އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގައި 1445 ވަނަ އަހަރުގެ ޤައުމީ ދުވަސް ސެޕްޓެމްބަރ 17ވީ އާދިއްތަ ދުވަހު ފާހަގަ ކޮށްފިއެވެ. މި އަހަރުގެ ޤައުމީ ދުވަސް ފާހަގަކުރުމަސްޓަކައި ޕްރީ އަދި ޕްރައިމަރީގެ ފަރާތުން ވަރަށް ގިނަ ހަރަކާތްތަކެއްވަނީ ދަރިވަރުންނަށް ބާއްވާފައެވެ.
އެގޮތުން ދުވަހުގެ ޚާއްޞަ އެސެމްބްލީއެއް ސްކޫލުގެ ހޯލުގައިބޭއްވުނެވެ. މި އެސެމްބްލީގެ ޝަރަފުވެރި މެހެމާނަކީ އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގެ އަދަބީ މުދައްރިސް އަލްފާޟިލް މުޙައްމަދު އާދަމް ސަލީމެވެ. ޤައުމީ ދުވަހާގުޅޭގޮތުން ޝަރަފުވެރި މެހެމާނު ދަރިވަރުންނަށް ވަރަށް އަގުހުރި ވާހަކަ ކޮޅެއް ދެއްކެވިއެވެ. ޝަރަފުވެރި މެހެމާނުގެ ވާހަކަ ކޮޅުގައި އަލިއަޅުވާ ލައްވާފައިވަނީ ޕޯޗުގީޒުންގެ އަތްދަށުން ރާއްޖެ މިނިވަން ކުރެއްވުމަށްޓަކައި ބޮޑުތަކުރުފާނު ކުރެއްވި މަސައްކަތްޕުޅުތަކުގެ މައްޗަށެވެ.
މިއެސެމްބްލީގައި ދަރިވަރުންނަށް ޤައުމީދުވަހާ ގުޅޭގޮތުން ތަފާތު މައުލޫމާތު ދިނުން އޮތެވެ. މީގެއިތުރުން ދަރިވަރުންގެ ޚާއްޞަ އައިޓަމްތަކެއް ހުށަހެޅުން ވެސް އޮތެވެ. އެގޮތުން ޤައުމީ ދުވަހާ ގުޅޭ ރައިވަރާއި، ބަނދި ، ލަވަ އަދި ރައިވަރު ކިޔުން ވެސް އޮތެވެ.
ޤައުމީ ދުވަހާއި ގުޅިގެން އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގެ ޓީޗަރުންވަނީ ދަރިވަރުންނަށް ތަފާތު ހަރަކާތްތަކަކާއި ގުޅޭ ސްޓޯލްތައް ހަދައި އެ ސްޓޯލްތަކުން ދަރިވަރުންނަށް މައުލޫމާތާއި، ތަފާތު ކުޅިވަރުތަކުގައި ބައިވެރިވެވޭނެގޮތް ހަދައިދީފައެވެ.
އެގޮތުން ކުރީގައި ދިވެހިން ލައި އުޅުނު ހެދުންތަކާއި، ކޮށްއުޅުނު މަސައްކަތްތަކާއި، ކައި އުޅުނު ކާތަކެއްޗާއި، އަދި ކުޅެއުޅުނު ކުޅިވަރުތަކުގެ ސްޓޯލުތައް ހަދައި އެއިން ކޮންމެ ސްޓޯލަކުން ދަރިވަރުން ކުރާނެ މަސައްކަތްތަކެއްވަނީ ފަރުމާކޮށްފައެވެ. ޤައުމީ ދުވަހާއި ގުޅިގެން ދަރިވަރުން ވަނީ ޤައުމީ ސަޤާފީ ހެދުންތަކުގައި ސްކޫލަށް ޙާޟިރުވެފައެވެ. މީގެއިތުރުން ޤައުމީ ދުވަހުގެ އެންމެ ޚާއްޞަ އެއްހަރަކާތެއްގެ ގޮތުގައި ކުރިއަށް ދިޔައީ ދުވަހާގުޅޭ ޝިޢާރުތައް ހިފައިގެން އަޙްމަދިއްޔާ ވަށައިގެން ދަރިވަރުން ހިނގާލި ހިގާލުމެވެ.
މި ހިނގާލުމުގައި ޕްރީ ޕްރައިމަރީގެ ދަރިވަރުންގެ އިތުރުން ސްކޫލްގެ ޕްރިންސިޕަލާއި ސްކޫލްގެ އިސްފަރާތްކުގެ އިތުރުން ޕްރީ ޕްރައިމަރީގެ ޓީޗަރުން ވެސް ބައިވެރިވިއެވެ.