ދިވެހިރާއްޖޭގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގެ މަތީ ސާނަވީ ދަރިވަރުންނަށް ޚާއްޞަ އެސްމްބްލީއެއް ބާއްވައި މި ދުވަސް ވަރަށް ކުލަގަދަކޮށް ފާހަގަކޮށްފިއެވެ.
ހޯމަދުވަހު ހެނދުނު 10.30 ގައި ބޭއްވި މި ޚާއްޞަ އެސެމްބްލީ ކީރިތި ޤުރުއާނުގެ ބަރަކާތުން ފަށައިދިނީ މަތީ ސާނަވީ ޤުރުއާން ކުލަބުގެ ރައީސާ، އަލްޙާފިޒާ މަރިޔަމް ނައިސަމް ސަޢީދެވެ.
އެސެމްބްލީ ތަޢާރަފްކޮށް، އެޖެންޑާ ހުށަހަޅައިދިނީ މަތީ ސާނަވީ މީޑިއާ ކުލަބުގެ ރައީސް، މުޙައްމަދު ޝައިޙާން އަޙްމަދު ޝަފީޤެވެ.
މި ޚާއްޞަ އެސެމްބްލީގައި މަތީ ސާނަވީ ޑެޕިއުޓީ ސްކޫލް ކެޕްޓަން، އައިޝަތު ޙަމްޔާ އިސްމާޢިލް ޤައުމީ ދުވަހާ ގުޅޭ ގޮތުން ވަރަށް ފުރިހަމަ ތަޤްރީރެއްކުރިއިރު، ހަމްޔާގެ ވާހަކައިގައި ގައުމިއްޔަތު ދިރުވައި، ދިވެހިންގެ ހިތްތަކުގައި ޤައުމިއްޔަތުގެ ރޫޙާއި ޖޯޝް އާލާކުރުމަށް އަޒުމު އާކުރުމުގެ މުހިންމު ކަމާ ބެހޭ ގޮތުން ވާހަކަދެއްކިއެވެ.
މި އެސެމްބްލީގައި މަތީ ސާނަވީ ދަރިވަރުން ވަނީ ވަރަށް ފުރިހަމަކަމާ އެކު އަދަބީ ހަރަކާތްތަކެއް ހުށަހަޅާފައެވެ. އެގޮތުން ދުވަހާ ގުޅުންހުރި އެކި ރައިވަރުތަކާއި ބަނދިތައް އެ ދަރިވަރުން ހުށަހެޅިއެވެ. މީގެ ތެރެއިން ބައެއް ބަނދިތަކަކީ ގްރޭޑް 11އޭގެ ދަރިވަރު އިޔާން އަލީ މޫސާ އަމިއްލައަށް ހަދާފައިވާ ބަނދިތަކެއްކަން ފާހަގަކުރެވެއެވެ.
އިއްޔެގެ އެސެމްބްލީގައި 2023 ވަނަ އަހަރު މަތީ ސާނަވީ ދިވެހި އަދަބީ ޖަމިއްޔާ ހިޔާ އިން މިއަހަރު ފާހަގަކުރި ހިޔާ އަދަބީ އީދުގެ ނަތީޖާފާޅުކުރުމާއި، އިނގިރޭސި އަދަބީ ޖަމިއްޔާ ކަމަށްވާ އެސޯސިއޭޝަން ފޮރ އިންގްލިޝް ލިޓެރަރީ އެކްޓިވިޓީސް (އޭލާ)ގެ އަދަބީ ދުވަހުގެ މުބާރާތްތަކާއި، ކެރަމް މުބާރާތާއި ފީފާ މުބާރާތާއި ޤުރުއާން މުބާރާތުގެ ވަނަވަނަ އަށް ހޮވުނު ދަރިވަރުންނާއި ހައުސްތަކަށް އެވޯޑު ދިނެވެ. މި މުބާރާތްތަކުގެ ވަނަވަނައަށް ދިޔަ ދަރިވަރުންނާއި ހައުސްތަކުގެ ނަން ލިސްޓު އިއުލާންކޮށްދިނީ މަތީ ސާނަވީ ޕްރިފެކްޓް، ގްރޭޑް 12އީގެ ދަރިވަރު އަލީ ރިމާޒެވެ.
ވަނަތައް ހާސިލުކުރި ދަރިވަރުންނަށް ތަށްޓާއި ސެޓްފިކެޓު ބެއްސެވީ ސްކޫލްގެ ޕްރިންސިޕަލް، މުޙައްމަދު ރަޝީދެވެ.
މަތީ ސާނަވީ ދަރިވަރުންގެ ފޯރިގަދަ ބޮޑުބެރު ހަރަކާތަކަށްފަހު އިއްޔެގެ އެސެމްބްލީގައި ދެންކުރިޔަށް ދިޔައީ ހިޔާ ޢީދުގެ ނަތީޖާ ފާޅުކުރުމެވެ. މި މުބާރާތުގެ ނަތީޖާ އިޢުލާނު ކުރީ މަތީ ސާނަވީ ބިޒްނަސް ކުލަބުގެ ރައީސާ، 12ޖޭގެ ރާޔާ ރިޔާޒެވެ.
މި މުބާރާތުގައި ވަނަވަނައަށް ދިޔަ ދަރިވަރުންނާއި ހައުސްތަކަށް ޓްރޮފީ އާއި ސެޓްފިކެޓް ހަވާލުކުރެއްވީ އެސެމްބްލީގެ ޝަރަފުވެރި މެހެމާން، އާދަމް ނަޞީރު އިބްރާހީމެވެ.
ޝަރަފުވެރި މެހުމާނުގެ ވާހަކަފުޅުގައި ކޮންމެ ގައުމަކީ ވެސް އެއްބައިވަންތަ، އެއް ލެއެއްވަންތަ އާއިލާއަކަށް ވުމުގެ މުހިންމުކަން ފާހަގަކުރައްވައި ގައުމިއްޔަތުގެ އެއްބަހާ ކަމަށްވާ އަމިއްލަ ބަހުގެ މުހިންމު ކަމުގެ މައްޗަށް ވެސް ބައްލަވާލެއްވިއެވެ.
އެގޮތުން އިންސާނާ އެންމެ ފުންކޮށް ކަންކަން ދޭހަ ކުރާނީ ވެސް އަދި އެންމެ ފުރިހަމަ ގޮތުގައި ދަރިވަރުންނަށް އުނގަންނައިދެވޭނީ ވެސް އެ ބައެއްގެ މާދަރީބަހުންކަން ފާހަގަކުރެއްވިއެވެ. އަދި ގައުމު ދިފާއުކުރުމުގެ މުހިންމުކަމުގެ މައްޗަށް ވެސް އާދަމް ނަސީރުގެ ވާހަކަފުޅުގައި އަލިއަޅުވައިލެއްވިއެވެ.
ޝަރަފުވެރި މެހުމާނުގެ ވާހަކަފުޅަށްފަހު އޮތީ ޝުކުރުދެންނެވުމެވެ. މި ނަންބަރު ކުރިއަށް ގެންދިޔައީ މަތީ ސާނަވީ ހިޔާ ޖަމިއްޔާގެ ރައީސާ، 12ބީގެ އައިޝަތު ޔާސްމީނެވެ.
އެސެމްބްލީ ނިމިގެން ދިޔައީ ޤައުމީ ސަލާމުންނެވެ. މި އެސެމްބްލީގެ ހަވާސާގައި، އަޙްމަދިއްޔާގެ ގްރޭޑް 12ގެ ދަރިވަރުން ހައްދުންމައްޗަށް ކުރި މައިދާނީ ދަތުރުގެ ވީޑިއޯއެއް ދަރިވަރުންނާ ހިއްސާކުރިއެވެ. މި ހަރަކާތް ކުރިޔަށް ގެންދިޔައީ ސްކޫލްގެ މަތީ ސާނަވީ ކެޕްޓަން 12އެލްގެ ދަރިވަރު ނާއިޝް ނަސީމެވެ.
މަތީ ސާނަވީ ދަރިވަރުންގެ އިތުރުން ސާނަވީ އަދި އިބްތިދާއީ މަރުހަލާގެ ދަރިވަރުންނަށް ވެސް ވަނީ ގައުމީ ދުވަސް ފާހަގަކުރުމަށް ޚާއްސަ އެސެމްބްލީތައް ބާއްވާފައެވެ. މި އެސެމްބްލީތަކުގައި ވެސް ދަރިވަރުންގެ ތަފާތުއެކި ހުށަހެޅުންތައް ފެނިގެންދިޔައެވެ.