މި އަހަރު އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ ގްރޭޑް 11 އަށް އަލަށް ގުޅުނު ދަރިވަރުންނަށް އޮރިއެންޓޭޝަން ބާއްވައިފިއެވެ.
2023 ސެޕްޓެމްބަރ 15 ވީ ހުކުރު ދުވަހު ހަވީރު އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ ޖަލްސާކުރާ މާލަމުގައި ބޭއްވި މި ރަސްމިއްޔާތުގައި ދަރިވަރުންނާ މުޚާޠަބުކޮށް ވާހަކަފުޅުދައްކަވަމުން ސްކޫލްގެ ޕްރިންސިޕަލް މުޙައްމަދު ރަޝީދު ވިދާޅުވީ ރާއްޖެއިން ބޭރުގެ ޔުނިވަރސިޓީތަކުން ތަފާތު އެކި ދާއިރާތަކުން މަތީ ތަޢުލީމުގެ ފުރުޞަތު ހޯދުމަށް، އޭލެވެލްގެ މި މަރުހަލާއަކީ ވަރަށް މުހިއްމު މަރުހަލާއެއް ކަމަށެވެ. އެހެންކަމުން މިފުރުޞަތުގެ ބޭނުން އެންމެ އެދެވޭ ގޮތުގައި ހުރިހާ ދަރިވަރުން ވެސް ހިފުމަށް ޕްރިންސިޕަލް އިލްތިމާސް ކުރެއްވިއެވެ.
މި އެސެމްބްލީގައި ސްކޫލްގެ އިސްވެރިންނާއި އޭލެވެލްގެ ލީޑިންގ ޓީޗަރުންނާއި އެކި ޑިޕާޓްމެންޓްތަކުގެ ޓީޗަރުން ތަޢާރަފްކޮށްދެއްވީ ލީޑިންގ ޓީޗަރ ހަސްމާ އަޙްމަދު ނަސީރެވެ. ދިވެހި ޑިޕާޓްމެންޓްގެ ފަރާތުން މަޢުލޫމާތުދެއްވީ އެ ޑިޕާޓްމަންޓްގެ ހެޑް ޙަސަން އަސްލަމެވެ. އެގޮތުން ދިވެހި މުގައްރަރު ރޭވިފައިވާ ގޮތާއި، ޔުނިޓުތަކާ ބެހޭ މަޢުލޫމާތާއި، ސުވާލުކަރުދާސް އެކުލެވިގެންވާ ގޮތުގެ އިތުރުން ދިވެހި ޑިޕާޓްމަންޓުން ފާހަގަކުރާ ދުވަސްތަކާއި އިތުރު ހަރަކާތްތަކާ ބެހޭ މަޢުލޫމާތު އަސްލަމް ސަރ ދެއްވިއެވެ. އިސްލާމް މާއްދާގެ މައުލޫމާތު ދެއްވީ އެ ޑިޕާޓްމެންޓުގެ ހެޑް އައްޝައިޚް އަޙްމަދު ތައުފީގެވެ. ތައުފީގް ސަރ ވެސް ވަނީ އިސްލާމް މުގައްރަރާއި، އެ މާއްދާގެ ޔުނިޓްތަކާއި އިމްތިޙާން ކަރުދާސްތަކާ ބެހޭ މައުލޫމާތު ދަރިވަރުންނާ ހިއްސާކުރައްވާފައެވެ. މި އެސެންބްލީގައި ސްކޫލްގެ ގަވާޢިދުތަކާއި އަދި އޭލެވެލް ކިޔަވާ މާއްދާތަކުގެ ކަރުދާސްތައް ކަނޑައެޅިފައި ހުންނަ އުސޫލްތަކާއި އިމްތިހާންތަކުގެ ތާވަލްތަކާއިބެހޭ މަޢުލޫމާތު ދެއްވީ ސްކޫލްގެ ސީނިއަރ އެސިސްޓެންޓް ޕްރިންސިޕަލް މޫސާ ޞަލާޙެވެ.
އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގައި ހަތަރު ސަތޭކައަށްވުރެ ގިނަ ދަރިވަރުންނާއެކު ގްރޭޑް 11ގެ އާ ބެޗުގެ ކިޔެވުން މިއަދު ފެށުނުއިރު، އެހެނިހެން މާއްދާތަކާ ބެހޭ މައުލޫމާތު ކުލާސްތަކަށް ހާޟިރުވެ އެދަރިވަރުންގެ ޓީޗަރުން ވަނީ ދެއްވާފައެވެ. މީގެއިތުރުން ދަރިވަރުންނަށް ކެރިއަރ ގައިޑެންސާއިގުޅޭ އެކިއެކި ސެޝަންތައް ކުރިޔަށް އޮތް ދުވަސްތަކުގައި ކުރިޔަށް ގެންދަވާނެ ކަމަށް ޞަލާހް ސަރ ވިދާޅުވިއެވެ.