ރައީސްގެ ޚާއްޞަ ސްކޮލަޝިޕް އަޙްމަދިއްޔާގެ 3 ދަރިވަރަކަށް

މަތީ ސާނަވީން ފަސް މާއްދާއިން އޭ ސްޓާރ ހޯދާ ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ ސްކޮލަރޝިޕް، އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ 3 ދަރިވަރުންނަށް ލިބިއްޖެއެވެ. ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު ވަނީ އެ ދަރިވަރުންނާ ރޭ ލިޔުން ހަވާލުކޮށްދެއްވާފައެވެ.

ރޭގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ ސްކޮލަރޝިޕް ޙާޞިލްކުރި އަޙްމަދިއްޔާގެ 3 ދަރިވަރުންނަކީ، 12 ސީގެ ސިނާ އަޝްރަފާއި 12 އެޗްގެ މަލްސާ މުޖުތަބާ އާއި، 12 ސީގެ މަރިޔަމް އަޙްމަދެވެ.

ޝިނާ އަޝްރަފްވަނީ 6 މާއްދާއިން އޭ ސްޓާރ ހޯދާފައެވެ.  އެއީ، ދިވެހި، އިސްލާމް، ހިސާބު، ބައޮލޮޖީ، ކެމިސްޓްރީ، އަދި ފިޒިކްސް އެވެ. އޭނާ ވަނީ ފިޒިކްސް އިން މުޅި ދުނިޔެއިން 1 ވަނަ ހޯދާފައެވެ.

12 އެޗް ގެ މަލްސާ މުޖުތަބާ ވަނީ 5 މާއްދާއިން އޭ ސްޓަރ ހޯދާފައެވެ. އެއީ ދިވެހި، އިސްލާމް، އެކައުންޓިންގ، ބިޒްނަސް ސްޓަޑީޒް، އަދި އިކޮނޮމިކްސް އެވެ.

މަރިޔަމް އަޙްމަދު އޭ ސްޓާރ ހޯދި 5 މާއްދާ އަކީ،  ދިވެހި، އިސްލާމް، ބައޮލޮޖީ، ކެމިސްޓްރީ، އަދި ފިޒިކްސް އެވެ. އަދި އޭނާ ވަނީ  ފިޒިކްސް އިން މުޅި ދުނިޔެއިން 1 ވަނަ ހޯދާފައެވެ.

ފަސް މާއްދާއިން އޭ ސްޓަރ ހޯދާ ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ ސްކޮލަރޝިޕް މުޅި ރާއްޖެއިން ލިބުނީ 17 ދަރިވަރުންނަށެވެ. އެއީ، ސެންޓަރ ފޮރ ހަޔަރ ސެކަންޑްރީ އެޑިޔުކޭޝަން (ސީއެޗްއެސްއީ)ގެ ނުވަ ދަރިވަރުންނާއި އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގެ ތިން ދަރިވަރުންނާއި ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލްގެ ދަރިވަރަކާއި ގއ. އަތޮޅު ތަޢްލީމީ މަރުކަޒުގެ ދަރިވަރަކާއި އައްޑޫ ހައި ސްކޫލުގެ ދަރިވަރަކާއި އިހަވަންދޫ ސްކޫލުގެ ދަރިވަރެއްގެ އިތުރުން އަލްޢަރަބިއްޔަތުލް އިސްލާމިއްޔާގެ ދަރިވަރަކަށެވެ.

ރައީސްގެ ޚާއްޞަ ސްކޮލަޝިޕް ލިބެނީ "އިސްލާމް" އަދި "ދިވެހި" ހިމެނޭ ގޮތަށް 5 މާއްދާއިން އޭ ސްޓަރ ހޯދާފައިވުން ނުވަތަ ޝަހާދަ ސާނަވީ އިމްތިޙާން ގައި ބައިވެރިވެ ހުރިހާ މާއްދާއަކުން އޭ ސްޓަރ ޙާޞިލްކޮށްފައިވުން އަދި ޖީ.ސީ.އީ އޯލެވެލް / އައި.ޖީ.ސީ.އެސް.ސީ ނުވަތަ އެއާ އެއްފެންވަރުގެ އިމްތިޙާނަކުން އިނގިރޭސި "ސީ" އިން ފެށިގެން މަތީ ގްރޭޑެއް ލިބިފައި އޮތުމެވެ.

މި ސްކޮލަރޝިޕް ލިބޭ ދަރިވަރުން ކިޔަވަން ބޭނުން ދާއިރާއަކުން ބޭނުން ގައުމެއްގައި ފުރަތަމަ ޑިގްރީ ފުރިހަމަ ކުރުމުގެ ޚަރަދު، ސްކޮލަރޝިޕާބެހޭ އުޞޫލުގައިވާ ގޮތުގެ މަތީން ހަމަޖައްސައިދޭނީ ސަރުކާރުންނެވެ.

ރައީސްގެ ޚާއްޞަ ސްކޮލަޝިޕަށް ހޮވުނު އަޙްމަދިއްޔާގެ 3 ދަރިވަރުންގެ އިތުރުން، ހައި އެޗީވަރސް ސްކޮލަރޝިޕް ޙާޞިލްކުރި އަޙްމަދިއްޔާގެ 26 ދަރިވަރަކަށް ވަނީ ސްކޮލަޝިޕް ލިބުނުކަމުގެ ލިޔުން ރޭ ހަވާލުކޮށްދެއްވާފައެވެ.

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *