ބުރާސްފަތި, 17 އޭޕްރިލް 2025

ސްކޮލާސް ކަޕްގެ ގްލޯބަލްސް ނިންމުމަށްފަހު އަޙްމަދިއްޔާގެ ދަރިވަރުން އެނބުރި މާލެއަށް!

ވޯލްޑް ސްކޮލާސް ކަޕް 2023 ގެ ދެވަނަ ބުރު، ގްލޯބަލް ރައުންޑުގައި ވާދަކުރި، އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގެ ދަރިވަރުން އެނބުރި މާލެ އަތުވެއްޖެއެވެ.

23 ދަރިވަރުންނާއި، 4 މުދައްރިސުންނާއި 11 ބެލެނިވެރިން ދިޔަ މި ދަތުރަކީ އަޙްމަދިއްޔާއަށް ވަރަށް ކާމިޔާބު ދަތުރެކެވެ. ޖުމްލަ 35 ގައުމަކުން ތިންހާހަށް ވުރެ ގިނަ ދަރިވަރުން ބައިވެރިވި މި ބުރުގައި އަޙްމަދިއްޔާގެ ދަރިވަރުން 28 ރިހި މެޑަލާއި، 10 ރަން މެޑަލާއި 1 ޓްރޮފީ ވަނީ ހާސިލުކޮށްފައެވެ.

ހަފްތާއަކަށް ދެމިގެންދިޔަ މި މުބާރާތުގައި އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލް ރަމްޒުކޮށްދިނުމަށް ދިޔަ 8 ޓީމަށް ބަހާލައިފާވާ 23 ކުދިންގެ ތެރެއިން، 4 ޓީމު ވަނީ ވޯލްޑް ސްކޮލާސް ކަޕްގެ ފައިނަލް ބުރު، ޓޯނަމަންޓް އޮފް ޗެމްޕިއަންސް އަށް ހޮވިފައެވެ.

މި މުބާރާތަށް ދިޔަ ދަރިވަރުންނާއި މުދައްރިސުން ވެސް  ފާހަގަކުރާ ގޮތުގައި މި ދަތުރަކީ ގިނަ ތަޖުރިބާތަކެއް ލިބުނު ކާމިޔާބު ދަތުރެކެވެ.

ވޯލްޑް ސްކޮލާސް ކަޕުގައި ބައިވެރިވުމަކީ އަޅުގަނޑަށް ކުރެވުނު އެންމެ ރަނގަޅު އެއް ކަންތައް. ބަހުސް، ލިޔުން، ކުއިޒް، އަދި އެހެން ހުރިހާ މުބާރާތްތައް ވެސް ވަރަށް ސަޕްރައިޒިންގ. އަދި ސްކޮލާސް ސްކެވެންޖާއި ޓެލެންޓް ޝޯވ ފަދަ ހަރަކާތްތަކުން ހަނދާނުން ފޮހެލަންދަތި އާ ހަނދާންތަކެއް ރައްކާކުރެވުނު." އަޙްމަދިއްޔާ1982 އަށް ދިން އިންޓަވިއުއެއްގައި މި ބުރުގައި ބައިވެރިވި ދަރިވަރު މުޒައިނާ ބިންތި މުހައްމަދު ބުންޏެވެ.

އޮގަސްޓު 25 ގައި ފެށި ގްލޯބަލް ރައުންޑުގެ ނަތީޖާ ފާޅުކުރުމުގެ ރަސްމިއްޔާތު ކުރިއަށް ގެންގޮސްފައިވަނީ 30 އޮގަސްޓު 2023 ގައި ބެންކޮކްގެ ސިއަމް ޕިކް ގަނޭޝާ ތިއޭޓަރުގައެވެ. ރަސްމިއްޔާތުގައި އަޙްމަދިއްޔާގެ ދަރިވަރުންނަށް ގިނަގުނަ އެވޯޑުތައް ލިބިފައިވާއިރު، 9އޭގެ ދަރިވަރު، ފާތިމަތު ޖައިޝާ އާސިމް ވަނީ އެކިގައުމުތަަކުގެ އެތައް ހާސް ދަރިވަރުންނާ ވާދަކޮށް މުޅި މުބާރާތުގެ ސީނިއަރ ޑިވިޝަނުން ކޮލަރޭޓިވް ރައިޓިންގ މުބާރާތުން 6 ވަނަ ހާސިލުކޮށްފައެވެ.

ނިންމުމުގެ ރަސްމިއްޔާތު ފެށުމުގެ ގޮތުން ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ޖައިޝާވަނީ ދިވެހިރާއްޖޭގެ ދިދަ އުފުލާފައެވެ.

މި ލިބުނު ކާމިޔާބީތަކާ ބެހޭ ގޮތުން ވާހަކަދައްކަމުން ޖައިޝާ ބުނީ ޖައިޝާ އެންމެ އުފާވީ ދިދަ އުފުއްލި ގަޑީގައާއި 6 ވަނަ ލިބުނު ގަޑީގައި ހުރިހާ ކުދިން އަތްތިލަބަޑި ޖަހައި ދިން ތަރުހީބުފެނިފައި ކަމަށެވެ.

"އަޅުގަނޑު ވަރަށް ހައިރާންވި އެ ހުރިހާ ހުނަރުވެރި، އަދި އެހާ މަސައްކަތްކުރާ ދަރިވަރުންތަކުގެ ތެރެއިން އެ ކާމިޔާބީ ލިބުނީމަ. އަދި އަޅުގަނޑު ވަރަށް ފަޚުރުވެރިވި ލިޔުމުން 6 ވަނަ ލިބުނީމަ!" ޖައިޝާ ބުންޏެވެ.

މި ދަތުރަކީ އައު ތަޖުރިބާތަކެއް ލިބުނު، ހަނދާނުން ފޮހެލަން ދަތި ދަތުރެއްކަމަށް ހުރިހާ ދަރިވަރުން ވެސް އިއްތިފާގުވާއިރު އެ ކުދިން ދެކޭ ގޮތުގައި މި ލިބުނު ކާމިޔާބީގެ އަސްލަކީ އެކުދިންނަށް ބޭނުންވާ ހުނަރުތައް ދަސްކޮށްދެއްވި މުދައްރިސުންނެވެ.

"މި ރައުންޑު އެހާ ކަމުދިޔަ އެއް ސަބަބެއް ކަމުގައި އަޅުގަނޑު ދެކެނީ މީގެ ބައިވެރިން. ރަންޖިތު ސަރ، އާތިރާ މިސް، އަދި މި ހިސާބަށް އަޅުގަނޑުމެން ގެންދަން އެހީވެދީ، ދިމާވި ގޮންޖެހުންތަކާއި ހުރަސްތަކުން ކާމިޔާބު ހޯދަން އެހީވެދިން އެންމެނަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން." ގްލޯބަލް ރައުންޑުގެ ތަޖުރިބާއާ ބެހޭގޮތުން ވާހަކަދައްކަމުން އިސްމާއިލް އަޒުހަދު މުހައްމަދު ޒުހައިރު ބުންޏެވެ.

ސްކޮލާސް ކަޕްގެ ދަރިވަރުންނަށް ބޭނުންވާ ހުނަރުތައް ދަސްކޮށްދިނުމުގައި އިސްކޮށް އުޅުއްވާ، އަދި ދަރިވަރުންނާއެކު ބެންކޮކަށް ދިޔަ އިންގްލިޝް ލެންގުއޭޖް ސްކިލްސް މުދައްރިސް،  ރަންޖިތް ކުރުޕް ވިދާޅުވީ، "ޑަބްލިއު.އެސް.ސީ ގައި އަޙްމަދިއްޔާގެ ދަރިވަރުންގެ ފަރާތުން ފެނުނީ ވަރަށް ތަފާތު މޮޅު ހުނަރުތަކެއް. އެ ކުދިން އެ ގެންދަނީ އެ ކުދިންނަކީ  މުސްތަގުބަލުގެ ކުޅަދާނަ ވާހަކަދެއްކުންތެރިންކަން ސާބިތުކޮށްދެމުން."

ވޯލްޑް ސްކޮލާސް ކަޕްގެ ޓޯނަމަންޓް އޮފް ޗެމްޕިއަންސް އޮންނާނީ 2023 ނޮވެންބަރު 2 ން 8 އަށް އެމެރިކާގެ ޔޭލް ޔުނިވަރސިޓީގައެވެ.

ރިވިއުކުރީ: އިބްރާހީމް ރާމިޒް

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *