އާރޓިކަލް 119 : ދެމަފިރިންގެ މެދުގައި އިޞްލާޙުކުރުން

الْحَمْدُ لِلَّهِ رَبِّ العَالَمِينَ. وَالصَّلاَةُ وَالسَّلاَمُ عَلَى نَبِيِّنَا مَحَمَّدٍ وَعَلَى آلِهِ وَأَصْحَابِهِ. أَمَّا بَعْد.

އިންސާނުންގެ ޠަބީޢަތު ތަންދޭގޮތުން، އެބައިމީހުންނަކީ އަބަދުވެސް ކިތަންމެ އެއްކޮށް އުޅުނަސް ކޮންމެވެސް މައްސަލައެއްގައި ދެބަސްވުން އުފެދޭ ނުވަތަ ޚިޔާލުތަފާތުވާ ބައެކެވެ. ބައެއްފަހަރު އެމައްސަލަ ބޮޑުވެ ގުޅުންތައް ކެނޑޭހިސާބަށްވެސް ދެއެވެ. ޞުލްޙަވުން އަންނަ ހިސާބަކީ އެއީއެވެ. ވީމާ ޞުލްޙަވުމަކީ ޖެހޭ މައްސަލަތަކުގެ ފަރުވާއެވެ. އެކަން ޙާޞިލުވަނީ ރަނގަޅުކުރަން ވާހަކަ ދައްކައިގެންނެވެ. އެގޮތުން ދެމަފިރިންނަކީ އެއްބަޔަކު އަނެއްބަޔަކާ ދެމެދު އުފެދޭ ގުޅުންތަކަށް ބަލާއިރު، އެންމެ މުޤައްދަސްކަން ލިބިގެންވީ އެއްގުޅުމަށްވީ ހިނދުވެސް އެގުޅުންވެސް ހީނަރުވާފަދަ މައްސަލަޖެހެނީ މަދެއްކޮށެއް ނޫނެވެ. ރާއްޖެފަދަ އިސްލާމީ ގައުމުތަކުގައި އެކަން މެދުވެރިވާން ޖެހުމީ ލަދުވެތިވެސް ކަމެކެވެ.

މިފަދައިން ދެމަފިރިންގެ ދެމެދުގައި ޖެހޭ މައްސަލަތައް ކުޑަކުރުމަށްޓަކައި މިފަދަ މައުޟޫޢުތައް ކުދިންގެ ސްކޫލް ދައުރުން ފެށިގެން މިދިވެހިރާއްޖޭގައިވެސް ދަނީ ވަރަށް ފުރިހަމައަށް ކިޔަވައިދެމުންނެވެ. އެކުދިން ސްކޫލުދައުރުގައި ކިތަންމެ ކުޑަނަމަވެސް، ކައިވެންޏާއި ވަރީގެ ބައިތަކާއި އެފަދަ ކަންކަން މެދުވެރިވާން ދިމާވާ ސަބަބުތަކާއި ޒަވާޖީ ޙަޔާތުގައި ދިމާވާ މައްސަލަތައް ޙައްލުކުރާނެގޮތާއި އެފަދަ ކަންކަން މަދުކުރާނެ ގޮތްތައްވެސް ކިޔަވައިދެވެނީ އެކުދިން ސްކޫލު ނިމިގެން ނިކުންނަންއޮތް ޒިންމާދާރު ދިރިއުޅުމަށް ތައްޔާރުކުރުމަށެވެ. އެހެންނަމަވެސް ހިތާމައަކީ އެގޮތަށް މީގެ ކުރިން ތައްޔާރު ކުރެވުނު ދަރިވަރުން ބޮޑެތިވެގެން އައިސް މިހާރު މިފެންނަ ޖީލުންވެސް އެފަދަ މައްސަލަތައް މަދުވާތަނެއް ނުފެނެއެވެ. ވީމާ މުޖްތަމަޢުވަނީ އަބަދުވެސް މިފަދަ މައުޟޫޢުތަކުން ނަޞޭޙަތް ލިބިގަންނަން ޖެހިފައެވެ.

އެގޮތުން ދެމަފިރިންވެސް ދެބަސްވެ މައްސަލަޖެހޭ ހިސާބަށް ދޫކޮށްލުމަކީ ނުރައްކާތެރިކަމެކެވެ. އަދި އެކަން މެދުވެރިވުމަށްފަހު އިޞްލާޙުގެ މަގު އަދި އިޞްލާޙުކުރުމުގެ މަގު ދޫކޮށްލައިފިނަމަ، ހިތަށްވެސް ނުގެނެވޭ ފަދަ ޙައްލުކުރަން އުނދަގޫ އެތަކެއް ބޮޑެތި ކަންކަން މެދުވެރިވެއެވެ. ދެން އެމައްސަލައިގެ ނުރައްކާ މުޅި ޢާއިލާގެ ތެރެއަށާއި މުޖްތަމަޢަށްވެސް ފެތުރިގަނެގެންދެއެވެ. އެންމެފުރަތަމަ ދުވަހުން ފެށިގެންވެސް އިޞްލާޙުގެ މަގު އިޚްތިޔާރުކުރަންޖެހެނީ، އެފަދައިން ކަންތައް ނުކޮށްފިނަމަ، އުފެދުނު ލޯބި ނަފްރަތަށް ބަދަލުވެދާނެ ކަމަށެވެ. އޯގާތެރިކަމާއި އަޅާލުން އަނިޔާވެރިކަމަށް ބަދަލުވެދާނެތީއެވެ. ޢާއިލީ އެއްބައިވަންތަކަން ރޫޅި ދެބަސްވުމާއި އަރައިރުން އުފެދިދާނެތީއެވެ. ދެމެފިރިންގެ ފަރާތުން އެކަކު އަނެކަކަށް ލިބެމުންއައި އުފާވެރިކަމާއި ހިތްހަމަޖެހުން، ދެމީހުންގެ ބައްދަލުވުމާއިއެކު، އެކަކު އަންކަކުގެ ސަބަބުން ބޮޑު އުދަނގުލަކަށް ވެގެންދާ ހިސާބަށް ކަންކަން ހިގައިދާނެތީއެވެ. އަދި އެންމެފަހުން ކުރީން އުފެދިފައިއޮތް އިތުބާރު ފަނޑުވެ، ޝައްކުތަކާއި ވަހުމްތައް އުފެދި، ބޮޑެތި ބަދުނާމު އެކަކު އަނެކަކުގެ ބޮލުގައި އަޅުވާ، ދެމީހުންކުރެ އެކަކުވެސް އަނެކަކު ދައްކާ އެއްވެސް ވާހަކައެއް ދުވަހަކުވެސް ޤަބޫލު ނުކުރާނޭ ދަރަޖައަށް ގުޅުން ގޯސްވުމެވެ. އެއީ އެގުޅުމުގެ ނިމުންކަމުގައިވުން ނޫންގޮތެއް ދެން ނޯވެއެވެ. މުޅި ޢާއިލާއަށާއި މުޖްތަމަޢަށް އެލިބިގެންދަނީ ނުހަނު ބޮޑު ހިތާމަވެރިކަމެކެވެ.

ވީމާ ޒަވާޖީ ޙަޔާތެއް ފަށާކޮންމެ މީހަކުވެސް އެންމެއިސްކަމެއް ދޭންޖެހޭ އެންމެމުހިންމު އެއްކަމަކީ މައްސަލައެއް ދިމާވާ ފުރަތަމަ ދުވަހަކީ އެމައްސަލައިގެ ނިމުންވެސް ގެންނާނޭ ދުވަހަކަށް ހެދުމެވެ. އިޞްލާޙު ކުރުމުގެ މަގަށް ވަރަށްބޮޑު އިސްކަމެއް ދިނުމެވެ. އަބަދުވެސް ޞުލްޙައަކީ އެންމެހެޔޮކަން ބޮޑުގޮތެވެ. މާތް ﷲ ވަޙީކުރެއްވިއެވެ: ﴿وَالصُّلْحُ خَيْرٌ﴾ سورة النساء:128 މާނައީ: [އަދި ޞުލްޙަވުމަކީ އެންމެހެޔޮކަންބޮޑު ގޮތެވެ.]

ކައިވެނީގެ އެންމެފުރަތަމަ ދުވަހުންފެށިގެންވެސް އަނބިމީހާގެ މޮޓޯއަކީ ފިރިމީހާއަށް ކިޔަމަންތެރިވާ ރަނގަޅު އަންބަކަށްވުމެވެ. އަނބީން ސުވަރުގެ ވަދެވޭނޭ މަގު އިޚްތިޔާރު ކުރުމުން ދެދުނިޔޭގެ ބާއްޖަވެރިކަންވެސް ލިބިގެންދެއެވެ. އިބްނު ޙިއްބާން ރިވާކުރެއްވި ޙަދީޘެއްގައިވެއެވެ: ((إِذَا صَلَّتِ الْمَرْأَةُ خَمْسَهَا ، وَ صَامَتْ شَهْرَهَا ، وَحَصَّنَتْ فَرْجَها ، وَأَطَاعَتْ زَوْجَهَا ، قِيلَ لَـهَا : اُدْخُلِي الجَنَّةَ مِنْ أَيِّ أَبْوَابِ الْجَنَّةِ شِئْتِ)) މާނައީ: [އަންހެނަކު ފަސްނަމާދު ކޮށް، ރޯދަހިފަންޖެހޭ މަހުގައި ރޯދަހިފައި، އޭނާގެ ފަރުޖު ރައްކާތެރިކޮށް، އޭނާގެ ފިރިމީހާއަށް ކިޔަމަންތެރިވެއްޖެ ނަމަ، އެކަމަނާއަށް ބުނެވޭނެތެވެ: ތިބާ ސުވަރުގޭގެ ބޭނުން ކޮންމެ ދޮރަކުންވެސް ސުވަރުގެ ވަންނާށެވެ.] މިފަދައިން އަނބިމީހާ ތަރުބިއްޔަތުވުމާއެކު ފިރިމީހާއަށް އެކަމަނާއާއެކު ރަނގަޅުގޮތުގައި ދުވަސްތައް ހޭދަކުރުމަށް ނުހަނުބޮޑު ހިތްވަރަކަށް ވެގެންދެއެވެ. އަދި އެންމެފުރިހަމަ މީހަކަށް އެކަކުވެސް ނުވާ ބީދައިން އަނބިމީހާގެ ފަރާތުން ފެންނަ އުނިކަންކަން އަބަދުވެސް މަޢާފުކޮށް އެފަދަކަންކަން މާބޮޑުކޮށް ނުލައި ހެޔޮގޮތުގައި ދިރިއުޅުމަށް ބާރުއަޅާ މީހަކުކަމުގައި ފިރިމީހާވެސް ވާންޖެހެއެވެ. އެގޮތުން މާތް ﷲ ވަޙީކުރެއްވިއެވެ: ﴿وَعَاشِرُوهُنَّ بِالْمَعْرُوفِ﴾ سورة النساء:19 މާނައީ: [އަދި އަނބީންނާއެކު ހެޔޮގޮތުގައި ތިޔަބައިމީހުން (އެކަނބަލުންގެ ފިރީން) ދިރިއުޅޭށެވެ.] ވީމާ އަބަދުވެސް ދެމަފިރިކަމުގެ ޙަޔާތަށް ބުރޫނާރާނޭ ގޮތަކަށް އިންތިޒާމުވެ އެގޮތުގައި ދިރިއުޅުން ކުރިއަށް ގެންދިއުމަށް އިސްކަން ދިނުމަކީ ފިރިމީހާގެ ވާޖިބެކެވެ.

މިކަން މިގޮތުގައި ކުރިއަށް ދިއުމާއެކުވެސް އިންސާނުންގެ ކިބައިގައި ހަރުލާފައިވާ ކަމަކަށްވުމުން، ދެމަފިރިން ދެމެދުގައިވެސް ހަމަ މައްސަލައެއް ކުރިމަތިވެދާނެއެވެ. އެހިނދުން ފެށިގެން އިޞްލާޙު ކުރަންވާނެއެވެ. އަދި ދެމީހުންނަށް އެކަނި އެކަން ޙައްލު ނުކުރެވުނުނަމަ ޢާއިލާގެ އެހެނިހެން މެންބަރުން ހިމަނައިގެންވެސް އެކަން ހައްލުކުރެވޭތޯ ގަދައަޅާ މަސައްކަތްކުރުމަކީ ދެމީހުންގެވެސް ޒިންމާއެކެވެ. އެކަކު އަނެކަކަށް އަދާކުރަންޖެހޭ ޙައްޤުތަކުގެ ތެރޭގައިވެސް ހިމެނޭ ކަމެކެވެ. ﷲ سبحانه وتعالى ވަޙީކުރެއްވިއެވެ: ﴿وَإِنْ خِفْتُمْ شِقَاقَ بَيْنِهِمَا فَابْعَثُواْ حَكَمًا مِّنْ أَهْلِهِ وَحَكَمًا مِّنْ أَهْلِهَا إِن يُرِيدَا إِصْلاَحًا يُوَفِّقِ اللّهُ بَيْنَهُمَا إِنَّ اللّهَ كَانَ عَلِيمًا خَبِيرًا﴾ سورة النساء:35 މާނައީ: [އެދެމީހުންގެ ދެމެދުގައި ދެކޮޅުވެރިކަމެއް އުފެދި، އެކަމާމެދު ތިޔަބައިމީހުން ބިރުގެންފިނަމަ، އޭނާގެ أهل ވެރިންގެ ތެރެއިން ނިޔާވެރިޔަކާއި، އެކަނބުލޭގެ أهل ވެރިންގެ ތެރެއިން ނިޔާވެރިޔަކު ތިޔަބައިމީހުން ފޮނުވާށެވެ! صلح ކުރުމަށް އެދެމީހުން قصد ކުރާނަމަ، اللَّه، އެ ދެމީހުން صلح ކުރައްވައި، އެއްބަސް ކުރައްވައިފާނެތެވެ. ހަމަކަށަވަރުން، اللَّه އީ، މޮޅަށް ދެނެވޮޑިގެންވާ خبير ވަންތަ ރަސްކަލާނގެ ކަމުގައިވެއެވެ.] މިއާޔަތުން ދޭހަވެގެންދަނީ ދެމަފިރިންގެ ޒަވާޖީ ޙަޔާތް ހަލާކުނުވެ ކުރިއަށް ގެންދިއުމަކީ ދެމަފިރިންގެ ޒިންމާއެއްކަމާއި، އެކަން ވިޔަނުދިނުމަށް ކުރެވެންހުރި ހުރިހައި މަސައްކަތެއް ދެމަފިރިންވެސް ކުރަންވާނޭ ކަމެވެ.

އަޅަމެންގެ ޒަވާޖީ ޙަޔާތަކީ ފާގަތިކަމާއި ބާއްޖަވެރިކަން ލިބިގެންވާ ޙަޔާތެއްކަމުގައި ލައްވާށިއެވެ! އާމީން!

وصلى الله وسلم على نبينا محمد وعلى آله وأصحابه أجمعين.

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *