އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގެ މަތީ ސާނަވީ އިނގިރޭސި އަދަބީ ޖަމިއްޔާ، އަޙްމަދިއްޔާ އިންގްލިޝް ލިޓެރަރީ އެސޯސިއޭޝަން (އޭލާ) ގެ މުބާރާތްތައް 18 އޮގަސްޓު 2023 އާއި 21 އޮގަސްޓު 2023 ގައި ބާއްވައިފިއެވެ.
މި މުބާރާތަކީ ދަރިވަރުންގެ އިނގިރޭސި ބަހާއި އަދަބިއްޔާތުގެ ހުނަރުތައް ބެލުމަށްޓަކައި ބޭއްވިގެންދިޔަ 2 ދުވަހުގެ މުބާރާތެކެވެ. މުބާރާތުގެ ރޭވުމާއި ހިންގުމުގައި އިސްކޮށް މަސައްކަތް ކުރެއްވީ މަތީ ސާނަވީ އިނގިރޭސި މާއްދާގެ ހެޑް އޮފް ޑިޕާޓްމަންޓު، މިސްޓަރ ރޮބިން މެތިއުސް އާއި މަތީ ސާނަވީ އޭލާ ޖަމިއްޔާގެ ރައީސާ، އައިޝަތު ޝަދާއެވެ.
18 އޮގަސްޓު 2023 ވީ ހުކުރު ދުވަހު ސްކޫލްގެ ހޯލުގައި އޭލާ ދުވަހުގެ ސްޓޭޖްމަތީ މުބާރާތްތައް ބޭއްވިގެން ދިޔައެވެ. މެންދުރު 2:30 ގައި ފެށުނު މި މުބާރާތް ފެށިގެން ދިޔައީ ބަހުސް މުބާރާތުގެ ފުރަތަމަ ބުރުންނެވެ. ޖަނަވަރީ ހައުސް އާއި ހުވަނދުމާ ހައުސް ވާދަކުރި ބަހުސުން ކާމިޔާބު ހޯދާ، ފައިނަލަށް ދަތުރުކުރީ ހުވަނދުމާ ހައުސް އެވެ. އަދި ކާމިނީ ހައުސް އާއި ޗާންދަނީ ހައުސް ވާދަކުރި ބަހުސް ކާމިޔާބުކޮށް، ފައިނަލަށް ދިޔައީ ޗާންދަނީ ހައުސް އެވެ.
މި ދެ ބަހުސަށް ފަހު އޮތީ އިމްޕްރޮމްޕްޓޫ ސްޕީޗް ގެ ހަރަކާތެވެ. މިއީ ކުއްލި މައުޟޫއަށް ވާހަކަދެއްކުމުގެ މުބާރާތެކެވެ. މި މުބާރާތުގައި ކޮންމެ ހައުސަކުން 2 ދަރިވަރުން ވާދަކުރިއެވެ.
ދެން އޮތީ އިނގިރޭސި ކުއިޒެވެ. މި ކުއިޒްގައި އިނގިރޭސި ބަހުގެ ގަވާއިދާއި އަދަބިއްޔާތާ ބެހޭ 25 ސުވާލަށް ޖަވާބުދޭން ޖެހުނެވެ. މި މުބާރާތުގައި ކޮންމެ ހައުސަކުން 10 ދަރިވަރުން ބައިވެރިވިއެވެ. ކުއިޒުން 19243 ޕޮއިންޓު ހޯދާ، 1 ވަނަ ހާސިލުކޮށްފައި ވަނީ ހުވަނދުމާ ހައުސްގެ ދަރިވަރު، 12ޖީ ގެ އަޙްމަދު ޙަމްދު ޙުސައިން ޒުހައިރެވެ. 16380 ޕޮއިންޓާއެކު 2 ވަނައަށް ގޮސްފައި ވަނީ ކާމިނީ ހައުސްގެ ދަރިވަރު، 11އެފް ގެ މާދިހް އިބްރާހިމެވެ .15968 ޕޮއިންޓާއެކު 3 ވަނަ ހޯދައިފާ ވަނީ ހުވަނދުމާ ހައުސްގެ ދަރިވަރު، 12ޖީ ގެ މުޙައްމަދު ޝައިޙާން އަޙްމަދު ޝަފީޤެވެ.
ކުއިޒް މުބާރާތަށް ފަހު ދެން އޮތީ ފައިނަލް ބަހުސެވެ. ކުރެވިގެންދިޔަ ފޯރިގަދަ ބަހުސްގައި ހުވަނދުމާ ހައުސާއި ޗާންދަނީ ހައުސް ވާދަކުރީ "މިނިވަން ވިޔަފާރީގެ ސަބަބުން ދުނިޔޭގެ ހުރިހާ ޤައުމަކަށް ކުރާނީ ފައިދާއެވެ." މި މައުޟޫއަށެވެ. ހުވަނދުމާ ހައުސުން މައުޟޫއާ އެއްކޮޅަށް ވަކާލާތު ކުރިއިރު، މައުޟޫއާ ދެކޮޅަށް ބަހުސްކުރީ ޗާންދަނީ ހައުސެވެ. މިއާ އެކު ސްޓޭޖްމަތީ މުބާރާތްތައް ނިމުމަކަށް އައެވެ.
21 އޮގަސްޓު 2023 ވީ ހޯމަ ދުވަހު އޭލާ މުބާރާތްތަކުގެ ލިޔުމުގެ ބައި ކުރިއަށް ގެންދިޔައެވެ. މެންދުރުފަހު 3:15 ގައި ފެށިގެން ދިޔަ ޕޮއަމް ރައިޓިންގް އާއި ވާހަކަ ލިޔުމުގެ މުބާރާތުގައި ކޮންމެ ބަޔަކަށް ހައުސަކުން 2 ދަރިވަރަކު ވާދަކުރިއެވެ.
އަޙްމަދިއްޔާ1982 އަށް މައުލޫމާތު ދެމުން، އޭލާ ޖަމިއްޔާގެ ރައީސާ، ޝަދާ ބުނާގޮތުންނަމަ މި އަހަރުގެ އޭލާ ދުވަސް ބާއްވަން އެހާ ބޮޑަށް މަސައްކަތް ކުރީ މިއަހަރުގެ މުބާރާތަކީ 13 އަހަރަށް ފަހު މަތީ ސާނަވީ ދަރިވަރުންނަށް ބޭއްވިގެންދިޔަ ފުރަތަމަ ފަހަރަށް ވާތީއެވެ.
"އޭލާ ދުވަހަކީ ކްލަބްގެ ރައީސްކަމުގެ މަގާމަށް ކުރިމަތިލީއްސުރެ އަބަދުވެސް ވިސްނާ ކަމެއް. ސްކޫލްގައި ދިވެހި އަދަބިއްޔާތަށް ޚާއްޞަކޮށް ހިޔާ އީދެއް ބާއްވާ ފަދައިން އިނގިރޭސި ބަހުގެ އަދަބިއްޔާތަށް ޚާއްޞަ މުބާރާތެއް އަހަރު ނިމުމުގެ ކުރިން ބާއްވަން ވަރަށް ބޭނުންވި." ޝަދާ ބުންޏެވެ.
އޭލާ ދުވަހުގެ ނަތީޖާ ފާޅުކުރުމުގެ ރަސްމިއްޔާތު އޮންނާނެ ދުވަހެއް ސްކޫލުން ފަހުގެ ތާރީޚެއްގައި އަންގާނެއެވެ.
ކިޔުންތެރިންގެ ޚިޔާލުތައް
ކޮން އިރަކުތޯ އޭލާ ދުވަހާ ހިޔާ ޢީދުގެ ނަތީޖާ ލިބޭނީ؟