الْحَمْدُ لِلَّهِ رَبِّ العَالَمِينَ. وَالصَّلاَةُ وَالسَّلاَمُ عَلَى نَبِيِّنَا مَحَمَّدٍ وَعَلَى آلِهِ وَأَصْحَابِهِ. أَمَّا بَعْد.
ދުނިޔެއަކީ އެތަނަށާއި އެތަނުގައިވާހައި ތަކެއްޗަށް އިންސާނުންގެ ލޯބި ނުހަނު ބޮޑު ތަނެކެވެ. ވާނީވެސް އެހެންނެވެ. އެއީ ވަގުތީ ލައްޒަތެއްކަން އެނގޭމީހާވެސް އަދި އެކަން ނޭނގޭ މީހާވެސް އެތަނުގެ އުފަލެއްގެ ރަހަ ލިބުމާއެކު އެކަން ދެމިގެންދާން ލޯބިކުރެއެވެ. އަދި އެއުފަލެއް އިތުރުކުރަން އެދުންވެރިވެއެވެ. އެއުފާވަރިކަން އިތުރުކުރެވޭނޭ ގޮތްތައް ވިސްނާ އެކަން އިތުރުކުރާނެ ކަންކަން ކުރުމުގައި ކުރިއަރާދާން ވަރަށް މަސައްކަތްކުރެއެވެ. އެކަމުގައި އެހެންމީހުންނަށް ގެއްލުން ލިބުމަށް ނޭދޭ މީހުންނާއި ލިބުމަށް އެދޭމީހުންވެސް އުޅެއެވެ. އެހެންމީހުންނަށް ގެއްލުމެއް ލިބިގެންވެސް ދުނިޔެވީ އުފާތައް ލިބުމަށް އެދޭމީހުން، ދުނިޔޭގެ އުފާތައް ޙާޞިލުކުރުމަށްޓަކައި ބޮޑެތި ޖަރީމާތައްވެސް ހިންގައެވެ.
ނަމަވެސް ޙަޤީޤަތަކީ މިއެންމެހައި އުފަލަކީ ވަގުތީ ތަކެތިކަމެވެ. ދާއިމަށް އެއްވެސް މީހަކަށް އުފާކުރުމުގައި އަބަދު ދުނިޔެއިން ލިބެން އޮތް އުފާތައް ހޯދުމުގައި ދެމިނުހުރެވޭނޭ ކަމެވެ. އަދި އިސްލާމްދީން ދަސްކޮށްދޭ ޢަޤީދާއަކީ ދުނިޔޭގެ އުފަލާއި އަރާމަކީ އޭގައި ހީލަތްތެރިކަމާއެކު އިންސާނާ ހައްލާލާ ވަގުތީ ހިތްހަމަޖެހުމެއް ހިމެނޭ އެއްޗެއް ކަމެވެ. އޭގެ ބަދަލުގައި ދާއިމީ ޙަޤީޤީ ހިތްހަމަޖެހުމާއި އުފާވެރިކަން ލިބުންވަނީ އާޚިރަތުގައި ސުވަރުގެއަށް ދެވޭ މީހަކަށް އެސުވަރުގޭގައި ކަމެވެ. މިއީ އިސްލާމްދީން ދަސްކޮށްދޭ ނުހަނު މަތިވެރި ޢަޤީދާއެކެވެ. އޭގެ ސަބަބުން އިންސާނާ ދުނިޔޭގައި އުޅުމަށް ނުހަނު ފަސޭހަކަން ގެނެސްދޭ ޤަބޫލުކުރުންތަކެކެވެ. ޤުރުއާނުގައި ގިނަގުނަވެގެންވާ މިންވަރަކަށް އެކަން ބަޔާންކުރައްވާ މުއުމިނުމީހާ އޭގެ މައްޗަށް ތަރުބިއްޔަތުކުރުވާ މަތިވެރި ޢަޤީދާއެކެވެ.
އެއިންސާނާގެ ދުނިޔެވީ އުފަލާއި އަރާމާއި ލައްޒަތުތަކެއް ގުޅިފައިވަނީ ދުނިޔޭގައިވާ ތަކެއްޗަށެވެ. އާޚިރަތުގެ ޢިލްމާއި އެތަނަށް އޮންނަ އީމާންކަން އިންސާނެއްގެ ހިތުގައި ކުޑަވާވަރަކަށް ދުނިޔެއަށް އޮންނަ ލޯބި އަދި މާބޮޑަށް އިތުރުވެގެންދެއެވެ. ނަމަވެސް ހިތުގެ އެންމެއަޑިން ޤަބޫލުކުރަންވީ ދުނިޔެއަކީ ޙީލަތްތެރި ވަގުތީ އެއްޗެއްކަމެވެ. ނަމަވެސް އާޚިރަތަކީ ނިޢުމަތްތަކުން ފުރިގެންވާ ދާއިމީ ގޮވެއްޗެއް ކަމެވެ. މާތް ﷲ ވަޙީކުރެއްވިއެވެ: ﴿قُلْ مَتَاعُ الدُّنْيَا قَلِيلٌ وَالآخرةُ خَيْرٌ لِمَنِ اتَّقَى﴾ سورة النساء:77 މާނައީ: [ކަލޭގެފާނު ވިދާޅުވާށެވެ! ދުނިޔޭގެ އުފަލަކީ މަދުވަގުތުކޮޅެކެވެ. އަދި ތަޤްވާވެރިވި މީހާއަށް އާޚިރަތް މާހެޔޮކަން ބޮޑުވެގެންވެއެވެ.]
ވީމާ ﷲ سبحانه وتعالى އަށާއި ރަސޫލާ صلى الله عليه وسلم ގެ ބަސްފުޅުތަކަށް އީމާންވެ، އެބަސްފުޅުތަކުގައި ޚަބަރު ދެއްވާފައިވާ ކަންކަމާއި މެދު ހިތުގެ އަޑިން ތެދުކުރާމީހެއްގެ، ހުރިހައިވެސް ވިސްނުމަކީ އާޚިރަތުގެ އުފާވެރިކަން ހޯދުމެވެ. އެގޮތުން ދުނިޔެއިން ޙަރާމްގޮތުގައި ލިބިގަނެވެން އޮތް އެއްވެސް އެއްޗެއް އޭނާގެ ވިސްނުމާއި ގާތަށްވެސް ނާންނާނެތެވެ. އަދި އޭގެ އިތުރުން ޙަލާލުގޮތުގައި ދުނިޔެއިން ލިބެން އޮތް ބަޔަކީވެސް އޭނާއަކަށް މާމުހިންމު އެއްޗަކަށް ނުވާނެއެވެ. އޭނާގެ ވިސްނުމާއި ފިކުރު އެކަމަކަށް ހުސްކޮށްނުލާނެއެވެ. ދުނިޔޭގެ އުފާވެރިކަން ގެނެސްދޭ ތަކެއްޗަކީ އޭނާގެ ގާތުގައި، މާބޮޑު އަގެއްހުރި އެއްޗެއް ނޫނެވެ. ވީމާ އާޚިރަތުގެ އުފަލާއި އަރާމަށްޓަކައި، ދުނިޔޭގެ ލައްޒަތާއި އުފާވެރިކަމާ ދިމާއަށް ނުރުހުމުގެ ނަޒަރަކުން އޭނާ ބަލާނެއެވެ. ޙަލާލު ތަކެއްޗާއި ހަލާލު ކަންކަންވެސް އޭނާ ދޫކޮށްލާނެތެވެ.
މިޢަޤީދާ މުސްލިމްމީހާއަށް ވަރަށް ނަލަރީތި އަޚްލާޤީ ސިފަތައް ގެނުވައެވެ. އެޢަޤީދާއިން ހަރުލާ ހަރުދަނާ ރީތި އަޚްލާޤުގެ ސަބަބުން އެހެންމީހުންގެ އަތުގައި ހުންނަ ދުނިޔެވީ އުފަލާއި އަރާމު ލިއްބައިދޭ ތަކެއްޗަކަށް އޭނާގެ ހިތެއް ނޭބުރޭނެއެވެ. މީހެއްގެ އަތުން ފެންނަހާ ތަކެއްޗަކަށް އޭނާގެ ހިތެއް ނުކިޔާނެއެވެ. އެހެންމީހުންގެ އަތުގައިވާ އަގުބޮޑެތި ނިޢުމަތްތަކާއި އަދި އަގުހެޔޮ ތަކެއްޗަށްވެސް އޭނާގެ ހިތެއް ނުލެނބޭނެއެވެ. މީހުންގެ އަތުގައި ހުންނަހާ ތަކެއްޗާ ބެހޭގޮތުން ސުވާލުކޮށް ނަހަދާނެއެވެ. އަދި އެތަކެއްޗަކީ އޭނާ ބޭނުންވާ ތަކެތިކަން އަންގައިދިނުމުގެ ގޮތުން އެތަކެތީގެ ރީތިކަމުގެ ވާހަކަދައްކާ ތިބާއާ ނުބެހޭ ވާހަކަތަކެއްވެސް ނުދައްކާނެއެވެ. އެފަދަ ވާހަކަތައް ދެއްކުމަކީ ދުނިޔެވީ ދަހިވެތިކަން ފެނުމުގެ އިތުރުން އެވާހަކަތައް މުޚާޠަބުކުރެވޭ މީހާއަށްވެސް ނުހަނު އުނދަގޫވާނޭ ކަމެކެވެ. ސަލާމްޖެހުމަކީ ގޯސްކަމަކަށް ވާއިރު، މިފަދަ މީހާ ސަލާމްޖެހުމަށް ބޭނުންކުރާ ބަސްތައް ބޭނުން ނުކުރި ނަމަވެސް، ޙަޤީޤަތުގައި އޭނާ އެސަލާންޖަހަނީއެވެ. ހަމަގައިމުވެސް އޭނާއަށް އޭނާ ސަލާންޖަހަނީކަން އިޙްސާސްނުވިޔަސް، މުޚާޠަބު ކުރެވޭ ފަރާތްތަކަށް އޭނާ ތަކެއްޗަށް އެދި