الْحَمْدُ لِلَّهِ رَبِّ العَالَمِينَ. وَالصَّلاَةُ وَالسَّلاَمُ عَلَى نَبِيِّنَا مَحَمَّدٍ وَعَلَى آلِهِ وَأَصْحَابِهِ. أَمَّا بَعْد.
ޢީދަކީ އުފާވެރިކަމެއް ދިމާވެގެން އެކަން ތަކުރާރުކޮށް ފާހަގަކުރަމުން ދިއުމެވެ. އެއެއްވުމުގައި އެކަން ފާހަގަކުރުމަށް ކެއުންތައް ބޭއްވުމާއި މުނާސަބަތާގުޅޭ ކުޅިވަރުތައް ކުޅުމެވެ. އެއީ މައިގަނޑު ގޮތެއްގައި ކެއުންބުއިމުން ދުވަސް ފާހަގަކުރުމެވެ. އަދި އެކަންކަން ހަމަކޮންމެ އަހަރަކު ނުވަތަ ކޮންމެ މަހަކު ނުވަތަ އެނޫންވެސް ގޮތަކަށް ތަކުރާރުވަމުން ދާނެއެވެ. މިފަދައިން ޝިޢާރުތައް ފާޅުކުރުމަކީ ހުރިހައި ގައުމެއްގެ އަދި އުންމަތެއްގެ މީހުންވެސް ކޮށްއުޅޭ ކަމެކެވެ. ދުނިޔޭގައި އެއްވެސް ދީނެއް މިއްލަތެއް މިގޮތަށް ތަކުރާރުގޮތެއްގައި ކޮންމެވެސް ދުވަހެއް ނުވަތަ ދުވަސްތަކެއް ފާހަގަ ނުކުރާ ބަޔަކު ނޫޅޭނެއެވެ. ވީމާ މިކަމަކީ އިންސާނީ ޠަބީޢަތުގައި ހަރުލާފައި ހުންނަ ކަމެއްކަން އެނގިގެންދެއެވެ. ޣައިރު މުސްލިމުންގެ ދީންތަކަށް ބަލައިލުމުން ޔަހޫދީންނާއި ނަޞާރާއިން ފާހަގަކުރާ ދުވަސްތައްވެއެވެ. އަދި އެނޫންދީންތަކުގެ މީހުންވެސް ގިނަގުނަ ދުވަސްތައް ފާހަގަކޮށްއުޅެއެވެ.
އިސްލާމްދީނުގައި އަހަރެމެން މުސްލިމުން ފާހަގަކުރާނޭ ދެދުވަހެއް މާތް ﷲ ވަނީ ޝަރުޢުކުރައްވާފައެވެ. ވީމާ އެނޫންދީންތަކުގެ ޢީދުތަކަކީ އަހަރެމެން މުސްލިމުންނާ ބެހޭ ކަންތައްތަކެއް ނޫނެވެ. އަހަރެމެން މުސްލިމުންނަށް މާތް ﷲ ލެއްވި ދެޢީދު ފުދޭނެއެވެ. އެދެޢީދުގައި ކުރަންވީ ބައެއް ކަންކަމާއި ޙުކުމްތައްވެސް ވަނީ ޝަރުޢުކުރައްވާފައެވެ. ޞަޙީޙް މުސްލިމް ގައި ރިވާވެގެންވާ ޙަދީޘެއްގައި ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ: ((إِنَّ لِكُلِّ قَوْمٍ عِيدًا وَهَذَا عِيدُنَا)) މާނައީ: [ހަމަކަށަވަރުންވެސް ކޮންމެ ގައުމެއްގެ މީހުންނަށްވެސް ޢީދުވެއެވެ. އަދި މިއީ އަހަރެމެންގެ ޢީދެވެ.] މިޙަދީޘުން ވަރަށް މުހިންމު ޙުކުމަކަށް އިޝާރާތް ކުރެވެއެވެ. އެއީ އެހެންމީހުންގެ ޢީދުވާ ވާހަކަ ޙަދީޘްކުރެއްވުމަށްފަހު، މިއީ ތިމަންމެންގެ ޢީދޭ އޮތުމުން ދޭހަވަނީ އެހެން އެއްވެސް ބައެއްގެ ޢީދެއް ފާހަގަކުރުމާ ދުރުހެލިވުމުގެ ވާހަކައެވެ. އަދި އަހަރެމެން މުސްލިމުންނަށް ކަނޑައެޅުއްވި ޢީދު އެކަނި ފާހަގަކުރުމަށެވެ. މިއީ ދީނުގައިވާ ވަރުގަދަ ޙުކުމެކެވެ. އެހެނިހެން ދީންތަކުގެ މީހުންގެ ޢީދުތައް ފާހަގަކުރުމަކީ އިސްލާމްދީން މަނާކުރާ ކަންކަމެވެ. އަދި ފަހުޒަމާނުގައި އީމާންކަން ބަލިކަށި މުސްލިމުން ގިނަވެ، އެބައިމީހުން ޣައިރު މުސްލިމުންގެ އަޘަރުތަކުގެ ފަހަތުން ދާނެކަމުގެ އިންޒާރުވެރި ޚަބަރުވެސް ނަބިއްޔާ صلى الله عليه وسلم ވަނީ ދެއްވާފައެވެ. ޞަޙީޙުލް ބުޚާރީގައި ރިވާވެގެންވާ ޙަދީޘެއްގައި ވެއެވެ: ((لَتَتَّبِعُنَّ سَنَنَ مَنْ قَبْلَكُمْ شِبْرًا بِشِبْرٍ، وَذِرَاعًا بِذِرَاعٍ، حَتَّى لَوْ سَلَكُوا جُحْرَ ضَبٍّ لَسَلَكْتُمُوهُ، قُلْنَا: يَا رَسُولَ اللَّهِ، اليَهُودَ وَالنَّصَارَى؟ قَالَ: فَمَنْ؟)) މާނައީ: ތިޔަބައިމީހުންގެ ކުރީގެ އުންމަތްތަކުގެ ގޮތްތަކުގެ ފަހަތުން، ކައިވަތަކުން ކައިވަތަކުން ނުވަތަ މުށަކުން މުށަކުން، ތިޔަބައިމީހުން ތަބާވަމުން އެބައިމީހުންގެ ފަހަތުން ދާނޭކަން ކަށަވަރެވެ. އެހެންގޮސް ސަހަރާގައި އުޅޭ ބޮޑެއްގެ ހޮރަށް އެބައިމީހުން ވަންނަން ދިމާކޮށްފިނަމަ، ތިޔަބައިމީހުންވެސް ހަމައެހޮރަށް ވަންނަން ދިމާކުރާނެއެވެ. ތިމަންމެން ދެންނެވީމެވެ: އޭ ﷲ ގެ ރަސޫލާއެވެ. ޔަހޫދީންނާއި ނަޞާރާއިންތޯއެވެ؟ ޙަދީޘްކުރެއްވިއެވެ: ދެން އެނޫން ކޮންބައެއް ހެއްޔެވެ؟] މާނައަކީ އެއީ ޔަހޫދީންނާއި ނަޞާރާއިންގެ ވާހަކަ ކަމެވެ. އެބައިމީހުންގެ ފާފަވެރި ގޮތްތައް މުސްލިމުންނަށް މާކަމުގޮސް، އެފާފަތަކުގެ ފަހަތުން އެފާފަތަކަށް އަރައިގަންނަމުން މުސްލިމުންވެސް ދާނޭ ކަމެވެ.
އޭގެ އިތުރުން މުސްލިމުން ސީދާ ޢީދުދުވަސް ފާހަގަކުރުމުގައި ހިމެނޭ ޙުކުމްތަކުގެ ތެރެއިން އެންމެ މުހިންމު އެއް ޙުކުމަކީ އެދުވަހުގައި ރޯދަ ހިފުން ޙަރާމް ކުރެއްވުމެވެ. އޭގެ އިތުރުން ބޮޑުޢީދު ދުވަހާއި ޖެހިގެން އޮންނަ އައްޔާމުއްތަޝްރީޤުގެ ތިން ދުވަހުގައި ރޯދަ ހިފުން މުސްލިމުންނަށް ޙަރާމް ކުރެވުނެވެ. ސަބަބަކީ އެއީ ކައިބޮއި ހަދައިގެން ފާހަގަކުރަންޖެހޭ ދުވަސްތަކަކަށްވުމުން ރޯދައަށް ހުރުމަކީ އެކަންކަމާއި ފުށޫއަރާނޭ ކަމަކަށްވުމެވެ.
މުޅި ޙައްޖުމަހުގެ ފުރަތަމަ ދިހަދުވަހާއި އެގާރަ ބާރަ އަދި ތޭރަ، މިއެންމެހައި ދުވަސްތަކެއްގައި ޢާންމުކޮށް ތަކްބީރު ކިޔުމަކީ ސުންނަތްވެގެންވާ ކަމެކެވެ. އެއީ ޢާންމު ދިރިއުޅުމުގެ ކޮންމެ މައިދާނެއްގައިވެސް އުޅެމުން އެތަކްބީރު ކިޔާ ވާހަކައެވެ. ނަމަވެސް ޚާއްޞަ ތަކްބީރު ޝަރުޢުކުރެއްވުނީ ޢަރަފާތްދުވަހުން ފެށިގެން އައްޔާމުއްތަޝްރީޤުގެ ތިންދުވަހުއެވެ. އެޚާއްޞަ ތަކްބީރުތަކަކީ އެދުވަސްތަކުގައި ކޮންމެ ފަރުޟު ނަމާދެއްގެ ފަހުގައި ތަކްބީރު ކިއުމެވެ. އެތަކްބީރު ކިޔުން ޝަރުޢުވެގެންވަނީ ހަމައެކަނި ޖަމާޢަތުގެ ނަމާދުތަކުގެ ސަލާން ދިނުމަށްފަހުގައެވެ. ވީމާ އަންހެނުން ގޭގައި ކުރާ ނަމާދުތަކުގައި ޚާއްޞަ ތަކްބީރު ކިޔުމެއް ނުވެއެވެ. އަދި އެނޫންމީހުންވެސް ޖަމާޢަތުގައި ނޫންގޮތަކަށް އެކަނި ކުރާ ނަމާދުތަކުގައި އެއީ ޝަރުޢުވެގެންވާ ކަމެއް ނޫނެވެ. މާތް ﷲ ވަޙީކުރެއްވިއެވެ: ﴿وَيَذْكُرُواْ ٱسْمَ ٱللَّهِ فِىٓ أَيَّامٍۢ مَّعْلُومَٰتٍ﴾ سورة الحج:28 މާނައީ: [އަދި ކަނޑައެޅި އެނގިގެންވާ ދުވަސްތަކުގައި އެބައިމީހުން ﷲ ގެ ނަންފުޅު ޛިކުރު ކުރުމަށެވެ.] ކަނޑައެޅިގެންވާ ދުވަސްތަކަކީ ޙައްޖުމަހުގެ ފުރަތަމަ ތޭރަ ދުވަސްކަން ޞަޙާބީންގެ ޢަމަލުފުޅުން އެނގެން އޮވެއެވެ.
އޭގެ އިތުރުން ޢީދު ނަމާދުކުރުމާއި ޢީދުދުވަހުގައި އާހެދުން ލުމާއި ހުވަނދުލާ ނަލަވެ ރީތިވުން މުސްތަޙައްބު ވެގެންވެއެވެ. އަދި އެއްބަޔަކު އަނެއްބަޔަކު ފެނުމުން ސަލާންގަލާން ކޮށް ހެޔޮދުޢާކުރުން ސުންނަތްވެގެންވެއެވެ: ((تَقَبَّلَ اللهُ مِنَّا وَمِنْكُمْ. عِيدٌ مُبَارَكٌ)) މިފަދަ ޢިބާރާތްތަކުންނެވެ. ޢީދު ނަމާދަށް ހިނގާފައި ދިއުން ސުންނަތެއް ކަމުގައިވާއިރު، ޢީދުނަމާދަށް ދާމަގު ނޫން އެހެންމަގަކުން އެނބުރި ގެއަށް ދިއުމަކީވެސް ސުންނަތްވެގެންވާ ކަމެކެވެ. އެކަމުގެ އެންމެބޮޑު އެއްޙިކްމަތަކީ އޭރުން ތަފާތު ގިނަމީހުންނާއި ބައްދަލުވެ، ގިނަބަޔަކަށް ހެޔޮދުޢާކޮށް ޢީދު ތަހުނިޔާ ކިއުމެވެ.
އަދި ބޮޑުޢީދުގައި ޢީދުނަމާދަށްފަހު، ކުރެވޭ އެންމެ މުހިންމު ކަމަކީ އުޟްޙިޔާ ކަތިލުމެވެ. އަދި އެކަތިލުމަށްފަހު އެއިން ކައި، މިސްކީނުންނާއި ފަޤީރުންނަށް ޞަދަޤާތްކުރުންވެސް މުސްތަޙައްބު ވެގެންވެއެވެ. އުޟްޙިޔާގެ ގޮތުގައި ކަތިލެވޭނީ ނަޢާމްސޫފީގެ ބާވަތެކެވެ. އެއީ ޖަމަލު، ގެރި، ކަންބަޅި ނުވަތަ ބަކަރިއެވެ. އެކަން ކުރަން ނިޔަތް ގަންނަމީހަކު ޙައްޖުމަހުގެ ފުރަތަމަ ދުވަހުން ފެށިގެން ޢީދު ދުވަހާއި ހަމައަށް ނިޔަފަތި ކެނޑުމާއި އިސްތަށީ ކޮށުމާއި ގައިގެ ހަން ނެއްޓުން ފަދަ ކަންކަމުން ދުރުހެލިވާންވާނެއެވެ.
އެންމެހައި ބޭފުޅުންނަށް ބޮޑުޢީދުގެ ތަހުނިޔާ ކިޔަމެވެ. ބަރަކާތްތެރި ޢީދުގެ ތަހުނިޔާ ކިޔަމުން، މިނިކަމެތި އަޅާއާއި ތިޔައެންމެ ބޭފުޅުންގެ ހެޔޮޢަމަލުތައް މާތް ﷲ ޤަބޫލުކުރެއްވުން އެދި ދުޢާކުރަމެވެ.
އަޅަމެންނަށް ޢީދުގެ ފުރިހަމަ ބަރަކާތް މިންވަރު ކުރައްވާށިއެވެ! އާމީން!
وصلى الله وسلم على نبينا محمد وعلى آله وأصحابه أجمعين.