އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލުގެ ޑެޕިއުޓީ ޑިރެކްޓަރ އިބްރާހީމް ޝާކިރު ކުއްލި ގޮތަކަށް ނިޔާވެއްޖެއެވެ.
46 އަހަރުގެ ޝާކިރު ސަރ އަކީ އަޙްމަދިއްޔާއިން ސާނަވީ ތަޢުލީމް ނިންމެވުމަށްފަހު އިޚްލާސްތެރިކަމާއެކު މި ސްކޫލަށް ޚިދުމަތްކުރެއްވުމުގައި މެދުނުކެނޑި 26 އަހަރު ހޭދަކުރައްވައި ސްކޫލުގެ ވެރިންނާއި މުދައްރިސުންނާއި ދަރިވަރުންނާއި ބެލެނިވެރިންނާއި މުޅި އަހުމަދިއްޔާ އާއިލާގެ އިތުބާރާއި ލޯބި ހޯއްދަވާފައިވާ ލާމަސީލު ޚިދުމަތްތެރިއެކެވެ.
1 ފެބުރުއަރީ 1997 ގައި ލައިބްރޭރިއަނެއްގެ ގޮތުގައި މި ސްކޫލާ ގުޅިވަޑައިގެންނެވި ޝާކިރު ސަރ ނިޔާވިއިރު ހުންނެވީ ސްކޫލުގެ ޑެޕިއުޓީ ޑިރެކްޓަރ ކަމުގެ މަގާމުގައެވެ. މި ވޭތުވެދިޔަ 26 އަހަރު ޝާކިރު ސަރ ވަނީ މި ސްކޫލަށް އިޚްލާސްތެރި މަސައްކަތްތަކެއް ކުރައްވާފައެވެ. އެގޮތުން ސްކޫލްގެ އޯލެވެލް އަދި އޭލެވެލް އިމްތިޙާންތަކުގެ ކަންތައްތައް ބެލެހެއްޓެވުމާއި ޕްރީ ސްކޫލްގެ ރެޖިސްޓްރޭޝަންގެ މަސައްކަތްތަކާއި ޕްރިންޓުކުރުމާ ގުޅޭ އެންމެހައި ކަމެއް ސްކޫލުން ކުރަމުންދަނީ ޝާކިރު ސަރގެ ބެއްލެވުމުުގެ ދަށުންނެވެ. މީގެ އިތުރުން ވެސް އެތައް އެތައް ޚިދުމަތްތަކެއް ޝާކިރު ސަރ ގެންދެވީ ސްކޫލަށް ކޮށްދެއްވަމުންނެވެ.
ޝާކިރު ސަރ ރޭ ނިޔާވިއިރު، މި ސްކޫލުގެ މަތީ ސާނަވީ ދަރިވަރުންނާއެކު އުފަން ރަށް ލ.ގަމަށް ކުރި 4 ދުވަހުގެ ތަޖުރިބާ ދަތުރަށްފަހު އެނބުރި މާލެ ދުރުވީ ރޭގައެވެ.
ހާޓް އެޓޭކެއްގައި ކުއްލި ގޮތަކަށް ޝާކިރު ސަރ ނިޔާވި އިރު އަނތްބަކާއި 4 ދަރިން ދުނިޔޭގައި އެބަތިއްބެވިއެވެ.
މި ހިތާމަވެރި ދަނޑިވަޅުގައި ޝާކިރު ސަރގެ ޢާއިލާއާ އެކު އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގެ ޕްރިންސިޕަލް މުޙައްމަދު ރަޝީދާއި މުޅި އަހުމަދިއްޔާ ޢާއިލާ އޮތްކަމުގެ ޔަގީންކަން އަރުވަމެވެ.
އަޅުގަނޑުމެންގެ އިޚްލާސްތެރި ދުޢާއަކީ ޝާކިރު ސަރގެ ފާފަފުއްސަވައި ސުވަރުގޭގެ އެންމެ މަތިވެެރި ނިޢުމަތް މާތް ﷲ ޝާކިރު ސަރ އަށް މިންވަރުކުރައްވައި އަޅުގަނޑުމެންނަށާއި އާއިލާއަށް ކެތްތެރިކަން މިންވަރުކުރެއްވުމެވެ.
5 Responses
ޝާކިރު ސަރ އަކީ ވަރަށް ހިތްހެޔޮ، އެކުވެރި، އެންމެނާ ވެސް ގުޅޭ، ލާމަސީލު ނަމޫނާއެއް ދެެއްކެވި ކުޅަދާނަ ޝަޚްސިއްޔަތެއް. އަޙްމަދިއްޔާ ސްކޫލަށާއި ދަރިވަރުންނަށް ސަރ ތި ކޮށްދެއްވި މިންނެތް މަސައްކަތަށާއި އަގުހުރި ޚިދުމަތްތަކަށް ހިތުގެ އެންމެ އަޑިން ޝުކުރުވެރިވަން. މާތް ﷲ ސަރ ގެ އެންމެހާ ފާފައެއް ފުއްސަވާ ސުވަރުގޭގެ އެންމެ މަތީ ދާއިމީ ނިޢުމަތް މިންވަރު ކުރައްވަވާފާނދޭވެ. އާމީން. 3>
اِنَّا لِلّٰهِ وَاِنَّااِلَيْهِ رَاجِعُوْنَ !
މާތް اَللّٰهُ މައްޔިތާ އަށްް ފާފަ ފުއްސަވައި, ސުވަރުގެ މިންވަރު ކުރައްވާށި! އަދި ޢާއިލާއަށް ކެތްތެރިކަން ދެއްވާށި!
اللهم آمين يارب العالمين🤲
ޝާކިރު ސަރގެ ފާފަ ފުއްސަވައި ސުވަރުގޭގެ ދާޢިމީ ނިޢުމަތް މިންވަރު ކުރައްވާށި. އަދި ޢާއިލާއަށް ކެތްތެރިކަން ދެއްވާށި
ސާކިރު ސަރ ގެ ފާފަ ފުއްސަވާ ސުވަރު ގޭގެ ދާއިމީ ނިއުމަތް މިންވަރު ކުރަށްވާ ހެޔޮ ރަހްމަތް ލައްވާސި. އާއިލާ އަށް ކެއްތެރިކަން ދެއްވާށި އާމީން
ސާރ އާއި އެއްކޮށް ގަމުގައި މިދިޔަ 4 ދުވަހު ދަތުރުކޮށް އުޅެފަ މިކަހަލަ ޚަބަރެއް ލިބުން ވެގެން ދިޔައީ ލިބުނު ވަރަށް ބޮޑު ޝޮކަކަށް. ޝާކިރު ސާރ އަކީ ނުލާހިލު އިހްލާސްތެރި ހިއްހެޔޮ ސާރ އެއް. އަޅުގަނޑު ވަރަށް ލޯބިވާ ސާރ އެއް. 2018 ވަނަ އަހަރު ސްކޫލަށް ވަނީއްސުރެ އެކިކަންކަމުގައި އަޅުގަނޑަށް އެހީވެދިން ބޭބެއެއް ފަދަ ޓީޗަރެއް. މިއަދު އަޅުގަނޑުމެންނާއި ސާރ ވަކިވި ނަމަވެސް ސާރ ކޮއްދިން ޚިދުމަތްތަކާއި ދެއްވި އެހީތެރިކަން ދުވަހަކުވެސް ހިތުން ފިލާން ނުދާނެ. މާތް ﷲ ސާރގެ ފުރާނަފުޅަށް ހެޔޮ ރަޙްމަތްލައްވާ، ސާރ އަށް ކައްވަޅަކީ އަރާމް ތަނެއްކަމުގައި ލައްވަވާ، ސުވަރުގޭގެ މަތިވެރި ނިޢުމަތް ދެއްވާށި އާމީން.