އާރޓިކަލް 125 : ޙައްޖުމަހަކީ ހުރިހާ މުސްލިމުންވެސް އަޅުކަމުގައި މަޝްޣޫލުވާންޖެހޭ މަހެއް

الْحَمْدُ لِلَّهِ رَبِّ العَالَمِينَ. وَالصَّلاَةُ وَالسَّلاَمُ عَلَى نَبِيِّنَا مَحَمَّدٍ وَعَلَى آلِهِ وَأَصْحَابِهِ. أَمَّا بَعْد.

ޙައްޖުމަހަކީ ދީނީގޮތުން އެމަސްތަކެއްގައި ޙުރުމަތްތެރިކަން ލިބިގެންވާ ހަތަރުމަހުގެ ތެރެއިން މަހެކެވެ. އެމަހުގެ އެމާތްކަމުގެ މައްޗަށް މާތްކަމާއި މަތިވެރިކަމެއް އިތުރުވެގެންދަނީ އިސްލާމްދީނުގެ ފަސް ރުކުނުގެ ތެރެއިން އެއްރުކުނެއް އެމަހަށް ޚާއްޞަވުމުންނެވެ. އެއީ ޙައްޖުގެ މާތް އަޅުކަމެވެ. ޙައްޖުގެ ފަރުޟުއަޅުކަން އަދާކުރެވެނީ ޚާއްޞަކޮށް ޙައްޖުގެ މަހުގެ 9 ވަނަ ދުވަހުގައެވެ. އޭގެ އިތުރުން އެއަޅުކަމުގެ އެހެނިހެން ރުކުންތަކާއި ވާޖބުތަކާއި ސުންނަތް އެކުލެވިގެންވަނީ އެދުވަހުގެ ކުރިން އޮންނަ ދުވަސްތަކަށާއި އެދުވަހުގެ ފަހުން އޮންނަ ދުވަސްތަކުގައި ކުރެވޭ އެކިއެކި އަޅުކަމުގެ ކަންކަމުގެ މައްޗަށެވެ. މާތް ﷲ ވަޙީކުރެއްވިއެވެ: ﴿ وَأَذِّنْ فِي النَّاسِ بِالْحَجِّ يَأْتُوكَ رِجَالًا وَعَلَى كُلِّ ضَامِرٍ يَأْتِينَ مِنْ كُلِّ فَجٍّ عَمِيقٍ * لِيَشْهَدُوا مَنَافِعَ لَهُمْ وَيَذْكُرُوا اسْمَ اللَّهِ فِي أَيَّامٍ مَعْلُومَاتٍ عَلَى مَا رَزَقَهُمْ مِنْ بَهِيمَةِ الْأَنْعَامِ فَكُلُوا مِنْهَا وَأَطْعِمُوا الْبَائِسَ الْفَقِيرَ * ثُمَّ لْيَقْضُوا تَفَثَهُمْ وَلْيُوفُوا نُذُورَهُمْ وَلْيَطَّوَّفُوا بِالْبَيْتِ الْعَتِيقِ ﴾ سورة الحج:27-29 މާނައީ: [އަދި ކަލޭގެފާނު މީސްތަކުންނަށް حج އަށް އައުމަށް ގޮވައިލައްވާށެވެ! އޭރުން ފައިމަގުގައްޔާއި، އަނަރޫފަ ޖަމަލު މަތީގައި، ދުރުތަންތަނުން އެއުރެން ކަލޭގެފާނުގެ އަރިހަށް އަންނާނެތެވެ. އެއީ އެއުރެންނަށްހުރި (دينى އަދި دنيوى) މަންފާތަކެއް ލިބިގަތުމަށްޓަކައެވެ. އަދި ކަނޑައެޅި އެނގިގެންވާ ދުވަސްތަކެއްގައި، އެއުރެން اللَّه ގެ اسم ފުޅު ހަނދުމަކޮށް އުޅުމަށެވެ. نعم ސޫފީގެ نعمة އެއުރެންނަށް ދެއްވިކަމަށްޓަކައެވެ. ފަހެ، ތިޔަބައިމީހުން އެއިން ކައިއުޅޭށެވެ! އަދި ދަތި حال ގައިވާ فقير ންނަށް (އެއިން) ކާންދޭށެވެ! ދެން އެއުރެން (އިޙްރާމްގެ ވަގުތުގައި ޖެހުނު ހަޑިތަކާއި މިލަތައް ފިލުވައި) ޙައްޖުގެ މަނާސިކުތައް ފުރިހަމަކުރާހުށިކަމެވެ! އަދި އެއުރެންގެ ނަދުރުތައް ފުއްދާހުށިކަމެވެ! އަދި ޒަމާންވީ ގެފުޅުގައި އެއުރެން طواف ކުރާހުށިކަމެވެ!] މިއާޔަތުގައި މިވަނީ ޙައްޖުގެ އަޅުކަމަށް ދާ ޙައްޖުވެރިން އަދާކުރަންޖެހޭ އަޅުކަންތަކުގެ ވާހަކަތައް ބަޔާންކުރައްވާފައެވެ. ޙައްޖުގެ އަޅުކަން އަދާކުރުމަށް އަންނާނެކަމަށް އެވަނީ ޙައްޖުގެ މަހުގެ 8 ވަނަދުވަހު ޙައްޖަށް ނިޔަތްގަނެ މިނާއަށް ދަތުރުކޮށް ޙައްޖުގެ އަޅުކަން ފަށައިގަތުމަށެވެ. އަދި 9 ވަނަދުވަހު ޢަރަފާތުގެ ބިމުގައި ތިބެ ޙައްޖުގެ އެންމެމުހިންމު ރުކުން އަދާކޮށް ޙައްޖުވުމަށެވެ. އޭގެ ފަހުން ޙައްޖުވެރިން 10، 11، 12 އަދި 13 މިދުވަސްތަކުގައި މިނާގައި ރޭކުރުމާއި މިނާގައިވާ ޖަމުރާތަކަށް ހިލައުކުމާއި އެދުވަސްތަކުގައި ހަދްޔު ކަތިލައިގެން ކައިބޮއި އުޅުމުގެ ވާހަކަތަކަށް އިޝާރާތްކުރެވިފައެވެ. އަދި ކަތިލާތަކެތިން ކައިބޮއި ހެދުމާއެކު އެތަކެތިން ފަޤީރުންނަށް ޞަދަޤާތްދީ، އަބައިމީހުން ބައިވެރި ކުރުމަށް ބާރުއަޅުއްވާފައެވެ. އަދި ތަވާފުލް އިފާޟާ އަދާކޮށް ބޯބާލައި އިޙްރާމް ކަނޑައި ހައްޖުގެ މަނާސިކުތައް ފުރިހަމަ ކުރާވާހަކަތަކެވެ.

ޙައްޖުމަހުގެ އަޅުކަމާއި ގުޅިގެންދަނީ ޙައްޖުވެރީން އެކަންޏެއް ނޫނެވެ. ޙައްޖުވެރީންގެ އަޅުކަންތަކާއި އެކުގައި މައްކާގެ ގެފުޅަށް އެއަހަރެއްގައި ނުދެވުނު އެންމެހައި މުސްލިމުންވެސް މިއަޅުކަންތަކުގައި ޝާމިލްވެގެން ދެއެވެ. ޙައްޖުވެރިންނެކޭ އެއްގޮތަށް ސީދާ ޙައްޖުގެ އަޅުކަން އަދާނުކުރިއެއް ކަމަކު، އެންމެހައި މުސްލިމުންނަށްވެސް މިދުވަސްތަކަކީ ހެޔޮކަންކަމާއި އަޅުކަންތައް ކުރުމަށް ލިބިގެންދާ އެންމެމާތް ދުވަސްތައް ހިމެނޭ މައްސަރެވެ. ބުޚާރީ ރިވާކުރެއްވި ޙަދީޘެއްގައި ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ: ((مَا مِنْ أَيَّامٍ العَمَلُ الصَّالِحُ فِيهَا أَحَبُّ إِلَى اللَّهِ مِنْ هَذِهِ الأَيَّامِ يَعْنِي أَيَّامَ العَشْرِ ، قَالُوا : يَا رَسُولَ اللَّهِ، وَلَا الجِهَادُ فِي سَبِيلِ اللَّهِ؟ قَالَ : وَلَا الجِهَادُ فِي سَبِيلِ اللَّهِ، إِلَّا رَجُلٌ خَرَجَ بِنَفْسِهِ وَمَالِهِ، فَلَمْ يَرْجِعْ مِن ذَلِكَ بِشَيْءٍ)) މާނައީ: [މިދުވަސްތަކަށް – މާނައީ ދިހަދުވަހަށް – ވުރެ ﷲގެ ޙަޟްރަތުގައި އެދުވަސްތަކެއްގައި ހެޔޮޢަމަލުކުރުން ލޮބުވެތިކަންބޮޑު އެހެންދުވަހެއް ނުވެއެވެ. އެބޭކަލުން ދެންނެވިއެވެ: އޭ ﷲ ގެ ރަސޫލާއެވެ! ﷲ ގެ މަގުގައި ޖިހާދުކުރުމަށްވުރެ ވެސް ތޯއެވެ؟ ޙަދީޘްކުރެއްވިއެވެ: ﷲ ގެ މަގުގައި ޖިހާދުކުރުމަށްވުރެވެސް މެއެވެ. އެމީހެއްގެ ނަފްސާއި މުދަލައިގެން ނިކުމެ އެއިން އެއްވެސް އެއްޗަކާއިގެން އެނބުރި ނައިމީހާ ފިޔަވައެވެ.] ވީމާ ޙައްޖުގެއަޅުކަން އަދާކުރާ ޙައްޖާޖީން ޙައްޖުގެ އަޅުކަމުގައި ހޭދަކުރާ މިދުވަސްތަކުގައި، ޙައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުޞަތު ނުލިބުނު ކަމުގައިވިޔަސް، ޙައްޖުނޫން އެހެނިހެން އަޅުކަންތަކުގައި އެބައިމީހުންނަށް ހޭދަކުރެވިދާނެއެވެ. ގިނަގިނައިން ނަމާދުކުރުމާއި ޞަދަޤާތް ދިނުމާއި ރޯދަހިފުމުގައެވެ.

އަދި ހަމައެފަދައިން ޙައްޖުވެރިންގެ އެންމެމުހިންމު ރުކުންކަމުގައިވާ ޢަރަފާތުގައި ހުރުމުގެ އަޅުކަން ރޯދައަށް ނުތިބެ ޢަރަފާތު ބިމުގައި ހޭދަކުރުމުން އެބައިމީހުން މަންމަގެ ބަނޑުން ނިކުތްފަދައިން ފާފަތަކުން ސާފުޠާހިރުވެފައިވީ މީހަކަށްވެގެންދާއިރު، އެނޫން މީހުން އެދުވަހުގައި ރޯދައަށް ހުރުމުގައި ހޭދަކުރުމީ ނުހަނު މަތިވެރި، އެއަޅުކަމުގެ ސަބަބުން ފާއިތުވި އަހަރާއި ކުރިއަށްއޮތް އަހަރުގެ ފާފަތައް ފުހެވިގެންދާފަދަ ޢަމަލެކެވެ.

ޙައްޖުވެރީން ޙައްޖުގެ އަޅުކަމުގައި މުޅި މައްކާއާއި ޙައްޖުގެ މަނާސިކުތަކަށް ޚާއްޞަ ބިންތައް، ތަލްބިޔާގެ އަޑުން ގުގުމާލާފައިވާއިރު، ދުނިޔޭގެ އެކިކަންކޮޅުތަކުގެ އިސްލާމީ މުޖްތަމަޢުތަކުގެ ގެތަކާއި މަގުތަކާއި ބާޒާރުތައް ގުގުމާލާފައިވަނީ ތަކްބީރާއި ތަހްލީލާއި ތަޙްމީދުގެ އަޑުތަކުންނެވެ. ((اللَّهُ أَكْبَرُ، اللَّهُ أَكْبَرُ، لاَ إِلَهَ إِلاَّ اللهُ وَاللَّهُ أَكْبَرُ، اللَّهُ أَكْبَرُ، وَلِلَّهِ الْـحَمْدُ))

ޙައްޖުވެރީން ޢީދުދުވަހުގައި ޙައްޖުގެ ހަދްޔު ކަތިލަމުން ދާހިނދު، އެނޫންމީހުންނަށްވެސް އެދުވަހުގައި އުޟްޙިޔާ ކަތިލުން ޝަރުޢުކުރެވިފައިވިއެވެ. އަދި ނުހަނު މަތިވެރި ޘަވާބާއިދަރުމަ ލިބިގެންދާ އަދި އޭގެ ސަބަބުން ގިނަގުނަ ފާފަތައް ފުހެވިގެންދާ އަޅުކަމެކެވެ. ޙައްޖުވެރީން އެއިން ކައި ޞަދަޤާތްކޮށް ހަދާފަދައިން، އުޟްޙިޔާއިންވެސް އަމިއްލައަށް ކައި، ނިކަމެތީންނަށް ޞަދަޤާތްކުރުމީ ނުހަނު މަތިވެރި އަޅުކަމެކެވެ. އަދި ޙައްޖުވެރީން ޙައްޖުގެ ދުވަސްތަކުގައި ގައިން އިސްތަށްޓާއި ނިޔަފައްޗާއި ގައިގެ ހަންތައް ނެއްޓުން މަނާކުރެވިފައިވީ ހިނދު، އެނޫން މީހުންގެ ތެރެއިން އުޟްޙިޔާގެ އަޅުކަމުގައި ބައިވެރިވެއްޖެނަމަ، އެބައިމީހުންވެސް އެފަދައިން ގައިން އެއްޗެއް ނެއްޓުން މަނާވެގެންދެއެވެ.

ހައްޖުވެރީން އައްޔާމުއްތަޝްރީޤު ތިންދުވަހުގައި މިނާގައި ރޭކޮށް ދުވާލުގައި ޖަމުރާއަށް ހިލައުކުމުގެ އަޅުކަން އަދާކުރަމުންދާހިނދު އެހެނިހެން ތަންތަނުގައި ކަތިލުމާއި ޞަދަޤާތްކުރުމާއި ޢީދު ތަކްބީރު ކިއުމުގެ އަޅުކަންތައް އަދާކުރުމުގައި މުސްލިމުން ހޭދަކުރެއެވެ.

އަޅަމެންނަށް ޙައްޖުގެ މަތިވެރި އަޅުކަން މިއަހަރު އަދާނުކުރެވުނަސް، ޙައްޖުގެ މިމާތް ދުވަސްތައް ހެޔޮގޮތުގައި ބޭނުންހިފުމުގެ ހެޔޮތައުފީޤު ދެއްވާށިއެވެ! އާމީން!

وصلى الله وسلم على نبينا محمد وعلى آله وأصحابه أجمعين.

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *