الْحَمْدُ لِلَّهِ رَبِّ العَالَمِينَ. وَالصَّلاَةُ وَالسَّلاَمُ عَلَى نَبِيِّنَا مَحَمَّدٍ وَعَلَى آلِهِ وَأَصْحَابِهِ. أَمَّا بَعْد.
އަހަރެމެން އިންސާނުން ދުނިޔެއާއި ވަކިވެދިއުމަކީ ކިތަންމެ ޤަބޫލުކުރަން ދަތިކަމެއްކަމުގައިވީ ނަމަވެސް އެއީ ވަމުންދާ ޙަޤީޤަތެކެވެ. ކޮންމެމީހަކީވެސް މަރާ ބައްދަލުވާނޭ މީހެކެވެ. ދުނިޔޭގެ އެންމެބާރުގަދަ މުއްސަދި މީހާއިން ފެށިގެން އެންމެ ނިކަމެތި މީހާއާ ހަމައަށްވެސް މެއެވެ. އެންމެ ގާތްތިމާގެ މީހުންނާއި ގާތްއެކުވެރިންނާއި ތިމާއަށް އެމީހަކު މިދުނިޔޭގައި އުޅޭކަމުގެ އެނގުމެއްނުވާ ނުވެސް ދަންނަމީހުންވެސް މެއެވެ. އެންމެންވެސް އެމީހެއްގެ އަޖަލު ޖެހުމުން މާތް ﷲ ގެ ޙަޟްރަތަށް އެނބުރި ދެއެވެ. ދުނިޔެއަށް ފޮނުއްވީ ﷲ سبحانه وتعالى އެވެ. އަދި އެނބުރި ދިއުންވަނީވެސް އެކަލާނގެ ޙަޟްރަތަށެވެ. އެންމެންވެސް އެކަލާނގެ ޙަޟްރަތަށް ދަނީ ހަމައެކަނި އެމީހަކު ދުނިޔޭގައި ކުޅަ ޢަމަލުތަކަކައިގެންނެވެ. އެނޫން އެހެން އެއްވެސް އެއްޗެއް ކަށްވަޅަށް ނުގެންދެއެވެ. އެބައިމީހުން އެދަނީ އެބައިމީހުން ކުޅަ ޢަމަލުތަކުގެ ޖަޒާ ލިބިގަތުމަށެވެ. މާތް ﷲ ވަޙީކުރެއްވިއެވެ: ﴿كُلُّ نَفْسٍۢ ذَآئِقَةُ ٱلْمَوْتِ ۗ وَإِنَّمَا تُوَفَّوْنَ أُجُورَكُمْ يَوْمَ ٱلْقِيَٰمَةِ ۖ فَمَن زُحْزِحَ عَنِ ٱلنَّارِ وَأُدْخِلَ ٱلْجَنَّةَ فَقَدْ فَازَ ۗ وَمَا ٱلْحَيَوٰةُ ٱلدُّنْيَآ إِلَّا مَتَٰعُ ٱلْغُرُورِ﴾ سورة آل عمران:185 މާނައީ: [ކޮންމެ ނަފްސެއްމެ މަރުގެ ރަހަ ދެކޭނެތެވެ. އަދި ހަމަކަށަވަރުން ޤިޔާމަތްދުވަހުގައި ތިޔަބައިމީހުންގެ އަޖުރު ތިޔަބައިމީހުންނަށް ފުރިހަމަ ކޮށްދެވޭހުއްޓެވެ. އަދި ނަރަކައިން ދުރުކުރެވި ސުވަރުގެއަށް ވެއްދެވޭމީހާ ކާމިޔާބުވެއްޖެކަން ކަށަވަރެވެ. އަދި ދުނިޔޭގެ ޙަޔާތަކީ ކެހިވެރިވެގެންވާ ވަގުތީ އުފަލެއްދޭ އެއްޗެއް ކަމުގައި މެނުވީ ނުވެއެވެ.]
ވީމާ ކޮންމެމީހަކު އެމީހެއްގެ ވެރިއިލާހުގެ ޙަޟްރަތަށް އެނބުރި ދާނެތެވެ. އެބަޔަކު ދިއުމުން ދުނިޔޭގައިވާ އޭނާގެ ގާތްތިމާގެ މީހުންނާއި އެކުވެރީންނާ އޭނާއަށް ހެޔޮއެދޭ އެންމެހައި މީސްތަކުންގެ މައްޗަށް ވާޖިބުވެގެންވަނީ ކެތްތެރިކަން އިޚްތިޔާރު ކުރުމެވެ. އެފަދަ ކެތްތެރިކަން އިޚްތިޔާރު ކުރި މީސްތަކުންނަށް ހެޔޮއަޖުރާއި ޘަވާބު ލިބުންވާކަމުގެ ހެޔޮޚަބަރު ﷲ سبحانه وتعالى ދެއްވިއެވެ. އެކަލާނގެ ވަޙީކުރެއްވިއެވެ: ﴿وَبَشِّرِ الصَّابِرِينَ الَّذِينَ إِذَا أَصَابَتْهُمْ مُصِيبَةٌ قَالُوا إِنَّا لِلَّهِ وَإِنَّا إِلَيْهِ رَاجِعُونَ﴾ سورة البقرى:155-156 މާނައީ: [އަދި ކެތްތެރީނަށް ހެޔޮޚަބަރު ކަލޭގެފާނު ދެއްވާށެވެ. އެބައިމީހުންނީ އެބައިމީހުންނަށް މުޞީބާތެއް ޖެހުމުން އަޅަމެންނީ ﷲގެ މިލްކެކެވެ އަދި އަހަރެމެން އެނބުރި ދިއުންވަނީވެސް އެކަލާނގެ ޙަޟްރަތަށެވެ މިފަދައިން ބުނާ މީހުންނެވެ.]
ވީމާ ދުނިޔޭގައި ތިބިބަޔަކު ކެތްތެރިކަން އިޚްތިޔާރުކުރުމަކީ ތިމާއަށާއި މައްޔިތާއަށްވެސް ހެޔޮކަމެކެވެ. އޭގެ ބަދަލުގައި ކެތްތެރިކަމާއި ފުށޫއަރާކަންކަން ހުއްދަވެގެން ނުވެތެވެ. މުޞީބާތް ކޮޅުންލައި ދުލުން އަޑުނަގާ ރޮއި، ދުނިޔޭގައި ތިބިބަޔެއްގެ އަމިއްލަ ނަފްސަށް ގެއްލުންވާ ފަދައިން ޢަމަލުކުރުން ހުއްދަނުވެއެވެ. ބުޚާރީއާއި މުސްލިމް ރިވާކުރެއްވި ހަދީޘެއްގައި ވެއެވެ: ((إِنَّ الْمَيِّتَ يُعَذَّبُ بِبُكَاءِ أَهْلِهِ)) މާނައީ: [ހަމަކަށަވަރުން މައްޔިތާގެ އަހުލުވެރިންގެ ރުއިމުގެ ސަބަބުން އޭނާއަށް ޢަޛާބު ލިބެއެވެ.] އަދި މިއީ ހަމައެކަނި ރުއިން ނޫންކަމާއި އެއީ ބާރަށް އަޑުލާފައި ރޯރުއިންކަން އެހެން ޙަދީޘްތަކުން އެނގެއެވެ. ނަބިއްޔާ صلى الله عليه وسلم ގެ ދަރިކަލުން އިބްރާހީމް އަވަހާރަވެ މިދުނިޔެއާއި ވަކިވުމުން އެކަލޭގެފާނު އެހިތާމައިގައި ލޮލުންކަރުނަ ފޭދިގެން ދިއުމުން ބައެއް ޞަޙާބީން އެކަމާ އެކަލޭގެފާނާއި ސުވާލުކުރެއްވިއެވެ. އެސުވާލު އުފެދުނީ، އެބޭކަލުންނަށް ވިސްނިވަޑައިގެންފައިވީ ރުއިމަކީ ޙަރާމްކަމެއްގެ ގޮތުގައި ވުމުންނެވެ. ނަމަވެސް ލޮލުން ކަރުނަ ފައިބައި ރުއިން ޙަރާމް ނޫންކަން އަންގަވައި ޙަދީޘްކުރެއްވި ކަމަށް ބުޚާރީއާއި މުސްލިމްގައިވެއެވެ: ((إنَّ اللَّهَ لا يُعَذِّبُ بدَمْعِ العَيْنِ، وَلَا بحُزْنِ القَلْبِ، وَلَكِنْ يُعَذِّبُ بهذا، وَأَشَارَ إلى لِسَانِهِ، أَوْ يَرْحَمُ)) މާނައީ: [ހަމަކަށަވަރުން ލޮލުން ކަރުނަ އައުމަކުން ނޫނީ ހިތުގައި ޖެހި ދެރަވުމަކުން ﷲ ޢަޛާބު ނުދެއްވައެވެ. ނަމަވެސް އެކަލާނގެ ޢަޛާބު ދެއްވަނީ މިއިންނެވެ. ދެން އެކަލޭގެފާނު އެކަލޭގެފާނުގެ ދޫފުޅަށް އިޝާރާތް ކުރެއްވިއެވެ. ނޫނީ އެކަލާނގެ އޯގާތެރިވެވޮޑިގަންނަވައެވެ.] ވީމާ އަޑުން އަޑުނަގާ ނުރުއިމަކީ މައްޔިތާއަށްޓަކައި އަހަރެމެންނަށް ކޮށްދެވޭނޭ ވަރަށްވެސް މުހިންމުކަމެކެވެ. އެކަލާނގެ ރަޙުމް މައްޔިތާއަށް ލިބުމުގެ ސަބަބެއް ކަމުގައި އެކަން ވެގެންދެއެވެ.
ދެން މައްޔިތާއަށްޓަކައި އަހަރެމެން އެމީހަކަށް އޮތްލޯތްބާއި އޯގާތެރިކަން ފާޅުކުރެވޭނެ އެންމެ މުހިންމުގޮތަކީ އެމައްޔިތާއަށްޓަކައި ގިނަގިނައިން ހެޔޮދުޢާކުރުމެވެ. ﷲ سبحانه وتعالى ވަޙީކުރެއްވިއެވެ: ﴿وَالَّذِينَ جَاءُوا مِنْ بَعْدِهِمْ يَقُولُونَ رَبَّنَا اغْفِرْ لَنَا وَلِإِخْوَانِنَا الَّذِينَ سَبَقُونَا بِالإِيمَانِ﴾ سورة الحشر:10 މާނައީ: [އަދި އެބައިމީހުންގެ ފަހުން އަންނަމީސްތަކުން (އެބައިމީހުންނަށް ދުޢާކޮށް) ބުނެއެވެ. ހައްދަވާ ގެންގުޅުއްވާ އިލާހެވެ! އަހަރެމެންނަށާއި، އީމާންކަމުގައި އަހަރެމެންގެ ކުރިން އިސްވެ(މަރުވެ)ދިޔަ އަޚުންނަށްވެސް ފާފަ ފުއްސަވާންދޭވެ!]
އަދި ޚާއްޞާކޮށް ދަރިންގެ ހެޔޮދުޢާއަކީ މައްޔިތާއަށް ވަރަށް މުހިންމު އެއްޗެކެވެ. އިމާމް މުސްލިމް ރިވާކުރެއްވި ޙަދީޘެއްގައި ވެއެވެ: ((إِذَا مَاتَ ابْنُ آدَمَ انْقَطَعَ عَمَلُهُ إِلَّا مِنْ ثَلَاثٍ؛ صَدَقَةٍ جَارِيَةٍ، أَوْ عِلْمٍ يُنْتَفَعُ بِهِ، أَوْ وَلَدٍ صَالِحٍ يَدْعُو لَهُ)) މާނައީ: [އާދަމުގެ ދަރިޔާ މަރުވެދިއުމުން ތިންކަމެއް ނޫނީ އޭނާގެ ޢަމަލުތައް ކެނޑިގެންދެއެވެ. އެއީ ހިނގަހިނގާ ހުންނަ ޞަދަޤާތަކާއި އެއިން މަންފާލިބެނިވި ޢިލްމަކާއި އޭނާއަށް ހެޔޮދުޢާކޮށްދޭނޭ ޞާލިޙު ދަރިއެކެވެ.] ވީމާ މައްޔިތާއަށް ހެޔޮދުޢާ ކޮށްދިނުމަކީ ނުހަނު މުހިންމުކަމެކެވެ. މައްޔިތާގެ ފާފަތައް ފުއްސަވައިދެއްވުމަށާއި ރަޙްމަތް ލެއްވުން އެދިއާއި ޤަބުރަކީ ތަނަވަސްކަމާއި ނިޢުމަތްތައް ލިބިގެންވާ ތަނަކަށް ހައްދަވައިދެއްވުން އެދި ދުޢާކުރުމަކީ އެމީހެއް ދެކެ އިޚްލާޞްތެރި ލޯތްބަކުން ލޯބިވާ އޭނާގެ ޢާއިލާގެ މީހުންނަށާއި އެކުވެރީންނަށް އޭނާއަށް މިއަދު މިދުނިޔޭގައި އަދިވެސް ހެޔޮއެދޭމީހުންގެ ގޮތުގައި ކޮށްދެވޭނޭ އެންމެ މުހިންމު ކަންތަކެވެ.
އޭގެ އިތުރުން މައްޔިތާގެ އެއްވެސް ދަރަންޏެއް އޮތްތޯ ބަލައި ދަރަންޏެއް އޮތްނަމަ އެދަރަންޏަކުން އެމައްޔިތާ ސަލާމަތް ކޮށްދިނުމުގެ ގޮތުން ދަރަނީގެ ކަންތައް ކޮންމެވެސް ގޮތަކުން ޚަލާޞްކޮށްދިނުމަކީވެސް އަހަރެމެން އެމައްޔިތާއަށް ހެޔޮއެދުމުގެ ގޮތުން ކޮށްދެއްވިދާނޭ މުހިންމު ކަމެކެވެ. އެގޮތުން އެދަރަންޏެއް އަނބުރާ ލިބެންޖެހޭ ފަރާތެއް ހުރިނަމަ އެދަރަންޏެއް ދިންމީހަކު އެދަރަނި މާފުކޮށްދެވިދާނެއެވެ. ނުވަތަ ހެޔޮއެދޭ އެހެންމީހުން، އެއީ ޢާއިލާގެ މީހުންކަމުގައިވިޔަސް ރަޙްމަތްތެރީންގެ ގޮތުގައި ވީމީހުން ކަމުގައިވީ ނަމަވެސް އެއަދާކޮށްދީ އެދަރަންޏަކުން އެމީހަކު މިންޖުކޮށްދެވިދާނެއެވެ.
އަޅަމެންގެ އެންމެގާތް އަޅަމެން ހެޔޮއެދޭ އެކުވެރީން އަޅަމެންނާ ވަކިވެދިއުމުން އެބައިމީހުންނަށް ހެޔޮދުޢާކުރާ ބައެއްގެ ގޮތުގައި އަޅަމެއް ލައްވާށިއެވެ! އެގޮތުން އަހަރެމެންނާ ވަކިވެދިޔަ އަހަރެމެން ނުހަނު ލޯބިވާ އަހަރެމެންގެ ސްކޫލަށް ނުހަނު ޚިދުމަތްތެރި އެކުވެރި އަލްއަޚް އިބްރާހީމް ޝާކިރު އަށް މާތްﷲ ހެޔޮރަޙްމަތް ލައްވާ އެމައްޔިތާގެ ފާފަތައް ފުއްސަވާދެއްވާ އެމައްޔިތާގެ ޤަބުރަކީ ތަނަވަސްވެގެންވާ އަލިކަމާއި ނިޢުމަތް ލިބެނިވި ތަނެއްގެ ގޮތުގައި ލައްވާށިއެވެ! އާމީން!
وصلى الله وسلم على نبينا محمد وعلى آله وأصحابه أجمعين.
ކިޔުންތެރިންގެ ޚިޔާލުތައް
امين