الْحَمْدُ لِلَّهِ رَبِّ العَالَمِينَ. وَالصَّلاَةُ وَالسَّلاَمُ عَلَى نَبِيِّنَا مَحَمَّدٍ وَعَلَى آلِهِ وَأَصْحَابِهِ. أَمَّا بَعْد.
ބައެއް ޒަމާންތަކަކީ އަނެއްބައި ޒަމާންތަކަށްވުރެ މާތް ޒަމާންތަކެކެވެ. ބައެއް މަސްތަކަކީ އަނެއްބައި މަސްތަކަށްވުރެ މާތް މައްސަރުތަކެވެ. ބައެއް ދުވަސްތަކަކީވެސް އަނެއްބައި ދުވަސްތަކަށްވުރެ މާތްކަން ބޮޑު ދުވަސްތަކެވެ. އަދި ދުވަހެއްގައި ހިމެނޭ ބައެއް ވަގުތުތައް އަނެއްބައި ވަގުތުތަކަށްވުރެ މާތްކަން ބޮޑުވެގެން ވެއެވެ. އެމާތްކަން ބޮޑުވެގެންދަނީ އެމަހެއްގެ ނުވަތަ އެދުވަހެއްގެ ނުވަތަ އެވަގުތެއްގެ މާތްކަމެއް ވާކަމަށް ޝަރުޢީ ދަލީލުތަކަކުން ސާބިތުވުމުންނެވެ. އެކަންކަން މާތްކުރުމުގެ ޙައްޤު ހަމައެކަނި ލިބިވޮޑިގެންވަނީ ﷲ سبحانه وتعالى އަށެވެ. އެއާ ޚިލާފަށް ޝަރުޢީ ދަލީލަކާއި ނުލައި ބަޔަކު އަމިއްލަޔަށް މާތްކޮށްގެން އުޅޭ ވަގުތުތަކަކީ ނުވަތަ ދުވަސްތަކަކީ ނުވަތަ ތަންތަނަކީ ޚުރާފާތްތަކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ. އޭގައި ޢިލްމީ އެއްވެސް ޙަޤީޤަތެއް ނެތް، ހުސް ފުލޯކު ތަކެއްޗެވެ. އެފަދަ މާތްކުރުންތަކުން އެމާތްކުރާ ބަޔަކު ފާފަވެރިވާނެއެވެ. ނުވަތަ އެފަދަ ޤަބޫލުކުރުމެއް ވަކިހިސާބަށް ގޮސްފިނަމަ، ދީނުންވެސް ބޭރުވާފަދަ ޙާލަތަކަށްވެސް ހިނގައިދާނެއެވެ.
ނަމަވެސް ޝަރުޢީ މިންގަނޑުން މާތްކަން ލިބިގެންވާ ވަގުތުތައް އެއީ މާތްވަގުތުތައް ކަމުގައި ބަލައިގަންނަންވާނެއެވެ. އަދި އެއާ އެއްގޮތަށް ޢަމަލުކޮށް އެފަދަ ވަގުތުތަކުގައި ހެޔޮޢަމަލުކުރުން އިތުރުކޮށް އެކަމުގެ ޘަވާބާއި ދަރުމަ ލިބިގަތުމަށް ގަދައަޅާ މަސައްކަތް ކުރަންވާނެއެވެ. އެގޮތުން ހަފްތާގެ ދުވަސްތަކުގެ ތެރެއިން ހުކުރު ދުވަހަކީ މުސްލިމުންނަށް އެންމެ މާތްކަން ބޮޑު ދުވަހެވެ. އެކަން ބަޔާންކުރައްވާފައިވާ ޞަޙީޙު މުސްލިމްގެ ޙަދީޘެއްގައި ރަސޫލުﷲ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ: ((خَيْرُ يَوْمٍ طَلَعَتْ فِيهِ الشَّمْسُ يَوْمُ الجُمُعَةِ؛ فِيهِ خَلَقَ اللهُ آدَمَ، وَفِيهِ أُدْخِلَ الجَنَّةَ، وَفِيهِ أُخْرِجَ مِنْهَا، وَلَا تَقُومُ السَّاعةُ إِلَّا فِي يَوْمِ الجُمُعَةِ)) މާނައީ: [އިރު އެދުވަހަކަށް އެރި އެންމެހެޔޮކަންބޮޑު ދުވަހަކީ ހުކުރުދުވަހެވެ. އާދަމްގެފާނު ހެއްދެވީ އެދުވަހުގައެވެ. އާދަމްގެފާނު ސުވަރުގެއަށް ވެއްދެވުނީ އެދުވަހުގައެވެ. އެތަނުން ނެރެވުނީވެސް އެދުވަހުގައެވެ. އަދި އެދުވަހުގައި ނޫނީ ޤިޔާމަތްވެސް ނުވާހުއްޓެވެ.]
ހަފްތާގެ ދުވަސްތަކުގެ ތެރެއިން މިމަތިވެރިކަން ލިބިފައިވާ ހުކުރުދުވަހުގައި ވަކީން ޚާއްޞަކަން ލިބިގެންވާ ވަގުތެއްވެސް ވެއެވެ. އެވަގުތުގެ ވާހަކަ ޙަދީޘްތަކުގައި އައިސްފައިވަނީ ވަންހަނާވެފައިވާ ބަސްތަކުންނެވެ. ސާފުކޮށް އައިސްފައިވާ ބަސްފުޅުތަކުގެ ޙަދީޘްތަކުގެ ސަނަދުގައި ބައެއް މައްސަލަތައް ހުރުމުން، ސާފުކޮށް އެއީ ކޮންވަގުތެއްކަމާއި މެދުގައި ސަލަފުއްޞާލިޙުންގެ މެދުގައި އެވަގުތަކާއި މެދުގައި ވަނީ ވަރަށްބޮޑަށް އިޚްތިލާފު އުފެދިފައެވެ. އެއިޚްތިލާފުގެ ބޮޑުކަމުން އެވަގުތު ސިފަކުރެވިގެންދަނީ، ރަމަޟާން މަހުގެ ފަހު ދިހައިގެ ތެރެއިން ރެއެއްގައި އަންނަ ލައިލަތުލް ޤަދްރި ވިލޭރޭ ފަދައިންނެވެ. މާނައަކީ އެވަގުތު ހޯދުމުގައި ޢިލްމުވެރިންގެ ވާހަކަފުޅުތަކުގެ ތަފާތު ބޮޑުކަމުގެ ސަބަބުން، ލައިލަތުލްޤަދްރި ވިލޭރޭ ހޯދުމަށް ފަހުދިހައިގެ ކޮންމެ ރެއަކު މަސައްކަތް ކުރަންޖެހޭ ފަދައިން، ހުކުރު ދުވަހުގެ އެވަގުތުގައި ކުރެވޭ ދުޢާގެ މަތިވެރިކަން ޙާޞީލުކުރުމަށް މުޅި ހުކުރު ދުވަހުގައި އެމީހަކު މަސައްކަތް ކުރުން އެއީ އެންމެހެޔޮކަން ބޮޑު ގޮތެވެ. ޞަޙީޙް ބުޚާރީގައި ރިވާވެގެންވާ ޙަދީޘެއްގައި އެނަބިއްޔާ صلى الله عليه وسلم ހުކުރުދުވަސް ޛިކުރުކުރައްވަމުން ޙަދީޘްކުރެއްވިއެވެ: ((فِيهِ سَاعَةٌ، لَا يُوَافِقُهَا عَبْدٌ مُسْلِمٌ، وَهُوَ قَائِمٌ يُصَلِّي، يَسْأَلُ اللَّهَ تَعَالَى شَيْئًا، إِلَّا أَعْطَاهُ إِيَّاهُ وَأَشَارَ بِيَدِهِ يُقَلِّلُهَا)) މާނައީ: [އެދުވަހުގައި ވަގުތެއް ވެއެވެ. މުސްލިމް އަޅާ ދުޢާކުރުމުގައި ދެމިހުރުމުގައި އެވަގުތާއި ދިމާވެ، އެއްވެސް ކަމެއް ﷲ تَعَالَى ގެ ޙަޟްރަތުން އެދި ދެންނެވުމުން، އެކަމެއް އޭނާއަށް ކަށަވަރުންވެސް ދެއްވާހުއްޓެވެ. އަދި އެވަގުތުކޮޅުގެ ކުޑަކަން އެނަބިއްޔާގެ އަތްޕުޅުން އިޝާރާތްކުރެއްވިއެވެ.] ނަބިއްޔާ صلى الله عليه وسلم ވިދާޅުވެދެއްވީ ވަގުތެއް ވާވާހަކައެވެ. އަދި އެއީ ކޮންވަގުތެއްކަމާއި މެދު ތަފާތު ޙަދީޘްތައް އައިސްފައިވެއެވެ. ބައެއް ޙަދީޘްތައް ޞައްޙައިރު އަނެއްބައި ޙަދީޘްތައް ޟަޢީފެވެ. އައްޝައިޚް އަލްއަލްބާނީ ޞައްޙަ ކުރެއްވި ޙަދީޘެއްގައި ވާގޮތުން އެއީ ޢަޞްރުގެ ފަހެވެ.
ނަމަވެސް އެހެންބައެއް ރިވާޔަތްތަކަށް ރިޢާޔަތްކޮށް އެއީ ކޮންވަގުތެއްކަމާއި މެދު ޢިލްމުވެރިންގެ މެދުގައި އިޚްތިލާފުވެ، އެކަމާމެދު އައިސްފައިވާ، ޢިލްމުވެރިންގެ އެންމެހައި ބަސްފުޅުތައް އިބްނުޙަޖަރު "ފަތުޙުލްބާރީ" ގައި އެއްކުރައްވާ، ސާޅީސް ދެ ގައުލު ގެނެސްފައިވެއެވެ. ނަމަވެސް ޖުމްލަކޮށް އޭގެ ތެރެއިން އެންމެޞައްޙަކަން ބޮޑު ދެގައުލެއްވެއެވެ. އެއީ އިމާމްމީހާ މިންބަރަށް އެރީއްސުރު ހުކުރުނަމާދު ނިމެންދެކަށް އޮންނަ ބަސްފުޅާއި އެއީ ޢަޞްރުނަމާދުގެ ފަސް ކަމަށް ބުނެވޭ ބަސްފުޅެވެ. އަދި މީގެ ތެރެއިންވެސް އެންމެބޮޑު ބާރެއް ލިބެނީ އެއީ ޢަޞްރުގެ ފަސްކަމަށް އޮންނަ ބަހަށެވެ.
މިބަސްފުޅުތަކުގެ ތެރެއިން ޞަޙާބީންގެ ޢަމަލުފުޅުން އެންމެޞައްޙަކަން ބޮޑުކަމަށް ބެލެވޭ ވަގުތަކީ މަޣްރިބު ގަޑިއަށް އިރުއޮއްސުމާ ކައިރިވެފައިވާ ވަގުތެވެ. އެގޮތުން ޞަޙާބީ ޢަބްދުﷲ ބުން ސަލާމް رضي الله عنه ގެ އަރިހުން ސުނަނު ފޮތްތަކުގައި ރިވާވެގެންވެއެވެ. ވިދާޅުވިއެވެ: "އަހަރެންނަށް އެވަގުތަކީ ކޮބައިކަން އެނގެއެވެ… އެއީ: ޢަޞްރުފަހުން ގޮސް އިރުއޮއްސެންދެކަށެވެ."
ފަތުޙުލް ބާރީގައި ގެނެސްފައިވާ ރިވާޔަތެއްގައި ވެއެވެ: ފާޠިމަތު رضي الله عنها ހުކުރުދުވަހެއް ނަމަ، އެކަމަނާގެ އަޅުމީހަކު އިރު ބެލުމަށް ފޮނުއްވާ ކަމުގައި ވިއެވެ. އިރުއޮއްސުމާ ގާތްވެއްޖެ ކަމުގެ ޚަބަރު އޭނާ އެކަމަނާއަށް ދެއްވައިފި ހިނދު، އިރުއޮއްސުމަށް ދާންދެން އެކަމަނާ ދުޢާކުރުމުގައި ހޭދަކުރައްވައެވެ.
މުޞަންނަފު އަބްދުއްރައްޒާޤު ގައި ގެނެސްފައިވާ ރިވާޔަތެއްގައި ވެއެވެ: ތާބިޢީ ބޭކަލެއް ކަމުގައިވާ އިބްނު ޠާވޫސް رحمه الله ވިދާޅުވިއެވެ: ތިމަންނާގެ ބައްޕާ އެވަގުތެއްގައި ދުޢާ އިޖާބަކުރައްވާ ގަޑިއާމެދު ފަރުވާތެރިވެ އެވަގުތުގައި ދުޢާކުރައްވައެވެ. އެއީ ހުކުރުދުވަހުގެ ޢަޞްރު ފަހެވެ.
"ޒާދުލް މަޢާދް" ގައި އިބްނުލް ޤައްޔިމް رحمه الله ވިދާޅުވިއެވެ: "އެވަގުތަކީ ޢަޞްރުގެ ފަހުން އަންނަ އެންމެ ފަހު ވަގުތެވެ. ހުރިހާ މިއްލަތެއްގެ އަހުލުވެރިންވެސް އެވަގުތު މާތްކުރެއެވެ."
އަޅަމެންނަށް ހަފްތާއަކު އެއްފަހަރު ދެއްވާފައިވާ ހުކުރުދުވަހުގެ ބޭނުން ހެޔޮގޮތުގައި ހިފުމުގެ ތައުފީޤު ދެއްވާށީއެވެ! އާމީން!
وصلى الله وسلم على نبينا محمد وعلى آله وأصحابه أجمعين.