الْحَمْدُ لِلَّهِ رَبِّ العَالَمِينَ. وَالصَّلاَةُ وَالسَّلاَمُ عَلَى نَبِيِّنَا مَحَمَّدٍ وَعَلَى آلِهِ وَأَصْحَابِهِ. أَمَّا بَعْد.
ދުނިޔޭގައި އެއްވެސް އިންސާނަކަށް އޭނާ ބޭނުންވާ ހުރިހައިކަމެއް ފުރިހަމަވެގެން، އަބަދު މިދުނިޔެއާއި މެދު ހިތްހަމަޖެހި އުޅުމަކީ އެއްވެސް އިންސާނަކަށް ވާނޭ ކަމެއް ނޫނެވެ. ފަހަރުގައި ބައެއް އިންސާނުންނަށް މާތް ﷲ ދެއްވާ ބޮޑެތި ނިޢުމަތްތަކުގެ ސަބަބުން އެބަޔަކަށް ވަގުތީގޮތުން އެކަން ޙާޞިލުވެދާނެއެވެ. ވީމާ އެއީވެސް ހަމައެކަނި ވަގުތީ އުފަލަކަށް އޮންނަނީ ވެފައެވެ. ދުނިޔެވީ ޙަޔާތަކީ ސާފުވިލާތަކުގެ ފަހަތުން ކަޅުވިލާގަނޑުތަކެއް ދަތުރުކުރާ ފަދަ ތަނެކެވެ. އުސްގަނޑުތަކުގެ ފަހަތުން ވަޅުގަނޑުތައް އަންނާނޭ ދުނިޔެއެކެވެ. ދުނިޔެއަކީ އުފާވެރި ދުވަސްތަކަކާއި ވަގުތުތަކާއި ޒަމާންތަކުގެ ފަހަތުން ހިތާމައާއި މުޞީބާތްތަކުގެ ވަގުތުތައް ކުރިމަތިވާ މަންޒިލެކެވެ. ގިނަ އިންސާނުންނަކީ މިފަދައިން މިކަންވާ ސަބަބުތައް އަމިއްލައަށް އެބަޔަކު ނިސްބަތްވާ ދީނަކާއި ޢަޤީދާއަކާއި ގުޅުވައިގެން މާނަކުރާ ބައެކެވެ. ވަރަށް ގިނަމީހުންނީ އެކަމަކީ އެބައިމީހުން ތަބާވާ ކަލާނގެތަކެއްގެ ނިންމުންކަން ޤަބޫލުކުރާ ބައެކެވެ. ވީމާ އެބައިމީހުން އެފަދަ ޙާލަތްތަކުގައި އެބައިމީހުންގެ ކަލާނގެތަކަށް އެއްޗެހިގޮވާ ހަޅޭލަވާ ހަދައެވެ. އަދި މިކަލާނގެ ކަމަކުނުދާކަމަށް ބުނެ ކޮންމެވެސް އެހެން ކަލާނގެއެއް ހޯދައިގެން ހިތްހަމަޖައްސާލާވެސް ހަދައެވެ.
ޝައްކެއްވެސްނެތެވެ. މުޅިކައުނުގައި އެންމެހައި ކަމެއް ހިންގަވާ ބަލަހައްޓަވާ މަތިވެރި ފަރާތަކީ މިއުޑުތަކާއި ބިމާއި އެދެމެދުގައިވާހައި އެއްޗެއް އުފެއްދެވި ކުޅަދުންވަންތަ ޙިކްމަތްވަންތަ ﷲ سبحانه وتعالى އެވެ. އެކަލާނގެ ޢިލްމުފުޅުގެ މަތިވެރިކަމުން ދުނިޔޭގެ ކަންކަން ހިނގުމުގެ މާކުރިންވެސް އެކަންކަން ހިނގާނޭ ގޮތުގެ ޢިލްމު އެކަލާނގެއަށް ލިބިވޮޑިގެންވެއެވެ. މިއީ އިސްލާމީ ޢަޤީދާއެވެ. އެޢަޤީދާއެއްގެ މަތީގައި ކޮންމެ މުސްލިމަކު ބިންގާއެޅިފައި އޮތުން ވާޖިބު ޤަބޫލުކުރުމެވެ.
އެތަކެއް މިލިއަން މުސްލިމުންނެއް މާތްﷲއަށް އީމާންވެ، ދީނުގައި ޤަބޫލުކުރަން އޮންނަކަންކަން ޤަބޫލުކޮށް، އުޅޭއިރު، ދުލުން ޝަހާދަތުގެ ކަލިމަކިޔައި، ކޮންމެވެސް ސަބަބަކާއި ހުރެ އިސްލާމްވާން ބޭނުންވެ އިސްލާމްދީން ޤަބޫލުކުރުމަށްފަހު، އެބައެއްގެ ހިތްތަކަށް އީމާންކަން ނުވަދެވާޙާލުގައި، ހިތްހަމަނުޖެހޭ ކަންކަމާއި ބޮޑެތި މުޞީބާތްތައް ކުރިމަތިވުމުން، ޤަޟާޤަދަރަށް އީމާންވާން ޤުރުއާނާއި ސުންނަތުން އެނގެން އޮންނަކަންކަން ހަމަނުޖެހޭ ކަމުގައި ބުނެ އެބައިމީހުން އަމިއްލަ މާނަކުރުންތައް ނެރެއެވެ. އެފަދަ މާނަކުރުންތަކަކީ ދީނަށް ކުފުރުވެވޭ ކަންކަން ކަމެއްވެސް އެބައިމީހުންނަށް ރޭކާނުލައެވެ. އެބައިމީހުން ދެން ތިބެނީ ދީނީގޮތުން ޤުރުއާނާއި ސުންނަތުން އެނގެން އޮންނަގޮތާއި ވަރަށް ބީރައްޓެހި ޢަޤީދާތަކުގައެވެ. އެގޮތުން ބައެއްމީހުން ޤަބޫލުކުރާގޮތުގައި، ދުނިޔޭގައި ހިނގާ ރަނގަޅުކަންކަން ހިންގަވަނީ މާތް ﷲ އޭ ބުނެއެވެ. ނަމަވެސް ދުނިޔޭގައި ހިނގާ އެއްވެސް ނުބައިކަމެއް ހިނގަނީ މާތްﷲ އެކަމަކަށް އިރާދަކުރެއްވުމުންނޭ ބުނުން އެކަށީގެންނުވާ ކަމުގައިބުނެ އެއީ އިންސާނާ އެކަންކަން ކުރުމުން ނޫނީ މާތް ﷲ އަށް އެކަން އެނގިވޮޑިގެން ނުވާކަންކަން ކަމުގައި ބުނެއެވެ. އަދި މިނޫނަސް ތަފާތު އެކި ތަފްސީރުތައް އަމިއްލައަށް ކޮށްފައި ހުރެއެވެ.
އީމާންކަން ވަރަށް ބަލިކަށިމީހުންވެސް މުސްލިމުންގެ ތެރޭގައި ނުހަނު ގިނައެވެ. އެބަލިކަށި އީމާންކަމުގައި ވަނިކޮށް އެބަޔަކަށް އެބައިމީހުން ހިތްނޭދޭ މިފަދަ މުޞީބާތްތައް ޖެހުމުން، އެބައިމީހުން ޤަޟާޤަދަރަށް ފުރިހަމައަށް އީމާންވުމާއެކު، އެކަންކަން މާތް ﷲ އެބައިމީހުންނަށް ޖެއްސެވީތީ އެކަލާނގެއާ މެދު ހިތްހަމަ ނުޖެހެއެވެ. އެކަލާނގެ ޙިކްމަތްވަންތަ ކަމާއިމެދު ޣާފިލުވެއެވެ. އަދި އަމިއްލައަށް ތިމަތިމާމެންގެ ނިކަމެތިކަމާއި އެކަލާނގެއަށް އަދާކުރަންޖެހޭ ޙައްޤުތަކުގައި ހުރި އުނިކަން ހިތަށް ގެނެސްގަތުމުގެ ބަދަލުގައި ބޮޑާކަން އިސްކުރެއެވެ. ތިމާއަކީ ހަމަ މުސްލިމަކަށްވުމާއެކު އެކަލާނގެ ތިމާއަށް އެއްވެސް މުޞީބާތެއް ޖައްސަވައިގެން ނުވާނޭ ބުނާކަހަލައެވެ. މިއީ އެބައިމީހުންގެ އީމާންކަމުގެ ބަލިކަށިކަމެވެ.
އިބްނު ޢައްބާސް رضي الله عنه ވިދާޅުވިއެވެ: "މަދީނާއަށް އަންނަމީހުންގެ ތެރެއިން ބައެއްމީހުންގެ ފަރާތުން މިފަދައިން ކަންތައް ވެއެވެ. އޭނާގެ އަނބިމީހާ ފިރިހެން ދަރިއަކު ވިހައިފިނަމަ، އަދި އޭނާގެ އަސް ވިހައިފިނަމަ އެމީހަކު ބުނެއެވެ: މިއީ ރަނގަޅު ދީނެކެވެ. އަދި އޭނާގެ އަނބިމީހާއަށް ދަރިއަކު ނުލިބި، އޭނާގެ އަސްވެސް ނުވިހައިފި ނަމަ އޭނާ ބުނެއެވެ: މިއީ ނުބައި ދީނެކެވެ." އެބައިމީހުން އެބުނާފަދައިން ނިންމޭނީ ކިހިނަކުން ހެއްޔެވެ؟ އެންމެހައިކަމެއް ހިންގަވާ ފަރާތަކީ ﷲ އެވެ. އެކަލާނގެ ކުރައްވާ ކަންކަމުގައި އެކަމެއްގެ ޙިކްމަތް އިންސާނުންނަށް ވަންހަނާވެގެންވާ ކިތަންމެކަމެއް ހިމެނެއެވެ. އެކަލާނގެއީ އެންމެ ޙިކްމަތްވަންތައިލާހެވެ. އިންސާނުންނަކީ ވަރަށްކުޑަކުޑަ ޢިލްމެއް ނޫނީ ލިބިގެންވާ ބައެއް ނޫނެވެ. މާތްﷲ ވަޙީކުރެއްވިއެވެ: ﴿وَمَآ أُوتِيتُم مِّنَ ٱلْعِلْمِ إِلَّا قَلِيلًا﴾ سورة الإسراء:85 މާނައީ: [އަދި ތިޔަބައިމީހުންނަށް ވަރަށްމަދު ޢިލްމެއް ނޫނީ ދެވިފައި ނުވެއެވެ.] ވީމާ މާތްﷲ ކަންކަން ނިންމެވުމުގެ ޙިކްމަތް އިންސާނުންނަށް އެނގިގެންނުވެއެވެ. އިންސާނުންނަށް ޚާއްޞަކޮށް މުސްލިމުން މުއުމިނުންނަށް އޮތީ ކެތްތެރިވުމުގެ އަޅުކަން އިސްކުރުމެވެ. މާތްﷲ އަށް ފުރިހަމައަށް އިތުބާރުކުރުމާއެކު އެކަލާނގެއަށް ތަވައްކުލްކުރުމެވެ.
ނަމަވެސް އީމާންކަމުގައި އުނިކަން ހުންނަމީހުން، ހަވާނަފްސުގެ އެދުންތަކާއި އެއްގޮތަށް ކަންތައް ނުވެއްޖެނަމަ ނުވަތަ އެބައިމީހުންގެ ކިބައިގައިވި ގިނަގުނަ ނޭއްގާނީ އުރެދުންތަކާއި އެކުގައިވެސް، އެބައިމީހުން އުންމީދުކުރަނީ އަދި ހިތުގެއަޑިން ޤަބޫލުކޮށްގެން ތިބެނީ އެބައިމީހުންނީ މުސްލިމުންނަށް ވީތީ އެއްވެސް ދެރަގޮތެއް ނުވާނޭކަމަށެވެ. މުއުމިނުންވިޔަސް އެބައިމީހުންގެ ފާފައިގެ ސަބަބުން އެބައިމީހުންނަށް މުޞީބާތްތައް ކުރިމަތިވުމަކީ އެކަލާނގެ ޤަދަރުގައި ހިނގާ ކަންކަމެވެ. އެއީ އަދިވެސް އެބައިމީހުންނަށް ވިސްނި ތައުބާވުމުގެމަގު ހުޅުވާލެއްވުމަށެވެ. ނަމަވެސް އެކަން އިސްނުކޮށް އަދިވެސް އެކަމުގައި އެކަލާނގެއާމެދު ވިސްނުން ނުބައިކުރުމުން އެނގެނީ އެފަދަމީހުންގެ އީމާންކަން އިންތިހާއަށް ބަލިކަށިކަމެވެ. މާތް ﷲ ވަޙީކުރެއްވިއެވެ: ﴿وَمِنَ النَّاسِ مَن يَعْبُدُ اللَّهَ عَلَىٰ حَرْفٍ ۖ فَإِنْ أَصَابَهُ خَيْرٌ اطْمَأَنَّ بِهِ ۖ وَإِنْ أَصَابَتْهُ فِتْنَةٌ انقَلَبَ عَلَىٰ وَجْهِهِ خَسِرَ الدُّنْيَا وَالْآخِرَةَ ۚ ذَٰلِكَ هُوَ الْخُسْرَانُ الْمُبِينُ﴾ سورة الحج:11 މާނައީ: [شك އެއްގެމަތީގައި ތިބެގެން، اللَّه އަށް އަޅުކަންކުރާ މީހުން، މީސްތަކުންގެ ތެރެއިންވެއެވެ. ފަހެ، އެމީހަކަށް ހެޔޮކަމެއް ދިމާވެއްޖެނަމަ، އެކަމުން ހިތްހަމަޖެހެއެވެ. އަދި އޭނާޔަށް ބަލާއެއް مصيبة އެއް ޖެހިއްޖެނަމަ، كفر ވެރިކަމަށް ފުރޮޅިދެއެވެ. އޭނާޔަށް ދުނިޔެއާއި آخرة ގެއްލުނީއެވެ. ބަޔާންވެގެންވާ ގެއްލެނިވުމަކީ ހަމައެއީއެވެ.]
އަޅަމެންނީ މާތްﷲ ލެއްވި އެންމެހައި އިމްތިޙާނުތަކަށް ކެތްތެރިކަން އިސްކުރާ، އަދި އޭގެ ސަބަބުން އީމާންކަން އިތުރުވާނޭ ބަޔައެއްކަމުގައި ލައްވާށިއެވެ! އާމީން!
وصلى الله وسلم على نبينا محمد وعلى آله وأصحابه أجمعين.