އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގެ މަތީ ސާނަވީ ދަރިވަރުން ތަޖުރިބާ ދަތުރެއްގައި އިއްޔެ ލާމަށް ފުރައިފިއެވެ.
ގްރޭޑް 12ގެ ހަތާވީސް ދަރިވަރަކު ބައިވެރިވާ މި ދަތުރުގައި ލ.ގަމާއި ފޮނަދޫގެ އިތުރުން މާންދޫ އިސްދޫކަލައިދޫ އަދި މާބައިދޫއަށް ޒިޔާރަތްކޮށް އެ ރަށްރަށުގައި ހުރި އާސާރީ ތަންތަނަށް ޒިޔާރަތްކޮށް އެތަންތަނާ ބެހޭ މަޢުލޫމާތު އެއްކުރުމުގެ އިތުރުން އެރަށްރަށުގައި ހިންގާ އިޤްތިޞާދީ ޙަރަކާތްތަކުގެ މަޢުލޫމާތު ވެސް ހޯދާނެއެވެ. އެގޮތުން މިހާތަނަށް ވަނީ ގަމު ހައްތެއްޔާއި ޕަރީފެންގަނޑަށް ޒިޔާރަތްކުރުމުގެ އިތުރުން ހޮރައިޒަންގެ ފަރާތުން މާންދޫގައި ހިންގާ މަސްކާރުޚާނާއަށް ޒިޔާރަތްކޮށް އެ ކާރުޚާނާގެ މަސައްކަތް ހިނގަމުންދާ ގޮތް އަމަލީ ގޮތުން ތަޖުރިބާކޮށްފައެވެ. އަދި މިއަދު މެންދުރުފަހު ދަރިވަރުން ވަނީ ފޮނަދޫއަށް ވެސް ޒިޔާރަތްކޮށްފައެވެ.
މި ދަތުރުގައި ދަރިވަރުންނާއެކު އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގެ ސީނިއަރ އެސިސްޓެންޓް ޕްރިންސިޕަލް އަޙުމަދު ޝަފީގުގެ އިތުރުން ދިވެހި ޑިޕާޓުމެންޓުގެ ހެޑް ޙަސަން އަސްލަމާއި ލީޑިންގ ޓީޗަރެއްގެ އިތުރުން ޓީޗަރަކާއި އެޑްމިންގެ ސީނިއަރ މެންބަރަކު ވެސް ބައވެރިވެވަޑައިގަންނަވައެވެ.
މި ދަރިވަރުން އެނބުރި އައުމަށް ހަމަޖެހިފައި ވަނީ މިއަންނަ އަންގާރަ ދުވަހުގެ ހަވީރުގެ ވަގުތެއްގައެވެ.