މި މަހުގެ 21 ވާ ބުރާސްފަތި ދުވަހު ބާއްވާ ސްޓޫޑެންޓް ކައުންސިލް އިންތިޚާބުގައި ކެޕްޓަން ކަމަށް ވާދަކުރަނީ 5 ފިރިހެން ދަރިވަރުންނާއި 4 އަންހެން ދަރިވަރުންނެވެ. އެއީ ޢައިޝަތު ޝާލީ ފަހީމް 10ސީ، ފާޠިމަތު ޝިޔަމް ޢުމަރު 10އޭ، ޙުސައިން އާދު އާސިމް 10ޑީ، ޔޫސުފް ބިން ޢަބްދުﷲ 10ޑީ، އަލާ ޢަބްދުއްސައްތާރު 10އޭ، އަޖްމަލް ޚާލިސް ޝަރީފް 10ޑީ، ޔޫސުފް ހަމްޒާ ޢަބްދުލް މުންނިމް 10ޑީ، ޢައިޝަތު އިންޝާ ޢިމްރާން 10އޭ، އަދި މޫސާ ހުމާމް ސަލީމް 10ޑީ އެވެ.
މިއަހަރުގެ އިންތިޚާބުގައި ތަފާތު މަގާމްތަކަށް 91 ދަރިވަރަކު ވަނީ ކުރިމަތިލާފައެވެ. އިންތިޚާބުގައި ސްކޫލް ކެޕްޓަންގެ އިތުރަށް ޑެޕިއުޓީ ކެޕްޓަނުންގެ ގޮތުގައި އަންހެން ދަރިވަރަކާއި ފިރިހެން ދަރިވަރަކު ހޮވާނެއެވެ. އަދި ގޭމްސް ކެޕްޓަން ކަމާއި ސްކޫލްގެ 4 ހައުސް ކަމަށްވާ ކާމިނީ، ޖަނަވަރީ، ހުވަނދުމާ އަދި ޗާންދަނީ ހައުސްގެ ކެޕްޓަނުންނާއި، ދިވެހި ޖަމިއްޔާ "ހިޔާ" އަދި އިނގިރޭސި ޖަމިއްޔާ އަޙްމަދިއްޔާ އިންގްލިޝް ލިޓްރަރީ އެސޯސިއޭޝަން (އޭލާ) ގެ ލީޑަރާއި، ސައިންސް ކްލަބާއި، ބިޒްނަސް ކްލަބާއި، އެންވަޔަރަމެންޓް ކްލަބުގެ އިތުރުން، މީޑިއާ ކްލަބާއި، ޤްރުއާން ކްލަބާއި، ހިއުމަންރައިޓްސް ކްލަބުގެ ލީޑަރުން ހޮވާނެއެވެ
ސްކޫލް ކެޕްޓަނުންނާއި ޑެޕިއުޓީ ކެޕްޓަނުން ހޮވުމުގައި ވޯޓުގެ 40 އިންސައްތައާއި، ޢިލްމީ ޤާބިލްކަމަށް 30 އިންސައްތަ އަދި ސްކޫލްގެ ސީނިއަރ މެނޭޖްމަންޓް ޓީމުން އެ ދަރިވަރުންނާކުރާ އިންޓަވިޔުއަށް ކަނޑައަޅާފައިވާ 30 އިންސައްތައަށް ބަލާނެއެވެ. އެގޮތުން މި ތިން ބައިން އެންމެ ގިނަ ޕޮއިންޓު ހޯދާ ދަރިވަރަކަށް ސްކޫލްގެ ކެޕްޓަންކަން ލިބޭއިރު، ދެން އެންމެ މަތިން ޕޮއިންޓު ހޯދާ އަންހެން އަދި ފިރިހެން ދެ ދަރިވަރުންނަށް ޑެޕިއުޓީ ކެޕްޓަންކަން ލިބޭނެއެވެ.
ސްކޫލްގެ ކައުންސިލަށް ކުރިމަތިލާފައިވާ ދަރިވަރުން ތާއީދު ހޯދުމަށް ކެމްޕޭން ކުރުން އިއްޔެ އިން ފެށިގެން ވަރަށް ފޯރިއާއެކު ކުރިއަށް އެބަދެއެވެ. އެދަރިވަރުން ތަޢާރަފް ވުމުގެ ޚާއްޞަ އެސެމްބްލީއެއް މާދަމާ ހެނދުނު އަޙްމަދިއްޔާގެ މާލަމްގައި އޮންނާނެއެވެ. އަދި ސްކޫލް ކެޕްޓަން ކަމަށް ކުރިމަތި ލާފައިވާ ދަރިވަރުން ތާއީދު ހޯދުމަށް ވާހަކަވެސް ދައްކާނެއެވެ. މިގޮތުން ކޮންމެ ދަރިވަރަކަށް 2 މިނެޓާއި 3 މިނެޓްގެ ފުރުޞަތެއް ލިބޭނެއެވެ. އެސެމްބްލީއަށްފަހު ވޯޓްލުމުގެ ކަންތައް ކުރިއަށް ގެންދެވޭނެއެވެ.