الْحَمْدُ لِلَّهِ رَبِّ العَالَمِينَ. وَالصَّلاَةُ وَالسَّلاَمُ عَلَى نَبِيِّنَا مَحَمَّدٍ وَعَلَى آلِهِ وَأَصْحَابِهِ. أَمَّا بَعْد.
ދުނިޔޭގައި މީހުން ކުރިއަރައިދިއުމަށް ކުރާ މަސައްކަތް ވަރަށް ބޮޑެވެ. އިންސާނުން އެމަސައްކަތުގައި ވިސްނުމާއި ހުނަރުތައް ބޭނުންކޮށްގެން ވަރަށް ކުރިއަރާދެއެވެ. އަދި ވަރުގަދަ ޙަޟާރަތްތައް ޤާއިމްކޮށް އެމީހުންގެ ޙަޟާރަތު މުޅި ދުނިޔޭގައި ފަތުރަންވެސް މަސައްކަތް ކުރެއެވެ. އަދި އެބައިމީހުން އެއަށްފަހު، އަވާމެންދުރަކަށް ވެއްޓިގެންދެއެވެ. އެބައިމީހުންނަށް ދުނިޔޭގެ މުސްތަޤްބަލުން ފެންނަ މަންޒަރަކަށް، އެކުރިއެރުމުގައި ކޮޅުންނެތް ކޮޅަށް ދަތުރުކުރާނެ ކަމަށާއި އެބައިމީހުން ދެން ބަލިކުރެވޭނޭ އެހެންބަޔަކު ނުވާނޭ ކަމުގައި ފެންނަން ފަށައެވެ. ލިބިފައިވާ ބޮޑެތި ނިޢުމަތްތަކަކީ، އެއީ ކިބުރުވެރިކަމާއި ބޮޑާވެރިކަމުގައި ހެއްދެވި ފަރާތުގެ ނިޢުމަތްތަކެއްކަން ހަނދާން ނައްތާލައެވެ. އެމީހުންގެ ހުވަފެނަކީ ދެން ދުވަހަކުވެސް އެކުރިއެރުން ނެތިގެން ނުދާނޭ ކަމުގެ މަންޒަރުތަކެވެ. ކޮންމެ ބަޔަކަށްވެސް އެކުރެވުނު ކުށްހީއާމެދު ހޭލެވޭއިރު، އެޖީލުގެ ގިނަބަޔަކުވަނީ ފަނާވެގޮސްފައެވެ. ތިބިބަޔެއްގެ މައްޗަށް މާޔޫސްކަމާއި ނިކަމެތިކަމާއި ހިތްދަތިކަން ވެރިވެގަންފައެވެ. އެހާހިސާބަށް ދާއިރުވެސް އެ ނިޢުމަތް ލިބުމުގައިވެސް އަދި ބީވެގެން ދިއުމުގައިވެސް، ކަލާނގެ އެކަންކަން ކުރައްވާކަމުގެ އިޙްސާސް ނުވެއެވެ.
ނަމަވެސް ދުނިޔޭގެ ޙާލަތަކީ ކުރިއަރައިގެންދާ ކޮންމެ ކުރިއެރުމެއްގައި، އެކަންކަން ވުޖޫދުކުރައްވާ ކުޅަދުންވަތަން އިލާހުއަށް އިންސާނުން އުރެދުމުގެ ސަބަބުން އެކުރިއެރުންތަކަށް އިސާހިތަކު ނިމުން އައުމެވެ. އެކުރިއެރުމާއި ތަމައްދުނު ހިފެހެއްޓޭނީ އަދި ދެމިއޮންނާނީ އެނިޢުމަތް ދެއްވާ އިލާހުއަށް އަދާކުރަންޖެހޭ ޙައްޤުތައް ފުރިހަމަކޮށްގެންނެވެ.
