އަހްމަދިއްޔާ އިން ތަޢުލީމް ޙާޞިލްކުރި ދަރިވަރުންނަކީ އަޙްމަދިއްޔާގެ ހިތާއި ރޫޙް ކަމުގައި ޕްރިންސިޕަލް މުޙައްމަދު ރަޝީދު ވިދާޅުވެއްޖެއެވެ. ރޭ ސޯޝަލް ސެންޓަރ ގައި ބޭއްވި އަހްމަދިއްޔާގެ އިނާމު ދިނުމުގައި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ދަރިވަރުންނާ މުޚާޠަބުކޮށް ޕްރިންސިޕަލް ވިދާޅުވީ، ދަރިވަރުންގެ މިންނެތް މަސައްކަތުން ރަނގަޅު ނަތީޖާ އާއި ރީތިނަން ޙާޞިލް ކޮށްފިކަމުގައެވެ.
"ތިޔަ ދަރިވަރުން ބެލެނިވެރިންނާއި ބަލަދުވެރިންނާއި މުދައްރިސުންގެ ލޯބި ޙާޞިލްކޮށްފީމު. ސްކޫލަށް ރީތިނަން ހޯދައި ދީފީމު. ސްކޫލްގައި އެޅުނު ބިންގަލުގެ މަތީގައި ކުރިއަށް ދިއުމަށް މަސައްކަތް ކުރުމަށް މިރޭ ނަސޭހަތްތެރިވެ، އިލްތިމާސްކުރަން. ތިޔަ ދަރިވަރުންގެ މުސްތަޤްބަލް އުޖާލާވާނީ އޭރުން. ހުރިހާ ގޮތުކުންވެސް ކާމިޔާބު، ޒިންމާދާރު މީހަކަށް ވެވޭނީ އޭރުން." ޕްރިންސިޕަލް ވިދާޅުވިއެވެ.
ޕްރިންސިޕަލްގެ ވާހަކަފުޅު ކުރިއަށް ގެންދަވަމުން ވިދާޅުވީ، އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލް ކެނޑިނޭޅި މަސައްކަތް ކުރަމުން ގެންދަނީ ޢިލްމާއި ޙިލްމުގެ އަލިގަދަ ފަނާރެއްގެ ގޮތުގައި ދެމިހުރުމަށްކަމާއި އަހްމަދިއްޔާގެ ދަރިވަރުންނަކީ ވަށާޖެހޭ ތަޢްލީމެއް ފުރިހަމަކޮށް، ރިވެތި އަޚްލާޤީ ފޭރާމަކުން ހެދުންލެއްވިގެން މުޖްތަމަޢަށް ނެރެވޭ ބަޔަކަށް ހެދުމުގައި ދެމިތިބުމަށްކަމުގައެވެ.
"މިމަސައްކަތުގެ ކާމިޔާބީގެ އެއްބައި ފެނިގެންދަނީ ދަރިވަރުންގެ ނަތީޖާތަކުން. އޯ.ލެވެލް އާއި އޭ.ލެވެލްގެ ނަތީޖާތަކުން. އަޅުގަނޑުމެންގެ ކާމިޔާބީގެ އަނެއްބައި ފެނިގެންދަނީ އަޙްމަދިއްޔާގެ ދަސްވެނީން، ސަރުކާރާއި އަމިއްލަ ކުންފުނިތަކުގެ ޒިންމާދާރު މަގާމު ތަކުގައި އިޚްލާސްތެރި ކަމާއި ތެދުވެރިކަމާއި ހުނަރުވެރި ކަމާއެކު، ފޯރުކޮށްދެމުން ގެންދާ ޚިދުމަތްތަކުން. އެއީ ފަޚްރުވެރިކަމާއެކު އަޙްމަދިއްޔާ ނިހާޔަތަށް އުފާކުރާކަމެއް." ޕްރިންސިޕަލް ވިދާޅުވިއެވެ.
ޕްރިންސިޕަލް ވިދާޅުވީ، ވަށާޖެހޭ ތަޢްލީމެއްގެ މުހިންމުކަން މިހަލަބޮލި އަދި ދުވެލި އަވަސް ދުނިޔޭގައި ހަނދާނުން ކެހިގެން ދިއުމަކީ ވަރަށް ފަސޭހައިން ވެދާނެ ކަމެއްކަމާއި ޓެކްސްޓް ފޮތްތަކާއި އިމްތިޙާން ތަކާއި ނަތީޖާތަކަށް ތަޢްލީމުގެ އަމާޒު ހިފިއްޖެނަމަ، ދަސްވެނީންގެ ފަރާތުން މުޖްތަމައަށް ލިބޭ މަންފާ ކުޑަވެގެންދާނެ ކަމީ ޝައްކެތް އޮތް ކަމެއްނޫން ކަމުގައެވެ.
އެހެންކަމުން، ތަޢްލީމުގެ މުގައްރަރާއެކީ އަދަބީ ޙަރަކާތްތަކާއި ކުޅިވަރުގެ ޙަރަކާތްތަކާއި އިޖްތިމާޢީ ހުނަރުތަކަށް އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގައި ދަނީ ބޮޑު ސަމާލު ކަމެއް ދެމުންކަމަށްވެސް ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ ދަރިވަރުންނަކީ ހަމައެކަނި ރަންވަނަ ތަކަކާއެކީ ދަސްވެނިވެގެން މުޖްތަމައަށް ނެރެވޭ ބައެއްގެ ބަދަލުގައި، ރަންވަނަ ތަކަކާއެކީ ޒިންމާ އުފުލަން ދަންނަ، އިޚްލާސްތެރި އަދި ދީނާއި ޤައުމަށް ވަފާތެރި ބައެއްގެ ގޮތުގައި ހެދުމަށްދަނީ ބޮޑު އިސްކަމެއް ދެމުން. މިމަސައްކަތުގައި އަޅުގަނޑުމެންގެ މުދައްރިސުން ގެންދަވަނީ ވަރުބަލިކަމެއް، ފޫހިކަމެއްނެތި ޙަރަކާތްތެރިވަމުން." ޕްރިންސިޕަލް ވިދާޅުވިއެވެ.
ޕްރިންސިޕަލް ވިދާޅުވީ، އެމަސައްކަތުގެ ހެޔޮ ނަތީޖާވެސް އަންނަނީ ފެންނަމުންކަމާއި މިރޭ އިނާމު ޙާޞިލްކުރާ ދަރިވަރުންނަކީ އެހެން ސްކޫލްތަކާ އަޅާބަލާއިރު ނިސްބަތުން ބޮޑު އަދަދެއްކަމުގައެވެ.