ބުރާސްފަތި, 17 އޭޕްރިލް 2025

އާރޓިކަލް 115 : ލައިލަތުލް ޤަދްރިވިލޭރޭގެ ބައެއް ޚާއްޞަކަންކަން

الْحَمْدُ لِلَّهِ رَبِّ العَالَمِينَ. وَالصَّلاَةُ وَالسَّلاَمُ عَلَى نَبِيِّنَا مَحَمَّدٍ وَعَلَى آلِهِ وَأَصْحَابِهِ. أَمَّا بَعْد.

މުޅިއަހަރުގެ އެންމެޤަދަރުވެރި ރެޔަކީ ލައިލަތުލް ޤަދްރި ވިލޭރެއެވެ. އެއީ ކޮންމެ ތިންސަތޭކަ ފަސްދޮޅަހެއްހާ ރޭތަކުގެ ތެރެއިން ހަމަ އެންމެ ރެއެކެވެ. އެރެޔަށް ލައިލަތުލް ޤަދްރި ވިލޭރޭ ކިޔޭ އެއް ސަބަބަކީ އެރޭގެ ޤަދަރުވެރިކަމުގެ ސަބަބުންނެވެ. އަދި އޭގެ އަނެއް ސަބަބަކީ ޤަދަރުގެ އަނެއް މާނައަކީ ކޮންމެ މީހެއްގެ ކުރިޔަށް އޮތް އަހަރުގެ ޤަދަރު ލިޔެވުމެވެ. މާތް ﷲ ވަޙީކުރެއްވިއެވެ: ﴿إِنَّا أَنْزَلْنَاهُ فِي لَيْلَةٍ مُبَارَكَةٍ إِنَّا كُنَّا مُنْذِرِينَ * فِيهَا يُفْرَقُ كُلُّ أَمْرٍ حَكِيمٍ﴾ سورة الدخان:3-4 މާނައީ: [ހަމަކަށަވަރުން ތިމަންއިލާހު ބަރަކާތްތެރި ރެއެއްގައި އެޤުރުއާން ބާވައިލެއްވީމެވެ. ހަމަކަށަވަރުން ތިމަންއިލާހު އިންޒާރުކުރައްވާ ކަލަކުކަމުގައި ވޮޑިގެންވަމެވެ. އެރޭގައި ޤަދަރުގައިވާ ކޮންމެކަމެއް ވަކިކުރެވޭނެތެވެ.] މިތަނުގައި މިވާ ޤަދަރުގެ ކޮންމެ ކަމަކީ، ކޮންމެ މީހެއްގެ ކުރިއަށް އޮތް އަހަރުގެ ޤަދަރު ލިޔެވޭނޭ ވާހަކައެވެ. އެއީ އެކަލާނގެ ޢިލްމުފުޅުގެ މަތިވެރިކަމުން އެންމެހައި ކަމެއް ހިނގުމުގެ މާކުރިން އެއެންމެހައި ކަމެއް ލިޔެވުނު އައްލައުޙުލް މަޙްފޫޡް އިން ކޮންމެ މީހެއްގެ ކުރިއަށް އޮތް ޤަދަރުގެ ބައި ވަކިކޮށް، އެކަލާނގެ ކަނޑައެޅުއްވި އަހަރުގެ ޤަދަރު ލިޔުއްވުމަށް ކަނޑައަޅުއްވާފައިވާ މަލާއިކަތުން އެކަންކަން އެރޭގައި ލިޔުއްވާ ވާހަކައެވެ. އޭގެ ތެރޭގައި އެބައިމީހުންގެ ރިޒްޤާއި އަޖަލާއި މިފަދަ އެންމެހައި ކަމެކެވެ. އެއެންމެހައި ކަމެއް މާތް ﷲ މާކުރިންވެސް ދެނެވޮޑިގެންވާއިރު، އެރޭގައި އެކަންކަމާއި ޙަވާލުވެފައިވާ މަލާއިކަތުންނަށް އެކަލާނގެ ޤަދަރު އެމިންވަރު އަންގަވާދެއްވާ ޚަބަރު ދެއްވަނީއެވެ. ވީމާ މިއީ އެރޭގައި ޚާއްޞަކުރެވުނު އެއްކަންތަކެވެ.

