނީ ހެޔޮގޮތުގައެވެ.] ވީމާ ރޯދަ ވީއްލުން މީސްތަކުން ލަސްކުރަން ފަށައިފިނަމަ، އެބައިމީހުން ވަރަށްބޮޑު ހެޔޮކަމަކުން މަޙްރޫމަވެގެން ދާނެއެވެ. އަދި އެކަން ލަސްކުރަން ފަށައިފި ނަމަ އެއީ އެމީހުންގެ މައްޗަށް ފަސާދަ އަންނަކަމުގެ ޢަލާމާތަކަށްވެގެން ދެއެވެ. އެއާ ޚިލާފަށް ރޯދަވީއްލުން އަވަސްކުރާނަމަ، އެބައިމީހުންގެ ގައިގައި އެވަނީ ސުންނަތަށް ޢަމަލުކުރާ ކަމުގެ ޢަލާމާތެކެވެ. އެކަން ލަސްކުރާނަމަ އެއީ އިސްލާމްދީން ނޫން އެހެން ބައެއް ދީންތަކުގެ އަހުލުވެރިންނާ އެއްގޮތްވެ، އެބައިމީހުންފަދަ ހެވެއް ނެތް ބަޔަކަށް ވެގެން ހިނގައިދާނެ ކަމެކެވެ. ބައެއް ދީންތަކުގެ މީހުންނީ އިޝާ ވަންދެން ނުވަތަ ރޭގަނޑުގެ ތަރިތައް ފެންނަންދެން ރޯދަވީއްލުން ލަސްކުރާމީހުންނެވެ. އަބޫދާވޫދު ރިވާކުރެއްވި ޙަދީޘެއްގައިވެއެވެ: ((لأَنَّ الْيَهُودَ وَالنَّصَارَى يُؤَخِّرُونَ)) މާނައީ: [ސަބަބަކީ ޔަހޫދީންނާއި ނަޞާރާއިންނަކީ (ރޯދަވީއްލުން) ލަސްކުރާބައެކެވެ.]
ދެވަނަކަމަކަށް ވިސްނަންވީ ކަމަކީ ރޯދަވީއްލުމުގައި ގިނަގުނަ ތަފާތު ވައްތަރުތަކުގެ ކެއުންތައް އެގަޑީގައި ކެއުމުގެ ބަދަލުގައި އެންމެވައްތަރެއްގެ މަދު ކާއެތިކޮޅަކާއި ފެންފޮދަކުން އެކަނި ފުއްދާލުމެވެ. އެހެނީ އެތަކެއް ގަޑިއިރެއް ވަންދެން ހައިހޫނުކަން މަތީގައި ހުރިމީހަކު، ކުއްލިއަކަށް އެބަނޑު ކާތަކެތިންނާއި ފެނާއި ޖޫހުން ފުރާލުމުން، އެއީ ޞިއްޙީގޮތުންވެސް ނުހަނު ގެއްލުން ހުރިކަމެއްކަން، ޑޮކްޓަރީ ގޮތުން ސާބިތުވެފައިވުމުގެ އިތުރުން ހަމަބުއްދިން ވިސްނައިލި ނަމަވެސް އެނގިގެންދާނެކަން ކަށަވަރެވެ. އޭނާގެ ހުސްވެފައިވާ ބަނޑު ތައްޔާރުވެފައިވަނީ އެވަރު ބޮޑު ޢަދަދެއްގެ ކާތަކެއްޗަކަށް ނޫނެވެ. އެންމެފުރަތަމަ ވަރަށް މަދުކާއެތިކޮޅަކާއި ކުޑަ ފެންފޮދެކެވެ. މިކަން މިއާޚިލާފަށް ކުރުމުން ރޯދައިގެ އެހެނިހެން ބައެއް މަޤްޞަދުތައްވެސް ގެއްލިގެންދެއެވެ. އެހެނީ ރޯދައިގެ ބޭނުމަކީ މީހާ ތަޤްވާވެރިވުމެވެ. ތަޤްވާވެރުވުމުގެ އެންމެ މަތީދަރަޖައިގައި ވަނީ ފަރުޟު ނަމާދުތައް އޭގެ ވަގުތުގައި ކުރުމުގެ އިތުރުން އެނަމާދުތައް އޭގެ އެންމެމާތްކަން ބޮޑުގަޑީގައި ކުރުމެވެ. މަޣްރިބް ނަމާދުގެ އެންމެ މާތް ގަޑިއަކީ އެނަމާދުގެ އެންމެފުރަތަމަ ވަގުތެވެ. ނަމަވެސް މިހާގިނައިން ކެއުމުގެ ސަބަބުން، އޭނާގެ އެކެއުމަށް ވަގުތުތަކެއް ނެގުމުގެ ސަބަބުން، ނަމާދުގެ އެންމެމާތް ވަގުތުގެ މައްޗަށް އޭނާ ކެއުމަށް އޮންނަ ދަހިވެތިކަން އިސްކޮށްފިއެވެ. އޭގެ ސަބަބުން ކަންނެތްވެ، ނަމާދު އިތުރުވަގުތުތަކަށް ފަސްކުރުމުގެ އާދަ ހަރުލައެވެ. އަދި މީގެ އެންމެ ނުރައްކާތެރިކަމަކީ ނަމާދު އޭގެ ވަގުތުގައި އަދާނުކޮށް ނަމާދު އަޅާމީހަކަށް ވެގެން ދިއުމެވެ. މިފަދަ މީހަކު ޙަޤީޤަތުގައި ރޯދަހިފުމުގެ ބޭނުމަކީ ކޮބައިބާއެވެ! ނަމާދު ނުކުރާ މީހަކަށް ލިބިގެންވަނީ ކޮން ރޯދައެއްގެ މާތްކަމެއް ހެއްޔެވެ؟!
ނަބިއްޔާގެ ސުންނަތަށް ބަލައިލުމުން ފެންނަނީ ރޯދަވެރިޔާއަށް ދުނިޔެއާއި އާޚިރަތަށް އެންމެ މާތްކަން ބޮޑުގޮތެވެ. އަބޫދާވޫދާއި އައްތިރްމިޛީ ރިވާކުރެއްވި ޙަދީޘެއްގެ މާނައިގައިވެއެވެ: އަނަސް رضي الله عنه ވިދާޅުވިއެވެ: މާތް ﷲ ގެ ރަސޫލާ صلى الله عليه وسلم ނަމާދުގެ ކުރިން މަދު ރުޠަބުކޮޅަކުން ރޯދަވީއްލަވައެވެ. ރުޠަބުކޮޅެއް ނުލިބުނުނަމަ ކަދުރުކޮޅަކުންނެވެ. ކަދުރުކޮޅެއް ނެތްނަމަ ފެން ކޯވަރުތަކެއް ބޯލައްވައެވެ.] މިއީ ނަބިއްޔާ صلى الله عليه وسلم ގެ ރޯދަވީއްލެވުމެވެ. މަދު ކަދުރުކޮޅަކުންނެވެ. އޭރުން އޭނާގެ ލޭ ހިނގުމަށް ތެތްކަން ލިބިގެން ދެއެވެ. ކަރުހިއްކުން ފިލައިދެއެވެ.
ތިންވަނަ އަދަބަކަށް ބަލާލާއިރު އެގަޑީގައި ދުޢާކުރުން ސުންނަތްވެގެންވެއެވެ. އެއީވެސް ދުޢާއިޖާބަކުރައްވާ ގަޑިއަކަށް ވުމާއެކުއެވެ. ސުންނަތުން ސާބިތުވެގެންވާ ދުޢާއެއް ވެއެވެ. އައްނަސާއީ ރިވާކުރެއްވި ޙަދީޘެއްގައިވާ ދުޢާއެއްގައިވެއެވެ: ((ذَهَبَ الظَّمَأُ وَابْتَلَّتِ العُرُوقُ وَثَبَتَ الأَجْرُ إِنْ شَاءَ اللهُ)) މާނައީ: [ކަރުހިއްކުން ފިލައިފިއެވެ. އަދި ލޭނާރުތައް ތެތްވެއްޖެއެވެ. އަދި ﷲ އިރާދަކުރެއްވިޔާ އަޖުރު ސާބިތުވެއްޖެއެވެ.] މިފަދައިން ކިއުން އެންމެ ރަނގަޅީ ރޯދަވީއްލުމަށް އެއްޗެއް ކެއުމަށް ފަހުގައެވެ. ކުރިންނެއް ނޫނެވެ. މާނައާ ގުޅިގެންދަނީ އޭރުންނެވެ.
އަޅަމެންނީ ރޯދަހިފުމުގައި އަދި ރޯދަވީއްލުމުގައިވެސް އެންމެފުރިހަމައަށް ސުންނަތާއި އެއްފަދައިން އެއަޅުކަން އަދާކުރާ ބަޔަކުކަމުގައި ލައްވާށި! އާމީން!
وصلى الله وسلم على نبينا محمد وعلى آله وأصحابه أجمعين.