އޭލެވެލް ދަރިވަރުންގެ ހިޔާ ޢީދު ބާއްވައިފި

އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ އަދަބީ ޖަމްޢިއްޔާ " ދަރިވަރުންގެ ހިޔާ " ގެ ފަރާތުން މިއަހަރުގެ ޢީދު 2023 ބާއްވައިފިއެވެ.

އޭލެވެލްގެ ދިވެހި ޑިޕާޓްމެންޓާއި ގުޅިގެން ބޭއްވި މިއަހަރު ހިޔާޢީދުގައި 12 މުބާރާތެއްވަނީ ބާއްވާފައެވެ. ހިޔާޢީދުގެ ހަރަކާތްތައް ފެށުނީ މިމަހުގެ 11 ވީ ބުރާސްފަތި ދުވަހުގެ ރެއެވެ. އެރޭ ބޭއްވީ ލިޔުމުގެ މުބާރާތްތަކެވެ. އެއީ، މަޒުމޫނު ލިޔުމާއި، ރިޕޯޓް ލިޔުމާއި، ފަންޑިންގ ޕްރޮޕޯޒަލް ލިޔުމެވެ. އަދި ހަމަ އެރޭ ރޭޑިއޯ ޑްރާމާ ހަވާލު ކުރުންވެސް އޮތެވެ.

މިމަހުގެ 12 ވަނަ ދުވަހުގެރޭ އޮތީ ބަހުސް މުބާރާތެވެ. އެރޭ ދެ ބަހުސެއް ކުރިއަށް ގެންދެވުނެވެ. ފުރަތަމަ ބަހުސްގައި ބައްދަލުކުރީ، ކާމިނީ ހައުސް އާއި ހުވަނދުމާ ހައުސް އެވެ. ބަހުސް ކުރި މައުޟޫއަކީ، އުނގެނުމަށް ބޮޑަށް ފައިދާ ކުރާނީ ދެ ޖިންސް މަސްހުނިކޮށް ކިޔަވައިދީގެންނެވެ. މައުޟޫޢާއި އެއްކޮޅަށް ވާހަކަދެއްކީ ކާމިނީ ހައުސް އެވެ. މައުޟޫޢާއި ދެކޮޅަށް ޗާންދަނީ ހައުސް އެވެ. މި ބަހުސުން މޮޅުވެ ފައިނަލަށް ދަތުރުކުރީ ޗާންދަނީ ހައުސް އެވެ.

ދެ ވަނަ ބަހުސުގައި ބައްދަލުކުރީ، ޖަނަވަރީ ހައުސް އާއި ހުވަނދުމާ ހައުސް އެވެ. މައުޟޫޢަކީ، ގައުމެއް ބިނާކުރުމުގެ އެންމެ އިސްދައުރެއް އަދާކުރަނީ އަންހެނުންނެވެ. މައުޟޫޢާއި އެއްކޮޅަށް ވާހަކަދެއްކީ، ޖަނަވަރީ ހައުސް އެވެ. މައުޟޫޢާއި ދެކޮޅަށް ވާހަކަދެއްކީ، ހުވަނދުމާ ހައުސްއެވެ. މިބަހުސުން މޮޅުވެ ފައިނަލަށް ދިޔައީ ޖަނަވަރީ ހައުސްއެވެ.

ހިޔާ ޢީދު ގެ ސްޓޭޖް ހަރަކާތްތައް ފެށުނީ މިއަދު ހެނދުނު 8:30 ގައެވެ. އެންމެ ފުރަތަމަ އޮތީ ޕެނަލް ޑިސްކަޝަން އެވެ. ޕެނަލް ޑިސްކަޝަން ގައި ޗާންދަނީ ހައުސް އިން ޚިޔާލު ބަދަލުކުރީ ދިވެހިންގެ ގުރުބާނީ އާއި މިނިވަންކަމުގެ މައްޗަށެވެ. ޖަނަވަރީ ހައުސުން ހުށަހެޅީ ޞިއްޙަތާއި ޓެކްނޮލޮޖީ އެވެ. ހުވަނދުމާ ހައުސުން ވާހަކަ ދެއްކީ ދިވެހިންގެ ދަތުރުފަތުރާއި ވިޔަފާރީގެ މައްޗަށެވެ. ބޯދާ ގަބޫލުކުރުންތަކާއި ދިވެހީން ގެ ވާހަކަތައް ހުށަހެޅީ ކާމިނީ ހައުސެވެ.

މިއަދު 8:30 ގައި ފާރުނޫސް ލިޔުމުގެ މުބާރާތްވެސް ކުރިއަށް ގެންދިޔައެވެ. ނޫސް ލިޔުމުގެ މުބާރާތް ކުރިއަށް ގެންދިޔައީ، ހޯލުގައި ކޮންމެ ހައުސަކަށް ކަނޑައެޅިފައިވާ ޖާގައިގައެވެ. މިއަދު 9:30 ގެ ފަހުން  ބަނދި ކިޔުމާއި ވާދަ ރައިވަރު ހުށަހެޅުމާއި ޑްރާމާ ހުށަހެޅުން ވެސް ކުރިއަށް ގެންދެވުނެވެ.

މެންދުރުފަހުން އޮތީ އަދަބީ ކުއިޒާއި ބައޮގްރަފީ ހުށަހެޅުމާއި ބަހުސް މުބާރާތުގެ ފައިނަލް އެވެ. ބަހުސް ފައިނަލް ގައި ވާދަކުރީ ޗާނދަނީ ހައުސްއާއި ޖަނަވަރީ ހައުސްއެވެ. ފަންލްގައި ބަހުސްކުރީ ބަވަނަވުމުގެ ސަބަބުން ދުނިޔެއަށް ބޮޑަށް ކުރަނީ ހެޔޮ އަސަރު ހެއްޔެވެ. ނުވަތަ ނޭދެވޭ އަސަރު ހެއްޔެވެ؟ އެންމެ ފަހު މުބާރާތެއްގެ ގޮތުގައި ބޭއްވީ ބަޚަބަރު މުބާރާތެވެ. ބަޚަބަރު ކިޔުމުގެ މުބާރާތް ކުރިޔަށް ގެންދިޔައީ ދެ ދަރިވަރަކު ޚަބަރު ހުށަހަޅާ، ޚަބަރުގެ އިތުރު ތަފްޞީލު މަންޒަރުން ދައްކާ ގޮތަށެވެ. މި މުބާރާތުގައި ދަރިވަރުންގެ ހުނަރު ވަރަށް ފުރިހަމައަށް ދައްކާފައިވާކަން ފާހަގަކުރެވުނެވެ. ހިޔާޢީދުގެ ހަރަކާތްތައް ނިންމާލީ ހަވީރު 5:00 ގައެވެ. މިއީ މަތީ ސާނަވީ ގްރޭޑް ތަކަށް ހިޔާ ޢިދު ވަކިން ބޭއްވި ދެވަނަ ފަހަރެވެ.

މިއަދު ނިމުނު ހިޔާ ޢީދުގެ ނަތީޖާ ވަރަށް އަވަހަށް އިޢުލާން ކުރާނެކަމަށް ދަރިވަރުންގެ ހިޔާއިން ވަނީ މަޢުލޫމާތު ލިބިފައެވެ.

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *