އާރޓިކަލް 129 : ފާފަތައް މުޖްތަމަޢެއްގައި ފާޅުގައިކުރުން ޢާންމުވުމުގެ ނުރައްކާތެރިކަން.

الْحَمْدُ لِلَّهِ رَبِّ العَالَمِينَ. وَالصَّلاَةُ وَالسَّلاَمُ عَلَى نَبِيِّنَا مَحَمَّدٍ وَعَلَى آلِهِ وَأَصْحَابِهِ. أَمَّا بَعْد.

ހަވާނަފްސަކީ ވަރަށްގިނަމީހުންގެ ނަފްސުގެ ޝިކާރައަކަށް އޮންނަނީ ވެފައެވެ. އޭގެ ސަބަބުން މާތްﷲ ކަނޑައެޅުއްވި ޙުދޫދުން މީސްތަކުން ބޭރުވެދެއެވެ. ނަމަވެސް އެއިންސާނާގެ ޠަބީޢަތު ހުންނަގޮތުން، ފާފަތައްކުރިޔަސް އެހެންމީހުންނަށް އެކަންކަން އެނގެން އޭނާ ބޭނުން ނުވެއެވެ. އެއީ އޭނާގެ ނަފްސުވެސް އޭނާ އެކުރަނީ ފާފައެއް ކަމަށް އޭނާއަށް ބުނެދީ، އެފާފައިގެ ސަބަބުން އެހެންމީހުން އޭނާއަށް ބަދުބަސް ރައްދުކޮށް، މުޖްތަމަޢުގައި އޭނާ ފަޟީޙަތް ވިޔަ ނުދިނުމަށެވެ.

ފާފަ ދެނެގަންނާނެ ގޮތް އުނގަންނަވައިދެއްވަމުން ރަސޫލާ صلى الله عليه وسلم ވަނީ އެކަން ބަޔާންކޮށްދެއްވާފައެވެ. އިމާމް މުސްލިމް ރިވާކުރެއްވި ޙަދީޘެއްގައި ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ: ((البِرُّ حُسْنُ الخُلُقِ، وَالإِثْمُ ما حَاكَ في نَفْسِكَ، وَكَرِهْتَ أَنْ يَطَّلِعَ عليه النَّاسُ)) މާނައީ: [ހެޔޮކަމުގެ އަސްލަކީ ޚުލުޤު ހެޔޮވުމެވެ. އަދި ފާފައަކީ ތިބާގެ ނަފްސު އެކަމެއް ކުރުމަށް ބިރުގަނެ ނުރުހުންވާ އަދި މީސްތަކުންނަށް އެކަމެއް އެނގުމަށް ބޭނުން ނުވާ ކަންކަމެވެ.] މިއީ ފިޠުރަތުގެ ސާފުކަންމަތީގައި ހުންނަ މުއުމިނެއްގައި، ފާފައާމެދު އޮންނާނެ ޝުޢޫރެވެ. އެމީހަކު އަމިއްލަ ނަފްސުވެސް އެފާފައަށް ނުރުހޭނެއެވެ. ފާފަކުރުމުގެ ވިސްނުން އައުމާއެކު، އެނަފްސު އެކަން ނުކުރަން ގޮވާނެއެވެ. ނަމަވެސް ހަވާނަފްސުގެ އެދުން ބޮޑުވެ، އެފާފަ ތަންފީޒު ކުރުމާ ހަމައަށް ގޮސްފިނަމަވެސް، އޭނާގެ ހިތް ބިރުގަންނާނެއެވެ. ތިމާމިކުރަނީ ފާފައެއްކަމުގެ އިޙްސާސް ވޭވޭ ހުރުމުގެ ސަބަބުން އޭނާ އަމިއްލަ ނަފްސަށް ބިރުގަތުމުގެ އިތުރުން އެހެންމީހަކަށް އޭނާ ފާފަކުރާތަން ފެންނަންވެސް އޭނާ ނޭދޭނެއެވެ. ފާފަކުރެވުމުގެ ބަލިކަށި ޙާލަތަކަށް އޭނާގެ ނަފްސު ވެއްޓުނު ކަމުގައިވިޔަސް މީހަކަށް އެކަން އެނގިދާނެ ކަމަށް ބިރުން، އެކުރެވުނު ކަންތައް ފޮރުވުމަށް ކުރެވެން ހުރިހުރިހައި ކަމެއް ކުރާނެއެވެ.

މިކަން މިހެން އޮތް ކަމުގައިވިޔަސް، ހިސާބަށްވުރެ ނުބައި ދަރަޖައަކަށް ފާފަވެރި އިންސާނާ ދިއުމުން، ފާފައާމެދު އޮންނަ ލަދުވެތިކަން ކެނޑި، މީހާގެ ގައިން ޣީރަތްތެރިކަމުގެ ސިފަ ގެއްލިގެންދެއެވެ. އަދި ފާފަތައް ފޮރުވުމުގެ ވިސްނުން ބަދަލުވެ، އެއީ މީސްތަކުންގެ މެދުގައި ފާޅުކުރާ އެއްޗަކަށް ހަދަން އޭނާ ބޭނުންވެއެވެ. ލަދުޙަޔާތުގެ އެއްވެސް މިންވަރެއް އޭނާގެ ގައިގައި ނުހުރެއެވެ. ކިތަންމެ ވަރަކަށް އޭނާ އުޅޭ މުޖްތަމަޢުގެ މީހުންނަށް އޭނާގެ ފާފަތަކުގެ ވާހަކަތައް ފެތުރިޔަސް އޭނާއަކަށް އެއްވެސް ފަރުވާލެއް ނެތެވެ. އޭނާ އުފެއްދެވި ކަލާނގެއަށް ބިރެއްނެތް ޙާލުގައި، މީސްތަކުންގެމެދުގައި ފަޟީޙަތްވެދާނެ ކަމުގެ ބިރެއްވެސް އޭނާގެ ގައިގައި ނުހުރެއެވެ. މީސްތަކުންގެ ކުރިމަތީގައިވެސް ފާފަކުރަނީއެވެ. މީހުންނަށް ނުފެންނަ ތަނުގައި ކުރި ފާފަތައްވެސް، އެހެންމީހުންނަށް އިއްވަމުންދަނީއެވެ. ﷲ سبحانه وتعالى ނަހީކުރެއްވި ފާފަތައް ކޮށްފައި، އޭގެ މައްޗަށް އެކަލާނގެ، އެހެން އަމުރުފުޅަކާއިވެސް ޚިލާފުވެ އުރެދެނީއެވެ. މާތް ﷲ ވަޙީކުރެއްވިއެވެ: ﴿لَّا يُحِبُّ اللَّهُ الْجَهْرَ بِالسُّوءِ مِنَ الْقَوْلِ إِلَّا مَن ظُلِمَ ﴾ سورة النساء:148  މާނައީ: [އަނިޔާ ލިބިގެންވާމީހާ މެނުވީ، ނުބައިބަސްބުނެ، ފާޅުކުރުމަކަށް ﷲ ލޯބިވެވޮޑިގެނެއް ނުވެތެވެ.]

ނަމަވެސް މުޖްތަމަޢުގެ ބައެއްމީހުންގެ ފާފަކުރުން ގިނަވެ، މުއުމިނެއްގެ އީމާންކަމުގެ ތެރޭގައި ހިމެނޭ ލަދުވެތިކަން، ދުވަހެއް ދުވަހަކަށް ދައްވެ، އެފާފަތައް މުޖްތަމަޢުގެ އެހެން މީސްތަކުންނަށް ފާޅުކުރަން ފަށައެވެ. އަދި އެފަދަ ފާޙިޝް ވާހަކަތައް އެކުވެރިންނާ ހިއްސާކޮށް، އެވާހަކަތައް ފަތުރައެވެ. ބުޚާރީ އަދި މުސްލިމްގައިވާ ރިވާޔަތެއްގައި، ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ: ((كُلُّ أُمَّتِي مُعَافًى إِلَّا الْمُجَاهِرِينَ ، وَ إِنَّ مِن الجِهارِ أَنْ يَعْمَلَ الرَّجُلُ بِالَّليْلِ عَمَلًا ثُـمَّ يُصْبِحُ وَ قَدْ سَتَرَهُ اللهُ تَعَالَى فَيَقُولُ : عَمِلْتُ البَارِحَةَ كَذَا وَ كَذَا ، وَ قَدْ بَاتَ يَسْتُرُه رَبُّهُ ، وَ يُصْبِحُ يَكْشِفُ سِتْرَ اللهِ عَنْهُ)) މާނައީ: [ތިމަންނަބިއްޔާގެ އުންމަތުގެ އެންމެންގެ ފާފަތައް ފުއްސެވެއެވެ. އެފާފަތަކުގެ ވާހަކަތައް ފާޅުކުރާމީހުން ފިޔަވައެވެ. އަދި ހަމަކަށަވަރުން، މީހާ ރޭގަނޑުގައި ފާފައެއްކުރުމަށް ފަހުގައި އެދުވަހުގެ ހެދުނުވާއިރުވެސް ﷲ އޭނާގެ އެފާފަވަނީ ފޮރުއްވާދެއްވާފައެވެ. ދެން އޭނާ ބުނެއެވެ: ރޭގައި ތިމަންނާ ހޭދަކުރީ އެވެނި މިވެނި ފާފަތަކެއް ކުރުމުގައެވެ. މިކަން، ފާފަ ފާޅުކުރުމުގެ ތެރޭގައި ހިމެނެއެވެ. އަދި ހަމަކަށަވަރުން އޭނާގެ ވެރިއިލާހު އެރޭގައި އޭނާކުރިކަންތައް ފޮރުއްވައިދެއްވިއެވެ. އަދި ﷲ އޭނާގެ ކިބައިން ފޮރުއްވައިދެއްވި ކަންތައް ހެނދުނުވީއިރު އޭނާ ފާޅުކޮށްފިއެވެ.] ވީމާ މިގޮތަށް މިފަދަ ވާހަކަތައް ފަތުރައި ހެދުމަކީ އިތުރަށް ކުރެވޭ ނުބައިކަމަކަށް ވެގެންދެއެވެ.

މިކަމުގެ ބިރުވެރިކަން މުޅި މުޖްތަމަޢަށްވެސް ކުރަންފަށައެވެ. ފާފަކުރާމީހުން ފާޅުކުރުމެއްނެތި ކުރުމުން ގިނަފަހަރަށް އެކަމުގެ ގެއްލުމާއި ހަލާކު ހުންނަނީ އެމީހެއްގެ އަމިއްލަ ނަފްސުގެ މައްޗަށް އެކަންޏެވެ. ނަމަވެސް އެކަން ފާޅުކުރަން ފަށައިފި ނަމަ، ދުނިޔެވީ އެތަކެއް ރޮނގަކުން އެމުޖްތަމަޢެއް ހަލާކާއި ކުރިމަތިލާންޖެހެއެވެ. އޭގެ އިތުރުން މުޖްތަމަޢުގެ އެހެންމީހުންނަށް އެފާފަވެރިންގެ ފާފަތަކުގެ ފާޅުކުރުން ނުހުއްޓުވިއްޖެ ނަމަ، މުޅި މުޖްތަމަޢަށް ޢާންމުވެގެންވާ ކޯފާއެއް މާތް ﷲ މެދުވެރި ކުރައްވަފާނެތެވެ. މާތް ﷲ ވަޙީކުރެއްވިއެވެ: ﴿وَاتَّقُوا فِتْنَةً لَّا تُصِيبَنَّ الَّذِينَ ظَلَمُوا مِنكُمْ خَاصَّةً ۖ﴾ سورة الأنفال:25 މާނައީ: [އަދި ޚާއްޞަކޮށް ތިޔަބައިމީހުންގެ ތެރެއިން އަނިޔާވެރިވިމީހުންނަށް އެކަނި ނުޖެހޭނޭ ފިތުނައަކަށް ތިޔަބައިމީހުން ބިރުވެތިވާށެވެ.] މާނައަކީ ފާފަތައް ފާޅުކޮށް، އެކަންކަން މަނާނުކުރެވުމުގެ ސަބަބުން އެބައިމީހުންނާއި މުޖްތަމަޢުގެ އެހެންމީހުންގެ މައްޗަށް އަންނަ ފިތުނައެއްގެ ވާހަކައެވެ. މިފަދަ ފިތުނައަކީ ޢާންމުވެގެންވާ މުޞީބާތެކެވެ. މިއާޔަތުގެ މާނައިގައި މުވައްޠާ ގައި ރިވާވެގެންވާ ބަސްފުޅެއްގައި ޢުމަރު ބުން ޢަބްދުލްޢަޒީޒް رحمه الله ވިދާޅުވިއެވެ: "ހަމަކަށަވަރުން ޚާއްޞަކޮށްގެން ކުރެވޭ ފާފައަކުން ޢާންމުކޮށް އެންމެންނަށް ﷲ تَبَارَكَ وَتَعَالَى ޢަޛާބު ނުދެއްވައެވެ. އެހެނެއްކަމަކު، މުންކަރާތް ފާޅުގައި ކުރުމުން އެއެންމެންނަށް ޢުޤޫބާތް ޙައްޤުވެދެއެވެ."

ފާފަވެރިންގެ ފާފަތަކުގެ ސަބަބުން ޢާންމުވެގެންވާ ކޯފާއަކުން އަޅަމެން ސަލާމަތްކުރައްވާށިއެވެ! އާމީން!

وصلى الله وسلم على نبينا محمد وعلى آله وأصحابه أجمعين.

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *