ގްރޭޑް 10 ގެ ދަރިވަރުންގެ ސެކަންޑްރީ ސްކޫލް ސެޓްފިކެޓް (އެސްއެސްސީ) އިމްތިހާން މާދަމާ ފެށޭނެއެވެ. މާދަމާ 9:00 ގައި އޮންނާނީ އިސްލާމް ކަރުދާސް 1 އެވެ. ބުދަ ދުވަހު އޮންނާނީ އިސްލާމް މާއްދާގެ ކަރުދާސް 2 އެވެ. މީގެ ކުރިން ކޮންމެ އަހަރަކުވެސް އިސްލާމް ކަރުދާސް ފަށަނީ 2 ވަނަ ކަރުދާހުންނެވެ. ނަމަވެސް މިފަހަރު މިވަނީ ކަރުދާސް 1 ން ފަށާ ގޮތަށް ހަމަޖައްސާފައެވެ. އެސްއެސްސީ އިމްތިހާން ގެ ދިވެހިބަހުގެ ކަރުދާސް 1 އޮންނާނީ އެޕްރީލް 29 ވާ ހޮނިހިރު ދުވަހުއެވެ. ކަރުދާސް 2 އޮންނާނީ އެޕްރީލް 30 ވާ އާދީއްތަ ދުވަހުއެވެ. މިދިޔަ އަހަރު އެސްއެސްސީ އިމްތިހާން ގެ ދިވެހި އަދި އިސްލާމް މާއްދާ ތާވަލް ކޮށްފައި އޮތީ އޯލެވެލް އިމްތިހާންގެ ވަރަށް ފަހަތަށެވެ. ނަމަވެސް މިއަހަރު މިއޮތީ އޯލެވެލް އިމްތިހާންގެ ވަރަށް ކުރިއަށް ލާފައެވެ.

މިއަހަރުގެ އިމްތިހާންގައި ބައެއް ބަދަލު އަންނާނެކަމަށް ޑިޕާޓްމެންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަންސް އިންވަނީ މީޑިޔާ ތަކުގައި ހާމަކޮށްފައެވެ. އާދައިގެ އަތުކުރީ ގަޑިއެއް އަޅައިގެން، ނުވަތަ ގައިގެ ތަނެއްގައި ތަތްކޮށްގެން ވެސް ހޯލްތެރޭގައި ނީދެވޭނެ ކަމާއި ގަޑި އޮންނަން ވާނީ އިންވިޖިލޭޓަރުންނަށް ފެންނަ ގޮތަށް މޭޒުމަތީގައި ބާއްވާފައި ކަމަށް ވަނީ އަންގާފައެވެ.
އެސްއެސްސީ އިމްތިޙާނާއި އޯލެވެލް އިމްތިޙާނުގެ ސްޓޭޓްމެންޓް އޮފް އެންޓްރީ ގެންގުޅެން ފަސޭހައަކަށް އެއްކޮށް ލެމިނޭޓް ކޮށްގެން ބައެއް ދަރިވަރުން ކުރިން ގެންގުޅުނަސް މިފަހަރު އެކަން އެގޮތަށް ނުކުރުމަށްވެސް ވަނީ އަންގާފައެވެ. ސަބަބެއް ކަމަށް ޑީޕީއީ އިން ފާހަގަކުރެއްވީ އިމްތިޙާނާ ނުގުޅޭ އެއްވެސް ލިޔުމެއް އިމްތިޙާނު އޮންނަ ހޯލަށް ނުވެއްދޭނެތީއެވެ. މިފަހަރު އެސްއެސްސީ އިމްތިޙާނާއި އޯލެވެލް އިމްތިޙާނުގެ ސްޓޭޓްމެންޓް އޮފް އެންޓްރީ ގެންގުޅެންވާނީ ވަކިންނެވެ.

މިއަހަރުގެ އޯލެވެލް އައިޖީސީއެސްއީ އިމްތިހާނު ރާއްޖޭގައި ފަށާފައިވަނީ މިމަހުގެ 12 ވަނަ ދުވަހުއެވެ. އެދުވަހު ބާއްވާފައިވަނީ އާޓް އެންޑް ޑިޒައިން ކަރުދާހެކެވެ. އޯލެވެލް އިމްތިހާންގެ ކަރުދާހެއް އެންމެ އަވަހަށް އޮންނާނީ މޭމަހުގެ 2 ވާ އަންގާރަ ދުވަހުއެވެ. އެދުވަހު އޮންނާނީ ބަޔޮލޮޖީ ކަރުދާހެކެވެ. އޯލެވެލް އިމްތިހާންގެ އެންމެ ފަހު ކަރުދާސް އޮންނާނީ ޖޫން މަހުގެ 8 ވަނަ ދުވަހުއެވެ. އެދުވަހުވެސް އޮންނާނީ ބަޔޮލޮޖީ ކަރުދާހެކެވެ. މި އިމްތިހާނުގައި އަޙްމަދިއްޔާ އިންޓަރނޭޝަލް ސްކޫލުން ބައިވެރިވެފައިވަނީ 170 ދަރިވަރުންނެވެ .
މިއަހަރުގެ އިމްތިހާނުގައި ރާއްޖޭގެ 245 ސެންޓަރަކުން 6698 ދަރިވަރުން ބައިވެރިވިއެވެ. އެއީ މިދިޔަ އަހަރާ ބަލާއިރު 759 ދަރިވަރުންގެ އިތުރުވުމެކެވެ. މިއަހަރު އަލަށް އިމްތިހާން ހަދަނީ އައްޑޫ ސިޓީގެ މަރަދޫ ސްކޫލާއި ނޫރާނީ ސްކޫލްގައެވެ. މިދިޔަ އަހަރު ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަންގެ ބެލުމުގެ ދަށުން، ސްރީ ލަންކާގައި ހުންނަ މޯލްޑިވްސް ކަލްޗަރަލް ސެންޓަރާއި މެލޭޝިއާގައި ހުންނަ މޯލްޑިވްސް ސެންޓަރުގައި ވެސް ދިވެހި ދަރިވަރުން މި އިމްތިހާނުގައި ބައިވެރިވި އެވެ.