ބުރާސްފަތި, 17 އޭޕްރިލް 2025

އިސްލާމް މާއްދާއިން އެސްއެސްސީ އިމްތިޙާން ފަށައިފި

ގްރޭޑް 10 ގެ ދަރިވަރުންގެ ސެކަންޑްރީ ސްކޫލް ސެޓްފިކެޓް (އެސްއެސްސީ) އިމްތިހާން އިސްލާމް މާއްދާއިން މިއަދު ފަށައިފިއެވެ. މިއަދު 9:00 އިން 10:30 އަށް އޮތީ އިސްލާމް ކަރުދާސް 1 އެވެ. އެހެން އަހަރު ތަކުގައި އިސްލާމް ކަރުދާސް 2 ފުރަތަމަ ބޭއްވި ނަމަވެސް މިއަހަރު ބާއްވާފައިވަނީ ކަރުދާސް 1 އެވެ.

އިސްލާމް ޓެސްޓަށް ދަރިވަރުން ވަރަށް ފުރިހަމައަށް ތައްޔާރު ވެފައިވާ ކަމަށް އަޙްމަދިއްޔާ އިންޓަރނޭޝަލް ސްކޫލް އިސްލާމް ޑިޕާޓްމެންޓުން މި ނޫހަށް ކުރިންވަނީ މަޢުލޫމާތު ދެއްވާފައެވެ. އެގޮތުން ދަރިވަރުންނަށް ގިނަ ކުލާސްތަކެއް ވަނީ ނަގައިދީފައެވެ. އަދި މިދިޔަ ހަފްތާގެ ހޮނިހިރު ދުވަހާއި އާދީއްތަ ދުވަހުވަނީ އިސްލާމް ވޯކްޝޮޕެއްވެސް ބާއްވާފައެވެ.

މިއަދުގެ އިމްތިހާން ނިމުމުން އަޙްމަދިއްޔާ އިންޓަރނޭޝަލް ސްކޫލްގެ ބައެއް ދަރިވަރުންނާ ސުވާލު ކޮށްލުމުން އެދަރިވަރުން ބުނީ މިއަދުގެ ކަރުދާސް ހީކުރިވަރަށް ވުރެވެސް ފަސޭހަ ކަމުގައެވެ. އަދި ވަރަށް ފުރިހަމަ ނަތީޖާ އެއް ލިބޭނެ ކަމަށް އުއްމީދުކުރާ ކަމަށްވެސް އެ ދަރިވަރުން މަޢުލޫމާތު ދިނެވެ. މާދަމާ އޮންނާނީ އިސްލާމް މާއްދާގެ ކަރުދާސް 2 އެވެ.

އެސްއެސްސީ އިމްތިހާން ގެ ދިވެހިބަހުގެ ކަރުދާސް 1 އޮންނާނީ އެޕްރީލް 29 ވާ ހޮނިހިރު ދުވަހުއެވެ. ކަރުދާސް 2 އޮންނާނީ އެޕްރީލް 30 ވާ އާދީއްތަ ދުވަހުއެވެ. މިދިޔަ އަހަރު އެސްއެސްސީ އިމްތިހާން ގެ ދިވެހި އަދި އިސްލާމް މާއްދާ ތާވަލް ކޮށްފައި އޮތީ އޯލެވެލް އިމްތިހާންގެ ވަރަށް ފަހަތަށެވެ. ނަމަވެސް މިއަހަރު މިއޮތީ އޯލެވެލް އިމްތިހާންގެ އެންމެ ކުރިއަށް ލާފައެވެ.

މިއަހަރުގެ އިމްތިހާނުގައި ރާއްޖޭގެ 245 ސެންޓަރަކުން 6698 ދަރިވަރުން ބައިވެރިވިއެވެ. އެއީ މިދިޔަ އަހަރާ ބަލާއިރު 759 ދަރިވަރުންގެ އިތުރުވުމެކެވެ. މިއަހަރު އަލަށް އިމްތިހާން ހަދަނީ އައްޑޫ ސިޓީގެ މަރަދޫ ސްކޫލާއި ނޫރާނީ ސްކޫލްގައެވެ. މިދިޔަ އަހަރު ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަންގެ ބެލުމުގެ ދަށުން، ސްރީ ލަންކާގައި ހުންނަ މޯލްޑިވްސް ކަލްޗަރަލް ސެންޓަރާއި މެލޭޝިއާގައި ހުންނަ މޯލްޑިވްސް ސެންޓަރުގައި ވެސް ދިވެހި ދަރިވަރުން މި އިމްތިހާނުގައި ބައިވެރިވި އެވެ.

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *