އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގެ ޕްރީކަބް އަދި ސްޓާރސް ދަރިވަރުންގެ އައުޓިން ކޭމްޕް ހުޅުމާލޭގައި ބާއްވައިފިއެވެ. އެގޮތުން ސްޓާރސްގެ ދަރިވަރުންގެ އައުޓިން އޮތީ ހުޅުމާލެ ފޭސް 2ގައި ހުންނަ ކާމިލްދީދީ ޕްރައިމަރީ ސްކޫލްގައެވެ. އަދި ޕްރީކަބް ދަރިވަރުންގެ އައުޓިން ކޭމްޕް ބޭއްވުނީ ހުޅުމާލެ މުޙައްމަދު ޤާސިމް ޕްރީ ސްކޫލްގައެވެ.
މިއައުޓިން ކޭމްޕްގެ އެންމެ ބޮޑު މަޤުޞަދަކީ ދަރިވަރުން އެކަޑަމިކް އަހަރު ނިމުމުގެ ކުރިން ހޯދަންޖެހޭ ބެޖުތައް ހޯދުމުގެ ފުރުސަތު ހޯދައި ދިނުމެވެ. އެގޮތުން މި ކޭމްޕް ބޭއްވުނީ އެއްދުވަހުގެ މުއްދަތަށެވެ. މި ކޭމްޕްގައި ދަރިވަރުންނަށް ވަރަށް ގިނަ ހަރަކާތްތައް ހިންގުނެވެ. މި ހަރަކާތްތައް ފުރިހަމަ ކުރުމުންނޫނީ ދަރިވަރުން ހޯދަންޖެހޭ ބެޖު ނުލިބެއެވެ. އެހެންކަމުން ހުރިހާ ދަރިވަރުން ވެސް މި ހަރަކާތްތަކުގައި ވަރަށް ޝައުގުވެރިކަމާއެކު ބައިވެރިވެ، ބެޖުތައް ޙާޞިލްކުރިއެވެ.
މި ކޭމްޕް ރާވާ ހިންގީ ސްކޫލުގެ ބޭފުޅުންނާއި ގުޅިގެން ސްކައުޓް އެސޯސިއޭޝަންގެ އިސް ބައެއް ބޭފުޅުންނެވެ. މި ކޭމްޕުން ދަރިވަރުންނަށް ދަސްވެގެން ދިޔައީ އާއިލާގެ މީހުނާވަކިން އެހެން ދަރިވަރުންނާއި ގުޅިގެން އުޅުމާއި، ވަގުތަށް ކަމޭހިތުމާއި، އަމިއްލައަށް ޒިންމާ ނެގުމެވެ. މީގެއިތުރުންވެސް ހުރިހާ ދަރިވަރުންނަކީ އެއްބައިވަންތަ އެކުވެރި ބައެއްކަމާއި، ހަމަހަމަކަމެވެ. މިފަދަ ކޭމްޕުތައް ބޭއްވުމުން ދަރިވަރުންނަށް ވަރަށްގިނަ ކަންކަން ދަސްވެގެން ދެއެވެ. ދުވަހަކު ތަޖުރިބާ ނުކުރާ އާކަންކަން ދަސްވެއެވެ.