އާރޓިކަލް 132 : ސަލަފުއްޞާލިޙުން ދީނީޢިލްމަށް ދެއްވި އަހައްމިއްޔަތުކަން

الْحَمْدُ لِلَّهِ رَبِّ العَالَمِينَ. وَالصَّلاَةُ وَالسَّلاَمُ عَلَى نَبِيِّنَا مَحَمَّدٍ وَعَلَى آلِهِ وَأَصْحَابِهِ. أَمَّا بَعْد.

ޢިލްމުގެ މާތްކަމާއި މަތިވެރިކަމަކީ އެއްވެސް މީހަކަށް ވަންހަވާވެފައިވާނޭ ކަމެއް ނޫނެވެ. އަހަރެމެންގެ ނަބިއްޔާގެ މާތްވެގެންވާ ރިސާލަތު ދަސްކޮށް، ފަހުމްކޮށް، އޭގެ މައްޗަށް ފުރިހަމައަށް ޢަމަލުކޮށް، އެހެންމީހުންނަށް ފޯރުކޮށްދިނުމަކީ، ޝައްކެއްވެސް ނެތްގޮތުގައި އެންމެ މަތިވެރިވެގެންވާ ޢިލްމެވެ. ސަބަބަކީ އެއީ ﷲ سبحانه وتعالى ގެ ވަޙީގެ ޒަރިއްޔާއިން މިދުނިޔެއަށް އެކަލާނގެ އަންގަވައިދެއްވި ޝަރީޢަތެވެ. އިންސާނުންނަކީ ދުނިޔެވީ ބަރަކާތާއި މަންފާތައް ޙާޞިލުކުރުމުގައި، އިޙްސާސް ކުރެވޭ މާއްދީ ބަޔަށް އެކަނި އިސްކަންދޭ ބަޔަކަށްވުމުން، އޭގެ ގިނަމީހުން ޤަބޫލުކުރަނީ ދުނިޔެވީ ސަބަބުތަކުން ހޯދައިގަނެވޭ ޢިލްމު އެއީ ދުނިޔެވީ ކުރިއެރުން ހޯދޭނެ ނުވަތަ ލިބޭނެ ހަމައެކަނި ގޮތް ކަމުގައެވެ. ނަމަވެސް އެއީ ވަރަށްބޮޑު ކުށްހީއެކެވެ. ޝަރުޢީ، ދީނީ، އިލާހީ، ރައްބާނީ ޢިލްމު ގެއްލުނަ ނުދީ ހިފެހެއްޓުމާއެކު، މީސްތަކުން އެއަށް ޢަމަލުކުރުމަކީ ދުނިޔެވީ ގޮތުން މީސްތަކުންގެ ދިރިއުޅުމުގައި އިންތިހާއަށް ބަރަކާތް ލެއްވިގެން ދާނޭ ކަމެކެވެ. ރަނގަޅު ވާހަކައެކެވެ! އެޢިލްމުގެ ޙަޤީޤީ މަންފާ ގުޅިފައިވަނީ އާޚިރަތާއެވެ. އެކަމާއި މެދު އެއްވެސް ދެބަސްވުމެއްވެސް ނެތެވެ. އެހެންވުމުން މާތްނަބިއްޔާ صلى الله عليه وسلم ގެ އަޞްޙާބު ބޭކަލުން އަހައްމިއްޔަތުކަން ދެއްވި އެންމެމުހިންމު ކަމަކީ ޢިލްމު ޙާޞިލުކުރުމެވެ. ޞައްޙަ ޢިލްމަކާއި ނުލައި ދީނީ އެއްވެސް ޢަމަލެއް އަދާނުކުރެވޭނެތީއެވެ. ޙަޤީޤީ ހެޔޮކަމެއްގައި މީސްތަކުންވަނީ ދީނީ ޢިލްމާއެކުގައެވެ. ސުނަނުއްދާރިމީގައި ރިވާވެގެންވާ އަޘަރެއްގައި ޞަޙާބީ އަބުއްދަރްދާ رضي الله عنه ވިދާޅުވިއެވެ: ((مُعَلِّمُ الْخَيْرِ وَاْلـمُتَعَلِّمُ فِي الأَجْرِ سَوَاءٌ وَلَيْسَ لِسَائِرِ النَّاسِ بَعْدُ خَيْرٌ)) މާނައީ: [ހެޔޮކަން ކިޔަވައިދޭ ޢިލްމުގެ އަހުލުވެރިޔާއާއި ޢިލްމު އުނގެނޭމީހާއާއި ދެމީހުންނަށް އެއްވަރަކަށް ޘަވާބު ލިބުންވެއެވެ. އަދި އެމީހުން ފިޔަވައި ބާކީތިބި އެއްވެސް ބަޔަކަށް ހެވެއްނެތެވެ.] މިތަނުގައި އެޞަޙާބީ ހެޔޮކަން ކިޔަވައިދިނުމޭ އެވިދާޅުވަނީ ރައްބާނީ ޢިލްމަށެވެ. ރަސޫލާ صلى الله عليه وسلم މީސްތަކުންނަށް ފޯރުކޮށްދެއްވި ޢިލްމަށެވެ.

އެޞަޙާބީބޭކަލުން އެބޭކަލުންގެ ޒުވާންޢުމުރުގައި ޢިލްމު ޙާޞިލުކުރުމަށްވެސް އަހައްމިއްޔަތުކަން ދެއްވިއެވެ. އެއީ ޢުމުރުން ދޮށިވެ ޒިންމާދާރު ޢުމުރަށް ދިއުމުން، ދުނިޔެވީ މަސްއޫލިއްޔަތުތައް ގިނަވެ، ޢިލްމު ޙާޞިލުކުރުމަށް ވަގުތު ލިބުން ދަތިވެދާނެތީއެވެ. ނުވަތަ މީސްތަކުންގެ މެދުގައި ގައުމުގެ ކަންކަން ހިންގުމުގެ މަޤާމްތަކަށް ދިއުމުން، ދުނިޔެވީ ލަދަށް، ޢިލްމުގެ މަޖްލިސްތަކުގައި އިށީނުމަށް ލަދުވެތިވެ، އެޢިލްމާއި ދުރުހެލިވެގެން ހިނގައިދާނެތީއެވެ. އެސަބަބަށްޓަކައި ޞަޙީޙް ބުޚާރީގައިވާ ރިވާޔަތެއްގައިވެއެވެ. ޢުމަރު رضي الله عنه ވިދާޅުވިއެވެ: (تَفَقَّهُوا قَبْلَ أَنْ تُسَوَّدُوا) މާނައީ: [(މީސްތަކުންގެ ކަންކަން ހިންގުމާ ޙަވާލުވެހުންނަ) ބޮޑުމީހަކަށްވުމުގެ ކުރިން ދީން ދަސްކޮށް ދެނެގަންނާށެވެ.]

އެޞަޙާބީންގެ ތެރޭގައި ހިމެނޭ އަބޫހުރައިރާ رضي الله عنه އަކީ ރަސޫލާ صلى الله عليه وسلم ގެ ފަރާތުން ލިބެންއޮތް ޢިލްމު، ޙާޞިލުކުރުމުގައި ދުނިޔެވީ އެދުން އެއްކޮށް ދޫކޮށްލެއްވި ހިތްވަރުގަދަ ޞަޙާބީއެކެވެ. ބަނޑަށްލާނޭ ކާއެތިކޮޅެއް ނުލިބި ހުންނަވަން ޖެހުނަސް، ރަސޫލާ صلى الله عليه وسلم ގެ ފަރާތުން ލިބެންއޮތް ޢިލްމަށް، އެކަލޭގެފާނުގެ ނަފްސުގައިއޮތް ދަހިވެތިކަން ފިލުވައިލުން އެޞަޙާބީއަށް މުހިންމުވެފައިވިއެވެ. ޞަޙީޙް ބުޚާރީގައިވާ ޙަދީޘެއްގައިވެއެވެ. "إنَّ إخْوَانَنَا مِنَ المُهَاجِرِينَ كانَ يَشْغَلُهُمُ الصَّفْقُ بالأسْوَاقِ، وإنَّ إخْوَانَنَا مِنَ الأنْصَارِ كانَ يَشْغَلُهُمُ العَمَلُ في أمْوَالِهِمْ، وإنَّ أبَا هُرَيْرَةَ كانَ يَلْزَمُ رَسولَ اللَّهِ صَلَّى اللهُ عليه وسلَّمَ بشِبَعِ بَطْنِهِ، ويَحْضُرُ ما لا يَحْضُرُونَ، ويَحْفَظُ ما لا يَحْفَظُونَ" މާނައީ: [ހަމަކަށަވަރުން އަހަރެމެންގެ އަޚުންގެ ތެރެއިން މުހާޖިރުން ބާޒާރުތަކުގައި ވިޔަފާރި ހިންގުމުގައި މަޝްޣޫލުވެއެވެ. އަދި އަހަރެމެންގެ އަޚުންގެ ތެރެއިން އަންޞާރުން އެބައިމީހުންގެ މުދަލުގެ މަސައްކަތުގައި މަޝްޣޫލުވެއެވެ. އަދި ހަމަކަށަވަރުން އަބޫހުރައިރާ އެޞަޙާބީގެ ބަނޑުހައިހޫނު ކަމާއެކުވެސް ﷲ ގެ ރަސޫލާ صلى الله عليه وسلم އާއެކުގައި އަބަދު ހުންނަވައެވެ. އަދި އެހެންޞަޙާބީން ވަޑައިނުގަންނަވާ ތަންތަނަށް އެޞަޙާބީ ވަޑައިގަންނަވައެވެ. އަދި އެހެންޞަޙާބީން ދަސްނުކުރައްވާ ޙަދީޘްތައް އެޞަޙާބީ ދަސްކުރެއްވިއެވެ.]

އަދި ހަމައެއާއެކު ޢުމުރުން ދުވަސްވެ މަސްއޫލިއްޔަތު ބޮޑުވުމުން، ނޫނީ ގައުމުގެ ސިޔާސަތު ހިންގުމުގައި މަޝްޣޫލުވުމުގެ ސަބަބުން އެހެންމީހުން ފަދައިން ޢިލްމު ޙާޞިލުކުރަން ދަތިވިނަމަވެސް، އެޞަޙާބީން ޢިލްމު އުނގެނުން ދޫކޮށްލައްވާފައި ނުވެއެވެ. އެބޭކަލުންވެސް އެބޭކަލުންނަށް ވީވަރަކުން، ޢިލްމަށް އަހައްމިއްޔަތުކަން ދެއްވިއެވެ. އެގޮތުން ޢުމަރު رضي الله عنه ވެސް އެއްގޮތަކަށްވެސް އެނަބިއްޔާ صلى الله عليه وسلم ގެ އަރިހަށް ވަޑައިގެން ޢިލްމު ލިބިގަތުން ދޫނުކުރައްވައެވެ. ބުޚާރީގައިވާ ރިވާޔަތެއްގައިވެއެވެ. ޢުމަރު رضي الله عنه ވިދާޅުވިއެވެ: "كُنْتُ أَنَا وَجَارٍ لِي مِنَ الأَنْصَارِ، فِي بَنِي أُمَيَّة بنُ زَيدٍ، وَهِيَ مِنَ عَوَالِي الْمَدِينَةِ، وَكُنَّا نَتَنَاوَبُ النُّزُولَ عَلَى رَسُولِ اللهِ صلى الله عليه وسلم، يَنْزِلُ يَوْمًا وَأَنْزِلُ يَوْمًا، فَإِذَا نَزَلْتُ جِئْتُهُ بِخَبَرِ ذَلِكَ اليَوْمِ مِنَ الوَحْيِ وَغَيْرِهِ، وَإِذَا نَزَلَ فَعَلَ مِثْلَ ذَلِكَ" މާނައީ: [ތިމަންނާއާއި ތިމަންނާގެ އަންޞާރު އަވަށްޓެރިއެއް، އުމައްޔަތު ބުން ޒައިދް އޭ ކިޔުނު ޤަބީލާގައި ދިރިއުޅުނީމެވެ. އެއީ މަދީނާގެ ރަށްބޭރު އަވަށްތަކުގެ ތެރެއިން އަވަށެކެވެ. އަދި ތިމަންމެން ﷲ ގެ ރަސޫލާ صلى الله عليه وسلم ގެ އަރިހަށް ދެމީހުން ބަހައިގެން އައިސްއުޅުނީމުއެވެ. އޭނާ އެއްދުވަހު އެކަލޭގެފާނުގެ އަރިހަށް ދެއެވެ. އަދި ތިމަން އަނެއްދުވަހު ދަމެވެ. ތިމަންނާ ދާދުވަހުގައި، އެދުވަހުގައި ބާވައިލެއްވި ވަޙީއާއި އެނޫންވެސް ޚަބަރުތަކައިގެން އޭނާގެ ގާތަށް އަންނަމެވެ. އަދި އޭނާ ދާދުވަހުގައި ހަމައެފަދައިން ކަންތައް ކުރެއެވެ.] ޢުމަރުގެފާނަކީ މައްކާގެ ގެދޮރު ދޫކޮށް މަދީނާއަށް ހިޖުރަކުރެއްވި ބޭކަލެކެވެ. ދުނިޔެވީ މަސައްކަތުގައި އުޅުއްވުމުގެ އިތުރުން ފަސޭހައިން މަދީނާއަށް ވަޑައިގަންނަވަން އުނދަގޫފުޅުވެ ލެއްވިއެވެ. ނަމަވެސް ދީނީ ޢިލްމުގެ ތެރެއިން އެއްވެސް ޢިލްމެއް ފާއިތުވެގެން ދިޔަ ނުދެއްވައެވެ.

އަޅަމެންނީ ޞަޙާބީން ފަދައިން ޢިލްމަށް އަހައްމިއްޔަތުކަން ދޭ ބަޔަކުގޮތުގައި ލައްވާށިއެވެ! އާމީން!

وصلى الله وسلم على نبينا محمد وعلى آله وأصحابه أجمعين.

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *