އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގެ މަތީ ސާނަވީ ދަރިވަރުން އިޙްޔާ ފޯރަމް ހުށަހަޅައިފިއެވެ.
ޤުރުއާނާއި ސައިންސް މި ތީމްގެ މައްޗަށް އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގެ ދަރިވަރުން ވަނީ ޤުރުއާނާއި މި ޒަމާނުގެ ސައިންސްގެ ހޯދުންތަކުގެ ގުޅުމުގެެ މައްޗަށް ހެކިތަކާއި ދަލީލުތަކާ އެކު ވަރަށް ފުރިހަމަ ޕެނަލްޑިސްކަޝަނެއް ހުށަހަޅާފައެވެ.
ބެލުންތެރިންގެ ތަރުހީބާއި އިސްލާމިކް މިނިސްޓްރީގެ ތަޢުރީފް ލިބިގެންދިޔަ މި ޕެނަލް ޑިސްކަޝަންގައި ވިހެއުމުގެ މަރުޙަލާއާއި ބެހޭ ގޮތުން ޤުރުޢާނުގައި ނަންގަނެވިގެންވާ ވާހަކަތަކާއި ކަދުރުގެ ފައިދާއާއި މި ޒަމާނުގެ ސައިންސްގެ ހޯދުންތައް ގުޅިގެންދާ ގޮތުގެ މައްޗަށް ތަފްޞީލީ ގޮތެއްގައި ބަލައިލުމުގެ އިތުރުން އިންސާނުން ގަރުބަގަތުމާއި އާދަމް ޢަލައިހިއްސަލާމާއި ހައްވާ ޢަލައިހިއްސަލާމް އުފައްދަވައި އިންސާނީ ނަސްލު ޚަލްޤުކުރެއްވުމާއި އިނގިލީގެ ނިޝާނާއި ފަލަކީ ޢިލްމާއި ފެނުގެ އަސްލު ފަދަ އެތައް ކަމެއް މީގެ 1400 އަހަރު ކުރިން ބާވައިލެއްވި ކީރިތި ޤުރުއާނުގައި ބަޔާންކުރައްވާފައިވާ ގޮތުގެ ތެދުކަން އަދުގެ ޒަމާނީ ސައިންސްގެ އަލީގައި ހާމަވާ ގޮތް ތަފްޞީލްކޮށް ދެއްވިއެވެ.
ގްރޭޑް 11އީގެ ދަރިވަރު މުޙައްމަދު މާދިން މޫސާ ޤުރުޢާނުގެ ބަރަކާތުން ފަށައިދިން ރޭގެ އިޙްޔާ ފޯރަމް ހުށަހަޅައިދިނީ 12އެޗްގެ ދަރިވަރު ޢާއިޝަތު ޙަމްޔާ އިސްމާޢީލްއެވެ. ޕެނަލް ޑިސްކަޝަންގެ މޮޑަރޭޓަރުކަން ގްރޭޑް 12ޖީގެ ދަރިވަރު މުޙައްމަދު ޝައިހާން އަޙްމަދު ޝަފީޤު ކުރިއިރު ޕެނަލިސްޓުންގެ ގޮތުގައި ޖުމްލަ 8 ދަރިވަރަކު ބައިވެރިވިއެވެ. އެއީ 12ޖީގެ ޢަބްދު ﷲ އަޙަދު ޙުސައިން ޒުހައިރާއި މުުޙައްމަދު ރިމާޙް އާއި މުޙައްމަދު އަޔާން މުޖުތަބާއާއި ޔޫސުފް ޒައިން އަޙްމަދުގެ އިތުރުން 12އެލްގެ އާދަމް ނާއިޝް ނަސީމާއި މުހައްމަދު ސިނާން އާއި ސާލިމް ޢަބްދު ﷲ އަދި 12އީގެ ދަރިވަރު އިސްމާޢީލް އިސްމާޙް އަޙުމަދު އިރުޝާނެވެ.
މި ދަރިވަރުންގެ ހުށަހެޅުމުގެ ފުރިހަމަކަމާއި މަޢުލޫމާތުގެ ފުރިހަމަކަމަށް ޓަކައި މިނިސްޓަރ އޮފް ސްޓޭޓް ފޮރ އިސްލާމިކް އެފެއަރޒް މުޙައްމަދު އަނިލް ވަނީ ދަރިވަރުންނަށް ވަރަށް ބޮޑަށް ތަޢުރީފްކުރައްވައި ވާހަކަފުޅުދައްކަވާފައެވެ. އަދި މި ފޯރަމްތައް މިއަށްވުރެ ފުޅާކޮށް މިއަންނަ އަހަރު ބޭއްވުމުގެ ވިސްނުން އެ މިނިސްޓްރީީން ގެންގުޅޭކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
މި އަހަރުގެ އިޙްޔާ ފޯރަމް ހުށަހެޅުމުގެ ފުރުޞަތުދީފައި ވަނީ މަތީ ސާނަވީއަށް ކިޔަވައިދޭ ސްކޫލްތަކަށެވެ.