ހަމައިސްވެދިޔަ އާޔަތުގައި އެވަނީ އެރޭ ޚާއްޞަވެގެންދިޔަ ދެވަނަ ކަންތައް ބަޔާންކުރައްވާފައެވެ. އެއީ އެރޭގައި ކީރިތި ޤުރުއާން ބާވައިލެއްވުމެވެ. ސޫރަތުލް ޤަދްރިގައި ﷲ سبحانه وتعالى ވަޙީކުރެއްވިއެވެ: ﴿إِنَّا أَنْزَلْنَاهُ فِي لَيْلَةِ القَدْرِ﴾ سورة القدر:1 މާނައީ: [ހަމަކަށަވަރުން ތިމަންއިލާހު ލައިލަތުލް ޤަދްރި ވިލޭރޭގައި އެޤުރުއާން ބާވައިލެއްވީމެވެ.] ވީމާ އެރެއަކީ އެޤުރުއާން އެކަލާނގެ ޙަޟްރަތުން އެންމެތިރީ އުޑުގައިވާ ބައިތުލް ޢިއްޒާއަށް އެޤުރުއާން އެކީއެކައްޗަކަށް ބާވައިލެއްވި ރެއެވެ. އަދި ބައިތުލް ޢިއްޒާއިން ޤުރުއާން ދުނިޔެއަށް ކީރިތި ރަސޫލާ صلى الله عليه وسلم ގެ މައްޗަށް، ބައިބަޔަށް ބާވައިލެއްވެން ފެއްޓުނީ ހަމައެރޭގައެވެ. ވީމާ އެންމެމަތިވެރިވޮޑިގެންވާ ކަލާނގެ ކަލާމްފުޅު މިދުނިޔޭގެ މީސްތަކުންނަށް އަންގަވައިދެއްވަން ފެއްޓުނު ރެއަކީ ކަށަވަރުންވެސް ނުހަނު މާތްކަން ބޮޑު ޚާއްޞަ ރެއެކެވެ.

އެރޭގެ އަނެއް ޚާއްޞަކަމަކީ އެރޭގައި ކުރެވޭ ހެޔޮކަންކަމުގެ ޘަވާބު އިންތިހާއަށް ގުނަވެގެން ދިއުމެވެ. އަހަރެމެންގެ ޢަމަލުތަކަށާއި އަހަރެމެންނަށް ލިބިދޭ މަންފާއަށް ބަލާއިރު މިއީ އެރޭ އަހަރެމެންނަށް އެންމެ ޚާއްޞަވާ ސަބަބެވެ. ވީމާ އެރޭގައި ކުރެވޭ ޢަމަލުތައް އިންތިހާއަށް ގިނަކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. އެހެނީ އެރޭގައި ކުރެވޭ އެންމެ ހެޔޮކަމެއްވެސް އެނޫން ރެއެއްގައި ކުރާނަމަ، އެފަދަ އެއްހާސް މަސްދުވަހު ކުރުމުން ލިބޭ ދަރުމައާއި އެއްވަރުވެގެން ވެއެވެ. މާނައަކީ އެއްހާސް މަސް ވަންދެން ކޮންމެ ދުވަހަކު އެއްފަހަރު (سُبْحَانَ اللهِ) މިފަދައިން ދުލުން ކިޔުމާއި އެރޭގައި އެކަނި އެއްފަހަރު މިފަދައިން ކިޔުމާއި ދަރުމައިގެ ގޮތުން އެއްފަދަވެގެންވާ ވާހަކައެވެ. މިއީ ކޮންފަދަ ބޮޑު ހެޔޮކަމެއް ހެއްޔެވެ؟! ކޮންފަދަ ބޮޑު ޚާއްޞަ ރެއެއްހެއްޔެވެ. ހެޔޮކަމުން ފުރިގެންވާ ރެއެކެވެ. ނަމަވެސް އެރޭވަނީ ވަންހަނާވެގެންނެވެ. އެރޭގައި އެހެޔޮދަރުމަ ހޯދުމަށްޓަކައި ރަމަޟާންމަހުގެ ފަހުދިހައިގެ ރޭތައް އެއްކޮށް އެހެޔޮޢަމަލު ކުރުމުގައި ދެމިހުންނަންޖެހެއެވެ. ނުވަތަ ފަހުދިހައިގެ އޮނަހިރި ރޭތަކުގައި އެހެޔޮޢަމަލުތައް ކުރުމުގައި ދެމިހުންނަންޖެހެއެވެ. އޭރުން އެހެޔޮކަން އެމީހަކަށް ލިޔެވޭނޭކަން ޙަދީޘްތަކުގެ އަލީގައި ކަށަވަރުވެގެންދެއެވެ. މީހެއްގެ ޢުމުރުދުވަހުގައި އެއްކޮށް ކުރިހެޔޮޢަމަލާއި އެއްފަދަ އަޖުރެއް އެންމެ ރެއަކުން ލިބުން ކޮންފަދަ ބޮޑު މާތްކަމެއް ހެއްޔެވެ. އެރޭގެ ދަރުމައާއި އައްޑިހަ ތިންއަހަރަށްވުރެ ގިނަދުވަހު އެފަދަ ހެޔޮޢަމަލެއް ކުރުމާ އެއްފަދަވެގެންވެއެވެ.

އެރޭގެ އަނެއް ޚާއްޞަ ސިފައަކީ އެރެއަކީ ބަރަކާތުން ފުރިގެންވާ ރެއަކަށްވުމެވެ. ބަރަކާތު މާނައަކީ ހެޔޮކަމުން ފުރިގެންވުމެވެ. ވީމާ އެރޭގައި ކުރާ ހެޔޮޢަމަލެއްވިޔަސް ކުރާ ޞަދަޤާތެއްވިޔަސް، އެންމެހައި ކަމެއްގައި ވަނީ ބަރަކާތެވެ.

އެރޭގެ އަނެއް ޚާއްޞަވެގެންވާ ކަމަކީ ޖިބްރީލް عليه السلام އާއި މަލާއިކަތުން ދުނިޔެއަށް އެރޭގައި ގިނަޢަދަދަކަށް ފައިބައިވަޑައިގަތުމެވެ. އެއީ އެރޭގެ ބަރަކާތާއި ރަޙްމަތައިގެންނެވެ. އެރޭގައި ޤުރުއާން ކިޔެވޭ ހިނދު އެމަޖްލިސްތަކަށެވެ. އަދި ޛިކުރުކުރެވޭ މަޖްލިސްތަކަށެވެ. އަދި ދީނީޢިލްމު ކިޔަވައިދެވޭ ޙަލަޤާތަކަށެވެ. އެބައިމީހުންގެ ހެޔޮޢަމަލުތަކުގެ ތެރެއަށް ޝައިޠާނުން ވަދެ ހެޔޮޢަމަލުގައި ދެމިތިބިމީހުން އެއްކިބާ ކުރުވަ ނުދިނުމަށެވެ. މުއުމިނުތަކުންނަށް އެތަކެތީގެ އުނދަގޫތަކުން ސަލާމަތްތެރިކަން ލިބިގަތުމަށް އެމަލާއިކަތުން މަގުފަހިކޮށްދެއްވައެވެ. އަދި އެންމެންގެ އަހަރުގެ ޤަދަރު ލިޔުމުގެ މަލާއިކަތުންވެސް އެރޭގައި ފައިބައިވަޑައިގަންނަވައެވެ.

އެރޭގައި މުޅިރެއަކީ ސަލާމަތްތެރިކަން ލިބިގެންވާ ރެއެކެވެ. އެރެއާމެދު މާތް ﷲ ވަޙީކުރެއްވިއެވެ: ﴿سَلَٰمٌ هِىَ حَتَّىٰ مَطْلَعِ ٱلْفَجْرِ﴾ سورة القدر:5 މާނައީ: [އެރޭގެ ފަޖުރުގެ އަލިކަން ފާޅުވުމަށްދާންދެން އަމާންކަމާއި ސަލާމަތްކަން ލިބިގެންވާ ރެއެކެވެ.]

އަދިވެސް ފާހަގަކުރެވޭ އެރޭގެ ޚާއްޞަ އަނެއްކަމަކީ އެރޭގެ ރޭއަޅުކަން އަދާކޮށްފިމީހާގެ އިސްވެދިޔަ އެންމެހައި ފާފަތަކެއް ފުއްސަވާދެއްވުމެވެ. ބުޚާރީއާއި މުސްލިމްގައި ރިވާވެގެންވާ ގޮތުގައި ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ: ((وَمَنْ قَامَ لَيْلَة القَدْرِ إِيْـمَاناً وَاحْتِسَابًا غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ)) މާނައީ: [އަދި އީމާންކަމާއި ޘަވާބަށްއެދި ލައިލަތުލް ޤަދްރި ވިލޭރޭގައި ރޭ އަޅުކަން ކޮށްފިމީހާއަށް އިސްވެދިޔަ އެންމެހައި ފާފަތަކެއް ފުއްސަވައިދެއްވައިފިއެވެ.]

އަޅަމެންނަށް ލައިލަތުލް ޤަދްރި ވިލޭރޭގެ އަޅުކަން އަދާކުރުމުގެ ހެޔޮ ތައުފީޤު ދެއްވާ، އެރޭގެ އެންމެހައި ހެޔޮކަމެއް ޙާޞިލުވުން މިންވަރުކޮށްދެއްވާށިއެވެ! އާމީން!

وصلى الله وسلم على نبينا محمد وعلى آله وأصحابه أجمعين.

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *