އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގެ ސާނަވީ ދަރިވަރުންނަށް ދިވެހި ކޭންޕު ބާއްވައިފިއެވެ.
ބުދަ ދުވަހު ހެނދުނުން ފެށިގެން ބުރާސްފަތި ދުވަހުގެ މެންދުރުފަހާ ހަމައަށް ކުރިޔަށްދިޔަ މި ކޭންޕުގައި އެސްއެސްސީ އިމްތިޙާނުގެ ދިވެހި މާއްދާއާއި ބެހޭ މަޢުލޫމާތާއި އިމްތިޙާންކުރެވޭ ބައިތައް އަލުން މުޠާލިޢާ ކުރުމުގެ ފުރުސަތު ދަރިވަރުންނަށް ދިނުމަށް އެބައިތަކާ ބެހޭ އިތުރު މައުލޫމާތު ދަރިވަރުންނަށް ދިނެވެ.
އަޙްމަދިއްޔާގެ ޖަލްސާކުރާ މާލަމުގައި ބޭއްވި މި ކޭންޕުގައި ގާތްގަނޑަކަށް ގްރޭޑް 10 ގެ ހުރިހާ ދަރިވަރުން ބައިވެރިވިއިރު، މި ކޭންޕުގައި އެސްއެސްސީގައި މިހާރު އިމްތިޙާންކުރެވޭ ބައިތައް ކަމަށްވާ ދޭހައާއި ޚުލާޞާއާއި ސިޓީލިޔުމާއި މަޒުމޫނުލިޔުމާއި ވާހަކަލިޔުމާއި އިރުޝާދުދޭ ލިޔުމުގެ އިތުރުން ޙަޤީޤީ ރިކައުންޓް ލިޔުމާ ބެހޭ ގޮތުން ތަފާތު އެކި މުދައްރިސުން މައުލޫމާތުދެއްވިއެވެ.
ބުދަދުވަހު ހެނދުނުން ފެށިގެން މެންދުރު 12.45 އާ ހަމައަށް އޮތީ އަންހެން ދަރިވަރުންނަށް ބޭއްވި ކޭންޕެވެ. މި ދަންފަޅީގައި އޮތީ ދޭހައާއި ޚުލާޞާ ފިޔަވައި އެހެން ބައިތަކާ ބެހޭ މަޢުލޫމާތު ދަރިވަރުންނަށްދީ، އެ ބައިތަކުން ތަމްރީން ހެއްދުވުމާއި، އެ ބައިތައް ހެދުމުގައި ކުދިން އާންމުކޮށް ހަދާ ކުށްތައް ކިޔައިދީ ސަމާލުވާންޖެހޭ ކަންތައްތައް ކިޔައިދިނުމެވެ. ދޭހައާއި ޚުލާޞާގެ ބައި އޮތީ ބުދަ ދުވަހުގެ ރޭގެ ދަންފަޅީގައެވެ. ފިރިހެންކުދިންނަށް ބޭއްވި ދިވެހި ކޭންޕް ކުރިޔަށް ދިޔައީ އިއްޔެ ހެނދުނުން ފެށިގެން މެންދުރުފަހު 3.30 ގެ ނިޔަލަށެވެ.
މި ކޭންޕުގައި ކިޔަވައިދެއްވީ އަޙްމަދިއްޔާގެ ދިވެހި ޑިޕާޓްމަންޓުގެ އެޗްއޯޑީގެ އިތުރުން އަޙްމަދިއްޔާގައި މަތީ ސާނަވީއަށް ކިޔަވައިދެއްވާ ދިވެހި މުދައްރިސުން ކަމަށްވާ ދިވެހި އެޗްއޯޑީ ޙަސަން އަސްލަމާއި އިބްރާހީމް ރާމިޒްގެ އިތުރުން ގްރޭޑް 10 އަށް ކިޔަވައިދެއްވާ މާއްދާ ކޯޑިނޭޓަރ އަދި ލީޑިންގ ޓީޗަރ މުޙައްމަދު ވަޖީހާއި ފާޠިމަތު ޝަފްރާގެ އިތުރުން އާމިނަތު ޝަފީގާއެވެ.
ސާނަވީ ދިވެހި ކޯރޑިނޭޓަރ މުޙައްމަދު ވަޖީހު (ވަޖީހު ސަރ) ވިދާޅުވީ މިއަދު މި ބޭއްވީ ވަރަށް ގިނަ ގޮތްގޮތުން ފައިދާހުރި ކޭންޕެއް ކަމަށާއި، ދިވެހި އިމްތިޙާން މިހާ ކައިރިވެފައި އޮއްވައި ކޭމްޕް ބޭއްވުމުން މި ކޭންޕުން ލިބުނު މަޢުލޫމާތު ދަރިވަރުންނަށް ތާޒާކަމާއެކު އިމްތިޙާނުގައި ބޭނުންކުރުމުގެ ފުރުޞަތު އޮންނާނެ ކަމަށެވެ. އަދި، މި ކޭންޕުގެ ސަބަބުން ދަރިވަރުން އިތުރަށް ރަނގަޅުކުރަންވީ ކަންތައްތައް ދެނެގަނެވި އިމްތިޙާން މާކުކުރުމުގައި ގެންގުޅޭ ހަމަތަކާއި އުޞޫލުތަކަށް ވެސް އިތުރަށް އަހުލުވެރިވުމުގެ ފުރުޞަތު ދަރިވަރުންނަށް ލިބިގެންދިޔަ ކަމަށް ވިދާޅުވިއެވެ.
މީގެއިތުރުން، ލިޔުންތެރިކަމުގެ ހުރިހާ ބާވަތެއްގެ ފެށުމާއި މައިގަނޑާއި ނިންމުން ލިޔުމުގައި ސަމާލުވާންވީ ކަންތައްތައް އިތުރަށް ކުދިންގެ ސިކުނޑީގައި ހަރުލެއްވުމަށް މިސާލުތަކާއެކު އެބައިތައް އަލުން ކިޔައިދެވުމުން ދަރިވަރުންގެ ވިސްނުން އިތުރަށް ތަރައްގީވެ މަޢުލޫމާތު މުއްސަނދިވި ކޭމްޕަކަށް، މި ކޭންޕު ވެގެންދިޔަ ކަމަށް ވަޖީހު ސަރ ވިދާޅުވިއެވެ.