އާރޓިކަލް 128 : އަހަރެމެންގެ ނަބިއްޔާއަށް މިއުންމަތަށް ދެއްވާ ޢަޛާބު ނުދައްކަވައެވެ.

الْحَمْدُ لِلَّهِ رَبِّ العَالَمِينَ. وَالصَّلاَةُ وَالسَّلاَمُ عَلَى نَبِيِّنَا مَحَمَّدٍ وَعَلَى آلِهِ وَأَصْحَابِهِ. أَمَّا بَعْد.

މާތްﷲ އިންސީންނާއި ޖިންނީން އުފެއްދެވީ އެކަލާނގެ މަޢުރިފާކޮށް ދެނެގަނެ، ޝިރުކުގެ އެންމެހައި ވައްތަރުތަކުން ބަރީއަވެ، އެކަލާނގެއަށް އެކަނި އަޅުކަންކުރާ ބަޔަކަށް، އެބައިމީހުން ވެގެން ތިބުމަށެވެ. އަދި އިންސާނާގެ އަމިއްލަ ނަފްސަށް ބުއްދީގެ ހަމަތަކުން އެކަން ދެނެގަނެވޭއިރުވެސް، އެއިންސާނުން އެކަން ދޫކޮށް، ސަލާމަތް ފިޠުރީ ބުއްދިއާ ޚިލާފަށް، މަޚްލޫޤުންނަށް އިލާހީ ދަރަޖަދީ އެމަޚްލޫޤުންނަށް އަޅުކަން ކުރުމުގައި މަގުފުރެދިގެން ދެއެވެ. މިސަބަބަށްޓަކައި މާތްﷲ އެބައިމީހުންގެ ގާތަށް ހުރިހައި ޒަމާނެއްގައިވެސް އަދި ހުރިހާ އުންމަތަކަށްވެސް ރަސޫލުންނާއި ނަބިއްޔުން ފޮނުއްވެވިއެވެ. އެނަބިއްޔުން އެކަލާނގެއަށް އެކަނި އަޅުކަންކުރުމަށް މީސްތަކުންނަށް ގޮވާލުމާއިއެކު، އެކަލާނގެއަށް އަޅުކަންކުރާނޭ ގޮތްތައްވެސް ދައްކަވައެވެ. ބައެއް އުންމަތްތަކުގައި އެނަބިއްޔުންނަށް ތަބާވާނެ އެއްވެސް ބަޔަކު ނެތުމުން، އެފަދަ އުންމަތްތައް ހަލާކުކުރެއްވިއެވެ. އަނެއްބައި އުންމަތްތަކުގެ މަދުބަޔަކު އެނަބިއްޔުންނަށް ތަބާވިއިރު، އަނެއްބައި އުންމަތްތަކުގެ ނަބިއްޔުންނަށް އެގައުމުގެ ގިނަބަޔަކު ތަބާވެއެވެ. އަދި އެތަބާވިމީހުން ފަހުން ނުބައިމަގުތަކުން ހަލާކުގެ ތެރެއަށާއި އަނިޔާވެރިކަމުގެ ތެރެއަށް ގެއްލިގެންދެއެވެ. މާތްﷲ ވަޙީކުރެއްވިއެވެ: ﴿وَلَقَدْ بَعَثْنَا فِى كُلِّ أُمَّةٍۢ رَّسُولًا أَنِ ٱعْبُدُواْ ٱللَّهَ وَٱجْتَنِبُواْ ٱلطَّٰغُوتَ ۖ فَمِنْهُم مَّنْ هَدَى ٱللَّهُ وَمِنْهُم مَّنْ حَقَّتْ عَلَيْهِ ٱلضَّلَٰلَةُ ۚ فَسِيرُواْ فِى ٱلْأَرْضِ فَٱنظُرُواْ كَيْفَ كَانَ عَٰقِبَةُ ٱلْمُكَذِّبِينَ﴾ سورة النحل:36 މާނައީ: [އަދި ހަމަކަށަވަރުން ކޮންމެ އުންމަތަކަށް ރަސޫލަކު ތިމަންއިލާހު ފޮނުއްވީމެވެ. (އެއިންކޮންމެ ބޭކަލަކު އެބޭކަލެއްގެ ގައުމުގެ މީހުންނަށް ގޮވާލެއްވީ)  އަށް އަޅުކަންކުރުމަށާއި ޠާޣޫތުންނާ (އެކަލާނގެފިޔަވައި އަޅުކަންކުރެވޭ ތަކެއްޗާ) ދުރުހެލިވުމަށެވެ. ފަހެ އޭގެ ތެރޭގައި ﷲ ހިދާޔަތް ދެއްކެވި ބަޔަކާއި، އެބަޔަކަށް މަގުފުރެދިގެން ދިއުން ޙައްޤުވެގެންވީ ބަޔަކުވެސް އެބައިމީހުންގެ ތެރެއިން ވިއެވެ. ފަހެ، ދޮގުކުރި (ކާފިރުންގެ) ޢުޤޫބާތް ދެވުނީ ކިހިނަކުންކަން ތިޔަބައިމީހުން ބިމުގައި ދަތުރުކޮށް ބަލާށެވެ!] ވީމާ އެނަބިއްޔުންގެ އެންގެވުންތަކަށް ބޯނުލެނބި ކާފިރުންނަށް ވަނީ އެކަލާނގެ ޢަޛާބު ދެއްވާފައެވެ. އަދި އެނަބިއްޔުންނަށް ތަބާވި މުއުމިނުންވަނީ އެނުބައި ކާފިރުންގެ ކިބައިންނާއި އެކާފިރުންނަށް ﷲ ދެއްވި ޢަޛާބުންވެސް ސަލާމަތްކުރައްވާފައެވެ.

އެގޮތުން ނޫޙުގެފާނުގެ ގައުމުގެ މީހުންގެ ތެރެއިން އެކަލޭގެފާނަށް އީމާންވިމީހުން ގަދަފަދަ ތޫފާނުން ސަލާމަތްކުރައްވާ ކާފިރުވި އެންމެން ގަދަފަދަ ކަނޑުގެ ތެރެއަށް ޣަރަޤުކުރެއްވިއެވެ. މާތްﷲ ވަޙީކުރެއްވިއެވެ: ﴿فَأَنجَيْنَٰهُ وَمَن مَّعَهُۥ فِى ٱلْفُلْكِ ٱلْمَشْحُونِ. ثُمَّ أَغْرَقْنَا بَعْدُ الْبَاقِينَ﴾ سورة الشعراء:119-120 މާނައީ: [ފަހެ، މީސްތަކުންނާއި ޙަޔަވާންތަކުން ފުރާލެވިގެންވީ ނަވުގައި، އެނަބިއްޔާ (ނޫޙުގެފާނު) އާއި އެނަބިއްޔާއާ އެކުގައިވި މީހުން ތިމަންއިލާހު ސަލާމަތްކުރެއްވީމެވެ. އެއަށްފަހުގއި ބާކީތިބި އެންމެން ތިމަންއިލާހު ޣަރަޤުކުރެއްވީމުއެވެ.]

އެއަށްފަހުގައި އެހެންޒަމާނެކެވެ. ލޫޠުގެފާނުގެ ޒަމާނެވެ. އެގައުމުގެ މީހުންގެ ޝިރުކާއި ނުބައިފާޙިޝް ޢަމަލުތަކުން އެއްބަޔަކު ދުރުހެލިވެ ތައުބާވެ އީމާންވީއިރު އަނެއްބަޔަކު ކާފިރުކަންމަތީގައި ދެމިތިބީއެވެ. އަދި އެގޮތް ދޫނުކުރުމުން އެބައިމީހުންނަށް ދެއްވި ގަދަފަދަ ޢަޛާބުން އެބައިމީހުން ނެތިކުރެއްވިއެވެ. މާތް ﷲ ވަޙީކުރެއްވިއެވެ: ﴿فَنَجَّيْنَاهُ وَأَهْلَهُ أَجْمَعِينَ. إِلَّا عَجُوزًا فِي الْغَابِرِينَ. ثُمَّ دَمَّرْنَا الْآخَرِينَ﴾ سورة الشعراء:170-172 މާނައީ: [ފަހެ އެނަބިއްޔާ (ލޫޠުގެފާނު) އާއި އެކަލޭގެފާނުގެ އަހުލުން ތިމަންއިލާހު ސަލާމަތްކުރެއްވީމެވެ. ހަލާކުގެ ތެރޭގައި މަޑުކުރި މީހުންގެ ތެރޭގައިވި މުސްކުޅި އަންހެނާ (ލޫޠުގެފާނުގެ އަނބިމީހާ) ފިޔަވައެވެ. ދެންއެއަށްފަހު، ބާކީތިބި އެންމެން ތިމަންއިލާހު ހަލާކުރެއްވީމެވެ.]

ހަމައެފަދައިން މޫސާގެފާނަށް ކާފިރުވި ފިރުޢައުނާއި ފިރުޢައުނުގެ އަޢުވާނުން ހަލާކުކުރައްވާ މޫސާގެފާނަށް ތަބާވިމީހުން ސަލާމަތްކުރެއްވިއެވެ. މާތް ﷲ ވަޙީކުރެއްވިއެވެ: ﴿وَأَنجَيْنَا مُوسَىٰ وَمَن مَّعَهُۥٓ أَجْمَعِينَ. ثُمَّ أَغْرَقْنَا الْآخَرِينَ﴾ سورة الشعراء:65-66 މާނައީ: [އަދި ތިމަން އިލާހު މޫސާގެފާނާއި އެކަލޭގެފާނާއި އެކުގައި ވީމީހުން ސަލާމަތް ކުރެއްވީމެވެ. އެއަށްފަހު، ތިމަންއިލާހު އެހެންއެންމެން ޣަރަޤުކުރެއްވީމެވެ.]

މިއެންމެހައި ޢަޛާބުތަކެއް އެބައިމީހުންނަށް ދެއްވިއިރު އެރަސޫލު ބޭކަލުންނަށް އެމަންޒަރުތައް ފެނިވަޑައިގަތެވެ. ނުވަތަ އެބޭކަލުން އޭރުގައިވެސް ތިއްބެވީ ދުނިޔެމަތީގައެވެ. އެބޭކަލުންގެ ގައުމުތަކުން ކުފުރުވެ ދީނަށް ފުރަގަސްދީ ދީނީގޮތުން ފަރުވާކުޑަކުރިމީހުންނަށްވެސް ޢަޛާބު ދެއްވުނީ އެނަބީންގެ ޙާޟިރުގައެވެ. މިސާލަކަށް ބަނީއިސްރާއީލްގެ މީހުން އެތައްފަހަރަކު މާތް ﷲ އެންގެވިގޮތާއި ޚިލާފަށް އަމިއްލަ ހަވާނަފްސުގެ އެދުންތަކުގެ ޝިކާރައަކަށް ވީހިނދު އެބައިމީހުންނަށް އެކަމުގެ ޢުޤޫބާތްތައް ދެއްވުނީ މޫސާގެފާނުގެ ޙާޟިރުގައެވެ.

ނަމަވެސް އަހަރެމެންގެ ރަސޫލާ މުޙައްމަދު صلى الله عليه وسلم ގެ ޙާޟިރުގައި އެކަލޭގެފާނުގެ އުންމަތަށް އެފަދަ ޢުޤޫބާތެއް ނުދެއްވައެވެ. އެއީ އެކަލޭގެފާނުގެ މާތްކަމާއި ޝަރަފު އަންގައިދޭ ކަމެކެވެ. އަދި އެކަލޭގެފާނުގެ ޙާޟިރުގައި އެކަލޭގެފާނުގެ އުންމަތުގެ މީހުން ދީނަށް ފަރުވާކުޑަވެ، ދުނިޔެވީ ހެއްލުންތަކަށް ނުވަތަ ހަވާނަފްސަށް ހެއްލިގެންވެސް ނުދެއެވެ. ނަމަވެސް އެއެންމެހައި ކަމެއް މެދުވެރިވީ އެކަލޭގެފާނު މިދުނިޔެ ދޫކުރެއްވުމަށް ފަހުގައެވެ. މާތްﷲ ވަޙީކުރެއްވިއެވެ: ﴿فَإِمَّا نَذْهَبَنَّ بِكَ فَإِنَّا مِنْهُم مُّنتَقِمُونَ. أَوْ نُرِيَنَّكَ ٱلَّذِى وَعَدْنَٰهُمْ فَإِنَّا عَلَيْهِم مُّقْتَدِرُونَ﴾ سورة الزخرف:41-42 މާނައީ: [ފަހެ، ތިމަންއިލާހު ކަލޭގެފާނު ގެންދަވައިފިނަމަވެސް (އެބަހީ: މަރުގެންނެވި ނަމަވެސް) ފަހެ، ހަމަކަށަވަރުން، ތިމަންއިލާހު އެއުރެންގެ ކިބައިން ބަދަލުހިއްޕަވާ ހުށީމެވެ. ނުވަތަ އެއުރެންނަށް ތިމަންއިލާހު وعد ކުރެއްވި ކަންތައް ކަލޭގެފާނަށް ދައްކަވާހުށީމެވެ. ފަހެ، ހަމަކަށަވަރުން، ތިމަންއިލާހުއީ، އެއުރެންގެމައްޗަށް ކުޅަދުންވަންތަ ކަލާނގެއެވެ.] އަލްފަޒާރީގެ "ކިތާބުއްސައިރި" ގައި މިއާޔަތުގެ ތަފްސީރު އަނަސް ބުން މާލިކު رضي الله عنه ގެ އަރިހުން ގެންނެވިއެވެ. އޭގައި ވިދާޅުވިއެވެ: "ﷲ ގެ ރަސޫލާ صلى الله عليه وسلم މިދުނިޔެ ދޫކުރައްވާ ވަޑައިގެންނެވިއެވެ. އަދި ﷲ އެކަލާނގެ ނަބިއްޔާއަށް އެކަލޭގެފާނު ވަޑައިގަންނަވަންދެން އެކަލޭގެފާނުގެ އުންމަތުގެ މީހުންނަށް އެކަލޭގެފާނު ނުރުއްސަވާކަމެއް ވާތަން ނުދައްކަވައެވެ. އެނަބިއްޔެއްގެ އުންމަތުގެ މީހުންނަށް ޢުޤޫބާތް ދެއްވަނިކޮށް ފެނިވަޑައިނުގަންނަވާ އެއްވެސް ނަބިއްޔަކު، ތިޔަބައިމީހުންގެ ނަބިއްޔާ صلى الله عليه وسلم ނޫނީ ނުވެއެވެ."

މިފަދައިން ޢުޤޫބާތް ދެވޭ ކިތަންމެ ކަމެއް އަހަރެމެންގެ ނަބިއްޔާ  ވަނީ އުންމަތަށް ބަޔާންކޮށްދެއްވާފައެވެ. އެއިން ކިތަންމެ ކަމަކަށް މިއަދު އަހަރެމެން މުސްލިމުން ވަނީ ފަރުވާކުޑަކޮށްފައެވެ.

އަޅަމެންގެ މިޝަރަފުވެރި ނަބިއްޔާއަށް ފުރިހަމައަށް ތަބާވާ ބަޔަކު ކަމުގައި އަޅަމެން ލައްވާށި! އާމީން!

وصلى الله وسلم على نبينا محمد وعلى آله وأصحابه أجمعين.

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *