އެފްއޭއެމް 13 އަހަރުން ދަށުގެ އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލް ދަތުރު ކޮށްފި އެވެ. ރޭ ކުޅުނު ސެމީ ފައިނަލް މެޗުގައި އަހުމަދިއްޔާ ބައްދަލުކުރީ ކ. މާފުށި ސްކޫލާ އެވެ. ފުރިހަމަ ވަގުތު ހަމަވި އިރު އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރު ވުމުން ނަތީޖާ ނެރުނީ ޕެނަލްޓީ ޖަހައިގެންނެވެ.
ޕެނަލްޓީގައި އަހުމަދިއްޔާ ކުރި ހޯދީ 5-4 އިންނެވެ. އަޙްމަދިއްޔާ އިން ޕެނަލްޓީތައް ކާމިޔާބުކުރީ، ލޫކް އަބްދުﷲ ޖަމީލް، އަހުމަދު އަޝްހަމް އާތިފް، އާޔަން މުހައްމަދު އިބްރާހިމް، އަހުމަދު ރަޒާން ރަމްޒީ އަދި އަހުމަދު އަޒާން އަބްދުއްރަޙީމް އެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި ކުރިއަށްދާ މުބާރާތުގައި ރޭ ކުޅުނު ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި މަޖީދިއްޔާ ސްކޫލާއި ބައްދަލުކޮށް ކަލާފާނު ސްކޫލް މޮޅުވެފައިވަނީ 5-0 ންނެވެ.
އަހްމަދިއްޔާ އާއި ކަލާފާނު ބައްދަލުކުރާ 13 އަހަރުން ދަށުގެ ފައިނަލް މެޗު ކުޅޭނީ އާދިއްތަ ދުވަހުގެ ރޭ 8:30 ގައެވެ.
އަޙްމަދިއްޔާގެ 13 އަހަރުންދަށުގެ ޓީމް މީގެ ކުރިން ކުޅެފައިވާ މެޗްތަކަށް ބަލާއިރު މި މަހުގެ 5 ވަނަ ދުވަހު ކުއާޓަރ ފައިނަލް ގައި ޖަމާލުއްދީން ސްކޫލް ވަނީ 2 ލަނޑު 1 ލަނޑުން ބަލިކޮށްފައެވެ. 23 މޭ ގައި ބިލަބޮންގ ހައި އިންޓަނޭޝަނަލް ސްކޫލާއި ބައްދަލުކޮށް 2 ލަނޑު 1 ލަނޑުން ވަނީ ކާމިޔާބު ކޮށްފައެވެ. 27 މޭ ގައި ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލްގެ ޓީމާއެކު ކުޅުނު މެޗްވެސް އަޙްމަދިއްޔާ ކާމިޔާބުކުރީ، 2 ލަނޑު 1 ލަނޑުންނެވެ.