ހުރިހާގޮތަކުން އެންމެ ރަނގަޅު ދަރިވަރުގެ މަގާމް ދެ ފަހަރުވެސް ޝާހާ އަށް

އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގެ 2021-2022 ވަނަ އަހަރުގެ މަތީ ސާނަވީ ބައިން ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް ހޮވުނީ ފާޠިމަތު ޝާހާ ޙުސައިނެވެ. ރޭ ސޯޝަލް ސެންޓަރ ގައި ބޭއްވި އަޙްމަދިއްޔާގެ  އިނާމު ދިނުމުގެ ހަފްލާގައި ޝާހާ އަށް އިނާމު ހަވާލުކޮށްދެއްވީ ޖަލްސާގެ ޝަރަފްވެރި މެހްމާނު މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން ޑރ. އިބްރާހީމް ޙަސަނެވެ.

އެންމެ މޮޅު ދަރިވަރަށް ހޮވުނު ޝާހާއަކީ ކިޔެވުމުގެ އިތުރަށް އިތުރު ހަރަކާތްތަކުގައިވެސް އަހްމަދިއްޔާ ތަމްސީލުކޮށް ކާމިޔާބީ ހޯދާފައިވާ ދަރިވަރެކެވެ. އޭގެ ތެރެއިން ޚާއްޞަގޮތެއްގައި ފާހަގަކޮށްލެވެނީ، ވާހަކަދެއްކުމުގެ ގައުމީ މުބާރާތާއި ޤުރުއާން މުބާރާތެވެ. އަދި ސްކޫލްގެ އަދަބީ ޖަމްޢިއޔާ ދަރިވަރުންގެ ހިޔާއިން ބޭއްވި ހިޔާ ޢީދުގެ އަދަބީ ތަރިއަކަށްވެސް ޝާހާވަނީ ހޮވިފައެވެ. ޝާހާވަނީ މީގެ ކުރިން ސާނަވީ ބައިންވެސް ހުރިހާ ގޮތަކުން އެންމެ ރަނގަޅު ދަރިވަރުގެ މަގާމްވެސް ޙާޞިލްކޮށްފައެވެ.

ހުރިހާ ގޮތަކުން އެންމެ ރަނގަޅު ދެވަނަ ދަރިވަރަކަށް ހޮވުނީ، 12 އެޗް ގެ އުލާ ޢަލީ އެވެ. އުލާ ވަނީ ގަދަ 10 ގެ 4 ވަނަ ހޯދާފައެވެ.

ހުރިހާ ގޮތަކުން އެންމެ ރަނގަޅު ތިންވަނަ ދަރިވަރަކަށް ހޮވުނީ، 12 ޖޭ ގެ ޢައިޝަތު ޒުހާ ޝާހް އެވެ. ޒުހާ އަކީ މަތީ ސާނަވީގެ ސްކޫލް ކެޕްޓަންކަން އަދާކޮށްފައިވާ ދަރިވަރެކެވެ. ޒުހާ އަށް ރާއްޖޭގެ ގަދަ 10 ން ލިބުނީ 5 ވަނަ އެވެ.

އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުން އޭލެވެލް ގަދަ 10ގައި މިދިޔަ އަހަރު 87 ދަރިވަރުން ހިމެނުނެވެ. ގަދަ ދިހައެއްގެ 1 ވަނައިގައި ހިމެނުނީ 3 ދަރިވަރުންނެވެ. އަދި 3 ދަރިވަރުންވަނީ ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ ސްކޮލަރޝިޕް ވެސް ހާސިލް ކޮށްފައެވެ. އެއީ،  12 ސީގެ ސިނާ އަޝްރަފާއި 12 އެޗްގެ މަލްސާ މުޖުތަބާ އާއި، 12 ސީގެ މަރިޔަމް އަޙްމަދެވެ. ރައީސްގެ ސްކޮލަޝިޕް ޙާޞިލްކުރި ދަރިވަރުންގެ ތެރެއިން 12 ސީގެ ޝިނާ އަޝްރަފްވަނީ 6 މާއްދާއިން އޭ ސްޓާރ ހޯދާފައެވެ.  12 އެޗް ގެ މަލްސާ މުޖުތަބާ އާއި  12 ސީގެ މަރިޔަމް އަޙްމަދު ވަނީ 5 މާއްދާއިން އޭ ހޯދާފައެވެ. މީގެ އިތުރުން ޝިނާ އަޝްރަފާއި މަރިޔަމް އަޙްމަދު ވަނީ، ފިޒިކްސް އިން މުޅި ދުނިޔެއިން 1 ވަނަ ހޯދާފައެވެ.

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *