الْحَمْدُ لِلَّهِ رَبِّ العَالَمِينَ. وَالصَّلاَةُ وَالسَّلاَمُ عَلَى نَبِيِّنَا مَحَمَّدٍ وَعَلَى آلِهِ وَأَصْحَابِهِ. أَمَّا بَعْد.
މުސްލިމް މުޖްތަމަޢެއް ފުރިހަމަވެގެން އަންނައިރު ފަރުދުންގެ ކިބައިގައި ނުހަނު ގިނަ މާތްސިފަތަކެއް އަށަގެންނެވުމަށް އިސްލާމްދީން ބާރުއަޅައެވެ. އެއީ ފަރުދުންގެ މަޞްލަޙަތުގެ އިތުރުން އިޖްތިމާޢީ އެތައް މަޞްލަޙަތެއް ރައްކާތެރިކޮށްދޭނޭ ކަންކަމެވެ. މުޅި އިސްލާމްދީނަކީ ރިވެތި އަޚްލާޤު ކަމުގައި ވީހިނދު އިސްލާމްދީނުން ކޮންމެ ފަރުދެއްގެ ނަފްސުގައި އަށަގަންނުވަން މަސައްކަތް ކުރަނީ އަބުރުވެރި ސިފަތަކެވެ. އިންސާނީ ކަރާމާތްތެރިކަން ދަމަހައްޓައިދޭ ސިފަތަކެވެ. މީހާގެ އަގު މުޖްތަމަޢުގައި ހިފަހައްޓައިދޭ ސިފަތަކެވެ.
ޝައްކެއްވެސް ނެތެވެ. މުޖްތަމަޢެއްގެ މީހުންގެ ކިބައިން ފިޠުރަތީ ސާފުކަން ނެތިގެން ގޮސްފިނަމަ، އިސްލާމީ ސިފަތަކުން އެބައެއްގެ އަގު ހިފަހައްޓައިދިނުމުގެ ބަދަލުގައި އެސިފަތައް ވެގެންދާނީ މީހުންގެ މަލާމާތް ރައްދުވާ އެބަޔަކާ ބީރައްޓެހި ސިފަތަކަކަށެވެ. މިއަދު ހުޅަނގުގެ މުޖްތަމަޢުތައް ވަނީ އެފަދަ ޙާލަތަކަށް ވެއްޓިފައެވެ. ވީމާ އިންސާނީ ޣީރަތްތެރިކަމަކީ އިސްލާމްދީން އެކަމަށް ނުހަނު ބާރުއަޅާ ސިފައަކަށްވާއިރުވެސް، މިޒަމާނުގައި އެސިފައަކީ ހުޅަނގުގައި އެކަމަށް އައިބުގެ ބަސްތައް ރައްދުވާ ސިފަތަކެވެ. ނަމަވެސް އިންސާނީ ޤުދްރަތީ ޠަބީޢަތު ތަންދެނީ އިންސާނީ ޣީރަތްތެރިކަމަށް ބާރުއެޅުމެވެ. ހިތާމައަކީ އިސްލާމްދީން އެންމެރިވެތި ސިފަތަކަށް ބާރުއެޅިނަމަވެސް، މިއަދު މުސްލިމް މުޖްތަމަޢުތައް ހުޅަނގުގެ އަވައިގައި ޖެހިފައިވާލެއް ބޮޑުކަމުން މުސްލިމް ގައުމުތަކުގައި ދިރިއުޅޭ ބައެއް މުސްލިމުންނަކީ ވެސް ހުޅަނގުގެ އުޅުން ރީތިކަމަށް ފެނިފައިވާ ބައެކެވެ. ވީމާ އެމީހުންގެ އުޅުމުން ނަމޫނާ ލިބިގަނެގެން އެގޮތަށް ދިރިއުޅޭ މީހުން މުސްލިމުންގެ ތެރޭގައި މަދެއް ނޫނެވެ. އަދި އެއީ ދުނިޔެވީ ކުރިއެރުން ކަމުގައި ދެކި، ދީނާ އެކަންކަމާ ނުގުޅުވުމަށް ބުނާމީހުން ގިނައެވެ. ޒަވާޖީ ޙަޔާތްފަދަ ދިރިއުޅުމުގެ އެކިމައިދާންތަކުގައި ދިމާވާ އިޖްތިމާޢީ ތަފާތު މައްސަލަތައް ޙައްލުވާނީ، އެފަދަ މީހުން ދެކޭގޮތުގައި ހުޅަނގުގެ ނިޒާމްތަކަށް ތަބާވުމުންނެވެ. އެބައިމީހުންގެ ނަޒަރުގައި އިސްލާމީ ރިވެތި އަޚްލާޤީ މިންގަނޑުތަކުގައި ހިފައިގެން ކަންކަން ރަނގަޅުކުރަން އުޅުމަކީ މިނިވަންކަމަށް ހުރަސްއަޅާ، މީސްތަކުންގެ ދުނިޔެވީ ކުރިއެރުމަށް ހުރަސްއަޅާ ބޯދާ ވިސްނުމެކެވެ.
މިއަދު އަންހެނަކާއި ފިރިހެނަކު ދެމަފިރިއަކަށްވުމަށްޓަކައި ތައްޔާރުވެވެނީވެސް ހުޅަނގުގެ ވައްޓަފާޅިއަށެވެ. ފާޙިޝް ޢަމަލުތަކަށް އަރައިގަތުމަކީ ނުވަތަ ޒިނޭއަށް މަގުފަހިވާ ކަންކަން ކުރުމަކީ، އެބައިމީހުންގެ ނަޒަރުގައި، ކާމިޔާބު ބާއްޖަވެރި ޒަވާޖީ ޙަޔާތަކަށް ކޮންމެހެންވެސް ބޭނުންޖެހިފައިވާ ކަމެކެވެ. ޒުވާން ދެމީހަކު އެމަގުން ދާއިރު، އެޒުވާނުންގެ ބެލެހެއްޓުންތެރިންނަށް އެފަދަ ކަންކަމުން ނިކުންނަ ނުބައި ނަތީޖާތައް އެނގިމެ އަޅާނެ ފިޔަވަޅުތައް ވަނީ ހުސްވެފައެވެ. ބައެއްގެ މިނިވަންކަމަށް ހުރަސްއެޅުމުން ކުށްވެރިވާނެ ކަމުގައި އުޒުރު ދައްކައިގެންނެވެ. ނޫނީ އެއީ ގޯހެއް ނޫންކަމަށް ދެކިގެން، އެޒުވާނުންނަށް ބާއްޖަވެރި ޒަވާޖީ ޙަޔާތެއް ހޯދައިދިނުމުގެ ނަމުގައެވެ. އެބައިމީހުން ބަލަހައްޓަން ތިބި ބެލެނިވެރިންގެ މިވިސްނުންތަކާއިމެދު، ފާޙިޝް ޢަމަލުތަކަށް ފެންބޮވައިގެންފައިވާ ޒުވާނުން ވަރަށްވެސް ހޭލުންތެރިއެވެ. އޭގެ ބޭނުންހިފައި އެކުދިން ދަނީ ތަފާތު މުންކަރާތްތައް ހިންގަމުންނެވެ. އެމަންޒަރު ބަލަންތިބޭ އެކަން ހުއްޓުވުމުގެ ބާރުލިބިގެންވާ، އެކުދިންގެ މައްޗަށް ބާރުހިންގުމުގެ ފުރިހަމަ ބާރާއި މިލްކުވެރިކަން ލިބިގެންވީ މީސްތަކުންގެ ކިބައިގައި ހުންނަންޖެހޭ ޣީރަތްތެރިކަމުގެ ސިފަ މިއަދު ކޮބައިހެއްޔެވެ!
މިމައުޟޫޢުގައި ދައްކަން އެންމެ ލަދުވެތި ވާހަކައަކީ ތިމާގެ އަނބިމީހާ ނުވަތަ ތިމާގެ ފިރިމީހާ، ޒިނޭއާއި ފާޙިޝް ޢަމަލުތަކަށް ނުވަތަ އެޢަމަލުތަކަށް އަރައިގަތުމަށް މަގުފަހިކޮށްދޭ ކަންކަން ހިންގަމުން ދާއިރު އެކަންކަމަށް ލޯމަރާލުމެވެ. އެކަންކަން ވާކަމަށްވެސް ނަހަދާ ތިބުމެވެ. ނުވަތަ ކަނޑައެޅިގެން އެފަދަ ނުބައިކަންކަމަށް ރުހިގެން އެކަން ވިޔަދީގެން ހުރުމެވެ. މިއީ ކޮންފަދަ ލަދުވެތިކަން ހުރި ކަމެއް ހެއްޔެވެ؟ މީހުންގެ ޠަބީޢީ ފިޠުރަތުގެ ނަފްސު ކޮބައިހެއްޔެވެ! މިފަދަ މީހުންނަށް މިކުރެވެނީ އެންމެ ނުބައިކަން ބޮޑެތި ފާފަތަކުގެ ތެރެއިން ފާފައެކެވެ. ހަމައެކަނި ފާޙިޝް ކަންކަމެއް ނޫނެވެ. އެހެން އެއްވެސް ޙަރާމް ކަމެއްވެސް އެފަދަ ގާތް މީހުންގެ ތެރެއިން ފެންނަ ހިނދު އެކަމަކަށް ރުހިގެން ހުރުމަކީ މީހާގެ ޣީރަތްތެރިކަމާ ފުށޫއަރާނޭ ކަމެކެވެ. ތިމާގެ އަނބިދަރީންނާއި ގާތްތިމާގެ މީހުންނާއި އަވައްޓެރީންނާއި ރައްޓެހީންގެ ފަރާތުން ފެންނަ މިފަދަ ޙަރާމް ކަންކަމަށް ރުހިގެން ހުރުމަކީ އެމީހެއްގެ ހިތުގައި މާތް ﷲ ބާވައިލެއްވި ރިސާލަތަށް ފުރިހަމައަށް އީމާން ނުވާކަން އަންގައިދޭ ކަންކަމެވެ. އަދި ޤިޔާމަތްދުވަހުގައި ވޭންދެނިވި ޢަޛާބަށް މީހާ ހުށަހެޅޭނޭ ކަމެކެވެ.
އިމާމް އަންނަސާއީ ރިވާކުރެއްވި ޙަދީޘެއްގައިވެއެވެ: ((ثَلَاثَةٌ لَا يَنْظُرُ اللَّهُ عَزَّ وَجَلَّ إِلَيْهِمْ يَوْمَ القِيَامَةِ ؛ العَاقُّ لِوَالِدَيْهِ ، وَاْلـمَرْأَةُ الـمُتَرَجِّلَةُ ، وَالدَّيُّوثُ)) މާނައީ: [ޤިޔާމަތްދުވަހުގައި ތިންމީހަކަށް ﷲ عَزَّ وَجَلَّ ބައްލަވާވޮޑި ނުގަންނަވާނެތެވެ. އެއީ މައިންބަފައިންނަށް ނުކިޔަމަންތެރި މީހާއާއި އަންހެންދުޅާ އަންހެނާއާއި ދައްޔޫޘް މީހާއެވެ.] އައްޠަބަރާނީ ރިވާކުރެއްވި ޙަދީޘެއްގައި ވާގޮތުން ދައްޔޫޘަކީ ކޮބައިތޯ ޞަޙާބީއަކު ރަސޫލާ صلى الله عليه وسلم ގެ އަރިހުން ސުވާލު ކުރެއްވުމުން ޖަވާބުގައި ޙަދީޘްކުރެއްވިއެވެ: ((الَّذِي لَا يُبَالِي مَنْ دَخَلَ عَلَى أَهْلِهِ)) މާނައީ: [އެއީ އެމީހެއްގެ އަނބިމީހާގެ ގާތަށް މީހަކު ވަނުމަކީ އެއްވެސް ކަމަކަށް ނަހަދާ މީހާއެވެ.]
އަލްޢައްލާމާ ޢަލީ އަލްޤާރީ رحمه الله ވިދާޅުވިއެވެ: "ދައްޔޫޘަކީ އެމީހެއްގެ އަނބިމީހާ ފަދަ ގޭގެ އަހުލުވެރިން ނުވަތަ އަވަށްޓެރިން ނުވަތަ ގާތްތިމާގެ މީހުން ޒިނޭ ނޫނީ ޒިނޭގެ ކުރިއަށް ކުރެވޭ އެކަމަށް މަގުފަހިވާ ކަންކަން ނުވަތަ ރާބުއިން ފަދަ އެހެނިހެންވެސް ފާފަތައް ކުރުމަށް އެއްބަސްވެގެން ހުންނަމީހާއެވެ." އެއީ ހުސް ޣީރަތްތެރިކަން ގެއްލޭމީހެއްގެ ސިފަތަކެވެ. އޭގެ ބަދަލުގައި މުސްލިމުންނަކީ އެބައިމީހުންގެ އަމިއްލަ ނަފްސުތަކާއި ގޭގެ އެންމެހައި އަހުލުވެރިން އެންމެހައި ނުބައިކަމަކުން ދުރުކުރަންޖެހޭ މީހެކެވެ. އެފަދަ ކަންކަން އެއިން މީހަކު ކޮށްފިނަމަ އެކަމަކާއި މެދު ނުރުހުންތެރިކަން ނުކުންނާނީ އެމީހެއްގެ ކިބައިގައި ޣީރަތްތެރިކަން ހުންނަމީހެއްގެއެވެ.
އަޅަމެންނީ އަޅަމެންގެ ނަފްސުތަކުގައި ޣީރަތްތެރިކަމުގެ މާތްސިފަ ހަރުލެއްވުމަށް ކުރަންޖެހޭ އެންމެހައި ކަމެއް ކުރުމުގައި ދެމިތިބޭނޭ ބައެއްގެ ގޮތުގައި ލައްވާށިއެވެ! އާމީން!
وصلى الله وسلم على نبينا محمد وعلى آله وأصحابه أجمعين.