الْحَمْدُ لِلَّهِ رَبِّ العَالَمِينَ. وَالصَّلاَةُ وَالسَّلاَمُ عَلَى نَبِيِّنَا مَحَمَّدٍ وَعَلَى آلِهِ وَأَصْحَابِهِ. أَمَّا بَعْد.
އިންސާނުންނަކީ ރޫޙާނިއްޔަތެއް ވާބައެކެވެ. އަދި ބަޔަކު އެކަމަށް އިންކާރުކޮށް ރޫޙާނިއްޔަތަކީ ވާއެއްޗެއް ނޫންކަމަށް ބުންޏެއް ކަމަކު، އެކަމުގެ ޙަޤީޤަތް އެބައިމީހުންނަކަށް އަނބުރައެއް ނުލެވޭނެއެވެ. އެގޮތުން މީސްތަކުން އަބަދުވެސް ކޮންމެވެސް ފަރާތަކަށް އަޅުކަންކުރެއެވެ. އަދި އަޅުކަންކުރާ ފަރާތަކީ އެބައިމީހުންނަށް ފެންނަންޖެހޭ އެބައިމީހުންގެ ކުރިމަތީގައި ހުންނަ އިލާހަކަށްވެސް ގިނަބަޔަކު ހަދައެވެ. އެހެންވުމުން އިންސާނުންގެ ޤަބޫލުކުރުން ބޮޑަށް މިއޮންނަނީ އިލާހުގެ ރޫޙު މިދުނިޔޭގައިވާ ޚަލްޤުތަކުންގެ ތެރޭގައި ލާމެހިފައިވާ ކަމުގައެވެ. އަދި އަބަދުވެސް އެރޫޙުގެ މާތްކަމުން އެރޫޙު ވަދެފައިވަނީ ދުނިޔޭގައިވާ – އެބަޔަކު ޤަބޫލުކުރާ – ރަނގަޅު ޞާލިޙު މީހުންގެ ގައިގެ ތެރެއަށެވެ. އެގޮތުން ބުދަށް އަޅުކަންކުރާމީހުން ދެކޭގޮތުގައި އެރޫޙު ވަނީ ބުދުތަކުގެ ތެރޭގައި އަށަގަނެފައެވެ. އަދި އަޅުކަމުގައި ގިނަވަގުތު ފައްޅީގައި ހޭދަކުރުމުގެ ސަބަބުން އިލާހީ ރޫޙުވަނީ އެއިންސާނުންގެ ހަށިގަނޑުގެ ތެރެއަށް ވަދެ ލާމެހިފައެވެ. އެހެންވުމުން އިލާހީވަންތަ ކަމުގެ ބާރުން އެފައްޅިތަކުގައި ވަކިގޮތަކަށް އުޅެބޮޑުވުމުގެ ސަބަބުން އެބައިމީހުންނަށް ދެންތިބިމީހުންނަށް ނޭނގޭ އެތަކެއް ޣައިބުގެ ކަންކަން ކިޔައިދެވުމުގެ ބާރު ލިބިގެންވެއެވެ. ކްރިސްޓިއަނުން ދެކޭގޮތުގައި ޢީސާގެފާނުގެ ހަށިކޮޅަށް މާތް ﷲ ގެ ރޫޙުފުޅުވަނީ ވަދެފައެވެ. އަދި ދުނިޔެއަށް ވަޑައިގަތީ އެރޫޙުފުޅައިގެންނެވެ. މިޒަމާނުގައިވެސް އެތަކެއް ބަޔަކު ޤަބޫލުކުރަނީ ތަފާތު ތަކެތީގެ ތެރޭގައާއި ތަފާތު މީހުންގެ ގައިގެ ތެރޭގައި އިލާހީ ރޫޙު އަށަގަނެފައިވުމުން، އެތަކެއްޗަށާއި އެމީހުންނަށް އިލާހީ ބާރު ލިބިގެންވާކަމެވެ.
ނަމަވެސް މިނުބައި ޢަޤީދާ ކީރިތި ރަސޫލާ މުޙައްމަދު صلى الله عليه وسلم އަށް ބާވައިލެއްވި ޤުރުއާނުގައި ވަނީ މުޅިން ނަފީކުރައްވާފައެވެ. އަދި އެއީ ކުފުރުގެ ޢަޤީދާއެއް ކަމަށް ޢިލްމުވެރިން ވަނީ އިޖްމާޢުވެފައެވެ. މާތް ނަބިއްޔާ صلى الله عليه وسلم ގެ ރައްބާނީ ތަރުބިއްޔަތުން، މާތްﷲ އަށް ލިބިވޮޑިގެންވާ ޛާތުފުޅުގެ ސިފަފުޅުތައް ﷲ تعالى އެކަލޭގެފާނަށް ބާވައިލެއްވި މިންވަރަށް ވަނީ އުނގަންނަވައިދެއްވާ ފުރިހަމަ ސާފު ޢަޤީދާއަކުން އަޞްޙާބުބޭކަލުން ތަރުބިއްޔަތު ކުރައްވާފައެވެ. ނަމަވެސް ރަސޫލާ صلى الله عليه وسلم ސުވަރުގެ ވަޑައިގެންނެވިތާ ސަތޭކަ އަހަރުވެސް ނުވަނީސް އެކިއެކި ކުފުރުގެ ފަލްސަފާ ފޮތްތަކުން މަޢުލޫމާތު ލިބި އެފަދަ އެހެންދީންތަކުގެ ފިކުރުތަކުގެ ތެރެއަށް ގެނބިފައިވީ ބައެއްމީހުން އިސްލާމްވެ ޤުރުއާން ދަސްކޮށް ބައެއް ބޮޑެތި ދަންނަބޭކަލުންގެ އަރިހުން ޢިލްމު އުނގެނުމަށްފަހު، އިސްލާމްދީނުގެ ތެރެއަށް އެބައިމީހުން ކުރިން އުޅެފައިވާ ދީންތަކާއި ކުރިން ދަސްކޮށްފައިވީ ފަލްސަފާތަކުގައި ހުރި މިފަދަ ނުބައި ފިކުރުތަކާއި ޢަޤީދާތައް މުސްލިމުންގެ މެދުގައި ފަތުރަން ފެށިއެވެ. އެގޮތުން ހިޖުރައިން އެންމެފުރަތަމަ ޤަރުނުގެ ފަހުކޮޅު އުޅުނު އަލްޖަހުމު އިބްނު ޞަފްވާން މުސްލިމުންގެ މެދުގައި މާތް ﷲ ގެ ޛާތުފުޅާ ބެހޭގޮތުން ކުރިން މުސްލިމުން ނުދަންނަ އާ ގިނަފިކުރުތަކެއް ފަތުރަން ފެށިއެވެ. އޭގެ ތެރޭގައި މާތްﷲ ވޮޑިގެންވަނީ ޚަލްޤުތަކުންގެ ތެރޭގައި ހުރިހައި ތަނެއްގައި ކަމުގައި ބުނެ، އެހެނިހެން ދީންތަކުގައިވެސް ޤަބޫލުކުރަމުން ދިޔަ ގޮތް މުސްލިމުންގެ ތެރޭގައި ފަތުރާ އޭނާއަށް އެކަމުގައި ތަބާވާމީހުން ގިނަކުރިއެވެ. ފަހުން އެޤަބޫލުކުރުން ވަރަށްބޮޑަށް ފެތުރި އެއީ އެންމެހައި ޞޫފީން ޤަބޫލުކުރާ ގޮތްކަމުގައި ވެގެންދިޔައެވެ. ޞޫފީންނަކީ މިޒަމާނުގައި ވަރަށް ގިނަ މުސްލިމް ގައުމުތަކެއްގައި ވަރަށް ނުފޫޒުގަދަ ބައެކެވެ. ޙަޤީޤީ އިސްލާމްދީނަށް އުޅޭ ބަޔަކީ އެއީ ކަމުގައި ގިނަބަޔަކު ޤަބޫލުކުރެއެވެ. ނަމަވެސް އެއީ ވަރަށްބޮޑަށް ޢަޤީދާގެގޮތުން ފަސާދަވެފައިވާ ބައެކެވެ. ދީނީ ޢިލްމު އެބައިމީހުންގެ ވަރަށްމަދުވާނެއެވެ. ހަމައެހެންމެ ދިވެހިންގެ ތެރޭގައިވެސް ކުރީ ޒަމާންތަކުގައި ދީނީޢިލްމު މަދުވުމުގެ ސަބަބުން މާތްﷲ ވޮޑިގެންވަނީ ހުރިހައި ތަނެއްގައި ކަމުގައި ބުނެވޭ ޢަޤީދާ އޮތީ ވަރަށްބޮޑަށް ފެތުރިފައެވެ. މިއަދުވެސް ދިވެހިންގެ ތެރޭގައި އެޤަބޫލުކުރުން ކޮންމެވެސް ވަރަކަށް ފެތުރިފައިވެއެވެ.
މިފަދައިން ޣައިރުމުސްލިމުންގެ އިތުރުން ބައެއް މުސްލިމުން ޤަބޫލުކުރިއަސް ބުއްދީގެ ގޮތުން އިންސާނީ ޠަބީޢަތު ތަންދެނީ އެގޮތަކަށް ނޫނެވެ. މިފަދަ ބާޠިލު ޢަޤީދާތަކުން ފޯވެފައިވީ ނަމަވެސް ކަމެއް ދިމާވުމުން ޝުކުރުގެ އަތެއް އުފުލާލިޔަސް ދެރަވެ ހާސްވެ އެހީއަށް އެދި އަތް އުފުލާލިޔަސް މީހާގެ ޠަބީޢަތުން ނިކުންނަ ކުއްލި ޙަރަކާތެއްގެ ގޮތުގައި ފެންނަނީ ކޮންމެމީހަކުވެސް މައްޗާވީ ދިމާއަށް އަތްއުފުލާލައިތަނެވެ. އެއިން އިނގެނީ އެމީހުންގެ ނަފްސުގެ އެތެރެއިން ފޮރުވިފައިވީ ބަޔަކުން ޤަބޫލުކުރަނީ ޙަޤީޤީ ކަލާނގެ ވޮޑިގެންވަނީ މަތީގައި ކަމެވެ. ބައެއްޙާލަތުގައި މީހާގެ ހިތް ޚާލިޞްހިތަކަށް ބަދަލުވާ ހިނދު އޭނާގެ ނަފްސު މަތީގައި ވޮޑިގެންވާ ކަލާނގެއާ ގުޅިގެންދާ ކަމެވެ. ނަމަވެސް އިސާހިތަކު އޭނާ އަނެއްކާ ކުފުރުވެއެވެ. މިއީ ދުނިޔޭގެ ވަރަށް ގިނައިންސާނުން ޢަމަލުކުރާތަން ފެންނަ މަންޒަރެކެވެ.
ކީރިތި ޤުރުއާނަށް ބަލާއިރު މިޢަޤީދާ، މާނައަކީ މާތްﷲ ގެ ޛާތުފުޅު ވޮޑިގެންވަނީ ޚަލްޤުތަކުންނާ ވަކީން ޢަރުޝީގެ މަތީންކަން ވަރަށްސާފުކޮށް އެކަލާނގެ ވަނީ ބަޔާންކުރައްވާފައެވެ. އެކަލާނގެ ވަޙީކުރެއްވިއެވެ: ﴿ إِنَّ رَبَّكُمُ اللَّهُ الَّذِي خَلَقَ السَّمَاوَاتِ وَالأَرْضَ فِي سِتَّةِ أَيَّامٍ ثُمَّ اسْتَوَى عَلَى الْعَرْشِ ﴾ الأعـرَاف: 54 މާނައީ: [ހަމަކަށަވަރުން ތިޔަބައިމީހުންގެ ވެރިއިލާހަކީ ﷲ އެވެ. އެކަލާނގެއީ ހަދުވަހުން އުޑުތަކާއި ބިން އުފެއްދެވި އިލާހެވެ. އެއަށްފަހު އެކަލާނގެ ޢަރުޝީގެ މައްޗަށް އިސްތިވާވެވޮޑިގެންނެވިއެވެ.] މިއާޔަތުން ވަރަށް ސާފުކޮށް އެނގިގެންދަނީ އެކަލާނގެ ޛާތުފުޅު އެކަލާނގެއާ ލާއިޤުވާގޮތުގެ މަތީން އަރުޝީގެ މައްޗަށް އިސްތިވާވެވޮޑިގެންނެވިކަމެވެ. އިސްތިވާ މިބަސް ދިވެހިބަހަށް ތަރުޖަމާ ކުރުމުގައި އަންނަ މާނައަކީ އަރާވަޑައިގަތުމުގެ މާނައެވެ. އެކަލާނގެ މަތީގައިވާ ކަލާނގެ ކަމުގައި ކޮންމެ ނަމާދެއްގައި އެތަކެއް ފަހަރަކު ސަޖިދައިގައި އޮވެގެން މުސްލިމުން ކިޔައެވެ. ((سُبْحَانَ رَبِّيَ الأَعْلَى وَبِحَمْدِهِ)) މާނައީ: [އެންމެމަތީގައިވާ މިއަޅާގެ ވެރިއިލާހު ހުސްޠާހިރުވެވޮޑިގެން ވެއެވެ. އަދި އެކަލާނގެއަށް އެންމެހައި ޙަމްދެއް ހުއްޓެވެ.] ވީމާ މިއީ ދުލުން ކިޔާ ބަސްތައް ކަމުގައިވާއިރު މާތްﷲ ވޮޑިގެންވަނީ ކޮންތާކުތޯ ސުވާލު ކުރެވޭހިނދު، އެންމެހައި ތަނެއްގައޭ ބުނެވެނީ ކީއްވެގެން ހެއްޔެވެ؟ އޭގެ ޙަޤީޤީ ޖަވާބު ކޮންމެ ނަމާދެއްގެ ސަޖިދައިގައި އެތަކެއް ފަހަރަކު ކިޔާއިރު ނަމާދުން ބޭރުގައިވެސް ޖަވާބަކަށް ވާންވާނީ އެންމެހައި ޢައިބުތަކުން ހުސްޠާހިރުވެ ވޮޑިގެންވާ އިލާހުކަމުގައިވާ ﷲ ވަނީ މަތީގައިކަމެވެ.
އެކަލާނގެ މަތީގައިވާކަމުގެ ޢަޤީދާ ހިތުގައި ޝައްކެއްނެތް މިންވަރަށް އޮންނަހިނދު އެއީ ކިހިނެއް ކަމާމެދު ސުވާލުކުރުމެއް ނުވެއެވެ. އެއީ އެކަމުގެ އެއްވެސް ޚަބަރެއް އެކަލާނގެ ދެއްވާފައި ނުވާ އަދި އެއްވެސް މަޚްލޫޤަކަށް އެކަމުގެ ޙަޤީޤަތް އެނގިގެން ނުވާ ކަމަކަށްވުމާއެކު، އެއްވެސް ޙިއްސަކުންވެސް ދެނެނުގަނެވޭނޭ ކަންކަމާމެދު ސުވާލުކުރުމެއް ނުވެއެވެ. އެގޮތުން އިމާމް މާލިކު رحمه الله ވިދާޅުވިއެވެ: "އިސްތިވާވެވޮޑިގެން ވާކަން އެއީ އެނގިގެންވާ ކަމެކެވެ. އަދި ކިހިނެއްކަން އެއީ ނޭނގޭ ކަމެކެވެ. ވީމާ އެކަމަށް އީމާންވުމަކީ ވާޖިބެކެވެ. ނަމަވެސް އެކަމާމެދު ސުވާލު ކުރުމަކީ ބިދުޢައެކެވެ." މާނައަކީ އެކަލާނގެ އާ ލާއިޤު ވާގޮތެއްގެ މަތީން އެކަލާނގެ އިސްތިވާވެވޮޑިގެންނެވި ކަމާއި އެކަލާނގެ ޛާތުފުޅު މަތީގައިވާ ކަމާމެދު ޝައްކެއްނެތި ޤަބޫލުކުރުން އެއީ އެވާހަކަ ޤުރުއާނުގައި އޮތުމާއެކު އެކަމަށް އީމާންވާން ވާޖިބުކަމެކެވެ. ނަމަވެސް އެއީ ކިހިނެއްކަން ސުވާލުކުރުމަކީ ދީނުގައި އޮތް ކަމެއް ނޫންކަމެވެ.
އަޅަމެންނަކީ ދީނުގެ ޞައްޙަ ޢަޤީދާގެ މަތީގައި ސާބިތުވެފައިވާ ބައެއްގެ ގޮތުގައި ލައްވާށިއެވެ! އާމީން!
وصلى الله وسلم على نبينا محمد وعلى آله وأصحابه أجمعين.