الْحَمْدُ لِلَّهِ رَبِّ العَالَمِينَ. وَالصَّلاَةُ وَالسَّلاَمُ عَلَى نَبِيِّنَا مَحَمَّدٍ وَعَلَى آلِهِ وَأَصْحَابِهِ. أَمَّا بَعْد.
ރަމަޟާންމަހުގެ މަތިވެރި ރޯދަތަކުން އަވަދިވެގެން ޢީދުގެ އުފާވެރިކަން އައުމަށްފަހު، މުސްލިމުން ދެން ފަށައިގަންނަނީ ފަރުޟު ރޯދަތަކުން އުނިކަންއައި ބައި ފުރިހަމަ ކުރުމަށެވެ. ފަރުޟު ނަމާދުތަކަށްފަހު އެކަމުގައި އައި އުނިކަން ފުރިހަމަކޮށްދިނުމަށް ފަރުޟުނަމާދުތަކުގެ ރަވާތިބު ސުންނަތްތައް ދީނުގައި ލެއްވި ފަދައިން ފަރުޟު ރޯދައިގެ އެއުނިކަން އަންނަބައިތައް ފުރިހަމަވުން މެދުވެރިކޮށްދެއްވުމަށް، ރަމަޟާންމަހާ ވިދިގެން ޝައްވާލުމަހުގައި ހަރޯދަހިފުން ޝަރުޢުކުރެއްވިއެވެ. ރަމަޟާން މަހުގެ ފަރުޟު ރޯދަތަކުގައި އައި އުނިކަން އެހެން ސުންނަތް ރޯދަތަކަކުން ފިލުވައެއް ނުލެވޭނެއެވެ. ނަމަވެސް އެކަމަށް ފުރުޞަތު އޮތީ ރަމަޟާން މަހާއި ޖެހިގެން އަންނަ ޝައްވާލުމަހުގައި އެކަންޏެވެ. އެމަސް ނިމުމުން އެފުރުޞަތު ގެއްލިގެންދިޔައީއެވެ.
މުޅި އަހަރުދުވަހުގައިވެސް އެކިދުވަސްތަކުގައި އެކިއެކި ސުންނަތް ރޯދަތައް ޝަރުޢުކުރެވިގެން ވެއެވެ. އެރޯދަތަކުންވެސް ސުންނަތް ރޯދަތަކުން ލިބެން އޮތް ދަރުމައާއި ޘަވާބު އެމީހަކަށް ލިބޭނެއެވެ. ނަމަވެސް އެއިން އެއްވެސް ރޯދައަކުން ޝައްވާލުމަހުގެ ރޯދައިން ފުރިހަމަކޮށްދޭ ކަންކަން ފުރިހަމަ ނުކޮށްދީފާނެއެވެ. ވީމާ އެއިން އެނގިގެންދަނީ ޝައްވާލުމަހަށް ޚާއްޞަކުރެވުނު ސުންނަތް ހަރޯދައިގެ މުހިންމުކަމާއި މަތިވެރިކަމެވެ. އެޚާއްޞަރޯދަތަކަށް ޚާއްޞަގޮތެއްގައި ބަލާލުން މުހިންމެވެ.
ޝައްވާލުމަހުގެ ހަރޯދަ ޝަރުޢުކުރެވުނު ޙަދީޘް އިމާމް މުސްލިމް ރިވާކުރައްވާފައިވެއެވެ. އެޙަދީޘްގައިވެއެވެ: ((مَنْ صَامَ رَمَضَان وَأَتْبَعَهُ سِتًّا مِن شَوَّال كَانَ كَصِيَامِ الدَّهْرِ)) މާނައީ: [ރަމަޟާން މަހުގެ ރޯދަ ހިފައިފި މީހަކު އޭގެ ފަހުގައި ޝައްވާލުމަހުން ހަރޯދައެއް ހިފައިފިމީހާ، އޭނާ އަހަރުދުވަހުގެ ރޯދަ ހިފި ފަދައެވެ.] މިޙަދީޘުން ވަރަށްމުހިންމު ކަމެއް ފާހަގަވެގެންދެއެވެ. އެއީ ޙަދީޘްގައި ފުރަތަމައޮތް ބައެވެ. އެބައިގައި އެވަނީ، ރަމަޟާންމަހުގެ ރޯދަ ހިފައިފިމީހާގެ ވާހަކައެވެ. އެކަމުން އެނގިގެންދަނީ ޝައްވާލުމަހުގެ ހަރޯދަ ހިފުމުން އެހަރޯދައިގެ ދަރުމަ ލިބުމަށްޓަކައި އޭގެކުރިން، ރަމަޟާންމަހުގެ ރޯދަތައް ފުރިހަމަވުމުގެ މުހިންމުކަމެވެ. އަދި އެބައި ފުރިހަމަވާންޖެހޭނެކަމެވެ. ރަމަޟާންމަހުގެ ރޯދަތައް ކޮންމެވެސް ސަބަބަކާއިހުރެ ފުރިހަމަ ކުރެވިފައި ނުވާނަމަ، ޝައްވާލުމަހުގެ ރޯދަ އެމީހަކަށް އަދި ހިފުމަށް އެކަށީގެން ނުވާކަން މިޙަދީޘުން އަންގައިދެއެވެ. ވީމާ ރަމަޟާންމަހުން ގެއްލިފައިވީ ރޯދަތައް ހިފުމަށް އިސްކަންދޭން ޖެހޭނެއެވެ. ޝައްވާލުމަސް އައުމާއެކު އެންމެފުރަތަމަ ހިފަންޖެހޭނީ ފަރުޟުރޯދަތަކެވެ. ބުއްދީގެ ގޮތުން ވިސްނާލިއަސް މިކަން ވިސްނެނީ އެގޮތަށެވެ. ސަބަބަކީ ސުންނަތެއް އަދާކުރުން ފަރުޟެއް އަދާކުރުމަށްވުރެ އިސްކަން ދެވިގެން ނުވާނެކަން ބުއްދީގެ ގޮތުން ވިސްނެއެވެ. ވީމާ ރަމަޟާން މަހުން ދޫވެފައިވާ ރޯދަތައް ބެހެއްޓުމަށްފަހު، ޝައްވާލުމަހުގެ ސުންނަތް ރޯދަތަކަށް އިސްކަން ދޭނީ ކޮންގޮތަކުން ހެއްޔެވެ؟! އަދި މިކަމަށް ޙަދީޘްގައި އެވާ "އޭގެ ފަހުގައި" މިޢިބާރާތް އިތުރަށް ބާރުދީ ވަރުގަދަ ކޮށްދެއެވެ. މާނައަކީ ޝައްވާލުމަހުގެ ހަރޯދަ ހިފުންއޮތީ ރަމަޟާން މަހުގެ ރޯދަތަކަށް ފަހުގައެވެ.
އިސްވެދެކެވުނު ވާހަކައަށް އިތުރު ބާރެއް ލިބެނީ އަޞްޙާބު ބޭކަލުންގެ ފަތުވާއަށް ބަލައިލުމުންނެވެ. އެގޮތުން މުޞަންނަފު އަބްދުއްރައްޒާޤުގައި ޢުޘްމާން ބުން މަވްހިބް ވިދާޅުވިއެވެ: މީހަކު (ޞާޙާބީ) އަބޫހުރައިރާ رضي الله عنه އާ ސުވާލުކުރިއަޑު ތިމަންނާ އެހީމެވެ. އެމީހަކު ސުވާލުކުރިއެވެ: ތިމަންނާގެ މައްޗަށް ރަމަޟާން މަހުގެ ރޯދަތަކެއް ހިފަންޖެހިފައިވެއެވެ. ޙައްޖުމަހުގެ ދިހަދުވަހުގެ ސުންނަތް ރޯދަތައް ތިމަންނާއަށް ހިފޭނެތޯއެވެ؟ ޞަޙާބީ ވިދާޅުވިއެވެ: "ނޫނެކެވެ. އަދި އެއީ ކީއްކުރަންހެއްޔެވެ؟ ﷲގެ ޙައްޤުން ފަށައިގަންނާށެވެ. އެއަށްފަހު ތިބާ ބޭނުންވަރަކަށް ސުންނަތް އަދާކުރާށެވެ." މިރިވާޔަތަށް އިޝާރާތް ކުރައްވާ އަލްޙާފިޡް އިބްނު ރަޖަބް "ލަޠާއިފުލް މަޢާރިފް" މިފޮތުގައި ވިދާޅުވިއެވެ: "ހަމަކަށަވަރުން، އެމީހެއްގެ މައްޗަށް ފަރުޟުރޯދަތަކެއް ހުއްޓާ އެބައި ހިފުމުގެ ކުރިން ސުންނަތް ރޯދަހިފުން ހުއްދަތޯ ނުވަތަ ނޫންތޯ ކަނޑައެޅުއްވުމުގައި ޢިލްމުވެރިން އިޚްތިލާފު ވެފައިވެއެވެ. ފަރުޟު ރޯދަ ޤަޟާކުރުމުގެ ކުރިން ސުންނަތް ރޯދަ ހިފިދާނެކަމަށް ބުނާ ބުނުމުގައި، ޝައްވާލުމަހުގެ ހަރޯދައިގެ މަޤްޞަދު ޙާޞިލު ނުވާނެއެވެ. އެހެނަސް އެކަން ޙާޞިލުވާނީ ރަމަޟާންމަހުގެ ރޯދަ ފުރިހަމަކޮށްނިމިގެން އެއަށްފަހު ޝައްވާލުމަހުގެ ހަރޯދަ ހިފާމީހަކަށެވެ. ފަހެ އެމީހެއްގެ މައްޗަށް ރަމަޟާންމަހުގެ ރޯދަ ޤަޟާކުރުން އޮއްވާ، ޝައްވާލުމަހުގެ ހަރޯދައިގެ ސުންނަތް އަދާކުރަން ފަށައިފިމީހާއަށް، ރަމަޟާންމަހުގެ ރޯދަހިފުމަށްފަހު އެއަށްފަހު ޝައްވާލުމަހުގެ ހަރޯދަ ހިފިމީހާއަށް ލިބޭ ޘަވާބު ޙާޞިލުނުވާނެއެވެ. އެހެނީ އޭނާ ރަމަޟާންމަހުގެ ރޯދައިގެ ޢަދަދު ފުރިހަމަކޮށްފައި ނުވުމެވެ."
ވީމާ ޝައްވާލުމަހުގެ ހަރޯދައިގެ ފައިދާތައް ޙާޞީލުވާނީ ރަމަޟާންމަހުގެ ރޯދަތައް ފުރިހަމަކުރުމުންނެވެ. އެހަރޯދައިގެ އެއްފައިދާއަކީ ކުރިންވެސް ބުނެވުނު ފަދައިން، ރަމަޟާންމަހުގެ ފަރުޟުރޯދަ ހިފުމުގައި ގެއްލުނު ފުރިހަމަކަން ނުވަތަ އެކަމުގައި ލިބުނު އުނިކަން ފުރިހަމަކޮށްލުމެވެ. އެކަމުގެ އަނެއް ފައިދާއަކީ އެއް އަހަރުގެ ރޯދަ ހިފިކަމުގެ ޘަވާބު ފުރިހަމައަށް ލިބުމެވެ. މާނައަކީ ރަމަޟާން މަހުގެ އެންމެހައި ރޯދައެއް ހިފައި ނަވާވީސް ދުވަސް ނުވަތަ ތިރީސްދުވަސް ފުރިހަމަކުރުމަށްފަހުގައި، އެހަރޯދަ ހިފުމުން އެމީހަކު އަހަރުގެ ކޮންމެދުވަހަކު ރޯދަ ހިފިފަދައެވެ. އެއީ ނުހަނު މަތިވެރި ޘަވާބަކާއި ދަރުމައެކެވެ. މިކަން އެހެން ކޮންމެކޮންމެ ސުންނަތް ރޯދައަކުން ޙާޞިލުނުވާނެއެވެ. ސަބަބަކީ އެކަން ޙާޞިލުވާނެކަމަށް އަންގަވާފައިވަނީ ޝައްވާލުމަހުގެ ހަރޯދައިންނެވެ. އިބްނު ޚުޒައިމާ ރިވާކުރެއްވި ޙަދީޘެއްގައިވެއެވެ: ((صِيَامُ شَهْرِ رَمَضَانَ بَعَشَرَةِ أَمْثَالِهَا وَصِيَامُ سِتَّةِ أَيَّامٍ بِشَهْرَيْنِ فَذَلِكَ صِيامُ السَّنَةِ)) މާނައީ: [ރަމަޟާން މަހުގެ ކޮންމެ ރޯދައަކަށް ދިހަ ޘަވާބު ލިބޭނެއެވެ. އަދި ހަދުވަހުގައި ރޯދަ ހިފުމުން އެއީ ދެމަހުގެ ރޯދައެވެ. އަދި އޭރުން އެވެގެންދަނީ އަހަރު ދުވަހުގެ ރޯދައަށެވެ.] ހިޖްރީމަހެއްގައި 355 ނުވަތަ 354 ދުވަސް އޮންނައިރު، ރަމަޟާންމަހުގެ ރޯދައިން ތިންސަތޭކަ ރޯދައިގެ ޘަވާބު ނުވަތަ ދުއިސައްތަ ނުވަދިހަދުވަހުގެ ޘަވާބު ލިބިގެންދާއިރު އޭގެ އިތުރުން ޝައްވާލު މަހުގައި ހަރޯދަ ހިފުމުން ފަސްދޮޅަސް ދުވަހުގެ ރޯދައިގެ ޘަވާބު ލިބެއެވެ. ވީމާ އެވީ 350 ނުވަތަ 360 ދުވަހުގެ ރޯދައެވެ. އަހަރެއްގެ މުޅިޖުމްލަ ދުވަހުގެ ޢަދަދު އެދެމެދަށް ފެތޭއިރު އެއީ އެއްއަހަރުދުވަހުގެ ރޯދަ ހިފުމުގެ ޘަވާބެވެ. ވީމާ އެފަދަ މީހަކީ ކުރިއަށް އޮތް އަހަރު އެއްކޮށް ކޮންމެދުވަހަކު ރޯދައަށްހުރި މީހެއް ފަދަ މީހެކެވެ. ވީމާ މިކަން ފުރިހަމަކުރާ މީހަކީ ކޮންފަދަ މަތިވެރި ދަރުމައަކާއި ޘަވާބެއް ލިބޭ މީހެއްހެއްޔެވެ؟
އަޅަމެންނަށް ޝައްވާލުމަހުގެ ރޯދަތައް އޭގެ އެންމެފުރިހަމަގޮތުގައި ހިފުމުގެ ހެޔޮތައުފީޤު ދެއްވާށިއެވެ! އާމީން!
وصلى الله وسلم على نبينا محمد وعلى آله وأصحابه أجمعين.