އާދޭސްކުރަނީކަން ހަމަރަނގަޅަށްވެސް އެނގޭނެއެވެ. އޭގެ ސަބަބުން އެމީހެއްގެ އަގު މުޖްތަމަޢުގައި ވެއްޓިގެން ދެއެވެ. މީހުން އޭނާއަށް ނަފްރަތު ކުރެއެވެ. މާތް ﷲ އޭނާގެ އެނުބައި ޢަމަލަށް ނުރުހުންތެރިވެ ވޮޑިގަންނަވައެވެ. ގިނަޢިލްމުވެރިންތަކެއް ޙަސަން ކުރައްވާފައިވާ ޙަދީޘެއްގައި، އިބްނު މާޖާ ރިވާކުރެއްވިއެވެ: މީހަކު ނަބިއްޔާ صلى الله عليه وسلم ގެ ގާތަށް އައިސް އެނަބިއްޔާގެ އަރިހުގައި ދެންނެވިއެވެ: އޭ ﷲ ގެ ނަބިއްޔާއެވެ! ތިމަންނާ އެޢަމަލެއް ކުރުމުން ﷲ ތިމަންނާދެކެ ލޯބިވާނޭ އަދި މީސްތަކުން ތިމަންނާދެކެ ލޯބިވާނޭ ޢަމަލަކަށް ތިމަންނާއަށް މަގު ދައްކަވާފާނަންތޯއެވެ؟ ޙަދީޘްކުރެއްވިއެވެ: ((ازْهَدْ فِي الدُّنْيَا يُحِبَّكَ اللَّهُ، وَازْهَدْ فِيمَا فِي أَيْدِي النَّاسِ يُحِبُّكَ النَّاسُ)) މާނައީ: [ދުނިޔެއަށް ލެނބުން ދޫކޮށްލާށެވެ. އޭރުން ﷲ ތިބާދެކެ ލޯބިވެވޮޑިގަންނަވާނެއެވެ. އަދި މީސްތަކުންގެ އަތުގައިވާ ތަކެއްޗަށް ތިބާ ދަހިވެ އެއަށް ނުލެނބޭށެވެ. އޭރުން މީސްތަކުން ތިބާދެކެ ލޯބިވާނެއެވެ.]
ދެނިޔޭގައިވާ ތަކެތި އަތުގައި ގިނަކުރަން އުޅުމަކީ ދުނިޔެއަށް މީހާ ވަރަށްބޮޑަށް ލެނބުމެވެ. ނަމަވެސް ދުނިޔޭގައިވާ ގިނަގުނަ ތަކެތި މަދުކުރުމަކީ ނުވަތަ އަތުގައިވާ ގިނަތަކެތި ފަޤީރުންނާއި މިސްކީނުންނަށް ހޭދަކުރުމަކީ މީހާ ދީންވެރިކޮށްދޭ ޒުހުދުވެރި ކޮށްދޭ މުހިންމު ސިފައެކެވެ. އަހަރެމެންގެ މާތް ނަބިއްޔާ މުޙައްމަދު صلى الله عليه وسلم ދުނިޔެ ދޫކުރެއްވިއިރުގައި އެކަލޭގެފާނުގެ އަތްޕުޅުގައި މިދުނިޔެއިން އޮތީ ފަހެ ކޮން އެއްޗެއް ހެއްޔެވެ؟ އިމާމް ބުޚާރީ ރިވާކުރެއްވި ޙަދީޘެއްގެ މާނައިގައިވެއެވެ: ޢަމްރު ބުން އަލްޙާރިޘް رضي الله عنه ވިދާޅުވިއެވެ: "ނަބިއްޔާ (މިދުނިޔެ ދޫކުރެއްވިއިރު) ދުނިޔެއަށް އެނަބިއްޔާގެ ހަތިޔާރަކާއި ހުދުކުލައިގެ ބަޣްލާއި (އަހާއި ވައްތަރު ޖަނަވާރެއް) އަދި ޞަދަޤާތަކަށް ދޫކޮށްލެއްވި ބިން ނޫން އެހެން އެއްވެސް އެއްޗެއް އެކަލޭގެފާނު ދޫކުރައްވާފައި ނުވެއެވެ."
އަޅަމެންނީ އެހެންމީހުންގެ އަތުގައިވާ ތަކެއްޗަށް ދަހިވެތިވެ ދުނިޔޭގެ ދަހިވެތިކަމަށް ލޯބިކުރާ ބަޔަކު ކަމުގައި ނުލައްވާށިއެވެ! އާމީން!
وصلى الله وسلم على نبينا محمد وعلى آله وأصحابه أجمعين.