ދުނިޔޭގައި ވަރުގަދަ ކުރިއެރުންތަކާއި ހުނަރުވެރިކަން ހުރި އެތަކެއް ބަޔަކު އުޅެފައިވެއެވެ. އެހުނަރުވެރިކަމުގެ އަސަރުތައް މިއަދުވެސް ދުނިޔެއިން ފެންނާން އެބަހުއްޓެވެ. ޢިބްރަތުން ފުރިގެންވާ ބިނާތައް ބިމުންމައްޗަށް ފެންނާން ހުރިއިރު، ބިމުގެ އަޑިން އެތަކެއް އުފެއްދުންތެރި ތަކެއްޗެއް ސައިންސްވެރިން ދަނީ ހޯދަމުންނެވެ. އަދި އެކުރިއެރުމާއި ސިވިލައިޒޭޝަން އޮތް ރަށްތައް މާތްﷲ ހަލާކު ކުރައްވާފައިވާ ކަމުގެ އަސަރުތައް ބިމުގެ އަޑިން އެބައިމީހުންދަނީ ހޯދަމުންނެވެ. އެއީ އެމީހުން އޭރުގައި ދެކުނު ގޮތުގައި އެވަރެއް ނެތް ކުރިއެރުން ހޯދާފައިވާ ވަރުގަދަ ޖައްބާރު ބައެކެވެ. ނަމަވެސް އެހުރިހައި ޙަޟާރާތްތައްވެސް ނެތިދިޔައީއެވެ. އެވަގުތު ޖެހުމުން އެބައިމީހުންގެ ބާރުގަދަކަމާއި ކުރިއެރުމާއި ޢިމާރާތްތަކުގެ ބިޔަކަމަކުން ވީފައިދާއެއް ނެތެވެ. މާތް ﷲ ވަޙީކުރެއްވިއެވެ: ﴿أَوَلَمْ يَسِيرُواْ فِى ٱلْأَرْضِ فَيَنظُرُواْ كَيْفَ كَانَ عَٰقِبَةُ ٱلَّذِينَ مِن قَبْلِهِمْ ۚ كَانُوٓاْ أَشَدَّ مِنْهُمْ قُوَّةً وَأَثَارُواْ ٱلْأَرْضَ وَعَمَرُوهَآ أَكْثَرَ مِمَّا عَمَرُوهَا وَجَآءَتْهُمْ رُسُلُهُم بِٱلْبَيِّنَٰتِ ۖ فَمَا كَانَ ٱللَّهُ لِيَظْلِمَهُمْ وَلَٰكِن كَانُوٓاْ أَنفُسَهُمْ يَظْلِمُونَ﴾ سورة الروم:9 މާނައީ: [އެބައިމީހުން ބިމުގައި ދަތުރުކޮށް، އެބައިމީހުންގެ ކުރީގެ މީހުންނަށް ލިބުނު ޢުޤޫބާތް ކިހިނެތްކަން ފަހެ، އެބައިމީހުން ބަލާފައި ހުށިކަމެވެ. އެބައިމީހުންނަށްވުރެ އެމީހުން މާވަރުގަދަ ކަމުގައި ވިއެވެ. އަދި ބިމުގައި އެބައިމީހުން ގޮވާންކޮށް، އެބައިމީހުން ބިމުގައި ޢިމާރާތް ކުރިވަރަށްވުރެ ގިނައިން އެމީހުން އެބިމުގައި ޢިމާރާތްވެސް ކޮށްއުޅުނެވެ. އަދި ބަޔާންވެގެންވީ ހެއްކާއެކު އެބައިމީހުންގެ ގާތަށް ރަސޫލުން ވަޑައިގެންނެވިއެވެ. ފަހެ، ﷲ އެބައިމީހުންނަށް އަނިޔާވެރިވެ ވޮޑިނުގަންނަވައެވެ. އެހެނެއްކަމަކު އެބައިމީހުން ވީ އެބައިމީހުންގެ އަމިއްލަ ނަފްސުތަކަށް އަނިޔާވެރިވީ ބަޔަކު ކަމުގައެވެ.]
ފަހެ، އިސްވެދިޔަ އާޔަތުން ހާމަވެގެން ދަނީ ކުރީގެ މީހުންގެ ވަރުގަދަކަމެވެ. އެއީ ޖިސްމާނީ ގޮތުންނާއި، އެބައިމީހުންގެ އަތުގައިހުރި މަސައްކަތްތައް ކުރުމުގައި ބޭނުންކުރި އާލާތްތަކުންނެވެ. މަސައްކަތާއި އުފެއްދުންތެރި ކަމުގައި އެބައިމީހުންގެ ވަރުގަދަކަމެވެ. އަދި ދަނޑުވެރިކަން ކުރުމުގައި ކުރިއަރާފައިވީ މިންވަރެވެ. ކާބޯތަކެތި ލިބުމުގައި ހުރި ތަނަވަސްކަމެވެ. ދަނޑުގޮވާންކުރުމާއި ޖަނަވާރުތައް ގެންގުޅުމުގައި ކުރިއެރުން ހޯދާފައިވީ މިންވަރެވެ. ދަރިންގެ ގިނަކަމާއި ޢިމާރާތް ކުރުންވެސް އިންތިހާއަށް ކުރިއަރާފައިވީކަމެވެ. ޢާއިލާތަކުގެ ބިޔަކަމާއި ގައުމުތަކުގައި މީހުން ދިރިއުޅުނުލެއް ގިނަކަމެވެ. ޢިމާރާތްތަކުގެ އުސްކަމާއި ވަރުގަދަކަމެވެ. ނަމަވެސް ރަސޫލުން މާތްﷲ އާ މެދު ދެއްވި ޚަބަރުތައް އެބައިމީހުން ދޮގުކުރިއެވެ. އެބައިމީހުންގެ ކުރިއެރުމާއި މެދު ބޮޑާވެގަތެވެ. އެކަމުގެ ނަތީޖާއަކީ އެބައިމީހުންގެ ކުރިއެރުމާއި ތަމައްދުނު ހަލާކުވެގެން ބިމުގެ ވެއްޔަށް ވެގެން ގޮސް ފަހުން އަންނަބަޔަކަށް ޢިބްރަތަކަށް އެމީހުންގެ އަސަރުތައް ވެލިގަނޑުގައި ރައްކާކުރެވިގެން ދިއުމެވެ. އެއީ މާތްﷲ އަށް އުރެދުމުގެ ނަތީޖާއެވެ.
އޭގެ ބަދަލުގައި އެކަލާނގެއާ އެކު އެހެންފަރާތެއް އަޅުކަމުގައި ބައިވެރި ނުކޮށް، އެކަލާނގެ މަގަށް ރުޖޫޢަވެ، އެކަލާނގެއަށް އިސްތިޣްފާރު ކުރުމުގައި ދެމިތިބުމުން، ދުނިޔޭގެ ނިޢުމަތްތައް އެކަލާނގެ އިތުރުކޮށްދެއްވައެވެ. އަދި އެގޮތަށް އިތުރުކޮށްދެއްވާ ނިޢުމަތް، އެބައިމީހުން އެގޮތުގައި ތިބޭހާ ހިނދަކު ދަމަހައްޓަވައެވެ. ނިޢުމަތަކަށްފަހު ނިޢުމަތެއް ލިބެމުން ދުނިޔެވީ ނިޢުމަތްތަކުގައި ހެޔޮގޮތުގައި ކުރިއަރާ ދިއުމަކީ އެއީއެވެ. އެކަލާނގެ ވަޙީކުރެއްވިއެވެ: ﴿فَقُلۡتُ ٱسۡتَغۡفِرُواْ رَبَّكُمۡ إِنَّهُۥ كَانَ غَفَّارًاٗيُرۡسِلِ ٱلسَّمَآءَ عَلَيۡكُم مِّدۡرَارًاٗ وَيُمۡدِدۡكُم بِأَمۡوَٰلٍ وَبَنِينَ وَيَجۡعَل لَّكُمۡ جَنَّٰتٍ وَيَجۡعَل لَّكُمۡ أَنۡهَٰرًا ﴾ سورة النوح:10-12 މާނައީ: [ފަހެ، ތިމަންނަބިއްޔާ (ނޫޙުގެފާނު) ދެންނެވީމެވެ. ތިޔަބައިމީހުން ތިޔަބައިމީހުންގެ ވެރިއިލާހަށް އިސްތިޣްފާރު ކުރާށެވެ. ހަމަކަށަވަރުން އެކަލާނގެއީ ފާފަފުއްސަވާދެއްވާ ކަލާނގެ ކަމުގައިވިއެވެ. (އެހައިރުން) ތިޔަބައިމީހުންނަށް އުޑުން ގިނަގުނަ ވާރޭ ވެއްސަވާނެތެވެ. އަދި ތިޔަބައިމީހުންނަށް މުދާވެރިކަމާއި ދަރީން ގިނަކުރައްވާނެތެވެ. އަދި ތިޔަބައިމީހުންނަށް ބަގީޗާތައް ދެއްވާ، އަދި ތިޔަބައިމީހުންނަށް ކޯރުތައް ދެއްވާނެތެވެ.]
އަޅަމެންނީ ކުރީއުންމަތްތަކުގެ ޚަބަރުތަކުން ފުރިހަމަގޮތުގައި ޢިބްރަތް ލިބިގަނެ، ހެޔޮގޮތުގައި ދުނިޔެ ކުރިއަރުވާ ބައެއްގެ ގޮތުގައި ލައްވާށިއެވެ! އާމީން!
وصلى الله وسلم على نبينا محمد وعلى آله وأصحابه أجمعين.