އަޙްމަދިއްޔާ އަކީ، އޭ ލެވަލް އަށް ކިޔަވަން އޮތް އެންމެ ރަނގަޅު ޗޮއިސް – ޕްރިންސިޕަލް މުޙައްމަދު ރަޝީދު

އަޙްމަދިއްޔާ އަކީ، އޭ ލެވެލް އަށް ކިޔަވަން އޮތް އެންމެ ރަނގަޅު ޗޮއިސް ކަމުގައި އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ ޕްރިންސިޕަލް މުޙައްމަދު ރަޝީދު ވެއްޖެއެވެ. މިއަދު ހަވީރު އަޙްމަދިއްޔާ މާލަމްގައި ބޭއްވި މިއަހަރު ގްރޭޑް 10 ގެ ދަރިވަރުންގެ ދަސްވެނިވުމުގެ ޙަފްލާގައި ވާހަކަފުޅު ދައްކަވަމުން ޕްރިންސިޕަލް ވިދާޅުވީ، އަޙްމަދިއްޔާއަކީ، ތިޔަ ކުދިންގެ ހިތާ، އެންމެ ގާތް ސްކޫލަށްވެފައި މިއީ ތިޔަ ކުދިން އެންމެފަރިތަ ޓީޗަރުންތިބި، ތިޔަކުދިންގެ ރަޙުމަތްތެރި ކުދިން ކިޔަވަމުން ގެންދާ، ސްކޫލަށް ވީހިނދު، ތިޔަ ކުދިން، އޭ.ލެވެލަށް ކިޔަވަން އޮތް، އެންމެ ރަނގަޅު ޗޮއިސްއަކީ، އަޙްމަދިއްޔާ ކަމުގައެވެ. އެއީ، އޭ.ލެވަލަށް ވެސް، ވަކި އަޙްމަދިއްޔާ އަށްވުރެ ރަނގަޅަށް ކިޔަވައިދޭނެ އެހެން ސްކޫލެއް ނެތްކަން، ޤަބޫލު ކުރެވޭތީ ކަމާއި މިދިޔަ އަހަރުގެ އޭ.ލެވަލް ނަތީޖާއިން ވެސް، ބުނެދެނީ، މިޙަޤީގަތް ކަމުގައެވެ. އެހެން ކަމުން ތިޔަ ކުދިންނަށް އޭ.ލެވަލްގައި ވެސް، އަޙްމަދިއްޔާ މަރުޙަބާ ކިޔާ ކަމަށް ވިދާޅުވިއެވެ.

"އޯ.ލެވަލްގެ ނަތީޖާއަށް ބަލާއިރު، އަޙްމަދިއްޔާއަކީ، ޒަމާނުއްސުރެ ވެސް، އޯ.ލެވަލްގައި މުޅި ރާއްޖޭގެ ކުރިބޯށީގައި އޮންނަ އެންމެ ފަޚުރުވެރި ސްކޫލް. މި ޙަގީގަތަކީ، މިހާތަނަށް އެއްވެސް ސްކޫލަކަށް ބަދަލު ކުރެވުނު ކަމެއް ނޫން. މި ފަޚުރުވެރި މަޤާމުގައި އަޙްމަދިއްޔާ، އޯ.ލެވަލްގެ ކުރިބޯށިން ވިދަމުން ދަނިކޮށް، އޭ.ލެވަލްގައި ވެސް އަޙްމަދިއްޔާ މިވަނީ، އެންމެ ކާމިޔާބު ސްކޫލްގެ މަގާމު ހާސިލް ކޮށްފަ" ޕްރިންސިޕަލް ވިދާޅުވިއެވެ.

ޕްރިންސިޕަލް ވިދާޅުވީ، މިދިޔަ އަހަރުގެ އޭ.ލެވަލްގެ ނަތީޖާ ހާމަވެގެން ދިޔައިރު، އަޙްމަދިއްޔާގެ 87 ދަރިވަރަކު އޭލެވަލްގެ ޓޮޕްޓެންގައި ހިމެނިފައިވާ ކަމާއި އޭ.ލެވަލްގައި ވެސް، އެންމެ ކުރި ހޯދި ސްކޫލަށް އަޙްމަދިއްޔާ ވެގެން ގޮސްފައިވާ ކަމުގައެވެ.

އޭގެ ނަތީޖާއެއްގެ ގޮތުން، 3 ކުއްޖަކު ރައީސުލްޖުމްހޫރިއްޔާގެ ސްކޯލަރޝިޕް ހޯދާ، 25 ކުއްޖަކު، ހައި އެޗީވާސް ސްކޯލަރޝިޕް ވަނީ ހޯދާފައިކަމާއި ފިޒިކްސް އިން، 2 ދަރިވަރަކު، މުޅި ދުނިޔޭން އެއްވަނަ ހޯދާ، ދިވެހި މާއްދާއިން، އަޙްމަދިއްޔާގެ ދަރިވަރަކު މިވަނީ، ރާއްޖޭން 1 ވަނަ ހޯދާފައި ކަމުގައެވެ.

ޕްރިންސިޕަލްގެ ވާހަކަފުޅުގައި، މީގެ ކުރިން،  އެކިއެކި މާއްދާ ތަކުން ރާއްޖޭން 1 ވަނަ ހޯދި، އަޙްމަދިއްޔާގެ ދަރިވަރުން މިހާރު  ގެންދަނީ އިނގިރޭސިވިލާތާއި، މެލޭޝިއާ އަދި އެހެނިހެން ޤައުމު ތަކުގައި އެކި ރޮގުރޮގުން ކިޔަވަމުންކަމާއި އޭލެވަލަށް ބަލާއިރު ވެސް، މިހާތަނަށް ހޯދިފައިނުވާ މިންވަރަށް، އަޙްމަދިއްޔާގެ ދަރިވަރުން، އޭ.ލެވަލްގައި މިވަނީ، މި ދިޔަ އަހަރު ކާމިޔާބު ހޯދާފައި ކަމުގައެވެ. އަދި ރާއްޖޭން އޭ.ލެވަލްގައި ބައިވެރިކުރި ދަރިވަރުންގެ އިންސައްތައިން، އެންމެ ކާމިޔާބު ސްކޫލަށް، އޭ.ލެވަލްގައި ވެސް، އަޙްމަދިއްޔާ މިވަނީ ވެގެން ގޮސްފައި ކަމަށްވެސް ވިދާޅުވިއެވެ. ޕްރިންސިޕަލް ވިދާޅުވީ، އޭ.ލެވަލްއަކީ، އޯ.ލެވަލް އާއި ޚިލާފަށް، ބެލެނިވެރިން، ސްކޫލަށް ފީ ދައްކަންޖެހޭ މަރުޙަލާއެއް ނޫންކަމާއި އޭލެވަލަށް، އަޙްމަދިއްޔާ ގައި ކުދިން ކިޔަވަނީ  ހިލޭ ކަމުގައެވެ.

ޕްރިންސިޕަލް ދަރިވަރުންނަށް ނަސޭހަތް ދެއްވަމުން ވިދާޅުވީ، އަދިވެސް، އިތުރު ހިތްވަރާއެކު، ކިޔެވުމުގައި ކުރިއަށްދާން ބާރުލާ މަސައްކަތް ކުރުމަށެވެ. އޯ.ލެވަލަށް ފަހު، ދެން އޮތީ، އޭ.ލެވަލްގެ މަރުޙަލާކަން، ގަބޫލުކޮށް، އޭ.ލެވަލްގައި ވެސް ފަޚުރުވެރި ނަތީޖާއެއް ހޯދަން، ޢަޒުމް ކަނޑައަޅަންވީ ވަގުތަކީ މިއީ ކަމުގައެވެ.

ދަސްވެނިވުމުގެ ހަފްލާގައި ސްކޫލްގެ ގަދަ 10 އަށް ހޮވުނު ދަރިވަރުންނަށް އެވޯޑް ޙަވާލުކޮށްދެއްވީ ޕްރިންސިޕަލް މުޙައްމަދު ރަޝީދެވެ. ސްކޫލްގެ ގަދަ 10 ގެ 1 ވަނަ ޙާޞިލް ކުރީ، ގްރޭޑް 10 އެފް ގެ އަޙްމަދު ރައްޔާން މުޙައްމަދު އަނީސްއެވެ. 2 ވަނަ ޙާޞިލް ކުރީ 10ސީ ގެ ފާޠިމަތު މަލީޝާ ޝިހާމެވެ. 3 ވަނައަށް ދިޔައީ، 10 ސީ ގެ ޝުއާޢު އިސްމާޢީލް ޝާން އެވެ.

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *