ބުރާސްފަތި, 17 އޭޕްރިލް 2025

އާރޓިކަލް 116 : ފިޠުރު ޢީދުދުވަސް ޝަރުޢުކުރެއްވުމުގެ މަޤްޞަދުތައް ޙާޞިލުކުރާށެވެ!

الْحَمْدُ لِلَّهِ رَبِّ العَالَمِينَ. وَالصَّلاَةُ وَالسَّلاَمُ عَلَى نَبِيِّنَا مَحَمَّدٍ وَعَلَى آلِهِ وَأَصْحَابِهِ. أَمَّا بَعْد.

އިސްލާމީ ޝަރީޢަތުގައި ޢީދެއްގެ ގޮތުގައި ކަނޑައެޅުއްވި ދެޢީދުވެސް އަންނަނީ ވަރަށް މަތިވެރި، ބޮޑުވެގެންވާ ދެއަޅުކަމަކަށް ފަހުގައެވެ. އޭގެ ތެރެއިން މުޅިދުވާލު ގަޑީގައި ބަނޑުހައިކަން މަތީގައި އެއްމަސްދުވަސް މުސްލިމުން ހޭދަކުރާ ރަމަޟާން މަހުގައި ރޯދަހިފުމަކީ ނުހަނުބޮޑު އަދި ކެއްތެރިކަމާއެކު މުސްލިމުން ﷲ سبحانه وتعالى އަށް އަޅުވެތިވާ ދުވަސްވަރެކެވެ. އަދި އެދުވަސްތަކުގެ ތެރެއިން އަޅުކަން ނިމުމަކަށްދާ، ފަހުދިހައިގެ ރޭތައް މުސްލިމުން ހޭދަކުރަނީ ވަރަށްވެސް ބުރަކޮށް އެކަލާނގެއަށް އަޅުކަން ކުރުމުގައެވެ. އެދުވަސްތައް ނިންމާލަނީ ޝައްވާލުމަހުގެ ހަނދު ފެނުމާއެކުގައެވެ. އެނިމުމާއެކު މުސްލިމުންނަށް އުފާވެރި ދުވަހެއް ބައްދަލު ކުރެއެވެ. އާދެ! އެއީ މުސްލިމުންނަށް މާތް ﷲ ލެއްވި މާތްވަގެންވާ ދެޢީދުގެ ތެރެއިން ފިޠުރު ޢީދު ދުވަހެވެ.

އެދުވަހުގެ އެންމެމުހިންމު އެއްކަމަކީ ރަމަޟާންމަހުގެ ރޯދަ ފުރިހަމަކުރެއްވުމުގެ ހެޔޮތައުފީޤު ދެއްވި ކަމަށްޓަކައި އުފާ ފާޅުކުރުމެވެ. އެބޮޑު ނިޢުމަތް ޙާޞިލުވިކަމަށްޓަކައި މާތް ﷲ އަށް ޝުކުރު އަދާކުރުމެވެ. އެއުފާ މުސްލިމުން ފާޅުކުރަނީ اللهُ أَكْبَرُ އަޑުހަރުކޮށް ކިޔުމާއެކު ތަކްބީރުގެ ޝިޢާރުންނެވެ. މާތް ﷲ ވަޙީކުރެއްވިއެވެ: ﴿وَلِتُكْمِلُواْ الْعِدَّةَ وَلِتُكَبِّرُوا اللهَ عَلَى مَا هَدَاكُمْ وَلَعَلَّكُمْ تَشْكُرُونَ﴾ سورة البقرة:185 މާނައީ: [އަދި ތިޔަބައިމީހުން (ރޯދައިގެ) ދުވަސްތައް ފުރިހަމަ ކުރުމަށެވެ. އަދި ތިޔަބައިމީހުންނަށް ހިދާޔަތް ދެއްކެވިކަމަށްޓަކައި ތިޔަބައިމީހުން ތަކްބީރު ކިޔުމަށްޓަކައެވެ. އަދި އެއީ ތިޔަބައިމީހުން ޝުކުރުވެރިވޭތޯއެވެ.]

ހަމައެއާއެކު އެއްމުސްލިމަކު އަނެއްމުސްލިމަކާއި ބައްދަލުވެ ސަލާންގަލާން ކުރުމާއެކު ޢީދު ތަހުނިޔާ ބަދަލުކުރުމަކީ ޢީދުގައި މުސްލިމުން ކުރާ ވަރަށް މުހިންމުކަމެކެވެ. މުސްލިމުންގެ އެތަހުނިޔާގައި އެންމެ ފާހަގަކޮށްލެވޭ ކަމަކީ، އެވަގުތުގައިވެސް އެއްމުސްލިމަކު އަނެއްމުސްލަމަކަށްޓަކައި ހެޔޮދުޢާ ކުރަން ހަނދާން ނައްތާނުލާކަމެވެ. އެގޮތުން ޢީދުގެ ތަހުނިޔާއާ އެކު ވޭތުވެދިޔަ އެއްމަސްދުވަހުގައި އެކުރިއަޅުކަންތައް މާތް ﷲ ޤަބޫލުކުރައްވާތޯ އެކަކު އަނެކަކަށް ހެޔޮދުޢާކުރުން ރަމްޒުކޮށްދެނީ އެއްމުސްލިމަކު އަނެއްމުސްލިމަކާއި ދެމެދު އޮންނަ މާތްމަތިވެރި ގުޅުމެވެ. އަދި އެއުފާވެރިކަމުގެ ތެރެއިންވެސް އެބައިމީހުން ކޮށްނިމުނު ރޯދައިގެ މަތިވެރި ޢަމަލު ޤަބޫލުކުރެއްވިތޯ ނުވަތަ ނޫންތޯއާ މެދު ފިކުރުކުރާކަމެވެ. އެފިކުރުގައި އެންމެންއެންމެންނަށް ކޮންމެމީހަކު އެކަކު އަނެކަކަށް، އެބައިމީހުން ރޯދަމަހުގައި އެކުރި ހެޔޮޢަމަލުތައް މާތް ﷲ ޤަބޫލުކުރައްވާތޯ ދުޢާކުރަމުންދެއެވެ. އެގޮތުން ޢީދުތަހުނިޔާއާއެކު ސަލަފުއްޞާލިޙުން ދުޢާކުރާކަމުގައިވެއެވެ: ((تَقَبَّلَ اللهُ مِنَّا وَمِنْكُمْ)) މާނައީ: [ﷲ އަހަރެމެންގެ އަތި ތިޔަބައިމީހުންގެ ޢަމަލުތައް ޤަބޫލުކުރައްވާށިއެވެ.] މިފަދައިން ކިޔުނީ ސުންނަތެކެވެ.

ޢީދުގެ އަނެއް ޝިޢާރަކީ އިސްލާމީ މިންގަނޑާއި ގިއުގަނޑުގެ ތެރޭގައި އުފާފާޅުކުރުމެވެ. މުސްލިމުން އެފަދައިން އުފާޅުކުރުމުގައި ޣައިރުމުސްލިމުން ފާހަގަކުރާ ދުވަސްތަކުގައި އުފާފާޅުކުރުމެއް ނުވެއެވެ. ނަމަވެސް ޢީދުގެ ސިފަޖެހޭގޮތަށް އުފާފާޅުކުރުމަށް މިލެއްވީ ހަމައެކަނި މިދެދުވަހެވެ. އަދި އެދެދުވަހުގައި އުފާފާޅުކުރުމުގައިވެސް ޣައިރުމުސްލިމުން އެމީހުންގެ އުފާތައް ފާޅުކުރުމުގައި ގެންގުޅޭ ވައްޓަފާޅިގަނޑު ދޫކޮށްލަންޖެހެއެވެ. އެބައިމީހުންގެ ދީނުގެ ޝިޢާރުތަކެއް ގޮތަށް ކުރާކަންކަމުން މުސްލިމުން ދުރުހެލިވާންޖެހެއެވެ. އަބޫދާވޫދުގައި ރިވާވެގެންވާ ޙަދީޘެއްގައިވެއެވެ: އަނަސް ވިދާޅުވިއެވެ: ﷲ ގެ ރަސޫލާ صلى الله عليه وسلم މަދީނާއަށް ވަޑައިގެންނެވި ހިނދު އެބައިމީހުން އެދުވަހެއްގައި ކުޅެމަޖާކޮށް ފާހަގަކުރާ ދެދުވަހެއް ވިއެވެ. ދެން އެއީ ކޮންދެދުވަހެއްތޯ ސުވާލުކުރެއްވުމުން އެއީ އެބައިމީހުން ޖާހިލިއްޔަ ޒަމާނުގައި އެދެދުވަހެއްގައި ކުޅެހަދަމުން ދިޔަ ދެދުވަސް ކަމުގައި އެބައިމީހުން ދެންނެވިއެވެ. ދެން ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ: ((إِنَّ اللَّهَ قَدْ أَبْدَلَكُم بِهِمَا خَيْرًا مِنْهُمَا يَوْمَ الْأَضْحَى وَيَوْمَ الفِطْرِ)) މާނައީ: [ހަމަކަށަވަރުން އެދެދުވަހަށްވުރެ އޭގެ ބަދަލުގައި މާހެޔޮކަން ބޮޑު ދެދުވަހެއް ﷲ ތިޔަބައިމީހުންނަށް ބަދަލު ކުރައްވައިފިއެވެ. އެއީ އަޟްޙާ ޢީދު ދުވަހާއި ފިޠުރު ޢީދު ދުވަހެވެ.]

ހަމައެއާއެކު އެދުވަހަކީ ފަޤީރުންނާއި މިސްކީނުންވެސް އެރަށެއްގެ އެހެނިހެން އަހުލުވެރިން ކައިބޯއުޅޭތަކެތިން ކައިބޮއިލުމުގެ ފުރުޞަތުދެވޭ ދުވަހެކެވެ. މުއްސަދީން ކާންބޭނުންކުރާ ތަކެތީގެ މިންވަރެއް ފަޤީރުންވެސް ތަޖުރިބާކޮށްލުމަށް ލިބޭ ފުރުޞަތަކަށް ފިޠުރު ޢީދުދުވަސް ވެގެންދެއެވެ. އެވާހަކަ ބަޔާންކުރައްވާ އަބޫދާވޫދު ގައި ރިވާވެގެންވާ ޙަދީޘެއްގައިވެއެވެ: ((عَنِ ابْنِ عَبَّاسٍ قَالَ فَرَضَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ زَكاةَ الْفِطْرِ طُهْرَةً لِلصَّائِمِ مِنَ اللَّغْوِ وَالرَّفَثِ وَطُعْمَةً لِلْمَسَاكِينِ مَنْ أَدَّاهَا قَبْلَ الصَّلَاةِ فَهِيَ زَكاةٌ مَقْبُولَةٌ وَمَنْ أَدَّاهَا بَعْدَ الصَّلَاةِ فَهِيَ صَدَقَةٌ مِنَ الصَّدَقَاتِ)) މާނައީ: [އިބްނު ޢައްބާސްގެ އަރިހުން ރިވާވެގެންވެއެވެ. އެޞަޙާބީ ވިދާޅުވިއެވެ: ﷲ ގެ ރަސޫލާ صلى الله عليه وسلم ރޯދަވެރިޔާގެ ކިބައިން (ރަމަޟާންމަހުގެ ރޯދައަށްހުރެ ފާޅުވެފައިވާ) ބާޠިލުދޮގު ވާހަކަތަކާއި ފާޙިޝް ވާހަކަތަކުގެ (ފާފަތަކުން) ޠާހިރުވުމަށް ފިޠުރު ޒަކާތް ފަރުޟުކުރެއްވިއެވެ. އަދި މިސްކީނުންނަށް ދެވޭ ކެއުމެއްގެ ގޮތުގައި އެޒަކާތް ފަރުޟުކުރެއްވިއެވެ. (ޢީދު) ނަމާދުގެ ކުރިން އެޒަކާތް އަދާކޮށްފިމީހާއަށް އެއީ ޤަބޫލުވެވިގެންވާ ޒަކާތެކެވެ. އަދި (ޢީދު) ނަމާދުގެ ފަހުން އެޒަކާތް އަދާކޮށްފައިވާ މީހާއަށް އެއީ ޞަދަޤާތްތަކުގެ ތެރެއިން ޞަދަޤާތެކެވެ.] މިޙަދީޘުން މިސްކީނުންނަށް ދެވޭ ކެއުމެއްގެ ގޮތުގައި އެދުވަސްވުމުގެ އިތުރުން އެޒަކާތުގެ އަނެއް މަޤްޞަދަކީ ރޯދަވެރިޔާއަށް ކުރެވިފައިވާ، ކުރުން އެދެވިގެންނުވާ ކަންކަމާއި ފާފަތަކުގެ ކައްފާރާއަކަށްވުންވެސް ހިމެނޭކަން އެނގެއެވެ.

އޭގެ އިތުރުން ޢީދުދުވަހުގައި ގާތްތިމާގެ މީހުންނާއި އަވައްޓެރިންނާއި ރަޙްމަތްތެރިންނަށް ޒިޔާރަތްކުރުންވެސް ހިމެނިގެންވެއެވެ. އެއީ ޢާއިލީ ގުޅުންތައް ބަދަހިވުމުގެ އިތުރުން މުޅި މުޖްތަމަޢުގެ އެކުވެރިކަން އާލާވެގެންދާ ކަމެކެވެ. ވީމާ ފިޠުރު ޢީދު ދުވަހަކީ އޭގެ ޒާތުގައިވެސް މުސްލިމުންގެ ރޫޙާނީ އަދި އިޖްތިމާޢީ އެތައް މައްސަލަތަކެއް ޙައްލުކޮށްދިނުމަށް އެހީތެރިވެދޭ މަތިވެރި ދުވަހެކެވެ.

އަޅަމެންނަށް ފިޠުރުޢީދުގެ ފުރިހަމަ ބަރަކާތް ލެއްވުން އެދި ދުޢާކުރަމެވެ. އަދި އަހަރެމެންނީ ފިޠުރުޢީދުގެ ފުރިހަމަ މަޤްޞަދުތައް ޙާޞިލުކުރަން މަސައްކަތްކުރާ ބައެއްގެ ގޮތުގައި ލައްވާށިއެވެ! އާމީން!

وصلى الله وسلم على نبينا محمد وعلى آله وأصحابه أجمعين.

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *