ބުރާސްފަތި, 24 އޭޕްރިލް 2025

އާރޓިކަލް 127 : ރިޝްވަތުގެ ނުބައިކަން

الْحَمْدُ لِلَّهِ رَبِّ العَالَمِينَ. وَالصَّلاَةُ وَالسَّلاَمُ عَلَى نَبِيِّنَا مَحَمَّدٍ وَعَلَى آلِهِ وَأَصْحَابِهِ. أَمَّا بَعْد.

ގައުމެއް ކުރިއަރާ ދިއުމަށްޓަކައި އިޖްތިމާޢީ ހަމަހަމަކަމަކީ ނުހަނު މުހިންމުކަމެކެވެ. އެކުގައި ދިރިއުޅޭ މީސްތަކުންގެ މެދުގައި ހަމަޖެހުން އޮންނާނީ ގައުމު ހިންގަންތިބޭ ފަރާތްތަކުން، އިޖްތިމާޢީ މިންގަނޑުގައި ވަކިބައެއްގެ އަމިއްލަ ޒާތީ މަންފާއަށާއި އެހެންމީހުންގެ ޙައްޤުތައް ގެއްލޭގޮތަށް ކަންކަން ކުރިއަށް ދިއުން ހުއްޓުވުމުންނެވެ. ވީމާ ބާރުވެރިކަން އޮންނަމީހުން މީހުންގެފަރާތުން ލިބޭ ނާޖާއިޒު މަންފާތަކުގެ ދަހިވެތިކަމުގައި އެހެންބައެއްގެ ޙައްޤުތައް ގެއްލޭ ސިފައެއްގައި ކަންކަން ކުރިއަށް ގެންދިއުމަކީ އިސްލާމީ އުޞޫލުތަކާއި ޚިލާފުކަމެކެވެ. ގައުމެއްގެ އެންމެ ބާރުވެރި ޙުކުމަކުން ގޮތް ނިންމާ ފަރާތްތަކަކީ ވެރިންނާއި ޤާޟީން ކަމުގައިވިޔަސް، އެނޫނަސް ތަފާތު މުއައްސަސާތަކާއި އިންސްޓިޓިއުޓްތަކުގައި ގޮތް ނިންމުމުގެ ބާރުލިބިގެންވާ ފަރާތްތަކަކީ ވެސް ތަފާތު ކަންކަމުގައި ޙުކުމްތައް ކަނޑައަޅާ ފަރާތްތަކެކެވެ. މިފަދަ އެއްވެސް ބާރުވެރިކަމެއް ލިބިފައިވާ ފަރާތެއް އެބާރެއްގެ ބޭނުންހިފާ، ވަކިނަތީޖާއެއް ނެރެދިނުމަށް އެއްވެސް މީހެއްގެ އަތުން އަތުލާ ފައިސާއަކީ ރިޝްވަތުގެ ފައިސާއެވެ. ރިޝްވަތަކީ އެމީހެއްގެ އަމިއްލަ މަޞްލަޙަތަށްޓަކައި ނުވަތަ އޭނާ ބޭނުންވާގޮތަށް ކަންނިމިގެން ދިއުމަށްޓަކައި ޙާކިމަށް ނުވަތަ އެނޫންވެސް ބާރުވެރިކަމެއް ލިބިގެންވާ ފަރާތަކަށް މުދަލެއް ނުވަތަ މަންފާއެއް ހޯދައިދިނުމެވެ.

ރިޝްވަތަކީ ހުރިހައި ރައްޔިތުންގެ ޙައްޤު އޮތްކަމެއްގައި ވަކިބައެއްގެ ޙައްޤު ގެއްލުވާލައި ބަކިބަޔަކަށް ފައިދާއެއް ހޯދައިދިނުން ކަމުގައިވުމުން، ޢާންމުކޮށް މިފަދަ ފައިސާއަށް ނިންމައިދޭ ކަންކަން އޮންނަނީ ސަރުކާރެއްގެ ކޮންމެވެސް މުއައްސަސާއަކާއި ގުޅިފައެވެ. މިގޮތަށް ނިންމައިދޭ ކަންކަމުގައި އޭގެ ޒާތުގައި އެކަމަކީ ޙައްޤުރަނގަޅު ކަމަކަށް ދެވޭ ފައިސާއެއްވިޔަސް އެރިޝްވަތު ދިންމީހާ އެފައިސާގެ ސަބަބުން އެހެންމީހެއްގެ ޙައްޤު ގެއްލުވާލައިފިނަމަ، އެފައިސާ ހަމަ ވާނީ ރިޝްވަތަށެވެ. ވީމާ ސީދާ ބާޠިލު ނުބައިކަމެއް ކުރުމަށް ދެވޭފައިސާ އަދި އެއަށްވުރެ ނުބައިވެގެންވާނެކަން ކަށަވަރެވެ. މިއީ ބާޠިލު ގޮތުގައި މީސްތަކުންގެ މުދާތައް ކެއުމެވެ. މާތް ﷲ ވަޙީކުރެއްވިއެވެ: ﴿وَلَا تَأْكُلُوٓاْ أَمْوَٰلَكُم بَيْنَكُم بِٱلْبَٰطِلِ وَتُدْلُواْ بِهَآ إِلَى ٱلْحُكَّامِ لِتَأْكُلُواْ فَرِيقًا مِّنْ أَمْوَٰلِ ٱلنَّاسِ بِٱلْإِثْمِ وَأَنتُمْ تَعْلَمُونَ﴾ سورة البقرة:188 މާނައީ: [އަދި ތިޔަބައިމީހުންގެ މުދާތައް ތިޔަބައިމީހުންގެ މެދުގައި باطل ގޮތުގައި ނުކާށެވެ! އަދި ތިޔަބައިމީހުން ދެނެތިބެގެންމެ، ފާފަވެރި ގޮތުގައި މީސްތަކުންގެ މުދާތަކުގެ ތެރެއިން ބައެއް ކެއުމަށްޓަކައި އެ މުދާތަކުން ބައެއް حاكم ންނަށް ނުދޭށެވެ!] މިތަނުގައި މިވާ ޙާކިމް ގެ ބަހުގެ މާނައިގެ ތެރެއަށް ކަންކަން ނިންމުމުގެ ބާރު ލިބިގެންވާ އެންމެހައި ފަރާތެއް ވަންނާނެއެވެ.

ބައެއްމީހުންނަށް ހީވެފައި އޮންނަނީ ބާރުހުރި ފަރާތަކުން، ކަންކަން ކޮށްދިނުމަށް ފައިސާ ނަގާތީވެ، މިނުބައި ފާފައިގެ ތެރެއަށް ވެއްޓިގެންދާނީ ހަމައެކަނި އެފައިސާގައި ހިފާމީހާ އެކަނި ކަމަށެވެ. ނަމަވެސް އެއީ ކުށްހީއެކެވެ. އެކަމުގައި ޝާމިލުވާ އެންމެން ހަމަހަމަވާގޮތަށް އެފާފަ އުފުލަންޖެހޭނެއެވެ. އަލްއިމާމް އައްތިރްމިޛީ ރިވާކުރެއްވި ޙަދީޘެއްގައިވެއެވެ: ((لَعَنَ رسولُ اللهِ صلَّى اللهُ عليه وسلَّمَ الراشِيَ والمرْتَشِيَ في الحكْمِ)) މާނައީ: [އެއްވެސް ޙުކުމެއްގައި، ރިޝްވަތުދޭމީހާއަށާއި ރިޝްވަތިހިފާމީހާއަށް ﷲ ގެ ރަސޫލާ صلى الله عليه وسلم ލަޢުނަތް ލެއްވިއެވެ.] މިޙަދީޘްގައި މިވާ ޙުކުމުގެ މުރާދަކީ ކަމެއްވާންޖެހޭ ގޮތްނޫން ގޮތަކަށް ކަންކަން ނިންމުމެވެ. އެގޮތުން ވެރިންނާއި ކަންކަމާ ޙަވާލުވެގެން ތިބޭމީހުން ނަގާ އެއްވެސް މުދަލަކީ ރިޝްވަތެވެ. އެފަދަ މީހަކަށް ކީރިތި ރަސޫލާ صلى الله عليه وسلم އެވަނީ ބަދުދުޢާ ކުރައްވާފައެވެ. އެކަލޭގެފާނުގެ ދުޢާފުޅަކީ އެމީހަކަށްޓަކައި ކުރެއްވިޔަސް އަދި އެމީހަކާއި ދެކޮޅަށް ކުރެއްވިޔަސް އެދުޢާއެއް ތަޙްޤީޤްވާނެ ދުޢާފުޅެކެވެ. އެކަލޭގެފާނު ދުޢާކުރެއްވީ އެފަދަ މީހާ މާތްﷲ ގެ ރަޙްމަތުން ބޭރުކުރެއްވުން އެދިއެވެ. މިކަމުން އޭގެ ނުބައިކަމާއި އެކަމަކީ ބޮޑުފާފައިގެ ތެރެއިންވާ ކަމެއްކަން ދޭހަވެގެންދެއެވެ. އަދި މީގެ ބައެއް ރިވާޔަތްތަކުގައި "والرَّائِشَ" މިލަފްޒުވެސް އައިސްފައިވެއެވެ. އޭގެ މާނައަކީ ރިޝްވަތުދޭމީހާއާއި އެރިޝްވަތުހިފާމީހާއާ ދެމެދުގައި މެދުވެރިއެއްގެ ގޮތުގައި އެފައިސާ ހިފައިގެންގޮސް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރާމީހާއެވެ.

ޙަރާމްގޮތުގައި ފައިސާ ކެއުމުގެ ނުބައިކަމުގެ ވާހަކަ ބަޔާންކުރައްވާ އެހެން އާޔަތެއްގައި މާތްﷲ ވަޙީކުރެއްވިއެވެ: ﴿سَمَّاعُونَ لِلْكَذِبِ أَكَّالُونَ لِلسُّحْتِ﴾ سورة المائدة:42 މާނައީ: [އެބައިމީހުންނީ ދޮގުވާހަކަތައް އަޑުއަހާ، ޙަރާމް މުދާ ކާމީހުންނެވެ.] މިތަނުގައި މިވާ ޙަރާމް މުދަލުގެ މުރާދުގައި ޢަބްދުﷲ ބުން މަސްޢޫދު رضي الله عنه ވިދާޅުވަނީ އެއީ ދީނީކަންކަމުގައި ރިޝްވަތުގެ ފައިސާ ކާމީހާކަމުގައެވެ. އަލްޙަސަން އަލްބަޞަރީ އަދި ސަޢީދު ބުން ޖުބައިރު رحمهما الله ވިދާޅުވަނީ އެއީ ރިޝްވަތުގެ ފައިސާ ކަމުގައެވެ. މިއާޔަތުގައި މިވަނީ ޔަހޫދީން އެކަންކަމުގެ ސަބަބުން ކުފުރުވީ ކަންކަމުގެ ވާހަކަ ބަޔާންކުރައްވާފައެވެ. އެގޮތުން އެބައިމީހުން ކުފުރުވީ އެއްކަމަކީ ފައިސާގެ ދަހިވެތި ކަމުގައި ދީން ވިއްކާލުމެވެ. އަނެއް ކަމަކީ ރިޝްވަތުގެ ފައިސާ ކެއުމެވެ. ނަމަވެސް ރިޝްވަތުގެ ސަބަބުން ކުފުރުގެ ދަރަޖައަށް އެބައިމީހުން ދިޔައީ އެކަން އެއީ ޙަލާލުކަމެއްގެ ގޮތުގައި ދެކިގެން ކުރުމުންނެވެ. ވީމާ މިއުންމަތުގައިވެސް އެޙުކުމް އޮންނާނީ އެގޮތުގައެވެ. އެއީ މާތްﷲ އާއި އެކަލާނގެ ރަސޫލާ ޙަރާމްކުރެއްވި ކަމެކެވެ. ވީމާ އެކަން ޙަލާލުކޮށްފި މީހާ އެކަން ކުރިއަސް ނުކުރިއަސް ކުރުފުވާނޭކަން ކަށަވަރެވެ. ނަމަވެސް އެއީ ޙަރާމްކަމެއް ކަމުގައި ދެކިގެން، ނަމަވެސް މާއްދިއްޔަތުގެ ދަހިވެތިކަމުގައި ޖެހިގެން ނުވަތަ ހަވާނަފްސުގެ އެދުންތައް ޙާޞިލުކުރުމަށް ދެވިހިފާފައިވުމުގެ ސަބަބުން އެކަމަށް އަރައިގަންނަމީހަކު ކުފުރު ނުވިޔަސް އެކުރެވެނީ އެންމެބޮޑެތި ފާފައިގެ ތެރެއިން ފާފައެކެވެ.

ރިޝްވަތުގެ ސަބަބުން މުޖްތަމަޢުއަށް ލިބޭ އެންމެބޮޑު ގެއްލުމަކީ އެފަދަ ބައެއްގެ ތެރޭގައި ބިރުވެރިކަން ފެތުރުމާއި އެފަދަ ގައުމުތައް ތަރައްޤީ ނުވުމެވެ. އެފަދަ ކަންކަން ގިނަވެފައިވާ ނަމަ ފަޤީރުކަން އިތުރުވެއެވެ. މީހުންގެ މެދުގައި ނަފްރަތާއި ރުޅިވެރިކަން ފެތުރިގެންދެއެވެ. ގިނަބައެއްގެ ޙައްޤުތައް ގެއްލިގެން ދިއުމުގެ އިތުރުން ވެރީންގެ އަމާނާތްތެރިކަން ގެއްލި، ނާޤާބިލުމީހުން ބާރުވެރި މަޤާމްތަކަށް އިތުރުވެގެންގޮސް ގައުމުގެ ހިންގުން ބޮއްސުންލައިގެން ދިއުންވެސް ހިމެނެއެވެ. މިއީ ހުސް ނުރައްކާތެރި ނަތީޖާތަކެވެ. އެހެންވުމުން ކޮންމެމީހަކު އަމިއްލަ ފަރުދީ ޒިންމާ ނަގައިގެން މިކަމުން ސަލާންވުމަށާއި މުޖްތަމަޢު ސަލާމަތްކުރުމަށް ގަދައަޅާ މަސައްކަތްކުރަންޖެހެއެވެ.

އަޅަމެންގެ މުޖްތަމަޢަކީ ރިޝްވަތުގެ ނުބައި ވަބާއިން ސަލާމަތްވެފައިވާ ބައެއްގެ ގޮތުގައި ލައްވާށި! އާމީން!

وصلى الله وسلم على نبينا محمد وعلى آله وأصحابه أجمعين.

ކިޔުންތެރިންގެ ޚިޔާލުތައް

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *