އާރޓިކަލް 135 : ފިލާވަޅުތައް މުރާޖަޢާކުރުމާއި މުޛާކަރާކުރުން

الْحَمْدُ لِلَّهِ رَبِّ العَالَمِينَ. وَالصَّلاَةُ وَالسَّلاَمُ عَلَى نَبِيِّنَا مَحَمَّدٍ وَعَلَى آلِهِ وَأَصْحَابِهِ. أَمَّا بَعْد.

ދަރިވަރުންނަކީ މުޖްތަމަޢެއްގެ ގައުމެއްގެ މުސްތަޤްބަލުގެ ޒުވާނުންނެވެ. އެއިން ކޮންމެ ދަރިވަރަކީ ގައުމެއްގެ އިޞްލާޙަށް މުހިންމު ދައުރެއް އަދާކުރާނޭ ކުއްޖެކެވެ. ވީމާ މިއަދު ކްލާސްރޫމްގައި އެތިބޭ ކޮންމެ ދަރިވަރެއްގެ ހެދިބޮޑުވަމުންދާ ގޮތަކީ ކޮބައިތޯ ބަލާ، އެދަރިވަރުންގެ އެންމެހައި ކަންކަން ހަރުދަނާކުރުމަކީ ކޮންމެ އެދުރެއްގެވެސް އަދި ކޮންމެ މުރައްބީއެއްގެވެސް ބޮލުގައި އެޅިފައިވާ ބޮޑު ޒިންމާއެކެވެ. އެދަރިވަރުންގެ ތަފާތު ހުނަރުތައް ކުރިއަރުވާ ތަރައްޤީކުރުމަކީވެސް، އެކުދިން ކިޔަވާ އެއްޗެއް ދަސްވުމާއި އެއްފަދައިން ކުރިއަށް ގެންދަންޖެހޭ ކަންކަމެވެ.

އެގޮތުން އެކުދިންނަކީ އަމިއްލަ ފައިމައްޗަށް ތެދުވެ، ކިޔެވުމަށް އަމިއްލައަށް މަސައްކަތްކުރާ އަދި އެހެން ކުދިންނާ ގުޅިގެން ފިލާވަޅުތައް މުރާޖަޢާކޮށް މުޛާކަރާކުރާ ކުދިބަޔަކަށް ވާންޖެހެއެވެ. ރޭގަނޑުގެ ބައެއްގައި މިގޮތަށް ފިލާވަޅުތައް މުރާޖަޢާ ކުރުން އަޞްޙާބު ބޭކަލުންގެ އަރިހުން ތަރުބިއްޔަތުވެ ވަޑައިގެންނެވި ތާބިޢީން ދެކިލައްވާގޮތުގައި އެއީ ހުއްދަކަމެކެވެ. އެގޮތަށް ފަތުވާ ދެއްވިއެވެ. އެގޮތުން "އަލްފަޤީހު ވަލްމުތަފައްޤިހު" މިފޮތުގައި ގެންނަވާފައިވާ ތާބިޢީއެއް ކަމުގައިވާ މުޖާހިދުގެ ފަތުވާއެއްގައިވެއެވެ: "ފިޤުހުގައި ރޭގަނޑު ހޭދަކުރުން މައްސަލައެއް ނޫނެވެ."

އެހެންމީހުންނާ ބައިވެރިވެގެން ފިލާވަޅުތައް މުރާޖަޢާ ކުރުމަކީވެސް ނުހަނު މުހިންމު އަދި މިއުންމަތުގެ މާތް ސަލަފުއްޞާލިޙު ބޭކަލުން ކުރެއްވި ކަންކަމެވެ. ކުރިން ދެންނެވުނު ފޮތުގައި އައިސްފައިވެއެވެ: މުޙައްމަދު ބުން ފުޟައިލް އެބޭފުޅާގެ ބައްޕަގެ ފަރާތުން ގެންނެވި ވާހަކައެއްގައިވެއެވެ: އެބޭފުޅާގެ ބައްޕަ ވިދާޅުވިއެވެ: "އިބްނު ޝުބްރުމާއާއި އަލްމުޣީރާއާއި އަލްޙާރިޘް އަލްޢިކްލީއާއި އަލްޤަޢުޤާޢު ބުން ޔަޒީދާއި އެނޫންވެސް ބޭކަލުން ޢިޝާނަމާދު ކުރައްވައިގެން އެއްބޭކަލަކަށް އެނގިވަޑައިގަންނަވާ ޢިލްމެއް އެހެންބޭކަލުންނާ ހިއްސާކުރައްވާ ފިޤުހު މުޛާކަރާ ކުރައްވަން އިށީނދެވަޑައިގެން ތިއްބަވައެވެ. ބައެއްފަހަރު އެބޭކަލުން ވަކިނުވެވިގެން އުޅެނިކޮށް ފަތިސްނަމާދަށް ބަންގިވެސް ގޮވައެވެ." މިއިން އެނގެނީ ތާބިޢީ ބޭކަލުން އެއްބަޔަކު އަނެއްބަޔަކާ ގުޅިގެން ފިލާވަޅުތައް މުރާޖަޢާ ކުރުމަށް އަހަންމިއްޔަތުކަން ދެއްވިލެއް ބޮޑުކަމެވެ.

ފިލާވަޅުތައް މުރާޖަޢާކޮށް އެއްބަޔަކު އަނެއްބަޔަކު އެކުވެގެން މުޛާކަރާކުރުމަކީ ކިޔެވުމުގައި އެގްރޫޕެއްގެ ހުރިހައި ދަރިވަރުންނަށްވެސް ނުހަނު ފައިދާކުރާނެ ކަމެކެވެ. އެފަދަ މުޛާކަރާތަކުން އެއްޗެއްގެ ފަހުމްވެފައި ނުވާ ދަރިވަރަކަށް ފަހުމްވާއިރު، އެޢިލްމެއް ކުރިން ދަސްވެފައިވާ ދަރިވަރުންނަށް، ފިލާވަޅު އިތުރަށް ރިޕީޓްވެ އެމަޢުލޫމާތު އިތުރަށް ހަރުލާގޮތްވެ، ދަރިވަރު އިތުރަށް މޮޅުވުމަށް ލިބޭ ފުރުޞަތަކަށްވެއެވެ. އަލްޚަޠީބު އަލްބަޣަދާދީ ގެ ފޮތްކަމުގައިވާ "އަލްޖާމިޢު ލިއަޚްލާޤިއް ރާވީ ވަ އާދާބިއް ސާމިޢި" ގައި ގެންނަވާފައިވާ ރިވާޔަތެއްގައިވެއެވެ: އިބްނު ޝިހާބުއް ޒުހުރީ رحمه الله ޢިލްމު ހޯއްދެވުމަށް ޢުރްވާ އަދި އެނޫންވެސް ބޭކަލުންގެ އަރިހަށް ވަޑައިގެން އެބޭކަލުން ދެއްވި ޢިލްމެއް އަޑުއެއްސެވުމަށްފަހު އެބުރި ގެއަށް ވަޑައިގެން، އެކަލޭގެފާނުގެ ގޭގައި ގެންގުޅުއްވާ އަޅު އަންހެންކުއްޖެއްގެ ގާތުގައި، އެކަމަނާ ނިދިކުރައްވާފައި ވަނިކޮށް ހޭލައްވާފައި ވިދާޅުވެއެވެ: "ކަމަނާ އަޑުއައްސަވާށެވެ. ތިމަންނާއަށް މިވެނި މީހަކު އެވެނި ރިވާޔަތެއް ކިޔައިދެއްވިއެވެ. އަދި ތިމަންނާއަށް އެވެނި މީހަކު މިވެނި ރިވާޔަތެއް ކިޔައިދެއްވިއެވެ." ދެން އެކަމަނާ ވިދާޅުވެއެވެ: ތިމަންނާއަކާ ތިޔަ ޙަދީޘަކާ ކޮންކަމެއްތޯއެވެ؟! (މާނައީ ތިޔައީ ތިމަންނާއާ ބެހޭ އެއްޗެއް ނޫނެއްނޫންތޯއެވެ؟ ދެން އަޅުގަނޑަށް ތިޔަ ކިޔައިދެއްވަނީ ކީއްވެގެންތޯއެވެ؟) ދެން އައްޒުހުރީ ވިދާޅުވެއެވެ: "قَدْ عَلِمْتُ أَنَّكِ لَا تَنْتَفِعِينَ بِهِ، وَلَكِنِّي سَمِعْتُهُ الآنَ، فَأَرَدْتُ أَنْ أَسْتَذْكِرُهُ" މާނައީ: [ތިކަމަނާއަށް މިއިން އެއްވެސް ފައިދާއެއް ނުކުރާނޭކަން ތިމަންނާއަށްވެސް އެނގެއެވެ. އެހެންނަމަވެސް މިއީ ތިމަން ދެންމެ އަޑުއެހި އެއްޗެކެވެ. އެހެންވުމުން އެ މުރާޖަޢާކޮށްލާ ހަނދާނުގައި ހަރުލައްވާލަން ތިމަން ބޭނުންވީއެވެ.] އިބްނު ޝިހާބުއް ޒުހުރީއަކީ އެބޭފުޅާގެ ޢިލްމުވެރިކަމުގެ ދުވަސްވަރުގައި ހުންނެވި އެންމެ ފުންނާބު އުސް ޙަދީޘް ޢިލްމުވެރި ތާބިޢީއެވެ. އެއީ އިމާމް މާލިކްގެ އެންމެ އިސް އެދުރެވެ. އެބޭފުޅާއަކީ އެންމެފުރަތަމަ ޙަދީޘްތައް އެއްފޮތަކަށް ޖަމާކުރެއްވި ކުޅަދާނަ ބޭފުޅެކެވެ. އެޒަމާނަށް ބަލާއިރު އެކި ކަންކޮޅުތަކުގެ މީހުންގެ އަތުގައި ދަސްވެފައިވާ ޙަދީޘްތައް ހޯދުމަކީ ނުހަނު ބޮޑު މަސައްކަތެކެވެ. އަދި އެހޯއްދަވާ ރިވާޔަތްތައް ފޮތުގައި ލިޔެ އޭގެ ގިނަޗާޕްތަކެއް ހަދާ އެކި ގައުމުތަކުގެ ވެރިންނަށް ފޮނުއްވުމަކީ އެބޭފުޅާގެ ޒިންމާއަށް ވާއިރު، އެއީވެސް ނުހަނު ބުރަކަމެކެވެ. އޭރުގައި އެއްފޮތެއް ޗާޕުކުރުމަކީ ވެސް އަނެއްކާ އޭގެ އެހެންފޮތެއް ހަމަ އަތުން ލިޔުމެވެ. ނަމަވެސް އެބޭފުޅާއަކީ މިބޮޑު ޒިންމާ، އޭރުގެ ވެރިޔާ ޢުމަރު ބުން ޢަބްދުލްޢަޒީޒް އެންގެވިގޮތަށް އެކަން ނިންމަވާ ތަންފީޒު ކުރެއްވި ކުޅަދާނަ ބޭފުޅެކެވެ. އެބޭފުޅުންގެ ކިޔެވުމުގެ ވައްޓަފާޅި އަކީ، ވީމާ، މިއަދުގެ ދަރިވަރުންނަށް ނުހަނު މުހިންމު ކަމެކެވެ. އެދުވަހަކު ދަސްކުރާ އެއްޗެއް މުޛާކަރާ ކޮށްލާނެ، ކުލާހުގެ އެކުވެރިއަކު ނުލިބުނު ނަމަ، ގޭގައި އުޅޭ ތުއްތު ކުއްޖަކަށް ނަމަވެސް އެއެއްޗެއް ކިޔާލަދިނުމުން، އޭގެ ފައިދާ އެކުއްޖަކަށް އަދި ނުކުރިއެއް ކަމަކު ތިމާއަށް ނުހަނު ބޮޑަށް ފައިދާ ކުރާނޭ ކަމެކެވެ.

ފިލާވަޅު މުޛާކަރާ ކުރުމުގެ ތެރޭގައި އުނދަގޫކަމަށް ލަފާކުރެވޭ ލަފްޒުތައް ގިނައިން ރިޕީޓްކޮށް ކިޔާލުމަކީވެސް ނުހަނު މުހިންމުކަމެކެވެ. އަބްދުއްރައްޒާޤު ރިވާކުރެއްވިއެވެ. ވިދާޅުވިއެވެ: ސުފްޔާނުއް ޘައުރީ އެއްރެއެއްގައި ތިމަންނާމެންނާ އެކުގައި ވިއެވެ. އަދި އެބޭފުޅާ ނިދީގައި އޮވެގެން ޤުރުއާން ކިޔަވާ ވިދާޅުވާއަޑު އެހީމެވެ. ދެން ތެދުވެވަޑައިގެން އެރޭގެ ދަމުނަމާދު ކުރެއްވިއެވެ. ދަމުނަމާދު ރަކްޢަތްތަކުން ބައެއް ނިންމާ ނަމާދުން އަވަދިވެ، އިށީންދެވަޑައިގެން "އަލްއަޢުމަޝް، އަލްއަޢުމަޝް، އަލްއަޢުމަޝް، މަންޞޫރު، މަންޞޫރު، މަންޞޫރު، މުޣީރާ، މުޣީރާ، މުޣީރާ" މިފަދައިން ވިދާޅުވާން ފެއްޓެވިއެވެ. ތިމަންނާ އޭނާއަށް ދެންނެވީމެވެ: އޭ އަބޫޢަބްދުﷲ އެވެ. މީ ކޮންކަމެއްތޯއެވެ؟! ވިދާޅުވިއެވެ: "އެއީ މަގޭ ނަމާދުގެ ބައެވެ. އަދި މިއީ މަގޭ ޙަދީޘްގެ ބައެވެ." މާނައަކީ ޤުރުއާނުގެ ބައި މުރާޖަޢާ ކުރެއްވީ ނަމާދުގައެވެ. އަދި ޙަދީޘްގެ ބައި މުޛާކަރާ މިކުރީ ފަހުން މިކީ ނަންތައް ކިޔައިގެންނެވެ. އެއީ ސަނަދުގައިވާ ނަންތަކެއް އެބޭފުޅާ ދަސްކުރެއްވީއެވެ.

އަޅަމެންގެ ދަރިންނަކީ ފުރިހަމައަށް ފިލާވަޅުތައް ރިވައިސްކޮށް މުރާޖަޢާކުރުމުގައި ކަންނެއްކަމެއް ނެތި ގަދައަޅާ މަސައްކަތްކުރާ ކުދިންތަކެއް ގޮތުގައި ލައްވާށިއެވެ! އާމީން!

وصلى الله وسلم على نبينا محمد وعلى آله وأصحابه أجمعين.

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *