الْحَمْدُ لِلَّهِ رَبِّ العَالَمِينَ. وَالصَّلاَةُ وَالسَّلاَمُ عَلَى نَبِيِّنَا مَحَمَّدٍ وَعَلَى آلِهِ وَأَصْحَابِهِ. أَمَّا بَعْد.
ފާފަކުރުމަކީ އިންސާނީ ޙަޤީޤީ ޠަބީޢަތާ ޚިލާފުކަމެއްކަން އަންގައިދެނީ، ޢާންމުކޮށް ކޮންމެ ދީނަކަށް ނިސްބަތްވިޔަސް ޚުލުޤު ހެޔޮމީހުންގެ ކިބައިގައި އެފަދަ ނޭއްގާނީ ކަންކަން ފޮރުވަން މަސައްކަތް ކުރާތަން ފެންނާތީއެވެ. ކޮންމެފަދަ ޘަޤާފަތަކަށް މީހާ ނިސްބަތްވިޔަސް، ލަދުވެތިކަމުގެ ސިފައާއި ތިމާގެ އަގު ހިފެހެއްޓުމުގެގޮތުން އަބުރުގެ ސިފަ ދެމެހެއްޓުމަށް އެދޭ ބަޔަކުނަމަ، ކުރާ ފާފަތައް ފާޅުކުރުމުގެ ޚިޔާލު ނުގެންގުޅޭނެއެވެ. އެއާޚިލާފަށް އޭނާގެ ފާފައެއް ނުވަތަ ކުށެއް މީސްތަކުންގެ މެދުގައި އެނގި ފެތުރިއްޖެނަމަ، ކެތްކުރަން އުނދަގޫވާވަރުގެ އުނދަގޫ އެމީހަކަށް ވެއެވެ. ނަމަވެސް ޙަޤީޤަތުގައި މިއީ ޢާންމުކޮށް ކާފިރުންގެ ކިބައިގައި ޚާއްޞަކޮށް މިޒަމާނުގައި ހުންނަ ސިފައެއް ނޫނެވެ. ފާފަ ފާޅުކުރުމަކީ އެބައިމީހުންގެ އަބަދުގެ އާދައަކަށް މިހާރު އޮންނަނީ ވެފައެވެ. އަދި އެކަންކަން ފާޅުކުރުމަކީ އެބައިމީހުންގެ ބައެއްމީހުން ފަޚުރުވެރިވެސް ވާކަމެކެވެ.
މިކަމުގައި އެންމެބޮޑަށް ހިތާމަކުރަންޖެހެނީ އެހެނިހެން ސިފަތަކެކޭ އެއްގޮތަށް މިކަންކަން ވެސް ޣައިރުމުސްލިމުންގެ ފަރާތުން މުސްލިމުން ނަކަލުކޮށް އެފަދަ ވިޔާނުދާ ކަންކަން ފާޅުގައި ކުރުމަކީ ތިމާގެ މޮޅުކަމާއި ކުޅަދާނަކަން ކަމުގައި ދެކެން ފެށުމެވެ. މިވަބާ މިއަދު މަޑުމަޑުން މުސްލިމުންގެ މުޖްތަމަޢުތަކުގައިވެސް ވަނީ ފެތުރެން ފަށާފައެވެ. ޢާންމުކޮށްވެސް ފާފައަކީ އޭގެ ސަބަބުން އިންސާނުންގެ މެދުގައި ފަސާދަ ފެތުރިގެންދާނޭ ކަމެކެވެ. އެކަމަށް އިޝާރާތް ކުރައްވާ މާތް ﷲ ވަޙީކުރެއްވިއެވެ: ﴿ظَهَرَ الْفَسَادُ فِي الْبَرِّ وَالْبَحْرِ بِمَا كَسَبَتْ أَيْدِي النَّاسِ لِيُذِيقَهُم بَعْضَ الَّذِي عَمِلُوا لَعَلَّهُمْ يَرْجِعُونَ﴾ سورة الروم:41 މާނައީ: [މީސްތަކުންގެ އަތްތަކުން ހޯދައިގަތް ކަންތަކުގެ ސަބަބުން، ބިމުގަޔާއި ކަނޑުގައި ފަސާދަ ފައުޅުވެއްޖެއެވެ. އެއީ އެބައިމީހުންގެ ބައެއްމީހުން ކުރިޢަމަލުތަކުގެ ރަހަ ލިބިގަތުމަށްޓަކައެވެ. އަދި އެބައިމީހުން އެކަންކަމުން އެނބުރި ރުޖޫޢަވޭތޯއެވެ.] ވީމާ މީސްތަކުންގެ ފަސާދަވެރި ޢަމަލުތަކުގެ ސަބަބުން ބިމުގައި މާތް ﷲ ލެއްވި ބަރަކާތް ކެނޑިގެންދާނެއެވެ. އެބައިމީހުންގެ މައްޗަށް ތަފާތު އާފާތްތަކާއި ބަލާތައް ފެތުރިގެންދަނީ ތަފާތު ނުބައި ފާފަތައް ފެތުރިގެން ދިއުމުންނެވެ.
މުސްލިމުންގެ މެދުގައި ފާޅުގައި ފާފަތައްކުރުން ވެގެންދަނީ ޤިޔާމަތުގެ ޢަލާމާތްތަކުގެ ތެރެއިންނެވެ. ފަހުގެ ވަކި ޒަމާންތަކެއްގެ ތެރޭގައި ހަމައެކަނި ނުބައި ޙަރާމް ކަންކަން ފެތުރެނީކީއެއް ނޫނެވެ. ނަމަވެސް އެކަން ފެތުރިގެންދާލެއް ގިނަކަމުން އެންމެފަހުން މުސްލިމުންގެ މެދުގައި އެފަދަ ބޮޑެތި ފާފަތައް އެއީ ޙަރާމް ކަމަކަށްވެސް ނުމެވެއެވެ. މާނައަކީ އެބައިމީހުން އެޒަމާނުގައި އެކަންކަން ކޮށްއުޅެނީ އެކަން ޙަލާލު ކޮށްގެންނެވެ. އެޒަމާން އައުމުގެ ކުރިން މުސްލިމުންގެ ތެރެއިން އެފަދަ ފާފަތައް ކުރަމުންދަނީ އެއީ ޙަރާމް ކަމެއްކަން ދެނެހުރެއެވެ. ވީމާ އެއިން އެނގެނީ ފަހުޒަމާންތަކުގައި މުސްލިމުންގެ ޙާލަތު ވަރަށް ގޯސްވާނެކަމެވެ. އައްޠަބަރާނީ ރިވާކުރެއްވި ޙަދީޘެއްގައިވެއެވެ: ((بَيْنَ يَدَي السَّاعَة يَظْهَرُ الرِّبَا، وَالزِّنَا، وَالْخَمْر)) މާނައީ: [ޤިޔާމަތް ކައިރިވުމުން ރިބާކެއުމާއި ޒިނޭކުރުމާއި ރާބުއިން ފާޅުވެގެންދާނެއެވެ.] އަދި ސުނަނުގެ ފޮތްތަކުގައި ރިވާވެގެންވާ ޙަދީޘެއްގައިވެއެވެ: ((لَيَأْتِيَنَّ عَلَى النَّاسِ زَمَانٌ لَا يَبْقَى مِنْهُمْ أَحَدٌ، إِلَّا آكِلُ الرِّبَا، فَمَنْ لَمْ يَأْكُلْ، أَصَابَهُ مِن غِبَارِهِ)) މާނައީ: [މީސްތަކުންގެ މައްޗަށް ޒަމާނެއް އަންނާނެއެވެ. އެޒަމާނުގައި ރިބާ ނުކާނޭ އެކަކުވެސް ނުވެއެވެ. އަދި ރިބާ ނުކާމީހަކު ނަމަ، އޭނާގެ ގައިގައި އޭގެ ހިރަފުސްގަނޑު ހޭކޭނެއެވެ.] ޤިޔާމަތުގެ ޢަލާމާތްތަކުގެ ތެރޭގައި އެކަންކަން ޛިކުރުވެގެން ދިއުމުންވެސް އެނގެނީ މީސްތަކުން ހަލާކުގެ ތެރެއަށް ކައިރިވާ ވަރަކަށް ފާޙިޝް ނުބައި ފާފަތައް މީސްތަކުންގެ ތެރޭގައި ފެތުރޭކަމެވެ. އެއީ އެބައިމީހުންގެ ނިމުން އައުމަށްޓަކައެވެ.
އަދި އެފަދަ ބޮޑެތި ފާފަތަކުގެ ސަބަބުން ﷲ سبحانه وتعالى ގެ ޢަޛާބު އައުން ގާތްވެއްޖެކަން އަންގައިދީ ރަސޫލާ صلى الله عليه وسلم ބަޔާންކުރެއްވި ޙަދީޘްފުޅެއްގައި ވެއެވެ: ((إذَا ظَهَرَ الزِّنَا وَ الرِّبَا فِي قَرْيَةٍ ، فَقَدْ أَحَلُّوا بِأَنْفُسِهِمْ عَذَابَ اللهِ)) މާނައީ: [ރަށެއްގައި ޒިނޭކުރުމާއި ރިބާކެއުން ފާޅުވެއްޖެ ހިނދު ފަހެ އެބައިމީހުން ﷲ سبحانه وتعالى ގެ ޢަޛާބު އެބައިމީހުންގެ ނަފްސުގެ މައްޗަށް ޙަލާލުކޮށްފިއެވެ.] މިތަނުގައި ފާޅުވެއްޖެއޭ ބުނެވޭ ބަހުގެ މުރާދަކީ އެކަން ޢާންމުވެ ފާޅުގައި ކުރެވެން ފެށުމެވެ. އަދި މާތް ﷲ ގެ ޢަޛާބު ޙަލާލު ކުރުމުގެ މުރާދަކީ އެއީ އެކަލާނގެ ގަދަފަދަ ޢަޛާބު މިދުނިޔޭގައިވެސް ދެއްވާ ކަންކަންކަމެވެ. އެބައިމީހުންނަށް އެއީ ﷲ سبحانه وتعالى ޢަޛާބު ދެއްވާނޭ ކަންކަން ކަމުގައި އެއްބަސްވާ ޙާލުގައި އެނުބައި ޢަމަލުތައް ހިންގުމުން، އަމިއްލައަށް ޢަޛާބު ދެއްވިޔަސް ހެޔޮކަމަށް އެބައިމީހުން އެއެއްބަސްވެވުނީއެވެ.
އަޅަމެންގެ އިސްލާމީ މުޖްތަމަޢުތަކުގައި ފާޅުގައި ފާފަކުރުން ނެތިކުރައްވާނދޭވެ! އަދި މީސްތަކުން އަކަންކަމުން ދުރުކޮށްދެއްވާ މީސްތަކުން އިޞްލާޙު ކޮށްދެއްވާށިއެވެ! އާމީން!
وصلى الله وسلم على نبينا محمد وعلى آله وأصحابه أجمعين.